2019 ވަނަ އަހަރު މި މިނިސްޓްރީން ކުރިޔަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ފަހު ޕްރޮގްރާމް މިހާރު ޅ. އޮޅުވެލިފުށީގައި ފެށިގެން ކުރިއަށް އެބަދެއެވެ.

ދަނޑުވެރިކަމުގެ މި ޕްރޮގްރާމަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން ޅ. އޮޅުވެލިފުށީގައި ކުރިއަށް ގެންދިއުމަށް އެކައުންސިލުން ކަނޑައަޅުއްވާފައިވާ ޕްރޮގްރާމެކެވެ.

ޖުމްލަ 22 ބައިވެރިންނާއެކު މިހާރު ކުރިއަށްދާ މިޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ މި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލުން އެދިވަޑައިގަންނަވާފައިވާ ފަދައިން މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ފެނުގައި ގަސްހެއްދުމާއި ބެހޭގޮތުން ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މީގެ އިތުރުން ގޯތިތެރޭގައި ގަސްހައްދާނެ ގޮތާއި ގަސްގަހާގެއްސަށް އާންމުކޮށްޖެހޭ ބަލިތަކާއި ފަރުވާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކާނާއާއި ބޭސްފަދަ ތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން މި ޕްރޮގްރާމުގައި މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު 2020 ވަނަ އަހަރުން ފެށިގެން ރަށްރަށުގެ ތަރައްޤީއަށް ތަފާތު ޙަރަކާތްތައް ހިންގުމަށް ކައުންސިލްތަކަށް ޚާއްޞަ ބަޖެޓެއް ދެއްވުމަށް ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ. މިނިންމެވުމާއެކު މިދުވަސްވަރަކީ ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދުވަސްވަރުކަމަށްވުމުން ރަށުގެ ދަނޑުވެރިކަން ތަރައްޤީކުރެއްވުމަށް ބޭނުންވާ ތަފާތު ޙަރަކާތްތައް ކައުންސިލްތަކުން ބަޖެޓުގައި ހިމަނުއްވަމުން ގެންދަވާނެކަމަށް މިނިސްޓްރީން އުންމީދުކުރައްވާކަމަށް ވެސް ހާމަކުރައްވައެވެ.

ރަށްރަށުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިންގެވުމަށް ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކަށް ފޯރުކޮށްދެވޭނެ ކަމަށާއި 2020 ވަނަ އަހަރު އެ މިނިސްޓްރީން ހިންގާނެ ޙަރަކާތްތަކުގެ މަސައްކަތު ތާވަލު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވެސް މަޢުލޫމާތު ދެއްވައެވެ.

2020 ވަނަ އަހަރު ރަށްރަށުގައި ހިންގެވުމަށް ރާއްވަވައި ދަނޑުވެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތަކަށް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ބޭނުންފުޅުވެލައްވާނަމަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އަހަރީ މަސައްކަތު ތާވަލުގައި ހިމެނުމަށް އެ ޕްރޮގްރާމްތަކުގެ މައުލޫމާތު މިނިސްޓްރީއާއި ޙިއްޞާކުރައްވަމުން ގެންދެވުމަށް މި މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.