މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގާލާ ރައުންޑާއި ހަމައަށް ދަތުރުކޮށް، ގަދަ ހަޔެއްގައި ހިމެނުނު އަޙްމަދު ފަރަޝްގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއް ވެއްޖެދޯއެވެ. އެހެންކަމުން ފަރަޝްގެ “މާޒީ” ބަލައިލުން ކިހިނެއްވާނެ ހެއްޔެވެ؟
ކުރިއަރަމުން އަންނަ ރެކޯޑް ލޭބަލް ‘އިއްޔަ ރެކޯޑްސް‘ އިން މިއަދު މިވަނީ އެއްވެސް ހުރަހެއް ނެތި ފަރަޝްގެ “މާޒީ” އާއްމުކޮށްފައެވެ.
އިއްޔަ ރެކޯޑްސް އިން މީގެ ދުވަސްކޮޅެއް ކުރިން ރިލީޒްކުރި ‘ވަގުތު’ ލަވައިގެ ދެވަނަ ބައެއްގެ ގޮތުން މިއަދު މިވަނީ “މާޒީ” ރިލީޒްކޮށް އެލޭބަލްއިން ވެފައިވާ ދެވަނަ ވަޢުދު ވެސް ފުއްދާފައެވެ.
“ވަގުތު” ރިލީޒްކުރުމަށްފަހު އިއްޔަ ރެކޯޑްސް އިން ބުނީ މިއީ ފުވައްމުލަކުގެ ވަގުތު ކަމަށެވެ. ފުވައްމުލަކަށް އުފަން، ޒުވާން ލަވަކިޔުންތެރިޔާ ފަރަޝްގެ ހިތްގައިމު އަޑުން “މާޒީ” ގެނެސްދިނުމާއެކު މިއީ ފުވައްމުލަކުގެ ވަގުތުކަމަށް ބުނި ބުނުން މިއޮތީ ޙަޤީޤަތަކަށް ވެފައެވެ.
ހަޔާގެ ހިތްގައިމު އަޑުން ގެނެސްދިން “ވަގުތު” ލަވައިގެ ވީޑިއޯ ނިންމައިލަމުން ބުނި ‘ޓު ބީ ކޮންޓިނިއުޑް’ގެ ވަޢުދުވެސް ފުދިގެން ދިޔައީ“މާޒީ” ލަވައިގެ ހިތްގައިމު ވީޑިއޯއިންނެވެ. ވަގުތުގެ ފުރަތަމަ ބައިގައި ގެނެސްދިން ވާހަކަ މިވަނީ “މާޒީ” ލަވައިން އިތުރަށް ގެނެސްދީފައެވެ.
“މާޒީ” ލަވައިގެ އޯޑިއޯ ލަވަފޮށީގައި ނެރެފައިވާއިރު، ވީޑިއޯ ލަވަ ފޭސްބްކް މެދުވެރިކޮށް ރިލީޒްކޮށްފައިވެެއެވެ. މި ލަވައިގެ ވީޑިއޯ އެންމެ ފުރަތަމަފަހަރަށް ދައްކާލީ އިއްޔަ ރެކޯޑްސްގެ ލިރިސިސްޓް އަދި އެކްޓަރ ފަތީންގެ އުފަންދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ސަޕްރައިޒް ޕާޓީގައެވެ. އެޕާޓީގައި ފަތީންގެ މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ބޭބެއާއި ގާތްތިމާގެ ބައެއް މީހުންވެސް ބައިވެރިވިއެވެ. މީގެ އިތުރުން މިވަގުތު މާލޭގައި ތިބި އިއްޔަ ރެކޯޑްސްގެ ހުރިހައި އާޓިސްޓުންވެސް ބައިވެރިވިއެވެ.
“ވަގުތު” ލަވައިގައި ފެނިގެންދިޔަ ވާހަކަ “މާޒީ” ގައި އިތުރަށް ދައްކައިދީފައިވެއެވެ. ފަރަޝްގެ “މާޒީ” ލަވައިގެ ވީޑިއޯ ނިންމައިލަމުން އަރާފައިވަނީ ‘ނޫން ދޮއެއްތޯ؟’ އެވެ. އެހެންކަމުން “ވަގުތު” ލަވައިގެ ތިންވަނަ ބައެއްވެސް ނުކުންނަނީބާއޭ ސުވާލު އުފެދެއެވެ.
އިއްޔަ ރެކޯޑްސް އިން މި އަހަރު ނެރުމަށް ރަސްމީކޮށް ނިންމާފައިވާ ލަވަތައް މި ވަނީ ނެރެ ނިމިފައިކަމަށް އެތަނުގެ ސީއީއޯ އުލްޔާ ބުނެއެވެ.
ހަޔާ އަދި ފަރަޝްގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ދެ ލަވައިންވަނީ އެހުންތެރިންގެ ހިތްހަމަޖައްސުވައިދީފައެވެ. 2020 ވަނަ އަހަރު އިއްޔަރެކޯޑްސް އިން އެންމެ ފުރަތަމަ އިވިގެންދާނެ ލަވަތައް ކިޔަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގެ ދަށުން އިއްޔަ ރެކޯޑްސް އަށް ހޮވާފައިވާ ފަރާތްތަކުގެ ލަވަ ކަމަށް އުލްޔާ ބުންޏެވެ.
‘މަލާމާތް’ގެ ނަމުން ނަން ދީފައިވާ މި ލަވަ ކިޔާފައިވަނީ ކޮން ފަރާތަކުންތޯ ސުވާލުކޮށްލުމުން އުލްޔާ ބުނީ އެއީ ސިއްރެ ކަމަށެވެ.
އިއްޔަ ރެކޯޑްސްގެ ސީއީއޯ އުލްޔާގެ ފުރަތަމަ ވީޑިއޯ ޑައިރެކްޝަން ފެނިގެންދާ “މާޒީ” ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ ފަތީން އާއި އޭނާގެ ބޭބެގެ އިތުރުން ހަމޫދު އާއި އުލްޔާއެވެ. މީގެ ކުރިން އެހެން މީހެއްގެ ވީޑިއޯ ލަވައަކުން ހަމޫދު ފެނިފައި ނުވާއިރު މި ލަވައިން ހަމޫދު ފެނިގެންދިޔައީ ކީއްވެގެންތޯ އަހައިލުމުން އުލްޔާ ބުނީ ކުރިއަށް އޮތް ތާނގައި ދިވެހި ފީޗާ ފިލްމަކުން ހަމޫދު ފެނުން ވަރަށް ކައިރި ކަމަށެވެ.
ވަރަށް ގިނަ ސަޕްރައިޒް ތަކަކާއެކު އިއްޔަ ރެކޯޑްސް އިން ކުރަމުންދާ މަސައްކަތްތަކުގައި އިއްޔަ ރެކޯޑްސްގެ މީޑިއާ ޕާޓްނަރު ‘މުނިއަވަސް’ އިން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރަމުން މުނިއަވަސް އަށް އިއްޔަ ރެކޯޑްސް އިން ވަރަށް ބޮޑަށް ޝުކުރުއަދާކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!