ޓެކްސީ ޑްރައިވަރުންގެ ވާހަކަތަކަކީ މީޑިއާ ތަކުގެ ފަލަ ސުރުޚީއަށް އަރުވައިގެން ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ޓެކްސީ ކުރުމުގެ މަސައްކަތާ މާ ދުރުގައި ތިބެ ވާހަކަދައްކާ އިރު، ޓެކްސީ ޑްރައިވަރެއްގެ ދުލުން ކިޔައިދޭ ވާހަކަތައް ކިޔައިލުން ކިހިނެއް ވާނެ ހެއްޔެވެ؟

‎ޓެކްސީ ކޮށްގެން ފައިސާ ލިބޭ ވާހަކަ އާއި ޓެކްސީތަކުން އަގުބޮޑުކޮށް ދަތުރުކުރާ ވާހަކަ އަކީ ވަރަށް ގިނަ ދިވެހިން ދައްކާ ވާހަކަ އެކެވެ. އެހެން ނަމަވެސް އެކަމުގެ ހުރި ބުރަކަމަކީ މިހެން ބުނެލާ ބުނެލުމަކުން އިހުސާސް ވާނެ ކަމެއް ނޫނެވެ.

ބިދޭސީ މީހާ ޕިކަޕުން ބޯޓަށް ފޮށިގަނޑެއް އަރުވައި ދީފައި 30 ނުވަތަ 40 ރުފިޔާ ނެގީމާ އެ އަދަދު ބޮޑުވެގެން ވާހަކަ ދައްކަނީ ކިތައް ދިވެހިން ހެއްޔެވެ؟ އެންމެ އަގުބޮޑު އެއްޗަކީ ވަގުތޭ ބުނާ އަޑު އިވޭނެއެވެ. ބިދޭސީ މީހާ ފޮށިގަނޑު އަރުވަން ނަގަނީ ދެތިން މިނެޓް ނޫންހެއްޔެވެ. ޓެކްސީ ދުއްވާ މީހާ މާފަންނުން ހެންވޭރަށް ދިއުމަށް 30 ވަރަކަށް މިނެޓް ނަގައެވެ. އެހެން ނަމަވެސް މަގުގެ ކާރޫބާރޫ ބޮޑު ނޫނިއްޔާ 10 ވަރަކަށް މިނެޓް ވެސް ނަގާފާނެއެވެ. އެންމެ ތިން މިނެޓު ހޭދަކޮށްގެން ކޮށްދޭ ކުޑަކުޑަ މަސައްކަތަށް 30 ރުފިޔާ ނަގަން ދިވެހިން އޯކޭ ވެފައި  10 ނުވަތަ 20 ވަރަކަށް މިނެޓު ހޭދަކޮށް ކޮށްދޭ ދަތުރަށް 30 ރުފިޔާ ނަގަން ދިވެހިން ކަންތައް ބޮޑުވާ ސަބަބެއް އަޅުގަނޑު ހަމަ ވިސްނާވިސްނާ ވެސް ނޭނގުނެވެ. ހުރި ތަފާތަކީ ދިވެހި ރައްޔިތަކާއި ބިދޭސީ އަކާއި ހުރި ތަފާތެވެ. ދިވެހި ޤައުމުގައި ދައުރުވާ ފައިސާ އާ ޤައުމުން ބޭރުވާ ފައިސާއާ ހުރި ތަފާތެވެ.

‎ބައެއް މީހުންގެ ނަޒަރުގައި ޓެކްސީ ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ރަނގަޅު ވާހަކައެކެވެ. ޓެކްސީއަށް އަރާ މީހާއަށް ފެންނާނީ ކާރުގެ ހުންގާނު ހިފާލައިގެން އިންނަ ތަނެވެ. ބަލާބެލުމަށް ވަރަށް ފަސޭހައެވެ. އެހެން ނަމަވެސް ހަޤީގަތަކީ އެއީކީ ނޫނެވެ. ކާރުދުއްވަން އިންނަ މީހާ އަށްވުރެ ވަކި ބުރަމީހެއް ބުނެބަލާށެވެ. ދަތުރަށް ފެށުމާ އެކީ މީހާގެ ފޯކަސް 100 އިންސައްތައަށް އެކަމަށް ދީގެން އިނުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭނީ އެ ހުންގާނުގައި ހިފައިލުމުންނެވެ. ސައިކަލްގައި އަންނަމީހާ އޯވަރޓޭކް ކުރާނެ ވަގުތެއް ނޭނގޭނެއެވެ. އެކަމަށް ބަލަންޖެހޭނީ ވެސް ހަމަ ޑްރައިވަރެވެ އެކަމުގެ ސަބަބުތަކެއް ވެސް ހުރެގެންނެވެ. އެކްސިޑެންޓްވާ ހިސާބުން ދާނީ ޕޮލިސް ކޭސް އަކަށެވެ. އެހެން ކަމުން އެކަމާ ވެސް ޑްރައިވަރު ވިސްނަން ޖެހެއެވެ. ޕޮލިސް ކޭސް އަކަށް ހިނގައްޖެ ނަމަ އެދުވަހުގެ މަސައްކަތް ހުއްޓުނީ އެވެ. ޕޮލިހަށް ގޮސް އެތަނުގައި އެތައް ވަގުތެއް ހޭދަކުރަން ޖެހިދާނެއެވެ. ކާރުގެ ވެރިމީހާ އަށް ދޭންޖެހޭ އުޖޫރަ ބަރާބަރަށް ދޭން ޖެހޭނެއެވެ. އެހެން ކަމުން ޑްރައިވަރުގެ މުޅި ސިކުނޑި އެކަމަށް ހުސްކޮށްގެން އަޑިގުޑަންތަކާއި ބަންޕަރު ތަކަށް ޖަހާ ޖެހުމަކީ ހީނުކުރާ ވަރުގެ އަސަރުތަކެއް ހަށިގަނޑަށް ކުރާނެ ކަމެކެވެ.  އަނެއްކަމަކީ ކާރުގައި މައްސަލައެއް ޖެހިއްޖެއްޔާ ހަފުތާއެއް ވަންދެން ވެސް ދަތުރެއް ނުކުރެވި ހުންނަން ޖެހިދާނެއެވެ. އޭގެ އިތުރުން ކާރު ދުއްވާ މީހުން ފާހާނާއަށް ދާން ޖެހިގެން މާލޭގައި އެކަން ނުވެގެން އުޅެންޖެހޭ ހާލު ތިޔަ ބޭފުޅުންނަށް އިހުސާސް ކުރެވޭތޯއެވެ. ވާހަނަ ޕާކް ކޮށްލާނެ ތަންކޮޅެއް ނުލިބިގެން މުޅި މާލެ ވަށާ ބުރު ޖަހަންޖެހޭ ފަހަރުވެސް އާދެއެވެ. އެހެން ގޮތެއް ނެތިގެން ހުސް ފުޅިއެއްގެ އެހީގައި އެވަގުތުގެ ޒަރޫރަތް ފުއްދާލަން ޖެހޭތަންވެސް އާދެއެވެ. އަނެއް ކޮޅުން ކުޑަކަމުދާން ޖެހި އެކަން ނުކުރެވު ގިނަ އިރުވުމަކީ ސިއްހީ ގޮތުން ވަރަށް ބޮޑު ގެއްލުމެއްވާ ކަމެއްކަން މިއީ އެންމެން ދަންނަ ކަމެކެވެ.

‎ކޮންމެ މީހަކީ ޑޮކްޓަރަކަށް ނުވަތަ ޕައިލެޓަކަށް ނުވެވިދާނެ އެވެ. އެހެން ވެގެން ވެސް ނުވާނެއެވެ. އޭރަށް ޤައުމު ހިންގާނީ ކިހިނެއްތޯއެވެ. އެ ބޭފުޅެއްގެ ފެންވަރުން ކޮންމެ ބޭފުޅަކުވެސް ކުރާ މަސައްކަތަށް އަނެކަކު އިހްތިރާމްކުރުމުގެ ރީތި އާދަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަން އެބަ ޖެހެއެވެ. ޓެކްސީ ޑްރައިވަރުންވެސް އެކުރަނީ ހަމަ އެ ބޭފުޅުންގެ ފެންވަރުން ޤައުމީ މަސައްކަތެކެވެ. އެ ބޭފުުޅުން އެކުރާ ބުރަ މަސައްކަތަށް އަޅުގަނޑު މެންގެ ޝުކުރު ހައްޤު ނުވޭ ތޯއެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.