އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ، ވޮލްވަހޭމްޓަން ގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައި، 13 ޕޮއިންޓުގެ ލީޑަކާ އެކު، ލިވަޕޫލް އިން އަހަރު ނިންމާލައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ފުރަތަަމަ ހާފުގެ 42 ވަނަ މިނެޓުގައި އެޑަމް ލައްލާނާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ. މާނޭ އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ ތެރޭގައި ލައްލާނާ ގެ އަތުގައި ބޯޅަ ޖެހުނުކަމަށް ވުލުވްސް ގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ޗެކް ކުރުމަށް ފަހު އެ ބޯޅަ ލައްލާނާގެ އަތުގައި ޖެހިފައި ނުވާތީ ރެފްރީ ވަނީ އެއީ ރަނގަޅު ގޯލެއް ކަމަށް ނިންމާފައެވެ.
ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ގެ ނިންމުންތަކަށް މި މެޗުގައި ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. ލިވަޕޫލްގެ ފޯވާޑު މާނޭ ގޯލު ކާމިޔާބުކުރި ފަހުން މާގިނައިރުތަކެއް ނުވެ ވުލްވްސް ގެ ފޯވާޑު ޕެޑްރޯ ނެޓޯ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުންކޮށްގެން ޗެކް ކުރުމަށް ފަހު ރެފްރީ ވަނީ އެ ގޯލު އޮފްސައިޑް ކަމަށް ނިންމާފައެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލް ކުޅުނު ނަމަވެސް، ހަމަލާތައް އުފައްދާފައިވަނީ ދެ ޓީމުން ވެސް ދާދި އެއްވަރަކަށެވެ.
މި މެޗުން މޮޅުވުމާއެކު އިނގެރޭސި ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ ލިވަޕޫލް އިން މިވަނީ ޖެހިޖެހިގެން 50 މެޗު ފުރިހަމަކޮށްފައެވެ. 40 މެޗުން މޮޅުވެ ބާކީ 10 މެޗުން އެއްވަރުވެގެން ލިވަޕޫލް އިން އަމިއްލަ ދަނޑުގައި ބަލިނުވެ 50 މެޗު ފުރިހަމަކުރި އިރު، އެޓީމު އިނގެރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވެފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހު ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވުމުން ތާވަލުގެ ދެވަނައިގައި އޮތް ލެސްޓާ ސިޓީ ގެ މައްޗަށް 13 ޕޮއިންޓުގެ ލީޑެއް ލިވަޕޫލް އަށް ވަނީ ލިބިފައެވެ. އެއް މެޗު މަދުން ކުޅެ 55 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު، ކުޅުނު 20 މެޗުން 42 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި