“އެނޫނަސް އަހަރެމެން ކޮންމެހެން ކުރަންޖެހޭ ކަންކަން އެބަހުރި.. މެންދަރު ވަންދެން ނިދަން އޮތީމަ އެ ފާފަ ބޮލުގައި އަޅަނީ ކާކު؟” ނާފިޒު އެހެން ބުނެލުމުން ސީމާގެ އަނގަ ސަކަރާތްވިއެވެ. ނާފިޒު އޭނާއަށް ރައްދު ދޭންޖެހޭ ހެއްޔެވެ؟ އެހާ އަވަހަށް ނާފިޒު އޭނާއަށްވީ ވަޢުދުތަކުގެ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ސީމާ ރުޅިވެރިކަމާއެކު ބަލައިލުމުން ނާފިޒު އެއްލޯ މަރާލިއެވެ. ނާފިޒުގެ އެ ހަރަކާތުން ސީމާއަށް ހިނިތުންވެލެވުނީ ނާފިޒު ލައިލާގެ ލޮލުގައި އަނދުން އަޅުވާލަން ބުނެލި އެއްޗެއް ކަމުގައި ޤަބޫލުކުރެވުމުންނެވެ.

ލައިލާ އިނީ ނާފިޒަށް ބަލައިލަންވެސް ބޭނުން ނުވެފައެވެ. ސީމާ ކޮންމެ އެއްޗެކޭ ކިޔަސް ނާފިޒު އެއަށް ރައްދުދޭން ޖެހޭ ހެއްޔެވެ؟ ލައިލާގެ ދިފާޢުގައި ބުނި އެއްޗެއް ނަމަވެސް އެކަމަކުން ލައިލާ އަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ތިމާއަށްވުރެ އުމުރުން ދޮށީ މީހުންނާއި އަދަބުކުޑަކޮށް ވާހަކަދެއްކުމަކީ އެއްއިރެއްގައިވެސް އޭނާ ކޮށް އުޅުނު ކަމަކަށް ނުވާތީ އެކަން ބަލައިގަންނަން އޭނާއަށް އުނދަގޫވީއެވެ. ޚާއްސަކޮށް އޭނާގެ މަންމަގެ މަޤާމުގައި ހުރި މީހާއާއި އެގޮތަށް ވާހަކަދެއްކުމުން ލަދުވެތިކަމެއް އިހުސާސްކުރެވުނެވެ. ދޮންމަންމަ ކިތަންމެ ނުބައިވިޔަސްވެހެވެ.

ކޮފީ ބޯހިތްވެސް ކެނޑުމުން ލައިލާ ތެދުވެ ބަދިގެއިން ނުކުންނަން ހިނގައިގަތެވެ. ނާފިޒު ގޮވައިލުމުންވެސް އޭނާ މަޑެއް ނުކުރިއެވެ. ލައިލާ އެ ހިތްހަމަނުޖެހުނީ ކޮންކަމަކާ ކަމެއް ނާފިޒަކަށް ނޭނގުނެވެ. އޭނާވެސް އަވަސްއަވަހަށް ކޮފީ ތަށި ބޯލައިގެން ބަދިގެއިން ނުކުތެވެ. އެ މަންޒަރު ބަލަން ހުރި ސީމާގެ ތުންފަތުގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

“އަންހެނަކާ ހެދި ހޭނެތުނަސް ބޮޑުވަރު..” ސީމާ މަޑުމަޑުން އެހެން ބުނެލަމުން އޭނާއަށް ކޮފީ ގިރުމައިގެން އުޅުނެވެ.

ނާފިޒު ގޮސް ކޮޓަރިއަށް ވަންއިރު ލައިލާ އެނދުގެ ފަޑީގައި ލެނގިލައިގެން އިނެވެ. ނާފިޒު ވަނުމުން ދުރަށް މޫނު އަނބުރާލީ އޭނާ ހިތްހަމަނުޖެހިފައި އިންވަރުންނެވެ. ނާފިޒު މަޑުމަޑުން ގޮސް ލައިލާގެ ގާތުގައި އިށީނެވެ.

“ލައި.. ކޮންކަމަކާ ރުޅިއައިސްގެންތަ ތިއައީ؟ ސީމާ އެހެން ބުނެގެންތަ ރުޅިއައިސްގެން ތިއައީ؟” ނާފިޒު މަޑުމައިތިރިކަމާއެކު އަހާލިއެވެ. ނަމަވެސް ލައިލާ އަނގައަކުން ނުބުންޏެވެ.

“އޭތް.. ތިހެން ރުޅިއައިސްގެން އަނގައިން ނުބުނެ އިނަކަސް އަހަރެންނަކަށް ނޭނގޭނެ ވީގޮތެއް.. ބުނެބަލަ.. ކިހިނެއްތަ ވީ؟” ލައިލާގެ އަތުގައި ހިފާލަމުން އޯގާތެރިކަމާއެކު ބުނެލިއެވެ.

“ނާފިޒު ޖެހޭތަ ދޮންމަންމަ އެއްޗެކޭ ބުނާއިރަށް ރައްދުދޭން؟” ލައިލާ ހިތްހަމަނުޖެހިފައި އެހެން ބުނެލުމުން ނާފިޒު ޕިސް ޖަހާލިއެވެ.

“އެވަރު ކަމަކާތަ ރުޅިއައިސްގެން ކޮފީ ނުބޮއި ތިއައީ؟” ނާފިޒު އެކަން އެހާ ބޮޑު ކަމަކަށް ނުހެދިއެވެ.

“އެވަރު ކަމެކޭ! ނާފިޒަށް އެއީ ބޮޑު ކަމަކަށް ނުވިޔަސް އަހަރެންނަށް އެއީ ވަރަށް ބޮޑު ކަމެކޭ.. އަހަރެން ވަރަށް ލަދުވެސް ގަނޭ.. އެއީ މިއަދު އަހަރެންގެ މަންމަގެ..”

“އެއީ މީހަކު މަންމަ ކިޔާވަރުގެ މީހެއް ނޫން.. އަދި އޭނައަކީ އިންސާނުންގެ ތެރޭ ގެންގުޅެން ހެޔޮވެސްވާވަރުގެ މީހެއް ނޫން..” ލައިލާގެ ވާހަކަތައް މެދުކަނޑާލަމުން ނާފިޒު ބުނެލިއެވެ. އޭނާގެ އަޑުންވެސް އޭނާ ހިތްހަމަނުޖެހިފައި ވާވަރު ހާމަވެއެވެ. ނަމަވެސް ލައިލާ ބޭނުންވީ އެވާހަކަ ހުއްޓުވާށެވެ.

“އެކަމަކުވެސް ހެޔޮ.. މީގެފަހުން ދޮންމަންމަ ކިޔާ އެއްޗިއްސަށް ނާފިޒު ރައްދު ދީގެން ނުވާނެ..” ލައިލާ ބުނެލިއެވެ.

“އަހަރެންނަކީ ވަރަށް އަނގަގަދަ މީހެއް.. އަހަރެންނަށް ވަރަށް އުނދަގޫވާނެ ލައިލާއާއި ދިމާއަށް އެއްޗެހި ކިޔަންޏާ އަނގައިން ނުބުނެ ހުންނަން.. އެކަމަކު ލައިލާ ބުނެފިއްޔާ އަހަރެން މަސައްކަތް ކުރާނަން އެއްޗެކޭ ނުބުނެ ހުރެވޭތޯ.. އަހަރެން އޮށޯވެލާނަން ކުޑަކޮށް ނިދާލަން.. އަހަރެންނަށް އަށެއް ޖަހާލާހާއިރު ގޮވާލާތި..” ނާފިޒު އެހެން ބުނެލުމަށްފަހު ލައިގެން ހުރި ޓީޝާޓު ބާލައި އެނދުގެ ފަޑީގައި އަޅުވާލާފައި އޮށޯވެލިއެވެ.

ނާފިޒަށް ބަލަން އެނދުގައި އިންއިރު ލައިލާގެ ހިތަށް އެތައް އެއްޗެއް އަރާފައިބަމުން ދިޔައެވެ. ނާފިޒަކީ ކާކުބާއެވެ؟ ކޮންތާކުން އައި މީހެއްބާވައެވެ؟ އޭނާގެ އާއިލާ މީހުން ކޮބައިބާވައެވެ؟ ނާފިޒަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްބާވައެވެ؟ ވަރަށް ރުޅިގަދަ މީހެއް ކަންނޭނގެއެވެ. ސީމާ އެންމެ އެއްޗެއް ބުނެލުމުންވެސް ނާފިޒު އެހާ އަވަހަށް ރުޅިއައިސްފިއެވެ. އެއީ ހަޤީޤީ ރުޅިއެއްބާވައެވެ. ނޫނީ މަކަރެއްބާވައެވެ. ނާފިޒު ލޮލުން ސީމާއަށް ކޮށްލި އިޝާރާތުގެ ސިއްރަކީ އެއީބާވައެވެ. ލައިލާއަށް އެ މަންޒަރު ފެނުނުކަމަށް ނުހެދިޔަސް އޭނާއަށް ހަމަ ރީއްޗަށް އެ މަންޒަރު ފެނުނެވެ. އިރުކޮޅަކު އެގޮތަށް ވިސްނަން އިނދެފައި އޭނާ ބޭރަށް ނުކުތީ ސައި ތައްޔާރުކުރަން ޖެހޭނެކަން އެނގޭތީއެވެ.

ސިޓިންގރޫމަށް ނުކުމެ ގަޑި ބަލައިލިއިރު އަދި ކިރިޔާ ހައެއް ޖެހީއެވެ. ސައި ތައްޔާރުކުރަން ތަންކޮޅެއް އަވަސްކަމުން، ލައިލާ ހިނގައިގަތީ ގޯތިތެރެއަށް ނުކުންނާށެވެ. ބަދިގެ ހުރަސްކޮށް ބޭރަށް ނުކުންނަން ދިޔަ ލައިލާ ސީމާގެ ލޮލުގައި އަޅައިގަތެވެ. ފަތިސް ގަޑީގައި ދިމާވި ކަންތަކަށްފަހު ލައިލާ އެހުރީ ވަރަށް ހިތްހަމަޖެހިފައޭ ސީމާގެ ހިތަށް އެރިއެވެ. އޭނާ އަވަސްއަވަހަށް ކޮފީ ތަށި ބޯލައިގެން ނުކުތީ ލައިލާއަށް ލިބިފައިވި ހިތްހަމަޖެހުން ނެތިކޮށްލުމަށެވެ. އޭރު ލައިލާ ހުރީ ބޭރު ދޮރުކަނީގައި ލެނގިލައިގެން ބޭރު ބަލާށެވެ.

“އޭތް ރަނިކަމަނާ..” ސީމާގެ އަޑަށް ލައިލާ ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ބަލާލާފައި އޭނާ އިހު ހުރިގޮތަށް އެނބުރުނެވެ. ސީމާގެ މޫނު ފެނިފައި ހިތަށް ފޫހިކަން ވެރިވިއެވެ. މިއޮއްފަދަ ހެނދުނު އޭނާގެ ޠަބީއަތު ޚަރާބުކޮށްލަން ސީމާ އައީތީއެވެ. އެހެންޏާ ނުވައެއް ދިހައެއް ޖަހާ ފަހުން ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލާ މީހާ މިއަދަކު ފަޖުރުލުމާއެކު ނުކުމެގެން އެ އުޅެނީ ކީއްވެގެންބާއޭ ލައިލާގެ ހިތަށް އެރިއެވެ. އޭނާގެ ކައިވެނި ސީމާ އެދުނު ގޮތަށް ކުރެވުނީތީ ލިބުނު ހިތްހަމަޖެހުމުގައި ރޭ ހަތަރުދަމު އުފާ ފާޅުކުރީ ކަންނޭނގެޔޭ އޭނާގެ ހިތަށް އެރިއެވެ.

“ކަމަނާ ބަދިގެއަށް ނުވަންނަވާ މިތާނގައި ތި ހުންނަވަނީ މިގެއަށް މާގިނަ ނޯކަރުންތަކެއް ލައްވާފައިތޯ؟ ނޫނީ މިއަދު މިގޭގެ ހުރިހާ ކަމެއް ކުރަންވީ އަޅުގަނޑު ފަކީރުތޯ؟” ލައިލާގެ ކުރިމަތީގައި ސީމާ ނިކަމެތިވެގަތް ގޮތުން ލައިލާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް އޭނާގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރުކުރާކަށް ގަސްތެއް ނުކުރިއެވެ. ދަތްކުނޑި ވިކާލުމަށްފަހު ތުން އަނބުރާލާފައި ލައިލާ ހިނގައިގަތީ ކޮޓަރިއަށް ވަންނާށެވެ.

“އޭތް.. ކަލޭއަށް އަހަރެން މިކިޔާ އެއްޗެއް އަޑެއް ނީވޭތަ؟” އެއްލި އަތުން ލައިލާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. އިސްތަށިގަނޑަށް އެރި ވާނުގައި ލައިލާއަށް ހަޅޭއްލަވައިގަނެވުނެވެ.

“އައްދޯތް މަންމާ..” ލައިލާގެ ލޮލުން ކަރުނަ ނީރާލީ ބޮލަށް ވަމުންދިޔަ ތަދުންނެވެ.

“ބުނަން.. ކަލޭ އަދި ނާފިޒާ އިނެއް ކަމަކު ކަލޭ މިގޭގައި އުޅޭހާ ދުވަހަކު އަހަރެމެން އެންމެނަށް ކައްކައި ކާންދޭން ޖެހޭނެ.. ދޮވެ އިސްތިރި ކޮށްދޭން ޖެހޭނެ.. ގެޔާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރަން ޖެހޭނެ.. ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ.. އަޑުއިވިއްޖެތަ؟ އެ ކަންކަން ކުރަން ބޭނުން ނުވަންޏާ ހަމަ މިހާރު ހުރިހާ އެއްޗެއް ހިފައިގެން ނާފިޒާއެކު ރައްކާވޭ..” ލައިލާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ ސީމާ ބުންޏެވެ. އޭރުވެސް އޭނާ ލައިލާގެ އިސްތަށިގަނޑުން ދޫކޮށްލާ ޚިޔާލެއް ނުކުރެއެވެ.

“އާހް.. އައްދޯތް.. ދޫކޮށްބަލަ..” އިސްތަށިގަނޑުގެ ބޮޑުގައި ހިފަހައްޓައިގެން ހުރެ ލައިލާ ބުނެލިއެވެ. ސީމާ ލައިލާ ކޮއްޕާލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ މޫނަށް ނުބައި ވައްތަރުތަކެއް ޖައްސަމުންނެވެ. ބަދިގެ ފާރު ކައިރީގައި ލައިލާ އޭނާގެ އިސްތަށިގަނޑުގެ ބުޑުގައި ފިރުމާލަ ފިރުމާލައި ހުރީ އޭނާގެ އިސްތަށިގަނޑުގެ ބުޑުން ވިންދު ޖަހަމުން ދިޔައީތީއެވެ. ސީމާ ކޮއްޕާލި ވަގުތު ފާރުގައި ނިތްކުރި ޖެހުމުގެ ސަބަބުންވެސް އޭނާގެ ބޮލުގެ ރިހުން އިތުރުވެފައިވެއެވެ. އޭރުވެސް ހުއްޓުމެއްނެތި އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ސީމާގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށް އަވަސްއަވަހަށް ދެލޯ ފޮހެލާފައި ސީމާ ބަދިގެއަށް ވަންނަން ހިނގައިގަތީ އަނެއްކާވެސް ސީމާގެ އިތުރު ހަމަލައެއް އައިސްދާނެތީއެވެ.

“ދަރިފުޅާ.. ހާދަ ހެނދުނަކާ ހޭލައިގެން..” ޒާހިރުގެ އަޑަށް ލައިލާ ފަސްއެނބުރި ބަލާލިއެވެ. ލައިލާގެ މޫނުމަތި މިލާފައިވާތަން ފެނުމުންވެސް ޒާހިރަށް ވީގޮތް އެނގުނެވެ. ދެންމެގައި ސީމާ ބޭރަށް ނުކުމެ އުޅުނުކަން އޭނާއަށް އެނގޭތީއެވެ.

“ބައްޕަ ސައި ބޯންވީނު.. ކޮފީ ތަށްޓެއް ހަދައިދެންތަ؟” އެއްވެސް ކަމެއް ނުވާކަމަށް ހެދެމުން ލައިލާ އަވަހަށް ބަދިގެއަށް ވަނީ ޒާހިރަށް އޭނާގެ މޫނުމަތީގައިވާ އަސަރުތައް ދައްކަން ބޭނުން ނުވާތީއެވެ.

ލައިލާގެ ފަހަތުން ޒާހިރު އޭނާ އިންނަ ފުރޮޅުލީ ގޮނޑި ދުއްވަމުން ބަދިގެއަށް ވަނެވެ. ބަދިގެއަށް ވަދެ މޭޒު ކައިރިއަށް ގޮސް ޒާހިރު އިނީ ލައިލާގެ ހަރަކާތްތަކަށް ބަލާށެވެ. ކޮފީ ގިރަން އުޅުނުއިރު ލައިލާގެ އިސްތަށިގަނޑުން އުނދަގޫވަމުން ދިޔައީތީ އޭނާ އިސްތަށިގަނޑު އޮޅާލައި ހުޅިއެއް ޖަހަން އުޅުނެވެ. އެވަގުތު އޭނާގެ އިސްތަށިގަނޑަށް ވީ ތަދުން އަނގައިން އާހްގެ އަޑު ބޭރުވެގެން ދިޔައެވެ.

“ކިހިނެއްވީ ދަރިފުޅާ؟” ޒާހިރުގެ އަޑުން ލައިލާގެ ހަރަކާތަށް ހުއްޓުމެއް އައި ނަމަވެސް ނިކަން އަވަހަށް ހަމަޖެހިލަމުން އޭނާ ދޫދޫކޮށް ހުޅިއެއް ޖަހާލިއެވެ.

“ކަމެއްނުވޭ.. ކުޑަކޮށް ބޮލުގައި ރިއްސާތީ މި އުޅެނީ..” ބައްޕައަށް ދޮގެއް ހަދަން ޖެހުމުން ލައިލާއަށް އުނދަގޫވިއެވެ. ނަމަވެސް ބައްޕަގެ ހިތަށް އިތުރު ތަކުލީފެއް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ކޮބާ ނާފިޒު؟”

“ނިދާފައި.. ފަތިސް ނަމާދު ކޮށްގެން އެބައޮތް ނިދާފައި.. ބުނި އަށެއް ޖަހާލާހާއިރު ގޮވާށޭ.. މިގަޑީ އޮށޯވެލައިގެން ނިދިއްޖެއްޔާ ސައެއް ނުހެދޭނެ.. އެހެންވެ އަވަހަށް ސައި ހަދަން މިއައީ..” ކޮފީ ޖޯޑު ބަހައްޓަމުން ލައިލާ އެހެން ބުނެލިއިރުވެސް އޭނާގެ ބޮލުގައި ރިހުމެއް ހުއްޓެވެ.

“ދަރިފުޅު އޭނައަށް ރަނގަޅަށް ކަންތައް ކުރައްޗޭ.. ބައްޕައަށް އެނގޭ ދަރިފުޅު ބޭނުންވެގެން ނޫންކަން ކައިވެނިކުރީ.. އެކަމަކު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ހީކޮށްލާފައި ކުރިއަށްދޭ.. ބައްޕައަށް ހީވަނީ ނާފިޒަކީ ވަރަށް ރަނގަޅު ކުއްޖެއްހެން.. ތިބުނީނު ފަތިސް ނަމާދަށްވެސް ތެދުވި ވާހަކަ.. މިޒަމާނުގައި ޒުވާނަކު ފަތިސް ނަމާދަށް ތެދުވާނީ އެމީހަކު ވަރަށް ރަނގަޅުވީމަ.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ..” ޒާހިރު އާދައިގެ މަތިން އޭނާގެ ދަރިފުޅަށް ނަސޭޙަތް ދިނެވެ. ލައިލާ އަނގައިން ބަހެއް ނުބުންޏެއްކަމަކު ޒާހިރުގެ ވާހަކައަށް ބޯޖަހާލީ ޒާހިރުގެ ހިތްހަމަޖައްސައިދޭށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް އަވަހަށެވެ. ނޯކަރެއް ފަދައިން ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން ދިޔައިރު ސީމާގެ ރަޙުމުކުޑަ ބަސްތަކާއި ކުރިމަތިލާން ނުޖެހޭ ދުވަހެއް ނުދެއެވެ. ނާފިޒުގެ ކުރިމަތީގައި ސީމާ އެއްޗެކޭ ބުނެފިނަމަ ނާފިޒު ބައެއް ފަހަރަށް ރައްދު ދެމުން ދިޔައީ ލައިލާއާއި ދިމާއަށް އެއްޗެހި ކިޔާ އަޑު އަހަން އޭނާއަށް ކެތްނުވާތީއެވެ. ބައެއް ފަހަރު ނާފިޒު ރައްދު ދޭން އުޅޭއިރަށް ލައިލާ އޭނާ ހުއްޓުވައެވެ. ޒާހިރަށްވެސް ބައެއް ފަހަރަށް ނާފިޒު ލައިލާގެ ދިފާޢުގައި ބަސްބުނާތީ އަޑުއިވެއެވެ. އެއަޑު އިވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބެއެވެ. އޭނާއަށް ލައިލާ ނާފިޒާ ދެވުމަކީ ނިންމުނު ވަރަށް ރަނގަޅު ނިންމުމެއްކަމުގެ އިހުސާސް ކުރެވެއެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ނާފިޒުގެ ފަރާތުން ލައިލާއަށް އަޅާލުމާއި ލޯބި ލިބެމުން ދިޔައެވެ. ކުރިން ނާފިޒާއިމެދު ދެކެވެމުން އައި ގޯސް ވިސްނުން ބަދަލުވާން ފެށިއެވެ. ނާފިޒުގެ ފަރާތުން ފެންނަމުންދިޔަ ހަރުދަނާކަމާއި މާތް ސިފަތައް އޭނާގެ ހިތް ފަތަޙަކޮށްފިއެވެ. ނާފިޒާއިމެދު އޮތް ދުރުކަން ނެތެމުން ދިޔައެވެ. ނާފިޒަށްވެސް ލައިލާއަށް އަންނަމުންދިޔަ ބަދަލުތައް ފާހަގަވަމުން ދިޔައެވެ. ނަމަވެސް އޭނާ އެއިން ކަމެއް އެނގޭކަމަށް ނުހަދައި ކެތްތެރިވަމުން ދިޔައީ ލައިލާ އިސްވެ އޭނާގެ ފަރާތުން ގާތްކަމަކަށް އެދެންދެނެވެ. ކައިވެނި ކުރި ރޭ އޭނާ ހަވާލުވި އިމްތިޙާނުން ނާކާމިޔާބުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ލައިލާއާއި ކައިވެނިކުރީ ރަނގަޅު މަޤުސަދެއްގައިކަން އޭނާ ސާބިތުކޮށްދޭން ބޭނުންވެއެވެ.

ބަދަހިވަމުންދިޔަ ލައިލާއާއި ނާފިޒުގެ ގުޅުން ސީމާގެ ލޮލުން ކައްސާލައިގެން ނުދިޔައެވެ. ލައިލާގެ ޙަޔާތް ބަރުބާދުކޮށް އެގެއަށް ވެރިވެގަންނަން ކުރި މަސައްކަތް ފެނަށް ވާން އުޅޭފަދަ އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. ކަންތައް ގޯހުން ގޯހަށް ނުދަނީސް މިކަމަށް ޙައްލެއް ހޯދަން އޭނާ ވިސްނިއެވެ. ވިސްނާ ވިސްނާވެސް އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް އަންނަ ގޮތެއް ނުވިއެވެ. އެކަމާވެސް އޭނާ ހުންނަނީ ދަތް ބާރުވެފައެވެ.

“ލައި.. ހިނގާ މިރޭ ބޭރަށް ގޮސްލަން.. ބޭރަށް ގޮސް ކާލައިގެން ދުއްވާލާފައި އަންނާނީ..” ނާފިޒު ފެންވަރައިގެން ނުކުންނަމުން ބުނެލިއެވެ. އޭރު ލައިލާ ހުރީ ނާފިޒު ލާނެ ގަމީހެއް އިސްތިރި ކުރާށެވެ.

“އެންމެ ރަނގަޅު.. އެކަމަކު އެހާ ލަސްނުވެ އަންނަންވާނެ.. މިހާރަކަށް އައިސް ދޮންމަންމަ އުޅެނީ ވަރަށް ފާޑަކަށް.. ކުއްލިއަކަށް ވަރަށް މުރާލިވެފައި ވަރަށް ހިތްހެޔޮވެއްޖެ.. އެކަމާ އަހަރެން ވަރަށް ހިތް ބިރުގަނޭ.. ހިތަށް އަރަނީ ކޮންމެވެސް ކަމެއް ވާން އުޅެނީއޭ.. އެކަމަކު މިކަހަލަ ޚިޔާލެއް ކުރާކަށްވެސް އަހަރެން ބޭނުމެއް ނޫން.. ނޭނގެ ކީއްވެކަމެއް.. އަބަދުވެސް ހިތް ނުތަނަވަސްވެފައި ހުންނަނީ..” ލައިލާގެ ހިތުގައި ސީމާއާއި ދޭތެރޭ ޝައްކުތަކެއް އުފެދޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުއްލިއަކަށް ސީމާ މާ ހެޔޮވެގަނެގެން އުޅޭތީ އޭގައި ފޮރުވިފައި ސަބަބެއްވެޔޭ އޭނާގެ ސިކުނޑީގެ ކަނަކުން ބުނަމުން ދިޔައެވެ.

“އަހަރެން ބުނެފާނަން އޭނައަށް އައިސްގެން އެއުޅޭ ބަދަލަކީ ކީއްވެ އައިސްގެން އުޅޭ ބަދަލެއްކަން.. އޭނަ އަހަރެންނާ ލައިގެ ކައިވެނި ކުރުވީ ލައިގެ ދިރިއުޅުން ހަލާކުކޮށްލަން.. އެކަން އޭނައަށް ކާމިޔާބުނުވެ އަހަރެމެން ގުޅިގެން އުޅޭތީ އެކަން ހަޖަމު ނުކުރެވިގެން އެއުޅެނީ.. މިހާރު އެއުޅެނީ ކޮންމެވެސް ގޮތަކުން އަހަރެމެން މިތަނުން ބޭރުކުރަން.. އަހަރެމެން ދެމީހުން ދުރުކުރާނެ މޮޅު ގޮތެއް ރާވާނެކަން ޔަޤީން..” ނާފިޒު އެހެން ބުނެލުމުން ލައިލާ ނާފިޒަށް ބަލައިލީ ހައިރާންވެފައެވެ.

“ނާފިޒަށް ކިހިނެއް އެނގެނީ އަހަރެމެން ދެމީހުން ދުރުކުރަން އުޅޭކަމެއް؟” ލައިލާ ނާފިޒުގެ މޫނަށް ބަލަން ހުރީ އެ މޫނުން އޭނާއަށް އެއްޗެއް އެނގޭތޯއެވެ. ނަމަވެސް ނާފިޒުގެ މޫނުން ތަފާތު އެއްވެސް ކަމެއް ނުފެނުނެވެ. އޭނާ ހުރީ އެއަށްވުރެ މާ ހަމަޖެހިފައެވެ.

“އެއީ ސީމާގެ ގޮތް އަހަރެންނަށް ރަނގަޅަށް އެނގޭތީ.. ދެން ތިވާހަކަ ބާއްވާފަ އަވަސްކޮށްލާ.. މިހާރު އެއޮއްގެން މަޣްރިބު ނަމާދު ބަންގި ގޮވަނީ..” ސީމާގެ ވާހަކަ ދައްކަން ބޭނުން ނުވާތީ ނާފިޒު އެވާހަކަ ކުރުކޮށްލީ މަޣްރިބު ނަމާދު ބަންގި ގޮވާއަޑު އިވުނީމައެވެ.

“އަހަރެން ދެން އަންނާނީ އިޝާ ނަމާދު ކޮށްލައިގެން.. އޭރަށް ވާއިރަށް ތައްޔާރުވެގެން ހުންނައްޗޭ..” ގަމީސް ލައި ގަޔަށް ސެންޓު ބުރުވާލަމުން ނާފިޒު ބުނެލިއެވެ. ލައިލާ ހިނިތުންވެލަމުން ބޯޖަހާލިއިރު ސީމާގެ ޙަޤީޤަތޭ ކިޔައިގެން ނާފިޒު ބުނި ވާހަކައާއިމެދު އޭނާގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. ނަމަވެސް އެވަގުތު އެ ސުވާލުކުރަން އޭނާ ބޭނުމެއް ނުވިއެވެ. ފަހުން ހަމަޖެހިލައިގެން އެވާހަކަ އަހާނީއޭ އޭނާގެ ހިތަށް އެރިއެވެ.

ލައިލާ އަވަސްއަވަހަށް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އެރިއެވެ. ނަމާދުން އަވަދިވެގެން ކޮޓަރިން ނުކުމެ ބަދިގެއަށް ދިޔައީ ކާނެ އެއްޗެއް ތައްޔާރުކޮށްލާށެވެ. އޭނާއާއި ނާފިޒު ބޭރުން ކެޔަސް އޭނާގެ ބައްޕައަކީ ހަކުރު ބަލި ހުންނަ މީހެއްކަމުން ބައްޕައަށް ކެވޭނެ ގޮތަށް ކާއެއްޗެއް ތައްޔާރުކޮށްލަން އޭނާ އަވަސްވެގަތެވެ. ސީމާގެ އުޅުން ބަދަލުވެފައިވިޔަސް އޭނާ ސީމާއަކަށް އިތުބާރެއް ނުކުރެއެވެ. އެއީ ސީމާ ދައްކާ ދަޅައެކޭ އޭނާއަށް ހީވަނީ ސީމާގެ ޢަމަލުތައް މީގެކުރިން ހުރި ގޮތުންނެވެ.

ނާފިޒު މިސްކިތުން ފައިބައިގެން ގެއަށް އައީ ލައިލާ ޒާހިރަށް ކާއެއްޗެއް ތައްޔާރުކުރަން އުޅެނިކޮށެވެ. އޭނާ އައުމުން ކޮފީއެއް ބޭނުންތޯ ލައިލާ އަހާލިއެވެ. ނާފިޒު އާނއެކޭ ބުނެލުމުން ލައިލާ ކޮފީއެއް ގިރައިދިނެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ކުރަން ހުރި މަސައްކަތަށް އެނބުރުނެވެ. ނާފިޒު ކޮފީ ބޮމުން ދިޔައިރު އޭނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ލައިލާއަށް ސީމާގެ ޙަޤީޤަތް ކިޔައިދޭންވީއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭގެ ސަބަބުން ވެދާނެ ގޮތަކާއި ދޭތެރޭ އޭނާ ކަންބޮޑުވިއެވެ. އެ ޙަޤީޤަތް އެނގުމުން ޒާހިރަށް ވާނީ ކިހިނެއްބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ. އެއްވެސް ކަމަކީ އަބަދަށް ސިއްރުކުރެވޭނެ ކަމެއް ނޫންކަން އޭނާ ޤަބޫލުކުރެއެވެ.

“އަހަރެން އެބައޮތް ނާފިޒު ގާތު ވަރަށް ބޮޑު ވާހަކައެއްވެސް ދައްކަންވެފައި.. ރަނގަޅު ވަގުތެއް ނުލިބިގެން އެވާހަކަ ނުދެއްކިގެން މިއުޅެނީ.. މިރޭ ބޭރަށް ގޮސްފައި އެވާހަކަ ދެއްކުން ކިހިނެއްވާނެ؟” ލައިލާ އުނދުން ކައިރީގައި ހުރެ ވާހަކަދައްކަމުން ދިޔައީ މޭޒު ކައިރީގައި އިން ނާފިޒާއެވެ. އޭނާގެ ވާހަކައަށް ނާފިޒުގެ އެއްވެސް އިޝާރާތެއް ނުލިބުމުން ލައިލާ ފަސްއެނބުރި ބަލާލިއެވެ. ޚިޔާލަކަށް ގެއްލި ހުސްވެފައި އިން ނާފިޒަށް ދެފަހަރަކު ލައިލާ ގޮވާލިއެވެ. ނަމަވެސް ނާފިޒަށް އެތަނުގައި ކަމެއް ވާހެންވެސް ހިއެއް ނުވެއެވެ.

“އޭތް.. ކޮން ޚިޔާލަކަށް ގެއްލިފައި؟” ނާފިޒުގެ އަތުގައި ކޮއްޓާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އެވަގުތު އަތުން ޖެހިފައި ކޮފީތަށިން ބައެއް މޭޒުމައްޗަށް ބަންޑުންވިއެވެ.

“ހާދަ ވަރަކަށް ތި ސިހުނީ.. އަހަރެން ހާދަ ވަރަކަށް ގޮވައިފީމޭ.. ކޮން ޚިޔާލަކަށް ގެއްލިފައި؟” ލައިލާ އަނެއްކާވެސް އަހާލިއެވެ.

“މިދެން ދިރިއުޅުމުގެ ކަންކަމާ ވިސްނާލެވުނީ.. ކައްކާ ނިމުނީތަ؟” ނާފިޒު ތެދުވެ އަތްދޮންނަ ސިންކާއި ދިމާއަށް ދަމުން އަހާލިއެވެ.

“އުހުނ.. އަހަރެން ވާހަކަ ދައްކަދައްކާ ޚަބަރެއް ނުވީމަ ބަލާލިއިރު ޚިޔާލަކަށް ގެއްލިފައި އިންތަން ފެނިގެން މިއައީ..”

“ދެން ދޭ އަވަހަށް ތިކަން ނިންމާލަން..” ނާފިޒު ސިންކު މަތީގައި އޮތް ސްޕަންޖުކޮޅު ހިފައިގެން އައިސް މޭޒުމައްޗަށް ކޮފީ އެޅުނުތަން ސާފުކޮށްލިއެވެ. އެ މަންޒަރު ލައިލާއަށް ފެނުމުން ހިނިތުންވެވުނެވެ. އޭނާއަށް ނާފިޒުގެ ފަރާތުން ފެންނަ އެކަހަލަ ކުދިކުދި ކަންކަން ވަރަށް ކަމުދެއެވެ.

އިޝާ ނަމާދަށްފަހު ނާފިޒު ގެއަށް އައިއިރު ލައިލާ ހުރީ ނަމާދަށެވެ. އެހެންކަމުން އޭނާ ސިޓިންގރޫމުގައި މަޑުކޮށްލީ ލައިލާ ނަމާދުކޮށް ނިންމާލަންދެނެވެ. އޭނާ އެހެން އިންދާ ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތީ ޒާހިރެވެ. އޭނާއަށް ނާފިޒު ފެނުމާއެކީ އެތަނަށް އައިސް ވާހަކަދައްކަން ފެށިއެވެ. ޒާހިރުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހިފައި އިންނަކަމުގެ އަސަރުތަކެވެ. ނާފިޒުގެ ފަރާތުން ފެންނަމުންދިޔަ މާތް ސިފަތަކުގެ ސަބަބުން އޭނާގެ ހިތުގައި ނާފިޒުގެ މައްޗަށް ވަނީ ދަރި ކުލުނު ޖެހިފައެވެ. ނާފިޒާއި ވާހަކަދައްކަން އިންދާ ލައިލާ ތައްޔާރުވެލައިގެން ކޮޓަރިން ނުކުތެވެ.

“ކޮބާ ނިމުނީތަ؟” ނާފިޒުގެ ސުވާލަށް ލައިލާ ބޯޖަހާލިއެވެ. ލައިލާގެ މޫނުމަތިންވެސް ފެންނަމުންދަނީ އޭނާގެ ދިރިއުޅުމާއިމެދު ހިތްހަމަޖެހިފައިވާ މިންވަރެވެ. އެކަމުގެ ސަބަބުން ޒާހިރުގެ ހިތަށް އިތުރު ފިނިކަމެއް ލިބުނެވެ.

“ދަރިފުޅުމެން ތަނަކަށް ދާންތަ ތިއުޅެނީ؟” ލައިލާ ބޭރަށް ދާން ތައްޔާރުވެގެން ހުރިތަން ފެނި ޒާހިރު އަހާލީ ނާފިޒަށް ބަލާލަމުންނެވެ.

“އާނ.. އަޅުގަނޑުމެން މިއުޅެނީ ބޭރަށް ގޮސްލަން ވެގެން.. މާ ލަހެއްނުވެ އަންނާނަން..” ނާފިޒު އެހެން ބުނެލުމުން ޒާހިރު ހިނިތުންވެލަމުން ބޯޖަހާލިއެވެ.

ސައިކަލުގައި ދެމީހުން ބޭރުމަގުން ދުއްވަމުން ދިޔައިރު ނާފިޒު ދައްކަމުންދާ ސަމާސާ ވާހަކަތަކުން ލައިލާއަށް ހެވެއެވެ. ނާފިޒުގެ އުނަގަނޑާއި ހަމައިގައި ހިފަހައްޓާލައިގެން އިންއިރު ލައިލާ އިނީ ވަރަށް ހިތްހަމަޖެހިފައިކަން ނާފިޒަށް އެނގުނެވެ. ނާފިޒު ބޭނުންވީ ހުޅުމާލެއަށް ދާށެވެ. ލައިލާއަކީ ކަނޑު ދަތުރުކުރަން ބިރުގަންނަ މީހަކަށް ވާތީ ނާފިޒު އޭނާގެ ރައްޓެއްސަކަށް ގުޅައިގެން ދެ ހެލްމެޓު ހޯދިއެވެ. ބުރިޖުގެ މަތީ ދުއްވަމުން ދިޔައިރު ލައިލާ އިނީ ނާފިޒު ގައިގައި ބާރަށް ހިފަހައްޓައިގެންނެވެ. މިނޫނީ އޭނާ ބާރަށް ދުއްވާ ސައިކަލެއްގެ ފަހަތަކަށް ނާރައެވެ. އެހެންކަމުން އޭނާ އިނީ ކުޑަކޮށް ބިރުގެންފައެވެ. ކުޑަކޮށް ބޯއަނބުރާ ކަހަލަ ގޮތެއް ވެފައި ހުރިނަމަވެސް އޭނާ އެވާހަކައެއް ނާފިޒު ގާތުގައެއް ނުބުނެއެވެ.

ހުޅުމާލޭގެ މަގުތަކުގައި ދުއްވަމުން ގޮސް އަތިރިމަތީގައި ހުރި ޑައިނަމޯ ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ. ދެމީހުންވެސް މިސްރާބުޖެހީ ރާޅުޖަހާ ފަށާއި ދިމާއަށް ހުރި މޭޒުތަކާއި ދިމާއަށެވެ. ކާއެއްޗަކަށް އޯޑަރު ދިނުމުން ލައިލާ އިނީ އޭނާ ދައްކަން ގަސްތުކުރާ ވާހަކަ ފަށާނީ ކިހިނެއްތޯ ވިސްނާށެވެ. އެވާހަކަ އެހުމުން ނާފިޒު ރުޅިއައިސްދާނެތީ އެކަމާ އޭނާ ކުޑަކޮށް ޖެހިލުންވެސްވިއެވެ. ނަމަވެސް އެއީ އޭނާއަށްވެސް އެނގެންޖެހޭ ކަމެއްކަމަށް ޤަބޫލުކުރާތީ އެވާހަކަ އަހަން ނިންމިއެވެ.

“ނާފިޒު.. އަހަރެން ވާހަކައެއް އެހިއްޔާ ރުޅި އަންނާނަންތަ؟” ލައިލާ ކުޑަކޮށް ޖެހިލުންވެފައި އަހާލިއެވެ.

“އަހާ ވާހަކައެއްގެ ގޮތުން އެނގޭނީ.. އެކަމު ހިއެއްނުވޭ އަހަރެން ރުޅި އަންނާނެވަރުގެ ވާހަކައެއް ލައިއަށް އެހޭނެހެނެއް.. އަޅެ އަހާބަލަ..” ނާފިޒުގެ ޖަވާބުން ލައިލާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

“އަހަރެމެން އިނދެގެން އުޅޭތާވެސް މިހާރު އަހަރެއް ވާން ކައިރިވަނީނު.. މިހާދުވަސް ވީއިރުވެސް ނާފިޒު، ނާފިޒުގެ މައިންބަފައިންނާ އާއިލާއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަނީ ކީއްވެ؟”

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.