ދީނާއި ފުށުއެރި ނަމަވެސް ބައެއް ކަންކަމަކީ އަހަރެމެންގެ ތެރޭގައި އާދަކާދައިގެ ނަމުގައި ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަންކަމެވެ. އެއްބަޔަކު ކާބަފައިން ބޮޑުބެރު ޖަހައި އުޅުނީތީ އެކަން ދިރުވައި އާލާ ކުރުމުގެ ނަމުގައި އެކަން ކުރިއަރުވަން މަސައްކަތް ކޮށްފާނެއެވެ. އަނެއްބަޔަކު ކާބަފައިން ޒިޔާރަތްތަކަށް ނަދުރުބުނެ އުޅުނީތީ އެކަންކޮށް އުޅެފާނެއެވެ. ކާބަފައިން ކުރި ކަމެއްވީމައެވެ. ނަމަވެސް އިސްލާމް ދީނާއި ފުށުއަރާ ކަމެއްނަމަ ކާބަފައިން ކުރާތީއޭ ނުވަތަ އެހެން ސަބަބެއް ބަހަނާއެއްގެ ގޮތުން ދެއްކުމަކުން ފުދޭނެހެއްޔެވެ؟

މިއީ މި ދުވަސްކޮޅު ވިސްނައިލުން މުހިންމު ކަމެކެވެ. މީލާދީ ގޮތުން އައު އަހަރެއްގެ ފެށުން ފާހަގަކޮށް އުޅުމަކީ ދިވެހި އާދަކާދަ ތެރޭގައި ވެސް ހިމެނޭ ކަމެއްނޫނެވެ. ކާބަފައިން ވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. ދާދި ފަހުން އަހަރެމެންގެ ތެރެއަށް ވަދެގެން އުޅޭ ފަރަންޖީ ނުފޫޒެކެވެ. މިހާރު ކޮންމެހެން ފާހަގަކުރަން ޖެހޭ މުނާސަބާއެއްގެ ގޮތުގައި ހީވާ ހިސާބަށް މި ޤައުމުގައި ވެސް މިކަން މި ވަނީ ގޮސްފައެވެ. އެހެން ހީނުވާންވީ ސަބަބެއްވެސް ނެތެވެ. ރަސްމީ ފަރާތްތަކުން ރަސްމީ ކަމެއް ގޮތުގައި ބޮޑެތި ޚަރަދު ކޮށްގެން ވެސް އެކަން ކުރަނީއެވެ.

އައު އަހަރެއް އައުމުން އެކަން ފާހަގަކުރުމުގެ ނަމުގައި މިއުޒިކް ޝޯތައް ބޭއްވުމާއި ދެ ޖިންސު މައްސުނިވެ ޕާޓީކުރުމާއި ފާހިޝް އަމަލުތައް ކުރުން އެއީ އެކަން ފާހަގަކުރުން އޮންނަން ޖެހޭ ގޮތްކަމަށް ގައުމުގެ ޒުވާނުންނަށް މިހާރު ވިސްނިފައިވާ ކަަހަލައެވެ. ނަމަވެސް މިއީ މުސްލިމުން ދުރުވާން ޖެހޭ ބޮޑެތި ފާފަތަކެވެ.

އައު އަހަރެއް ފެށުމުން އުފާކޮށް އެކަން ފާހަގަކުރަން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އަހަރެއްގެ ފެށުމަކީ އަހަރެއްގެ ނިމުން ވެސް މެއެވެ. އެ ފާއިތުވީ އުމުރުން އަހަރެކެވެ. ފާއިތުވާ ކޮންމެ އަހަރެއް ނުވަތަ ކޮންމެ ވަގުތެއް އެ ކައިރި ކުރަނީ ތިމާގެ މަރާ ނޫން ތޯއެވެ. ކުރަން ގަސްތުކުރި އެތައް ކަމެއް ނުވެ ފާއިތުވެގެން ދިޔަ ވަގުތުތަކެއް ނޫންތޯއެވެ. މިހެން މިކަން އޮތްއިރު ހަޔާތާއިމެދު ވިސްނައި ފާއިތުވެ ދިޔަ ތަނުގައި ކުރެވުނު ގޯސް ކަންތައްތަކާއި ދުރުވެ ތިމާގެ ނަފުސު އިސްލާހު ކުރުމަށް ވިސްނައި އަޒުމް އައު ކުރުމުގެ ދުވަހަކަށް ހެދުން މާ ބުއްދިވެރި ނޫންތޯއެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.