ފިލްމީ ދާއިރާއަށް އައު މޫނުތައް ގެނައުމަކީ އަބަދުވެސް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވިސްނާ ކަމެކެވެ. ނަމަވެސް އައު ފަންނާނުން ބޭނުންކުރުމަކީ ނަގާ ރިސްކެއް ކަމަށް ދެކޭ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މަދުން ނަމަވެސް އުޅެއެވެ.

‘ކިޑް ޕްރޮޑަކްޝަންސް’ އިން އުފައްދައި ބައިސްކޯފުގައި ދައްކަން ފެށަށް ތައްޔާރުވަމުން އަންނަ ވެބް ސީރީޒް “ހަނާ” ގެ ޕްރޮޑަކްޝަން ޓީމުން މި ސީރީޒް މެދުވެރިކޮށް ބައެއް އައު ފަންނާނުން ދައްކައިލުމަށް ތިބީ ފަސްނުޖެހި ތައްޔާރަށެވެ. އެގޮތުން މި ސީރީޒްގައި “ހަނާ”ގެ ދޮންތަގެ ރޯލުން ފެނިގެންދާނީ މި ދާއިރާއަށް މުޅިން އައު މޫނެކެވެ.

ގަމަރިއްޔާ ގާސިމް (ގަމަރީ) އަކީ “ހަނާ”ގައި މުހިންމު ރޯލަކުން ފެނިގެންދާ ތަރިއެކެވެ. މުނިއަވަސް އިން ގަމަރީ އާއި ބައްދަލުކޮށް ބައެއް މަޢުލޫމާތު ހޯދައިލީމެވެ.

 މީ ގަމަރީ އަލަށް ސްކްރީނަން ނުކުންނަ ފިލްމުތަ؟

 އާނ. މުޅިން އަލަށް.

“ހަނާ” ކުޅެން ފުރުޞަތު ލިބުނީ ކިހިނެއް؟

 އެއީ ގުލީ ސިސް (ގުލިސްތާނު) ހޯދައިދިން ފުރުޞަތެއް. ގުލީ ގުޅާފަ ބުނީ ގަމަރީއޭ ފިލްމެއްގެ ތަންކޮޅެއް ކުޅެން ކެރޭނެހޭ. އަޅުގަނޑު ބުނީ އޯކޭއޭ ކުޅެދޭނަމޭ. 

“ހަނާ”ގަ ގަމަރީ ކުޅެދީފައިވާ ރޯލު ކުޑަކޮށް ކިޔައިލަދީބަލަ؟

 އަޅުގަނޑު ކުޅެފަ އިންނާނީ ހަނާގެ ދޮންތަގެ ރޯލު. ދެން އެ ރޯލާ ބެހޭގޮތުން އަޅުގަނޑު ބުނާނީ އެއީ ކުޅެން ވަރަށް ފަސޭހަ ރޯލެކޭ. ހަނާގެ ބައި ކުޅުނު ނޫރާގެ ހެލްޕް އެވަގުތު އަޅުގަނޑަށް ވަރަށް ލިބުނު. ނޫރާ ވަރަށް ރަނގަޅަށް އަޅުގަނޑަށް ކިޔައިދޭ ހަމަ ރަނގަޅުކުރަން ޖެހޭ ކަންތައްތައް.

“ހަނާ” ވެބް ސީރީޒްގައި ގަމަރީ އަށް ޕާފޯމުކުރެވުނު ގޮތާމެދު ހިތްހަމަ ޖެހޭތަ؟

 އަޅުގަނޑު ބުނެލާނީ މީ އަދި މުޅިން އަލަށް ކުޅުނު ފިލްމަށްވީމަ އެހާ ހިތްހަމައެއް ނުޖެހޭ އަސްލު ކުޅެވުނު ގޮތާ ދޭތެރޭގައެއް. އެކަމަކުވެސް އޯކޭ، ކުޑަކޮށް ހިތްހަމަޖެހޭ.

“ހަނާ”ގެ ވާހަކައާމެދު ބުނެލާނީ ކީކޭ؟

“ހަނާ”ގެ ވާހަކަ އެއީ މި ޒަމާނާ ގުޅޭ ކަންތައްތަކެއް ހުރި، ވަރަށް ރީތި ލޯބީގެ ވާހަކައެކޭ. އަޅުގަނޑަށް ޔަގީން މި ފިލްމުވެސް ހަމަ ވާހަކަހާ ރީތިވާނެކަން.

 އަމްޖޭގެ ޑައިރެކްޝަން ކިހިނެއް؟

އަމްޖޭގެ ޑައިރެކްޝަނާ ބެހޭގޮތުން ގަމަރީ ބުނެލާނީ އަމްޖޭ އާ އެކީގަ މަސައްކަތް ކޮށްލަން ވަރަށް ފަސޭހައޭ، އަސްލު އަމްޖޭ އަކީ ވަރަށް ރަނގަޅު މީހެއް. ވަރަށް ރުޅިމަޑު މީހެއް.  އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވުނީމަވެސް ބަލައިލެވޭ އަމްޖޭގެ މޫނަށް، އެކަމަކު އޭނަ އިންނާނީ ހެވިފަ. އަސްލު އަމްޖޭއަކީ ވަރަށް ބަރާބަރު މީހެކޭ ބުނެވޭނީ. އެހެން މީހުންނާ (ޑައިރެކްޓަރުންނާ) އަޅާކިޔާކަށް ނޭނގޭ އަސްލު ގަމަރީ އަލަށް ކުރިކަމެއް ވީމަ ބުނެވޭނީ އަމްޖޭ އެއީ ހަމަ ބެސްޓޭ.

“ހަނާ” ބަލަންވީ ކީއްވެގެން ކަމަށް ގަމަރީ ބުނެލާނީ؟

 އަސްލު “ހަނާ” އަކީ ވަރަށް ރީތި ވާހަކައެއް. މި ވާހަކަ އެހާ ރީތިވީމަ ފިލްމު ކިހައި ސަޅިވާނެ! އަޅުގަނޑު ބުނެލާނީ ހުރިހައި ބޭފުޅުންވެސް މި ވެބްސީރީޒް ބަލާށޭ މިއީ ވަރަށް ރީތި ވެބް ސީރީޒަކަށް ވާނޭ. ޔަގީނުންވެސް މި ސީރީޒް ބަލައިގެން އެއްވެސް ބޭފުޅަކު ފޫއްސެއް ނުވާނޭ ބުނެލާނީ.

 ފިލްމީ ދާއިރާގަ ކުރިޔަށްދާގޮތަށްތަ ތިހުރީ؟

 ނޫން. އަދި ނެތް އެކަހަލަ ޚިޔާލެއް.

އަމްޖޭ ޑައިރެކްޓްކުރާ 13 އެޕިސޯޑްގެ މި ސީރީޒްގައި ޢަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، ޒީނަތު އައްބާސް، ނޫރާ، ޝަމީލް، ނިޝާ (ނިޝްކޮ) ހަރަކާތްތެރިވެއެވެ.

“ހަނާ” ޕްރޮޑިއުސްކޮށް ކެމެރާކުރަނީ ޙުސައިން މުނައްވަރު (ކުޑަފޫޅު) އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ ޢަލީ ރަޝީދު (ގޮޅާ) އެވެ. ވާހަކަ ލިޔުނީ ރިނާޒާ އެވެ.

​”ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.