ކޮޅުމަޑުލު ތިމަރަފުށި އަދި ކިނބިދޫ އަދި ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގައި ވޭމަންޑޫ އާއި، ވަންދޫ ބައްދަލުކުރި ފޯރިގަދަ މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ތިމަރަފުށީ ދަނޑުގައި ކުޅުނު މި މެޗު ފެށުނުތަނާ ކަހަލަ ގޮތަކަށް ވޭމަންޑޫ ޓީމުން ގޯލެއް ކާމިޔާބުކުރުމާއި އެކު ވަންދޫ ޓީމަށް ކުއްލި ސިހުމެއް ލިބިގެންދިޔައެވެ. ފުރަތަަމަ ހާފުގެ ދެވަނަ މިނެޓުގައި ނަދީމް އަހުމަދު ނަގައިދިން ހުރަހަކުން ވޭމަންޑޫ ޓީމަށް މި ގޯލު ޖަހައިދިނީ އަދުހަމް ޝަފީގު އެވެ. މެޗުގެ 15 ވަނަ މިނެޓުގައި މާޒިން އަހުމަދު ނެގި ހުރަހެއް ވަންދޫ ޓީމުގެ ކީޕަރު ހިފަން އުޅުމުގެތެރޭގައި އަތްދަށުން ދިޔަ ބޯޅަ ހުސްކޮށް ހުރެފައި ގޯލުގެ ތެރެއަށް ވައްދާލައިގެން ނަދީމް އަހުމަދު ވަނީ ވޭމަންޑޫ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ފުރަތަަމަ ހާފުގައި މޮޅަށް ކުޅެމުންދިޔަ ވޭމަންޑޫ ޓީމުގެ ނަދީމް އަހުމަދު ވަނީ 30 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ވަންދޫ ހާފުގެ މެދެއްހާ ހިސާބުން ނަދީމަށް ލިބުނު ބޯޅަ އޭނާ ވަނީ ވަންދޫ ކީޕަރުގެ ބޯމަތިން އޮއްސާލާފައެވެ. މިއީ މި މުބާރާތުގައި ނަދީމް ޖެހި ހަތަރުވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ވެސް އޭނާ އެވެ.
ވޭމަންޑޫ ޓީމުގެ ތިން ގޯލު ވެސް ފުރަތަަމަ ހާފުގައި ފެނިގެން ދިޔައިރު، ވަންދޫ ޓީމުގެ ތިން ގޯލު ފެނިގެން ދިޔައީ ފަހު ހާފުގައި ކަން ފާހަގަކޮށްލެވެއެވެ. ވަންދޫ ޓީމުން ދެވަނަ ހާފަށް ބަދަލުތަކަކާ އެކު ނުކުތްއިރު، އެޓީމު ފެނުނީ ފުރަތަމަ ހާފަށް ވުރެން ވަރުގަދަކޮށެވެ. މެޗުގެ 74 ވަނަ މިނެޓުގައި ވަންދޫ ޓީމުން އުފެއްދި ހަމަލާއެއް ސާފުކޮށްލަން އުޅުމުގެތެރޭގައި ވޭމަންޑޫ ޓީމުގެ ނަބީލް އަހުމަދު އަތުން ވަނީ ބައިކޮޅަށް ވަދެފައެވެ. މި ގޯލާއެކީ ވޭމަންޑޫ ޓީމުގެ ކުޅުން ދަށްވުމުގެ ފައިދާ ނަގައި ވަންދޫ ޓީމުން ވަނީ 78 ވަނަ މިނެޓުގައި ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ވަންދޫ ޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް ރައިހާން އެވެ. ވަންދޫ ޓީމުން އެއްވަރުކުރި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތު ތެރޭގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ވެސް ރައިހާން އެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ވަންދޫ ޓީމަށް ދެ ގޯލު ކާމިޔާބުކޮށްދިން އިސްމާއިލް ރައިހާން އެވެ.
މި މެޗުން އެއްވަރުވުމުން ލިބުނު ޕޮއިންޓާއެކު ވޭމަންޑޫ ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. ކުޅުނު ދެ މެޗުން ދެ ޕޮއިންޓް ހޯދައިގެން ވަންދޫ ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު، އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން އޮތީ ތިމަރަފުއްޓެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކީ ހިރިލަންދޫ އޮތްއިރު، އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ކަނޑޫދޫ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު 16:00 ބައްދަލުކުރާނީ ތިމަރަފުއްޓާއި، ހިރިލަންދޫ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި