ބައިސްކޯފުން ދެއްކުމަށް ތައްޔާރުކުރަމުންދާ ވެބް ސީރީޒް “ހަނާ”ގެ ޓީމުން ލަންކާގައި ޚާއްޞަ ހަފުލާއެއް ބާއްވައިފިއެވެ. މިރޭ ލަންކާގައި މި ބޭއްވި ޚާއްޞަ ހަފުލާގައި “ހަނާ”ގެ ފުރަތަމަ ފަސް އެޕިސޯޑް ރާއްޖޭގެ އެންމެ ހުނަރުވެރި އެއް މިއުޒިކު ލިޖެންޑް ޢަބްދުލް ހަންނާން މޫސައިދީދީ އާއި އަނބިކަނބަލުން އައިޝަތު އަލިމަނިކް (ފީރޯޒް އައިސްތު) އަށް ވަނީ ދައްކާލާފައެވެ.

ހަންނާނުގެ ގޭގައި މިރޭ ބޭއްވި ހަފުލާގައި “ހަނާ” ގެ މިއުޒިކްތަކާ ބެހޭގޮތުން ހަންނާނުއާއެކު މަޝްވަރާކޮށްފައިވާކަމަށް ޕްރޮޑިއުސަރ ހުސައިން މުނައްވަރު މުނިއަވަސް އަށް ބުންޏެވެ. ހުސައިން ބުނީ މި މަޝްވަރާއަކީ ވަރަށް މޭވަވެތި މަޝްވަރާއެއް ކަމަށާއި ހަންނާނު ދެއްވި ޚިޔާލުތަކާއި އެއްގޮތަށް ކަންތައްތަކެއް ބަދަލުކުރާނެ ކަމަށެވެ.

 

“ދެން ހަނާގެ މުޅި ޓީމުގެ ފަރާތުން ހަންނާނު އަށާ އައިސްތުއަށް ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން އެއީ މި ފުރުޞަތުގަ އަޅުގަނޑުމެންގެ މި ޓީމާ ބައިވެރިވެ އަޅުގަނޑުމެންގެ ޑްރާމާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ހަންނާނު އާ އައިސްތައާ ބުނި ގޮތަށް މިހާރު ކަންތައްތަކެއް ބަދަލުކޮށްފިން. ދެން އެ ކަންތައްތައް އަޅުގަނޑަށް ހީވަނީ ހަމަ ބެލުންތެރިންނަށް ފެނިގެންދާނޭ.” ލަންކާގައި ހުރެ ހުސެން ބުންޏެވެ.

 

“އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަދި އެނގިފަ އޮތް ގޮތުގަ މޭކަޕްކުރުމުގެ ކަންތައްތައް ރާއްޖޭގަ އަށަގަނެގެން މިއަދު އުޅުނަސް އެންމެ ފުރަތަމަ އެކަން ކުރި މީހަކީ ފީރޯޒު އައިސްތު.” ހުސެން ބުނީ އައު އަހަރު ފާހަގަކުރުމަށް ލަންކާގައި ހުންނަ ފީރޯޒު އައިސްތުމެންގެ ގޭގައި މިރޭ ހަފުލާ ބޭއްވީވެސް ވަރަށް ފިލްމީ ވަންތަ ގޮތަކަށް ކަމަށެވެ.

ލަންކާގައި މިރޭ ބޭއްވި ހަފުލާގައި ހަންނާނުގެ އާއިލާ މެންބަރުންގެ އިތުރުން “ހަނާ”ގެ ޕްރޮޑިއުސަރ ހުސައިން މުނައްވަރު، ވާހަކަ އާއި ސްކްރިޕްޓް ލިޔުނު ރިނާޒާގެ އިތުރުން ޕޯސްޓް ޕްރޮޑަކްޝަން ހަދާ އަލީ ރަޝީދު (ގޮޅަ) ބައިވެރިވިއެވެ.

ދިވެހި ފިލްމާއި ޑްރާމާ ބެލުންތެރިންނަށް އައު އަހަރުގެ ތަހުނިޔާ ހުސައިން އާއި ހަނާ ޓީމުގެ ފަރާތުން ކިޔާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.