“އަހަރެމެން އިނދެގެން އުޅޭތާވެސް މިހާރު އަހަރެއް ވާން ކައިރިވަނީނު.. މިހާދުވަސް ވީއިރުވެސް ނާފިޒު، ނާފިޒުގެ މައިންބަފައިންނާ އާއިލާއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަނީ ކީއްވެ؟” ލައިލާގެ ސުވާލުން ނާފިޒަށް ކުޑަ ސިހުމެއް ލިބުނެވެ. ނަމަވެސް އޭނާ އިނީ ކޮންމެވެސް ދުވަހަކުން ލައިލާ އެވާހަކަ އަހާނެކަމުގެ އިންތިޒާރުގައިހެން ހީވެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނާފިޒު ލައިލާއަށް ބަލާލިއެވެ.

“އަސްލު އަހަރެން ހުރީ ލައި އެހި ދުވަހަކުން ނޫނީ އެވާހަކަ ނުދައްކަން ނިންމައިގެން.. އަހަރެން މި ދުނިޔެއަށް އުފަންވީ އިރުވެސް އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައި.. ހުރީ ހަމައެކަނި މަންމަ.. އާއިލާގައި އިތުރު އެއްވެސް މީހެއް ނެތް.. ދުރުތާ ތިމާގެ ބަޔަކު އުޅޭ.. އެކަމަކު އެމީހުންނާ މާބޮޑު ގުޅުމެއް ނޯވޭ އެއްވެސް އިރަކު.. އެކަމު މުޅިން ގުޅުން ކެނޑިފައެއްވެސް ނޫން..” ނާފިޒުގެ ވާހަކަ މެދުކަނޑާލީ ލައިލާ އެ ވާހަކައާއި ގަޔާވެފައި އިންގޮތުންނެވެ. ދެން ބުނަން އޮތީ ލައިލާއަށް އަޑުއަހަން ފަސޭހަވާނެ ވާހަކައެއް ނޫން ވީމައެވެ.

“ދެން މަންމަ ކޮބާ؟”

“އަސްލު އަހަރެން މަންމަދެކެ ވަރަށް ލޯބިވޭ.. މަންމަވެސް.. އެކަމަކު މިހާރު މަންމައާ ގުޅުމެއް ނޯންނަތާ އަހަރެއް ވަނީ..”

“އެއީ ކީއްވެ؟ އެއްވެސް ސަބަބަކާއިހެދި މަންމައާ ގުޅުން ކަނޑާލާކަށް ނުވާނެއެއްނު..” ލައިލާއަށް ހައިރާންކަމާއެކު ބުނެވުނެވެ. މަންމައާއި ގުޅުން ކަނޑާލާފައި ނާފިޒު އެހާ ހަމަޖެހިލައިގެން އުޅޭތީ ލައިލާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“އަހަރެންވެސް ބޭނުމެއްނޫން މަންމައާއި ގުޅުން ކަނޑާލާކަށް.. ޙަޤީޤަތުގައި ގުޅުން ކަނޑާލީ މަންމަ.. އެކަމަކު އަހަރެންގެ ހިތް ބުނޭ މަންމަ އަދިވެސް އަހަރެންދެކެ ލޯބިވެޔޭ.. މަންމަ އަދިވެސް އަހަރެންނަށް ބޭނުންވެޔޭ..” ނާފިޒުގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ.

“އެކަމަކު ތިހިސާބަށް ކަންތައް ދިޔަ ސަބަބެއްވެސް އޮންނާނެއެއްނު..” ލައިލާ އިނީ ހުރިހާ ކަމެއް އޮޅުންފިލުވަން ބޭނުންވެފައެވެ.

“އެއީ އަހަރެން މަންމަގެ ބަސް ޤަބޫލުނުކޮށް ލައިލާއާއި ކައިވެނިކުރީމަ.. މަންމަ ބޭނުންވީ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ ހާދީގެ ދަރިފުޅު ނައުރީންއާ އަހަރެން ކައިވެނިކުރަން.. ނައުރީންއަކީ އޭނާގެ ބައްޕަގެ މުއްސަނދިކަމުގެ ސަބަބުން ތިމާގެ ފެންވަރު އޮޅިފައި ހުންނަ އަންހެނެއް.. ގޮތް ދެއްކުމާއި ކިބުރުވެރިކަން އޭނާގެ ކިބައިގައި ވަނީ އިންތިހާއަށް ގޮސްފައި.. އަހަރެންނަކީ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ މީހެއް.. އެއްވެސް މީހެއްގެ މައްޗަށް ބަރޯސާވެގެން އުޅޭކަށް އަހަރެން ބޭނުމެއްނުވޭ.. ނައުރީންގެ ބުރުސޫރަ ކިތަންމެ ރީތިވިޔަސް އެއްވެސް އުޅުމެއް ހުރި އަންހެނެއް ނޫންކަން އަހަރެންނަށް އެނގޭތީ އަހަރެން ފާޅުގައި އެ ކައިވެންޏަށް ދެކޮޅު ހެދިން.. ލައިލާ ބުނެބަލަ.. އެއްވެސް އުޅުމެއްނެތް މީހަކާ އިނދެގެން އަހަރެންނަށް ކޮން ދިރިއުޅުމެއް ލިބޭނީ؟ ތާއަބަދު އަހަރެންނަށް އަހަރެންގެ ނިކަމެތިކަން އިހުސާސްވުން ނޫންކަމެއް ނުވާނެ..” ނާފިޒުގެ ވާހަކަ މެދުކަނޑާލީ ވެއިޓަރު އެމީހުން އޯޑަރުކުރި ކާއެއްޗެހި ގެނައުމުންނެވެ. ޝުކުރު އަދާކޮށްލުމާއެކު ހިނިތުންވެލަމުން ވެއިޓަރު ދާން ހިނގައިގަތެވެ.

“އަހަރެންގެ މަންމަ ބޭނުންވީ ފައިސާ.. އެއްގޮތެއް ނެތިއްޔާ އަނެއްގޮތުންވެސް މަންމަ ހުރީ އަހަރެން ނައުރީންއާ ކައިވެނި ކުރުވަން މަޖުބޫރުކޮށްގެން.. މަންމައަށްޓަކައިވެސް އަހަރެންނަށް އެ ކައިވެނި ކުރެވުނީސް.. އެކަމަކު.. އެކަމަކު އަހަރެންނަށް އެނގޭ އަހަރެންގެ ދިރިއުޅުން ނަރަކައެއް ފަދައިން ވެއްޖެނަމަ މަންމައަށް އަމިއްލަ ނަފްސު ކުށްވެރިކުރެވި އެކަމާ ހިތާމަކުރާނެކަން.. އެހެންވެ އަހަރެން މަންމައަށް ފިލައިގެން މާލެ އައީ.. އައިސްފައި އަހަރެން މަންމައަށް ގުޅިން.. ގުޅާފައި މަންމަ އެދުނު ކަންތައް ނުކޮށްދެވޭނެކަމަށް ބުނިން.. އަދި އަހަރެން މިއައީ ފައިސާ ހޯދަން ވަޒީފާއެއް ހޯދަންކަމަށްވެސް ބުނިން.. އަހަރެން މިކޮޅަށް އައިސް ވަޒީފާއެއް ލިބި ވަޒީފާއަށްދާން ފެށިތަނާ އަހަރެންނަށް ލައިލާ ފެނުނީ.. އެއީ އިއްތިފާޤަކުން ދިމާވި ކަމެއް.. ހަނދާންވޭތަ ލައިލާ ސްކޫލުގައި އުޅުނުއިރު ސްކޫލުން ގެއަށް ދަމުން މަގު ހުރަސްކުރަނިކޮށް ލޮރީއެއްގައި ކިރިޔާ ނުޖެހި ސަލާމަތްވި ހަނދާން؟”

ލައިލާގެ ހަނދާނަށް އައީ އޭނާ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔައިރު ދިމާވި ކަމެކެވެ. އޭނާ ސްކޫލު ނިންމާފައި ގެއަށް އައީ ކުލާހުގައި ދިމާވި ކުޑަ މައްސަލައަކާއި ހެދި ބޯގޮވާފައި ހުރެއެވެ. އަނެއްކާ ގެއަށް ދާތަނުން ކުރިމަތިލާން ޖެހޭނެ ކަންތައްތަކުގެ ސަބަބުން އޭނާ ހުރީ ހިތުގައިވެސް ޖެހިފައެވެ. ބައްޕަގެ ޙާލު ހުރިގޮތުން އޭނާއަށް އެހީއެއް ވުމަށް ބައްޕަ ވަނީ ނުކުޅެދިފައެވެ. އެފަދަ ޚިޔާލުތަކެއްގައި ހުރެ ލައިލާ މަގު ހުރަސްކުރަން ހިނގައިގަތްއިރު މަގަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް މަގަށް ނަޒަރު ހިންގާލެވުނީ މީހެއްގެ ހަޅޭކުގެ އަޑަށެވެ. އޭރު ބާރު ދުވެލީގައި އައި ލޮރީ ހުރީ އޭނާއާއި ވަރަށް ގާތްވެފައެވެ. ލިބުނު ޝޮކުގައި ފިޔަވަޅެއް ނޭޅިފައި ހުއްޓާ ކުއްލިއަކަށް އޭނާގެ އަތުގައި މީހަކު ހިފައި ދަމައިގަތެވެ. އޭނާ ލޮރީގައި ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. އެދުވަހަކީ ދުވަހަކުވެސް އޭނާގެ ހަނދާނުން ނުފިލާނެ ބިރުވެރި ދުވަހެކެވެ. ލައިލާ ބޯޖަހާލީ އޭނާ އެދުވަސް ހަނދާން އެބަހުއްޓޭ ބުނާފަދަ ގޮތަކަށެވެ.

“އެދުވަހު އަހަރެންނަށް ލައިލާގެ އަތުގައި ހިފައި ދަމައިނުގަނެވުނުނަމަ ލައިލާ ލޮރީގެ ދަށުވީސް.. ލައިލާ ފުރަތަމަ ފެނުނު ވަގުތުން ފެށިގެންވެސް އަހަރެންނަށް ލައިލާ ވަރަށް ކަމުދިޔަ.. އެދުވަހަށްފަހު އަހަރެން ލައިލާއަށް ފާރަލާން ފެށިން.. އެގޮތަށް ފާރަލަނިކޮށް އަހަރެންނަށް ސީމާއާ ދިމާވީ.. އޭރު ލައިލާގެ ބައްޕަގެ އެކްސިޑެންޓު ހިނގައިގެން.. ސީމާއަށް އަހަރެން ލައިލާއަށް ފާރަލާކަން އެނގިގެން އޭނަ އަހަރެންނާ ބައްދަލުކޮށް ލައިލާގެ ކައިވެނީގެ ވާހަކަ ދެއްކީ.. އަހަރެން ބޭނުންވެފައި ހުރިވަރުން ވަގުތުން އެއްބަސްވިން.. މަންމައަށް ގުޅާފައި އެވާހަކަ ބުނި ހިސާބުން މަންމަ އަހަރެންނަށް ގުޅުން ކަނޑާލީ.. އަހަރެން ވަރަށް ގުޅިން.. އެކަމު އަހަރެންގެ އެއްވެސް ކޯލަކަށް މަންމަ ޖަވާބެއް ނުދިން.. އެހެންވެ ފަހުން ނުގުޅަން.. އެކަމަކު އަހަރެން އަދިވެސް ރަށުގެ ބައެއް ރައްޓެހިން މެދުވެރިކޮށް މަންމަގެ ޙާލު ބަލައި ލާރިވެސް ފޮނުވަން.. އެއީ އެމީހުން ދޭ އެއްޗެއްގެ ގޮތުގައި މަންމައަށް ހީވެފައި އޮންނާތީ މަންމަ އެ ބޭނުންވެސް ކުރޭ.. އެހެންވެ އެކަމާ އަހަރެން ހިތްހަމަވެސްޖެހޭ.. އެއީ އެކަން ވީގޮތަކީ..” ނާފިޒުގެ މޫނުމަތިން ފެނުނު މޮޅިވެރިކަމުން ލައިލާ ދެރަވިއެވެ.

“ދެން ނާފިޒު އަދިވެސް ބަލަންވީނު މަންމައާއި ގުޅުން ބަދަހިކުރެވޭތޯ..” މޭޒުމަތީގައި އޮތް ނާފިޒުގެ އަތްމަތީ އަތް ބާއްވާލަމުން ލައިލާ ބުނެލިއެވެ.

“އަހަރެން ދެން މަންމައަކަށް ނުގުޅާނަން.. އަހަރެން މި ވިސްނަނީ ލައި ގޮވައިގެން ރަށަށް ދާން.. އަހަރެންގެ ހިތް ބުނޭ މަންމަގެ ކުރިމައްޗަށް އެރީމަ މަންމައަށް އެހެން ހިތް ހިލަކޮށްލައިގެން ނުހުރެވޭނެޔޭ..” ނާފިޒު އެހެން ބުނެލުމުން ލައިލާ ކުޑަކޮށް ޖެހިލުންވިއެވެ. ލައިލާއަށް ވީގޮތް ނާފިޒަށް ނަގައިގަނެވުނެވެ.

“ހާސްނުވޭ.. އަހަރެން މިއުޅެނީ ލައި ގޮވައިގެން ރަށަށް އެއްކޮށް ބަދަލުވާކަށް ނޫނޭ.. އެހެންނޫނަސް މަންމަ އަހަރެންދެކެ އަންނަ ރުޅިއެއް އެހެން މީހަކަށް ނުބާލާނެ.. އަސްލު ޙަޤީޤަތުގައި މަންމަ އަހަރެންދެކެ ލޯބިވެސްވޭ.. އެކަމު އަހަރެމެން އުޅުނުލެއް ނިކަމެތިކަމުން ކަންނޭނގެ މަންމަ ފައިސާއަށް އެހާ ދަހިވެތިވެގެން އެ އުޅެނީ.. އަރާމު ދިރިއުޅުމަކަށް އެދެވޭލެއް ބޮޑުކަމުން ކަންނޭނގެ.. އެކަމުވެސް މަންމައަކީ ގޯސް މީހެއް ނޫން..” ނާފިޒު ލައިލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ލައިލާ ހިނިތުންވެލީ އެންމެ ރަނގަޅޭ ބުނާފަދަ ގޮތަކަށެވެ.

އަދިވެސް އަހަރެންގެ ހިތުގައި އުފެދިފައި އޮތް ސުވާލެއް ކޮށްލަންތަ؟” ލައިލާ ނާފިޒުގެ މޫނަށް ބަލަން އިނދެ އަހާލިއެވެ. ނާފިޒަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

“މިރޭ މިއޮތީ ވަރުގަދަ ސުވާލު މުބާރާތަކާތާ ލައްވާލާފަ.. ތި ސުވާލެއްވެސް ކޮށްބަލަ.. އަހަރެންނަށް ޖަވާބު އިނގެންޏާ ތެދަށް ޖަވާބުދޭނަން..” ހިނިއައިސްފައި އިނދެ ނާފިޒު ބުނެލިއެވެ.

“މިއަދު ވާހަކަ ދައްކަމުން ބުނީމެއްގެ ސީމާގެ ޙަޤީޤަތް އެނގޭތީއޭ.. ކީއްވެ އެހެން ބުނީ؟” ލައިލާ ކުރި ސުވާލުން ނާފިޒަށް ހުއްޓުމެއް އެރިއެވެ. އޭނާ އެ ސުވާލަށް ޖަވާބުދޭން ފަސްޖެހުނެވެ. ނަމަވެސް ލައިލާ އެ ސުވާލު ކުރީތީ ޖަވާބު ދޭންވެސް ބޭނުންވެއެވެ.

އަހަރެންނަށް ހީވަނީ މީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫންހެން.. އަހަރެން ލައިގެ ތިސުވާލަށް ޖަވާބު ދޭނަން.. އެކަމު މިވަގުތަކު ނޫން.. އެންމެ ރަނގަޅުތަ؟” ނާފިޒު ވިސްނަން އިނދެ ބުނެލިއެވެ. ލައިލާވެސް ބޯޖަހާލީ ނާފިޒަށް އިތުބާރު ކުރާތީއެވެ. ކައިގެން ދެމީހުންވެސް ނިންމީ ކުޑަކޮށް ދުއްވާލާފައި ގެއަށް ދާށެވެ.

*****

ސީމާ އުއްމީދުކުރި ގޮތަށް ކަންތައްތައް ނުވެ އޭނާގެ ބާރު ކެނޑެމުން ދާކަމުގެ އިހުސާސް ކުރެވެމުންދިޔަ ވަރަކަށް ސީމާ ދިޔައީ ލައިލާއަށް ގޭގައި އުޅުމަށް ދަތިކުރަމުންނެވެ. ނާފިޒާއި އެކީ ނުކުމެގެން އޭނާ އުޅޭ ތަނަކަށް ދާށޭވެސް ސީމާ ބުނެފިއެވެ. ނަމަވެސް ލައިލާ ދުލުން އެންމެ ލަފުޒެއްވެސް ނުބުނެއެވެ. ސީމާގެ ދުލުން ނުކުންނަ ރަޙުމުކުޑަ ބަސްތަކަށް އޭނާ ހެނިފައިވާ ކަހަލައެވެ. ސީމާގެ ފަރާތުން ކޮންމެވެސް ވަރަކަށް އަނިޔާ ލިބެމުން ދިޔަނަމަވެސް ލައިލާ އެކަން ނާފިޒަށް ސިއްރުކުރަމުން ދިޔައީ ނާފިޒަށް އެކަން އެނގިއްޖެނަމަ ކަންތައް ގޯހުންގޯހަށް ހިނގައިދާނެތީއެވެ. މިވީ ދުވަސްތަކުގައި ނާފިޒު އޭނާދެކެ ވާލޯބި އޭނާއަށް ވަނީ ފެނި އިހުސާސް ކުރެވިފައެވެ. ނާފިޒުގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އޭނާއަށްވެސް ވަނީ ނާފިޒުދެކެ ލޯބި ވެވިފައެވެ. އޭނާ ވަނީ ނާފިޒަށް އެކަން ހާމަވެސް ކޮށްފައެވެ. އެ ދެމެދުގައިވާ ދުރުކަން މުޅިން ނެތިގެން ގޮސްފިއެވެ.

“ނާފިޒު.. އަދިވެސް ސީމާގެ ވާހަކަ ކިޔައިދޭކަށް ނުވޭތަ؟ މިހާރު އޭގެ ފަހުންވެސް ކިހާ ދުވަހެއް މިވަނީ..” ނިދަން އޮށޯވެފައި ލައިލާ ކެތްތެރިކަންކުޑަ ގޮތަކަށްއަހާލިއެވެ.

“އަހަރެން ހިތަށް އަރަނީ ލައިއަށް އެވާހަކަތައް އަޑުއަހަން ކެތްވާނެބާއޭ.. އެހެންވެ ހައްތާވެސް ލަސް މި ކުރެވެނީ..” ނާފިޒު އެހެން ބުނެލުމުން ލައިލާ ނާފިޒުގެ އަތުގައި އަތް ބާއްވާލަމުން ބޯޖަހާލީ އޭނާއަށް ކެތްކުރެވޭނެޔޭ ބުނާފަދަ ގޮތަކަށެވެ.

“ސީމާއަކީ ވަރަށް ރަޙުމުކުޑަ ނުބައި ނުލަފާ އަންހެނެއް.. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހެއް.. އޭނައަށް ހުރިހާވެސް އެއްޗަކީ މުދަލާއި ފައިސާ.. އެޔަށްޓަކައި އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.. އެއީ މީހެއްގެ ފުރާނަ ދުއްވާލުންކަމަށް ވިޔަސް.. އޭގެ ހެއްކެއް ލައިގެ ބައްޕައަކީ..” ނާފިޒު ބުނި އެއްޗަކުން ލައިލާގެ ދެލޯ ބޮޑުވިއެވެ. ފުންމައިގެން އެނދުންވެސް ތެދުވެވުނެވެ.

“ތިބުނީ!؟ ތިބުނީ އަހަރެންގެ ބައްޕަގެ އެކްސިޑެންޓަކީ..”

“އެއީ އެކްސިޑެންޓެއް ނޫން.. އެއީ ހަމަ ސީދާ ލައިގެ ބައްޕަގެ ދުވަސް ދުއްވާލުމަށް އޭނަ ރޭވި ރޭވުމެއް.. އެކަމު އެމީހެއްގެ އަޖަލު ނުޖެހެނީސް ކިހިނެއް އެމީހަކު މަރާލާނީ؟ ލައިގެ ބައްޕަ ސަލާމަތްވީ މާތް ﷲގެ ރަޙުމަތްފުޅުން.. ފަހަރެއްގައި އެކަން އެގޮތަށްވީ ލައިއަށް ރަނގަޅު ގޮތެއް މެދުވެރިވާން ކަންނޭނގެ..” ނާފިޒު ދެއްކި ވާހަކަތަކުން ލައިލާގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހެން ފެށީ އިޒުނައަކާއި ނުލައެވެ. ނާފިޒުވެސް ލައިލާ ހުއްޓުވާކަށް ނޫޅެއެވެ. ލައިލާގެ ކައިރިއަށް ޖެހިލައި ލައިލާގެ ގައިގައި ބައްދާލައިގެން އިނީ ލައިލާއަށް އެވަގުތު ބޭނުންވާނީ އެފަދަ އޯގާތެރިކަމަކާއި އަޅާލުމަކަށްކަން އެނގޭތީއެވެ.

“ކިހިނެއް ނާފިޒަށް ތިކަން އެނގުނީ؟” ރުއިން ހުއްޓާލެވުމުން ނާފިޒަށް ބަލައިލަމުން ލައިލާ އަހާލިއެވެ.

“އަހަރެންނަށް އެކަން އެނގުނު ގޮތް ކިޔައިދެންތަ؟” ލައިލާ ބޯޖަހާލިއެވެ.

ނާފިޒު ގެއިން ބޭރަށް ނުކުތީ އޭނާގެ ރައްޓެއްސަކު ގުޅުމުން ކޮފީއަކަށް ދާށެވެ. އޭނާ އަވަސްއަރުވާލާފައި ގޭ ދޮރާށިން ނުކުތް ވަގުތު ސީމާ ކޮންމެވެސް ފިރިހެނަކާއި މާ ސިއްރުވެރިކޮށް ވާހަކަދައްކަން ހުރިތަން ފެނުމުން ދޮރާށިން ކުޑަކޮށް އެތެރެއަށް ޖެހިލައި މަޑުކޮށްލިއެވެ. ސީމާގެ އަތް ދަބަހުން ފައިސާ ބޮނޑިއެއް ދިންތަން ނާފިޒުގެ ލޮލުން ދުށްޓެވެ.

“ދެން ނާފިޒު މިކަން މިހާ ދުވަހު ސިއްރުކުރީ ކީއްވެ؟”

“އަހަރެން ކީކޭ ކިޔާފައި އެވާހަކަ ބުނާނީ؟ އަހަރެން އެވާހަކަ ބުނިއްޔާ އެއްވެސް މީހަކު އެވާހަކަ ޤަބޫލު ކުރާނެތަ؟ އެއްވެސް ހެއްކެއް ނެތި އަހަރެން އެކަހަލަ ވާހަކައެއް ދެއްކީމަ އަހަރެންނަށް ޔަޤީން ލައިވެސް ޤަބޫލެއް ނުކުރާނެ.. އޭރު އަހަރެން އެވާހަކަ ދެއްކިނަމަ.. މިހާރު އަހަރެން ޤަބޫލުކުރަނީ ލައި އަހަރެންނަށް އިތުބާރު ކުރެޔޭ.. އެހެންވެ މި ކިޔައިދިނީވެސް..” އެކަން ސިއްރުކުރި ސަބަބު ނާފިޒު ބުނެދިނެވެ.

“އަހަރެން ބައްޕައަށް މިވާހަކަ ކިޔައިދޭނަން.. އަހަރެން ބޭނުމެއް ނޫން ބައްޕަ މަރާލަން އުޅުނު މީހަކާ ބައްޕަ އިނދެގެން އުޅޭކަށް.. އަހަރެން ބަލާނަން ސީމާއަށް މިގެއިން ކިހާ ފައިސާއަކާއި ކިހާ މުދަލެއްތޯ ލިބެނީ..” ސީމާގެ މައްޗަށް ލައިލާގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ އަލިފާނަށް ދަރު އެޅިފަދައެވެ.

“ލައި.. ހަމަޖެހޭ.. އަދި އެވާހަކަ ބުނާކަށް ނުވޭ.. އަހަރެމެން ރަނގަޅު ވަގުތެއް ހޯދާފައި ބައްޕަ ކައިރީ މިވާހަކަ ދައްކާނީ.. ކުއްލިއަކަށް އަވަސްއަރުވާލައިގެން މިކަހަލަ ކަންކަން ނިންމީމަ ނަތީޖާ ނުކުންނާނީ ހީވެސް ނުކުރާހާ ގޯސްކޮށް..” ލައިލާގެ އަތުގައި ހިފަހައްޓަމުން ނާފިޒު ބެލީ ލައިލާއަށް ވިސްނައިދެވޭތޯއެވެ.

“ހަމަޖެހޭށޭ! ނާފިޒުގެ މީހަކަށް މީހަކު އެހެން ކަންތައް ކުރިނަމަ ނާފިޒު ހަމަޖެހިލައިގެން ހުންނާނީތަ؟” ނާފިޒުގެ އަތް ފޮޅުވާލަމުން ލައިލާ އެނދުން ތެދުވިއެވެ.

“އަހަރެން މިހެން މިބުނީ ލައިއަށްވެސް އަދި ބައްޕައަށްވެސް ރަނގަޅަކަށް.. ކުއްލިއަކަށް މިކަހަލަ ވާހަކައެއް ދެއްކީމަ ބައްޕައަށް ވަރަށް ބޮޑު ޝޮކެއް ލިބޭނީ.. ލައި ބޭނުންތަ ބައްޕައަށް ދެރަގޮތެއް ވާން؟” ނާފިޒު ނިކަން ފަސޭހައިން ލައިލާގެ ސިކުނޑިއާއި ކުޅެލިއެވެ. ނާފިޒުގެ ބަސްއަހައިގެން ލައިލާ އެނދުގައި އޮށޯތް ނަމަވެސް އޭނާއަކަށް ނުނިދުނެވެ. ނާފިޒުވެސް އޭނާގެ ގާތުގައި ހޭލައި އިނީ ލައިލާ އަތުންފައިން ގޯހެއް ހަދާފާނެތީއެވެ.

*****

“އަހަރެން މިއުޅެނީ ހުޅުމާލެއަށް ގޮސްލަންވެގެން.. އަހަރެންގެ ރައްޓެހިންތަކަކާ އެކީގައި.. ލަޔާންވެސް ގޮވައިގެން ދާނީ.. އެކޮޅުގައި ދެދުވަހު މަޑުކޮށްލާފައި އަންނާނީ.. އަހަރެންނަށް ރުފިޔާކޮޅެއް ދީބަލަ..” ސީމާގެ އެދުމެއް އޮތީތީ އޭނާ ޒާހިރުއާ ވާހަކަދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ.

“މިހާރު ސީމާގެ އެކައުންޓުން ފައިސާ ހުސްވީ؟ ގައިމު ކޮންމެ މަހަކު ހަހާސް ރުފިޔާ ޖަމާވާނެ..” ކުށްވެރިއެއް ފަދައިން ސީމާ އިސްޖަހާލިއެވެ.

“ސީމާވެސް ކޮންމެވެސް ވަރަކަށް ޚަރަދަށް ބަލައިލަން ވެއްޖެއެއްނު.. އަހަރެންނަކީ މިހާރު މާބޮޑު މަސައްކަތްތަކެއް ކުރެވޭ މީހެއް ނޫން.. މިއަދު ނިޒާމް ނެތްނަމަ އަހަރެމެން މިހެންވެސް އުޅޭނީ ކިހިނެއް؟ އޭނަގެ ތެދުވެރިކަމުގެ ސަބަބުން އަހަރެންގެ އޮފީސް އެހާ ރަނގަޅަށް ބަލަހައްޓައިދޭތީ އަހަރެމެންނަށް މިހެން މި އުޅެވެނީ..” ޒާހިރު ހިތްހަމަނުޖެހުނު ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ. އޭނާ ފޯނުން ސީމާއަށް ހަހާސް ރުފިޔާ ޓްރާންސްފާ ކޮށްލިއެވެ. އަދި އެއިން މި މަސްދުވަހު ފުއްދަން ޖެހޭނެކަމުގައި ބުންޏެވެ. ދަނީކަމުގައި ބުނަމުން ސީމާ ކޮޓަރިން ނުކުންނަން ހިނގައިގަތީ ހިތާހިތުން ކުދިކިޔަމުން ޒާހިރަށް މަލާމާތް ކުރަމުންނެވެ.

ސީމާ ދިޔުމުން ޒާހިރު ފޯނު ނަގައި އޭނާގެ އެކައުންޓުގައި ފައިސާ ހުރިވަރެއް ބަލައިލިއެވެ. އޭނާގެ އެކައުންޓުގައި ފައިސާ ހުންނަންވާ ވަރަށްވުރެ ދިހަ ވަރަކަށް ހާސް ރުފިޔާ މަދުކަން ފާހަގަވުމުން އޭނާ ހައިރާންވިއެވެ. ހަމަ ޔަޤީނުންވެސް އޭނާ އެއިން ފައިސާއެއް މީހަކަށް ނުދެއެވެ. ސީމާގެ އެކައުންޓަށް ކޮންމެ މަހަކު ހަހާސް ރުފިޔާ ޖަމާކުރަމުން ދިޔައީ އޭނާގެ އެކައުންޓުންނެވެ. އޭނާގެ ކޭޝް ކާޑުގެ ޕިން ނަންބަރު އެނގޭނީ އޭނާގެ އިތުރުން ސީމާއަށެވެ. ސީމާއަށް އެކައުންޓެއް ހުޅުވައިދިނުމުގެ ކުރިން ސީމާވެސް ބޭނުންކުރަމުން ދިޔައީ ޒާހިރުގެ އެކައުންޓެވެ. ނަމަވެސް ސީމާއަށް އެކައުންޓެއް ހުޅުވައިދިން ފަހުން އޭނާ އެ އެކައުންޓު ބޭނުމެއް ނުކުރެއެވެ. އަދި ބޭނުންކުރި ނަމަވެސް ސީމާއަކަށްވެސް އޭނާއަށް ނޭނގި އޭނާގެ އެކައުންޓަކުން ފައިސާއެއް ނުނެގޭނެއެވެ. ވީއިރު އޭނާގެ އެކައުންޓުން ރުފިޔާ މަދުވީ ކިހިނެއްކަމާއިމެދު ސުވާލު އުފެދުނެވެ. ސީމާގެ އުޅުން ނުބައިވީ ނަމަވެސް ވައްކަމެއް ކޮށްފާނެކަމަކަށް ޒާހިރަށް ޝައްކު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ސީމާއާއިމެދު އެފަދަ ޝައްކެއް އޭނާއަށް ވެއްޖެއެވެ.

ދެދުވަހަށްފަހު ސީމާ އެނބުރި ގެއަށް އައިއިރު ޒާހިރު ހުރީ ވަރަށް ވިސްނައިގެންނެވެ. ސީމާގެ ގާތުގައި ސުވާލުކޮށްގެން އެދެވޭ ޖަވާބެއް ނުލިބޭނެކަން ޔަޤީނެވެ. އެހެންކަމުން އެ ބޭކާރު މަސައްކަތް ކުރުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ސީމާއަށް ފާރަލާން އޭނާ ނިންމިއެވެ. ސީމާއަކީ ގިނަ ވަގުތު ފޯނުގައި ހޭދަކުރާ މީހެކެވެ. އެފަދަ ފޯނު ކޯލުތަކުގައި އޭނާ ވަރަށް ސިއްރު ވާހަކަތައް ދައްކާކަން ޒާހިރަށް އެނގެއެވެ. ބައެއްފަހަރު އޭނާއަށް އެފަދަ ވާހަކަތައް އަޑުއިވިފައިވެސް އެބަހުއްޓެވެ. ނަމަވެސް އޭނާ އެ ވާހަކަތައް އަޑުއިވުނު ކަމަކަށް ނުހަދައެވެ.

ޒާހިރުގެ ނަސީބު އަތުގައި ހިފީ ދާދި އަވަހަށެވެ. އޭނާ ނިދާފައި އޮއްވައި ހޭލެވުނީ ސީމާގެ ފޯނު ރިންގުވީ އަޑަށެވެ. މަޑުމަޑުން ދެލޯ ހުޅުވާލި ވަގުތު ސީމާ ފޯނު ކަނޑާލިއެވެ. ދެތިން ފަހަރު ގުޅިފަހުން ސީމާ ފޯނު ނެގިއެވެ. ޒާހިރު އޮތީ ދެލޯ މަރައިގެން ސީމާ ދައްކާ ވާހަކައެއް އަޑުއަހަން ސަމާލުވެގެންނެވެ.

“އޭތް.. ކީއްކުރަން މިގަޑީގައި ތި ގުޅީ؟ ޒާހިރު ފޯނު ނެގިނަމަޔޯ؟” ސީމާ ވާހަކަދެއްކީ މަޑުމަޑުން ނަމަވެސް ޒާހިރަށް އެއަޑު ހަމަ ރީއްޗަށް އިވުނެވެ.

އަހަރެން ބުނީމެއްނު އަހަރެންނަކަށް ދެން ކަލޭއަކަށް ފައިސާއެއް ނުދެވޭނެޔޭ.. އަހަރެންގެ އަތަކު ނެތޭ.. ކުރީ ފަހަރުވެސް ނިކަން މަސައްކަތުން ޒާހިރަށް ނޭނގި އޭނަގެ އެކައުންޓުން ފައިސާ ނެގުނީ.. އަހަރެން އެކަން ކުރަންޏާ ޖެހޭނީ އޭނަ ނިދާފަ އޮއްވާ ފޯނު ނަގައިގެން އޭޓީއެމްއަށްވެސް ދާން.. ކަލޭއަށް އަހަރެން އިތުރަށް ދޭން ޖެހޭނެ ފައިސާއެއް ނޯންނާނެ.. ކަލޭ ކީ އެއްލައްކަ ރުފިޔާއެއްނު.. އެކަމު ކަލޭއަށް މަސައްކަތް ފުރިހަމައެއް ނުކުރެވުނު.. އެވަރުންވެސް މިވީ ދުވަސްތަކުގައި ކަލޭ ކިތައް ލައްކަ ރުފިޔާ އަހަރެން އަތުން ހޯދާނީ.. އިތުރަށް އަހަރެން އެންމެ ރުފިޔާއެއްވެސް ކަލޭއަކަށް ނުދޭނަން..” ސީމާ ދައްކަމުންދިޔަ ވާހަކަ އަޑުއިވުމުން ޒާހިރަށް ހައިރާންކަމެއް ލިބުނެވެ. ސީމާ އެހާވަރުން އެ ފައިސާ ދެނީ ކާކަށްބާވައެވެ. ކީއްވެބާވައެވެ.

“ކަލޭއަށް ކޮން ހެއްކެއް ދެއްކޭނީ؟ ކަލޭ ދިހަ ބާރަ އަހަރު ފަހުން އައިސް ޒާހިރު އެކްސިޑެންޓު ކޮށްލީ ސީމާގެ ރޭވުމަކުންނޭ ބުނިއްޔާ ކާކު އެވާހަކަ ޤަބޫލުކުރާނީ؟ ކަލޯ! ތިއުޅެނީ އަމިއްލައަށް ގޮޅިއަށް ވަންނަންވެގެން.. ކަލޭ ކޮންމެ އެއްޗެކޭ ކިޔަސް ޒާހިރު ކަލޭ ދައްކާ ވާހަކަ ޤަބޫލެއް ނުކުރާނެ.. އޭނަ ޤަބޫލުކުރާނީ އަހަރެންގެ ވާހަކަ.. ކަލޭއަށް ދެއްކޭނެ ހެއްކެއް ނެތްއިރު ބޭކާރު އަނގަ ނުތަޅާ.. މީގެފަހުން އަހަރެންނަށް ނުގުޅާތި!” އަމުރުވެރި ރާގަކަށް އެހެން ބުނެލުމަށްފަހު އެނދާއި ދިމާއަށް އެނބުރިލި ވަގުތު އޭނާއާއި ދިމާއަށް ބަލަން އިން ޒާހިރު ފެނުމުން އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ޒާހިރުގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ޒާހިރުގެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަމުންވެސް އޭނާއަށް ހުރިހާ ކަމެއް އެނގިއްޖެކަން ސީމާއަށް އެނގުނެވެ.

“ޒާހިރު.. އަހަރެން..”

“ޚަބަރުދާރު! ކަލޭގެ ތި ދުލުން އަހަރެންގެ ނަންވެސް ކިޔައިގެން ނުވާނެ! އިތުރު ވާހަކައެއް ދައްކާކަށްވެސް އަދި އަޑުއަހާކަށްވެސް ބޭނުމެއް ނޫން.. ތިހިރީ ވަރިކޮށްފަ.. ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ!” ޒާހިރު ހަޅޭއްލަވައިގަތެވެ. ސީމާ އޭނާއާއި ދިމާއަށް އަންނަން ފެށުމުން ޒާހިރު އަތުގެ އިޝާރާތުން މަޑުކުރުމަށް ބުނެ ކޮޓަރި ދޮރާއި ދިމާއަށް އިޝާރާތްކުރީ އަމުރުވެރިކަމާއި އެކުގައެވެ. އިސްޖަހާލަމުން ސީމާ ކޮޓަރިން ނުކުންނަން ހިނގައިގަތީ އޭނާ ނިކަމެތިވާނެވަރު ހިތަށް އެރުމުންނެވެ.

“އަދި މަޑުކުރޭ! މާދަމާ މެންދުރުވުމުގެ ކުރިން ކަލޭ މިގެއިން ނުކުންނަން ޖެހޭނެ! ލާން ގެންގުޅޭ އަންނައުނު ފިޔަވައި އެއްވެސް އެއްޗެއް ގެންގޮސްގެން ނުވާނެ! އަޑުއިވިއްޖެ؟ ދެން ދާންއުޅޭ!” ހަރުކަށިކަމާއެކު އެހެން ބުނެލިނަމަވެސް އޭނާގެ ހިތުގައި ރިހުމެއް ވިއެވެ. ދިހަ ބާރަ އަހަރު ކައިވެނިކޮށްގެން އުޅުނު އަނބިމީހާއަކީ ނުބައި މީހެއް ނަމަވެސް މުދަލާއި ފައިސާއާއި ހެދި ނުބައިކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހެއް ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ނަމަވެސް މި އެނގުނު ޙަޤީޤަތުން އޭނާ އެންމެ ސިކުންތަކުވެސް ސީމާ އޭނާގެ އަނތްބެއްގެ މަޤާމުގައި ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. ސީމާ ވަރިކޮށްލިޔަސް އޭނާގެ ހަގު ދަރިފުޅު ލަޔާންއާއިމެދު ވިސްނާލެވުމުން ދެރަވިއެވެ. ނަމަވެސް އެފަދަ ނުބައި މައެއްގެ ފަރާތުން އެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ނުލިބޭނެކަން ޒާހިރަށް ޔަޤީނެވެ.

ފަތިސް ނަމާދަށް ހޭލެވުނު ލަޔާންއަށް އެނދުން ތެދުވެވުނީ ފަނަރަ ވަރަކަށް މިނެޓު ވަންދެން އެނދުމަތީ ފުރޮޅެން އޮތުމަށްފަހުއެވެ. އެއަށްފަހު މޯޅިއަކަށް ދެމިލަމުން ދެލޯ އުނގުޅާލާފައި ތެދުވިއެވެ. ކޮޓަރީގައިވާ ނިދާބޮކި އަނދާފައި ހުރިކަން އޭނާ ހަނދާންވީވެސް ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ނެތުމުންނެވެ. ޕިސްޕިސް ޖަހާލާފައި އެނދުން ފައިބައިގެން ފާޚާނާއަށް ވަންނަން ދަނިކޮށް އެއްޗެއްގައި އަޅައިގެންފައި އަނގަވަތަށް ވެއްޓުނެވެ. ވެއްޓި ޖެހުނު ގޮތުން އަތާއި ފަޔަށްވެސް ތަދުވިއެވެ. ތެދުވަން އުޅުނު ވަގުތު އޭނާގެ އަތުގައި ތެތް އެއްޗެއް ޖެހުނުކަން އިހުސާސްވިއެވެ. ކޮޓަރިތެރެއަށް ފެން އެޅެންވީ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ދެއަތަށް ބޯ ހޫރާލާފައި މޫނު ފޮހެމުން އޭނާ ގޮސް ފާޚާނާއަށް ވަނީ ފެންވަރައިގެން ނަމާދަށް ދާށެވެ. ފާޚާނާއަށް ވަދެ މޫނުބަލާ ލޯގަނޑު ކައިރިއަށް ހުއްޓިލި ވަގުތު މޫނުގައި ހުރި ލޭ ފެނިފައި ލަޔާންއަށް ހާސްކަމެއް ލިބުނެވެ. މޫނު ދޮވެލުމުން މޫނުގައި ހޭކުނު ލޭތައް ދޮވެވުމުން އެއީ ކޮޓަރި ތެރެއިން ހޭކުނު އެއްޗެއްކަން އޭނާއަށް ޔަޤީންވިއެވެ.

ދުއްވާފައި ކޮޓަރިއަށް ނުކުތްއިރު ފާޚާނާގެ އަލިން ކޮޓަރިތެރެއަށް ކޮންމެވެސް ވަރަކަށް އަލިވެފައިވެއެވެ. އެވަގުތު އެނދުގެ އެއްފަރާތުން ހުރަސްވާ ކަހަލަ ގޮތަކަށް މީހަކު ވެއްޓިފައި އޮތްތަން ފެނުނެވެ. އޭނާ އަވަހަށް ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. އެވަގުތު ކޮޓަރިތެރޭގައި ވެއްޓިފައި އޮތް ސީމާ ފެނުމުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. ސީމާގެ ވައަތުގެ ކުޑަހުޅު ކައިރިން މައިނާރު ބުރިކޮށްލާފައި ވާއިރު އޭނާގެ ގައިދަށުގައި ވަނީ ލޭގެ ކޯރެއް ހެދިފައެވެ. ކަނާއަތުގައި ވަޅިއެއް އޮތްއިރު އޭނާ އޮތްގޮތުންވެސް އޭނާ މަރުވި ފަހުން މާގިނައިރެއް ނުވާކަން އެނގެއެވެ. މަންމަ އެފަދަ ގޮތަކަށް މަރުވާންވީ ކީއްވެބާވައޭ އެވަގުތު ހިތަށް އެރި ނަމަވެސް އޭނާ އަވަސްވެގަތީ އެ ޚަބަރު ބައްޕައަށް ދޭށެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ގޭތެރޭގައި ހަލަބޮލިކަން ފެތުރިގެން ދިޔައިރު ފުލުހުންނަށްވެސް އެކަން އަންގައިފިއެވެ. ފުލުހުންގެ ޓީމެއް އައިސް އެ ކޮޓަރިތެރެ ބަލައި ފާސްކުރިއިރު މޭޒުމަތީ ލިޔެފައި އޮތް ނޯޓެއް އޮތެވެ. އޭގައި ވަނީ ސީމާ އަމިއްލައަށް މަރުވި ސަބަބު ވަރަށް ތަފްސީލުކޮށް ލިޔެފައެވެ. އޭނާ ޒާހިރުގެ ދުވަސް ދުއްވާލަން މަސައްކަތް ކުރިކަމާއި، މުދަލާއި ފައިސާގެ ދަޅައަށް ހެއްލިގެން ލައިލާ އެގެއިން ނެރެލުމަށް އޭނާ މީހަކާ ދެވިކަމަށް ލިޔެފައިވެއެވެ. އަދި ޒާހިރަށް ޙަޤީޤަތް ފަޅާއަރައި އޭނާ ވަރިކުރުމުން އޭނާގެ ރަޙުމަތްތެރިންގެ ފަރާތުން ކުރިމަތިވާނެ މަލާމާތާއި ކުރިއަށް އޮތްތާނގައި އޭނާ އުޅެން ޖެހޭނެ ނިކަމެތި ދިރިއުޅުން ދެކެން ބޭނުން ނުވާތީކަމަށް ލިޔެފައިވެއެވެ. އަދި ޒާހިރާއި ލައިލާއަށް ވެގެންވާނަމަ އޭނާއަށް މާފުކޮށްދިނުމަށާއި ލަޔާން ރަނގަޅަށް ބަލައިދިނުމަށް އެދިފައިވެއެވެ.

ޒާހިރު ސީމާދެކެ ރުޅިއައިސްގެން ވަރިކުރި ނަމަވެސް ސީމާ އެފަދައިން ކަންތައް ކޮށްފާނެ ކަމަކަށް އޭނާ ހިތަކަށްވެސް ނާރައެވެ. ތައުބާވެ ކުށަށް ޢަފޫ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި އޭނާ ޚިޔާރުކުރީ އެންމެ ނުބައި މަގެވެ. ސީމާއަށް ދެދުނިޔެވެސް ގެއްލުނީއެވެ. ޒާހިރާއި ލައިލާގެ މަޢާފު ލިބުނުނަމަވެސް އެއިން ސީމާއަށް ދެން ކުރާނީ ކޮން ފައިދާއެއްހޭ ޒާހިރުގެ ހިތަށް އެރިއެވެ. ސީމާ ވަރިކުރި ނަމަވެސް އޭނާ ތައުބާވެ މަޢާފަށް އެދުނުނަމަ ޒާހިރު ހުރީ އޭނާއަށް މަޢާފުކުރަން ތައްޔާރަށެވެ. އޭނާގެ ދިރިއުޅުމަށް އެނބުރި ނުގެނަޔަސްވެހެވެ. ނަމަވެސް ތައުބާވެ އިސްލާޙުވުމުގެ ބަދަލުގައި ކުފުރު މަރަކުން މަރުވީތީވެސް އޭނާގެ މަޢާފެއް ސީމާއަކަށް ނެތެވެ.

ހަފުތާއެއް ވޭތުވެ ދިޔައިރު މަޑުމަޑުން ގޭތެރެ ހަމައަކަށް އެޅެން ފަށައިފިއެވެ. ލަޔާންވެސް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. ނާފިޒު ލައިލާއާއި ޒާހިރު އަދި ލަޔާން ގޮވައިގެން އޭނާގެ ރަށަށް ދާން އެވާހަކަ ދެއްކީ މާހައުލު ބަދަލުވުމުންވެސް ހިތަށް ހަމަޖެހުމެއް ލިބިދާނެކަމަށް ޤަބޫލު ކުރެވުމުންނެވެ. ސްކޫލުގެ ކިޔެވުން ބަންދު ދުވަސްވަރަކަށް ވުމުން ޒާހިރުވެސް އެކަމަކާ ދެކޮޅެއް ނުހަދައެވެ. އެހެންކަމުން އެމީހުން ނާފިޒުގެ ރަށްކަމަށްވާ ތުލުސްދޫއަށް ދާން ތައްޔާރުވިއެވެ.

“ނާފިޒު.. މަންމަ އަނެއްކާ އަހަރެން ޤަބޫލުކުރާނެތަ؟” ނާފިޒުގެ މަންމައާއި އަލަށް ބައްދަލުވާތީ ލައިލާ އިނީ ފިނިވެފައެވެ. އެ ކައިވެންޏާއި ދޭތެރޭ ނާފިޒުގެ މަންމަ ޤަބޫލު ނޫންކަން އޭނާއަށް ނާފިޒުގެ ފުށުން އެނގިފައިވާތީއެވެ.

“އިރާދަކުރެއްވިއްޔާ މިހާރު މަންމަގެ ޚިޔާލު ބަދަލުވެފައި ހުންނާނީ.. މަންމަ ލައި ބަލައިގަންނާނެ..” ނާފިޒުވެސް ހުރީ ދެ ފިކުރެއްގައެވެ. ނަމަވެސް އޭނާއަށް ބޮޑަށް ބުރަވެވެނީ މަންމަގެ ޚިޔާލު ބަދަލުވެދާނެ ކަމަށެވެ.

ދެދުވަސް ފަހުން ނާފިޒު ލައިލާގެ އާއިލާއާއިއެކު ތުލުސްދޫއަށް ދިޔައެވެ. އޭނާ އަތިރިމަތިން ދިޔަ ކުޑަ ޕިކަޕެއް ހުއްޓުވައިގެން އޭގައި އޭނާގެ ގެއަށް މިސްރާބު ޖެހިއެވެ. ގޭ ކައިރިއަށް ޕިކަޕު މަޑުކޮށްލިއިރު އޭނާގެ ހިތް އަވަސްވެފައިވެއެވެ. އޭނާގެ މަންމަ މަދީހާއަށް އޭނާ ފެނުމުން ޢަމަލުކުރާނެ ގޮތެއް ނޭނގޭތީއެވެ.

އާދައިގެ ގޮތަކަށް ހަދާފައިވާ އެގެއަށް އިޝާރާތްކޮށްލަމުން މީ ތިމަންނަގެ ގެޔޭ ނާފިޒު ބުނެލިއެވެ. ލައިލާގެ ކުޑަ އާއިލާ ގޮވައިގެން ނާފިޒު އެތެރެއަށް ވަތްއިރު ގޭތެރޭގައިވާ ހިމޭންކަމުން އޭނާއަށް އުނދަގޫވިއެވެ. ދެފަހަރަކު އޭނާގެ މަންމައަށް ގޮވާލުމުންވެސް އެއްވެސް ޚަބަރެއް ނުވުމުން އޭނާ އެތެރެއަށް ވަންނާށޭ ބުނެ އެމީހުން އެތެރެއަށް ވެއްދިއެވެ. ގޭގެ ބިއްދޮށް ފަރާތަށް ނާފިޒު ދިޔައީ އެބަ އަންނަމޭ ބުނެފައެވެ. ނާފިޒު ދިޔަތާ އިރުކޮޅެއް ފަހުން ގޭތެރެއަށް ވަދެގެން އައީ މެދު އުމުރުގެ އަންހެނެކެވެ. ހީވާގޮތުން އެއީ ނާފިޒުގެ މަންމަ މަދީހާއެވެ. ގޭތެރެއަށް ނުދަންނަ ބަޔަކު ވަދެ ތިބީތީ އޭނާ އިނީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“ތީ ކޮން ބައެއް؟ ކޮން ބޭނުމަކު އައި ބައެއް؟” ހައިރާންވެފައި މަދީހާއަށް އަހާލެވުނެވެ.

“މަންމާ!” ބިއްދޮށް ފަރާތުން ގޭތެރެއަށް ވަދެގެން އައި ނާފިޒުގެ އަޑަށް މަދީހާ އެނބުރިލިއެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އޭނާއަށް ނާފިޒުގެ ގައިގައި އޮޅުލައިގަނެވުނެވެ. ދުވަސްތަކަކަށްފަހު އޭނާގެ ދަރިފުޅު ފެނުމުން އެތައް ޝަކުވާއެއް ކުރިއެވެ. ދިޔަފަހުން އޭނާގެ ޚަބަރެއް ނުބެލީތީއެވެ. އޭނާ ދެކެލަން ނައީތީއެވެ. ނާފިޒުގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ފައިބަ ފައިބާ ހުއްޓެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ހުރީ މަދީހާގެ ޝަކުވާތަކަށް ފުރުސަތު ދީގެންނެވެ. ނަމަވެސް ނާފިޒު އޭނާ އަބަދުވެސް މަދީހާގެ ޙާލު ބަލާކަމާއި އޭނާގެ އެކުވެރިން ލައްވައި މަދީހާއަށް އެހީވަމުން އައިކަން ހާމަކުރުމުން މަދީހާގެ ހިތުގައިވާ ޝަކުވާތައް އެކީ ފިލައިގެން ދިޔައެވެ. އެ ދެމައިންނަށް ބަލަން ތިބި ޒާހިރުގެ ތިން ބަފައިންގެ ލޮލުންވެސް ކަރުނަ ހިލުނެވެ.

މަދީހާ އޭނާއަށް ކުރެވުނު ކުށަށް މާފަށް އެދުނެވެ. ދަރިފުޅުގެ ކައިވެނި ވަކި މީހަކާއި ކުރަން މަޖުބޫރުކޮށް އެކަން ނުކުރީތީ ދަރިފުޅާއި ގުޅުން ކަނޑާލެވުނީތީއެވެ. އަދި ލައިލާއަކީ އޭނާގެ ޅީދަރިއެއް ކަމަށް ނުބަލައި އަމިއްލަ ދަރިއެއްގެ ގޮތުގައި ޤަބޫލުކުރިއެވެ. އަދި ލަޔާންއަށްވެސް އޭނާ ކަންތައް ކުރީ ހަމަ ދަރިއަކާއިމެދު މަންމައަކު ކަންތައް ކުރާނެ ފަދައިންނެވެ. ދެ ހަފުތާ ވަންދެން ތުލުސްދޫގައި ތިބެފައި ނާފިޒު އެނބުރި މާލެ ދިޔައީ އޭނާގެ މަންމަވެސް ގޮވައިގެންނެވެ. އޭނާގެ ދިރިއުޅުން މާލޭގައި ހަމަޖެހިފައިވުމުން ރަށުގައި ނުހުރެވޭނެކަމާއި މަންމަ އެކަނި ދޫކޮށްލާފައި އޭނާއަށް ގޮސް ނުހުރެވޭނެކަމަށް ބުނުމުން މަދީހާވެސް މާލެ ދާން އެއްބަސްވީ ނާފިޒުގެ އުފަލަށެވެ.

ލައިލާއާއި ނާފިޒުގެ ކައިވެންޏަށް ދެ އަހަރު ވީއިރު ލައިލާ އިނީ އެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އޭނާއަށް ލިބެމުންދާ މިނެއް ނެތް ލޯތްބާއި އަޅާލުމުގެ ސަބަބުން އޭނާގެ ހިތް ފުރި ބަންޑުންވާވަރުވެއެވެ. ލަޔާންގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ނަމަވެސް އޭނާ ބައެއް ފަހަރު މަންމަ ނެތުމުގެ ހިތާމަ ކުރާތަން ޒާހިރަށް ފެނެއެވެ. އެކަން އެގޮތަށް އެ ދިމާވީ ސީމާ ދުނިޔެ ދޫކުރި ގޮތުންކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ. ލަޔާންގެ އެ ހިތާމަ ކުޑަކޮށްދޭން ބޭނުންވިޔަސް ލައިލާއަށް ދިމާވިގޮތުން އޭނާ ލަޔާންއަށް ދޮންމަންމައެއް ހޯދައިދޭން ފަސްޖެހުނެވެ.

ލައިލާގެ ބަނޑަށް ދުވަސް ފުރި ލޯބިލޯބި އަންހެންކުއްޖެއް ވިހައިފިއެވެ. ލައިލާއާއި ނާފިޒުގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ވާތަން ފެނި ޒާހިރާއި މަދީހާގެ ހިތް ވަނީ އުފަލުން ފުރިފައެވެ. އަލަތު ކާފަ ދަރިފުޅުގެ ސަބަބުން މުޅި ގޭތެރެއަށް ވަނީ ބަހާރު މޫސުމުގެ އުފާވެރިކަން ވެރިވެފައެވެ. ލަޔާން އަބަދު ކަހަލަ ގޮތަކަށް އިންނަނީ ލައިލާގެ ކޮޓަރީގައި އެ ތުއްތު ތުއްތު ލުޔޫންގެ ގާތުގައެވެ. އޭނާގެ ނަމާއި ގުޅުވާފައި ނަން ކިޔުމުންވެސް އޭނާ ހުންނަނީ ނިކަން އުފަލުންނެވެ. ލަޔާން އަބަދުހެން އެ ކޮޓަރީގައި އިންނާތީ ނާފިޒު ހުންނަނީ ލައިލާއާއެކު އެކަނިވެލާނެ ވަގުތުކޮޅެއް ނުލިބިފައެވެ. އެކަން ދެނެގަތީ ޒާހިރެވެ. އޭނާ ލަޔާން އެ ކޮޓަރިން ނެރުނީ އޭނާއަށް ކޮންމެވެސް ކަމެއް ކޮށްދޭން އާދެބަލާށޭ ބުނެއެވެ. ލަޔާންވެސް ދެބަހެއް ނެތި ޒާހިރު އެދުނު ކަންތައް ކޮށްދޭން ދިޔައެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ނާފިޒު ގޮސް ކޮޓަރި ތަޅުލިއެވެ. އޭރު ލުޔޫންއަށްވެސް އޮތީ ނިދިފައެވެ.

“އެސޮރުވެސް ހީވަނީ އަހަރެން ލައިލާއާއި ގާތްވެދާނެތީ އުޅޭހެން.. އަބަދު އައިސް ކައިރީ ވިއްދާލާފަ..” ސަމާސާ ރާގަކަށް ނާފިޒު އެހެން ބުނެލުމުން ލައިލާ ގާތަށްވެސް ހިނިއައެވެ.

“އެހެންނު ވާނީ.. އަދި ކިރިޔާ ލަޔާން މުޅިން އެ ހަމައަކަށް އެޅުނީ.. އެކަމު މިހާރުވެސް އޭނަ މަންމަ މަތިން ހަނދާންވެގެން ރޯތީ އަހަރެން ދެކެން.. އެހެންވެ ކަންނޭނގެ އަބަދު އައިސް މިތާ އެ އުޅެނީ.. އަދި މިމަންޖެވެސް ލަޔާންއާ ނިކަން ގުޅެޔޭ..”

“ނަމުން ގުޅޭތީވެސް އެހެން ވާނެ ދޯ.. ހެހެ..” ނާފިޒު އެހެން ބުނެލުމުން ލައިލާ ނާފިޒުގެ ކޮނޑުގައި ޖަހާލީ ހީލަމުންނެވެ.

ދީބަލަ..” ނާފިޒު ލޮލުން އިޝާރާތެއް ކޮށްލުމުން ލައިލާ ދެލޯ ބޮޑުކޮށްލަމުން ކުޑަ އެނދަށް ބަލައިލިއެވެ.

“ހޫން.. ހާދަ ކެތްމަދޭ..”

“އެހެންނު ވާނީ.. ކިހާ ދުވަހެއް މިވަނީ..” ނާފިޒު އެހެން ބުނެލަމުން ގޮސް ކޮޓަރީގެ ހޮޅިބުރި ނިވާލަމުން ނިދާބޮކި ދިއްލާލިއެވެ. އެއަށްފަހު ލައިގެން ހުރި ގަމީސް ބާލަމުން އައިސް އެނދާއި ދިމާއަށް ތިރިވިއެވެ. ލައިލާއަށްވެސް ނާފިޒުގެ ބީހުންތަކަކަށް ފުރަގަހެއް ނުދެވުނެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.