ކޮޅުމަޑުލު ތިމަރަފުށި އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ހަވަނަ މެޗުގައި ހިރިލަންދޫ ގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ތިމަރަފުށި ސެމީފައިނަލް ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އިއްޔެ ހަވީރު ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ގޯލު ފުރަތަަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތިމަރަފުށީ ގެ ހުނަރުވެރި ފޯވާޑު އާދަމް ނާސިހު އެވެ. އަހުމަދު ތޯހިރު ތަނަވަސްކޮށްދިން ފުރުސަތަކުން ހިރިލަންދޫ ޕެނެލްޓީ އޭރިއާގެ އަރިމަތިން އެޓީމުގެ ޑިފެންޑަރެއް ކައިރިން ނައްޓާލާފައި ގޮސް އާދަންނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފައެވެ. މިއީ އާދަންނާ އާންމުކޮށް ޖަހާ ކަހަލަ “ސިގްނޭޗަރ ގޯލް” އެއް ކަން ފާހަގަކޮށްލެވެއެވެ. ތިމަރަފުށީ ޓީމުން މޮޅަށް ކުޅެމުންދިޔަ ނަމަވެސް، ހިރިލަންދޫ ޓީމުން ވެސް ދޭތެރެއަކުން ވަރަށް ނުރައްކާކޮށްފައިވެއެވެ. މެޗުގެ 36 ވަނަ މިނެޓުގައި ހިރިލަންދޫ ގެ ގޯލަށް އާދަންނާ ފޮނުވާލި ހަމަލާއެއް އެޓީމުގެ ކީޕަރު ދިފާއުކުރުމުން، އެ ބޯޅަ އަނބުރާ ޕެނަލްޓީ އޭރިއާގެ އެތެރެއަށް ނުކުތް ވަގުތު، ތިމަރަފުށީ ޓީމުގެ މިޑްފިލްޑަރު އަހުމަދު މައުރޫފު ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތިމަރަފުށީ ގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަ ހާފު ނިމެން އުޅެނިކޮށް ތިމަރަފުށީ ޓީމުގެ ފޯވާޑު އަހުމަދު ހައިލަމް ނަގައިދިން ރީތި ހުރަހެއް އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމުގެ ސެންޓްރަލް ފޯވާޑު އަހުމަދު ތޯހިރު ވަނީ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެމުންދިޔަ ތިމަރަފުށީ ޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑު އަހުމަދު ހައިލަމް އެވެ. މި މެޗުން މޮޅުވުމާއެކު، ބާކީ އެއް މެޗު އޮތް ނަމަވެސް، ތިމަރަފުއްޓަށް ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެދުތެރޭގައި މޮޅުކުޅުމެއް ދެއްކި ތިމަރަފުށީ ޓީމުގެ އަމީން ޝާހް އެވެ.
މުބާރާތް ކުރިއަށް ގެންދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ވެސް އެއް ޓީމު، އަނެއް ޓީމާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމެއް ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މި މެޗުން މޮޅުވުމުން ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތިމަރަފުށި އޮތީ ތާވަލުގެ އެއްވަނައިގައެވެ. ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ވޭމަންޑޫ ދެވަނައިގައި އޮތްއިރު، ތިން މެޗުން ތިން ޕޮއިންޓު ހޯދައިގެން ތިންވަނައިގައި އޮތީ ހިރިލަންދޫ އެވެ. ދެ މެޗުން ދެ ޕޮއިންޓު ހޯދައިގެން ހަތަރުވަނައިގައި ވަންދޫ އޮތްއިރު، ދެ މެޗުން އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ކަނޑޫދޫ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު 16:00 ބައްދަލުކުރާނީ ކަނޑޫދޫ އަދި ވޭމަންޑޫ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި