ކޮޅުމަޑުލު ތިމަރަފުށި އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ހަތްވަނަ މެޗުގައި ކަނޑޫދޫ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ވޭމަންޑޫ އަށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.
މިއަދު ހަވީރު ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ހީކުރިގޮތާއި ޚިލާފަށް މޮޅަށް ކުޅެފައިވަނީ ކަނޑޫދޫ ޓީމުންނެވެ. ވޭމަންޑޫ ޓީމުން މެޗަށް ނުކުމެފައި ވަނީ އެޓީމުގެ ކެޕްޓަން އަދި ޑިފެންޑަރު ސޮލާހް އާއި ފޯވާޑު ހަމްދޫން ނުލައި ކަން ފާހަގަކޮށްލެވެއެވެ. މި މެޗުގައި ވޭމަންޑޫ ޓީމުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތަކުގެ ހުރަހަކަށް ވީ މެޗުގައި މޮޅުކުޅުމެއް ދެއްކި ކަނޑޫދޫ ޓީމުގެ ކީޕަރު މުހައްމަދު މައުރޫފް އެވެ. ދެވަނަ ހާފު ފެށިތަނާ ވޭމަންޑޫ ޓީމަށް ލިބުނު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވޭމަންޑޫ ޓީމުގެ އިތުބާރު ފޯވާޑު ނަދީމް އަހުމަދު ފޮނުވާލި ޕެނަލްޓީ ކަނޑޫދޫ ޓީމުގެ ކީޕަރު ހުށިޔާރު ކަމާއި ވަނީ ދިފާއުކޮށްފައެވެ.
މުބާރާތުގައި ވޭމަންޑޫ ޓީމަށް ބާކީ އެއް މެޗު އޮތްނަމަވެސް، މި މެޗުން ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑޫދޫ ޓީމުގެ ކީޕަރު މުހައްމަދު މައުރޫފު އެވެ.
މުބާރާތް ކުރިއަށް ގެންދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ވެސް އެއް ޓީމު، އަނެއް ޓީމާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމެއް ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
އެމްޕީ ކަޕް ޕޮއިންޓު ތާވަލަށް ބަލައިލާއިރު، ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތިމަރަފުށި އޮތީ ތާވަލުގެ އެއްވަނައިގައެވެ. ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ވޭމަންޑޫ ދެވަނައިގައި އޮތްއިރު، ތިން މެޗުން ތިން ޕޮއިންޓު ހޯދައިގެން ތިންވަނައިގައި އޮތީ ހިރިލަންދޫ އެވެ. ކުޅުނު ދެ މެޗުން ދެ ޕޮއިންޓު ހޯދައިގެން ހަތަރުވަނައިގައި ވަންދޫ އޮތްއިރު، ތިން މެޗުން އެއް ޕޮއިންޓު ހޯދައިގެން ފުލުގައި އޮތީ ކަނޑޫދޫ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު 16:00 ބައްދަލުކުރާނީ ހިރިލަންދޫ އަދި ވަންދޫ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި