ރޭގަނޑު އެކިއެކި ބޭނުންތަކުގައި މޫދަށް ފީނަން ދިޔުމަކީ ދިވެހި ޒުވާނުންގެ ތެރޭގައި އަބަދު ވެސް އޮންނަ ކަމެކެވެ. އިރުވައިވެ، މޫސުން ރީތިވެ މޫދު ރީިތިވާ ދުވަސްވަރު މިކަމުގައި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ހަރަކާތްތެރި ވެއެވެ. އެއްބަޔަކު އިހި، ހުއިފިލަނޑާ ފަދަ ތަކެތި ނަގައި އުޅެނީ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަށެވެ. އަނެއް ބަޔަކު އިހި ނުވަތަ މަސް ހިފައި އުޅެނީ ހިތްހަމަ ޖައްސައިލުމަށްޓަކައި ކައި ހެދުމަށެވެ.
ހިއްސާ ކޮށްލަން މި އުޅެނީ މިކަމުގައި އަޅުގަނޑުގެ ބައެއް ތަޖުރިބާތަކެވެ. އަޅުގަނޑު ވެސް އިހި ނަގަން ރޭގަނޑު ވަރަށް ގިނައިން ފީނާއުޅެމެވެ. ހަށިގަޑުގައި ހުންނަ ކުދި ތަދުތަކާއި އުނދަގޫތައް ފިލުވައިލުމަށް ވަކި މިއަށްވުރެ ރަނގަޅު ކަމެއް އަޅުގަނޑު ތަޖުރިބާ ނުކުރަމެވެ. މީގެ އިތުރުން މީހާ ތާޒާވުމުގެ އިތުރުން ލިބިގެންދާ ހިތްހަމަޖެހުމަކީ މިހެން ލިޔެލާ މަދު ޖުމުލަ ތަކަކުން އެހެން މީހަކަށް އިހުސާސް ކުރެވޭނެ ކަމެއް ނޫނެވެ.
މިކަން ކުރުމަށް މާގިނަ ސާމާނެއް ބޭނުމެއް ނުވެއެވެ. މާސްކާއި ފިންސާއި ދެން އަތަށް ލައްވާނެ އާދައިގެ އުއި އަންގިއެއްގެ އިތުރުން މޫދު އަޑީގައި ބޭނުން ކުރެވޭފަދަ ބައްތިޔަކުން ފުދޭނެއެވެ. ރޭގަނޑު ބައްތި އަލި ކުރުމަށްފަހު ފަސޭހަ ކަމާއިއެކު އިހި އަތުން ހިފައިލެވޭނެއެވެ.
ރޭގަނޑު މޫދުގައި ފީނުމަކީ ބައެއް މީހުން ބިރުގަންނަ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއް ފަހަރު ވެސް ތަޖުރިބާ ނުކުރާނަމަ ބިރު ހީވުމަކީ ވެދާނެ ކަމަކެވެ. ބިރުގަތުމެއް ނެތެވެ. ދުވާލު ނުފެންނަ ވަކި އައުއެއްޗެއް ރޭގަނޑަކު ވެސް ނުފެންނާނެއެވެ. ތަޖުރިބާ ކޮށްލާށެވެ. އިއްސަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ފަރުތަކުން ވެސް ފެންނަ އެއްޗަކަށް ވުމުން މިކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ތަނަވަސްކަމުގައި ދެެކެމެވެ.
ހިތްހަމަ ޖައްސައިލުމަށް ރާއްޖެތެރޭ ރަށްރަށަށް ޗުއްޓީ ދުވަސްވަރު އާއިލާއާއި އެކު ނުވަތަ ރައްޓެހިންނާއި އެކު ކުރަމުން ގެންދާ ދަތުރު ތަކުގެ ޝެޑިއުލަށް ރޭގަނޑު އިހި ނަގަން ފީނުން އިތުރުކޮށްލުން އެއީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ. އެކުވެރިންނާއި އެކު ނުވަތަ އާއިލާއާއިއެކި ބާބަކިއު ހަދާލުމަށް ވެސް މިކަމަކީ ނުކޮށް ދޫކޮށްލާވަރު ކަމެއް ނޫނެވެ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި