‎ދިވެހިންނަކީ މިއަދު މުވާސަލާތީ ގޮތުން މި ސަރަހައްދުގައި އެންމެ ކުރީ ސަފުން ޖާގަހޯދާފައިވާ އެއް ގައުމެވެ. އެހެން ކަމުން ދިވެހިން ގެ މުވާސަލާތީ ދަތުރަށް ކުޑަކޮށް ބަލައިލުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ. މިގޮތުން މިކަމުގައި ދިވެހިން ގިރާކުރި ހަރުފަތް ތަކަށް ކޮންމެވެސް ވަރަކަށް އަލި އަޅުވައިލެވޭތޯ ބަލައިލާނަމެވެ.

‎އަޅުގަނޑުމެން ކުޑައިރު މާލޭގައި ހުންނަ ތިމާގެ މީހަކަށް އެއްޗެއް އަންގަން ޖެހިއްޖެ ހާލަތެއްގައި އޭރު ޖެހެނީ ސިޓީ ލިޔެފައި ރަށުން މާލެ ފުރާ ދޯންޏެއްގައި ދާ ކޮންމެސް މީހަކާ ހަވާލުކޮށްފައި މާލެ ފޮނުވާށެވެ. މާލެ ދާ ދޯނި ކައިރިއަށް އެމީހާ ނުގޮސްފި ކަމަށް ވާނަމަ އަނބުރާ އެ ސިޓީ ރަށަށް އައުމަކީ ވެސް މަދުން ނަމަވެސް ވާ ކަމެކެވެ. މިހާލަތުގައި މިކަން އޮށްވާ އެކަން ބަދަލުކޮށްލީ ދިވެހިންގެ ކުންފުންޏެއް ކަމަށްވާ ދިރާގުންނެވެ. އެހެން ނަމަވެސް އެކަން އޭރު ކުރީ ދިވެހިންގެ ލޭބޯލާ ކަހަލަ ގޮތަކަށެވެ. މުޅި އަތޮޅުގައި ވެރިކަންކުރާ ރަށުގައި ފޯނު ބޫތު ބަހައްޓައިގެނެވެ. އެހެން ކަމުން ދިގު ދަތުރެއް ކޮށްގެން ވެރިކަން ކުރާ ރަށަށް ހަމަ އެކަނި ފޯނުކޮށްލަން ދާ އެތައް ބަޔަކު އުޅުނެވެ. ދިގު ދަތުރު ކޮށްފައި ގޮސް 100ރުފިޔާ ޚަރަދު ކޮށްލައިގެން 10މިނެޓް ވާހަކަ ދައްކައިނުލެވެއެވެ. މިހާލުގައި އެތައް ދުވަހެއް ދިވެހިން އުޅުމަށްފަހު އަނެއްކާ ވެސް އިތުރު ކުރިއެރުމެއް ދިރާގުން ދިވެހިންނަށް ހޯދައި ދިނެވެ. އެކަމަކީ މީހުން އުޅޭ ކޮންމެ ރަށަކަށް ފޯނު ބޫތެއް ލައިދިނުމެވެ. އެހެން ނަމަވެސް އަގަކަށް މާބޮޑު ބަދަލެއް ނާދެއެވެ. 

‎މިގޮތުގައި ދިވެހިން އެތައް ދުވަހެއް ވޭތު ކުރުމަށްފަހު އަނެއްކާވެސް އިތުރު ގޮތެއް ހޯދައިގެން ދިވެހިން ފެލައިލާނެ ގޮތެއް އެއްކަލަ ދިރާގުން (ދިވެހިރާއްޖޭގެ ގުޅުމުން) ވަގުތާއި ދަނޑިވަޅު ބަލާފައި ފެށިއެވެ. މިފަހަރު މޮބައިލް ފޯނު ޚިދުމަތް ދޭން ފެށީ ވަރަށްވެސް ތަފާތު ގޮތަކަށެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 1500ރުފިޔާ ބެހެއްޓުމަށް ފަހު ލައިނެއްގެ އަގުގެ ގޮތުގައި 1000ރުފިޔާ ނަގައެވެ. އޭގެ އިތުރުން މޯބައިލް ފޯނަށް މީހަކު ގުޅިއަސް މިނެޓަކަށް 3ރުފިޔާ އާއި 4ރުފިޔާ އާއި ދޭތެރޭގެ އަދަދެއް ކަނޑައިލައެވެ. އެހެން ކަމުން ކުރިން ދިވެހިންގެ އަތުން ރީތި ގޮތުގައި ފެލާލަމުން އައި އައުން ދެގުނަ ކޮށްލައި ދިރާގުގެ ޚިދުމަތް ފުޅާ ކުރިއެވެ. އޭގެ އިތުރުން ކޯލް އައިޑީއަށް ކަމަށް ބުނެ މަހަކު 100ރުފިޔާ ނެގިއެވެ. މިގޮތުގައި އެތައް ދުވަހެއް ފާއިތުވުމަށް ފަހު އެއްކަލަ ދެކޮޅުން ކެނޑުމުގެ ބައި ކަނޑައިލާ ކޯލް އައި.ޑީގެ ފީ ވެސް ކަނޑައިލިއެވެ. 

‎ސްމާޓް ފޯނު ބާޒާރަށް ނުކުތުމާ އެކު މޯބައިލް އިންޓަނެޓް ތައާރަފުކުރިއެވެ. މިކަން ވެސް ފެއްޓި އިރު އެއްކަލަ ކުރިން ކަން ކުރަމުން އައިގޮތަށް އެތައް ދުވަހެއް ދުއްވައިލުމަށްފަހު 2ޖީ އަދި 3ޖީ ފަހަނައަޅައި މިއަދު މިވަނީ 4ޖީވެސް ތައާރަފް ކޮށްފައެވެ. މި ސަރަހައްދުގެ އެންމެ އިންޓަނެޓް އަގުބޮޑު ގައުމުތަކުގެ ލިސްޓުން ރާއްޖެ ޖާގަ ހޯދާފައިވާއިރު މަހުގެ 15 އާއި ހަމަޔަށް ދާއިރު ހަމަ ފަހުގެ 4ޖީ އާއި އެކު އޮންނަނީ “ނޯޖީ” ވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.