ބޭރުން އައިސް ގޯތިތެރެއަށް ވަން ރާއިދަށް ފެނުނީ ގޯތިތެރެއަށް ވެއްޓިފައި އޮތް އަންހެނެކެވެ. ބިންމަތީގައި އޮތް ފޯނުގެ ބައްތިން އެމީހާގެ މޫނަށް އަލިއެޅިފައި ހުރުމުން އެއީ ކާކުކަން ދެނެގަންނާކަށް ރާއިދަށް އުނދަގުލެއް ނުވިއެވެ. ފެނުނު މަންޒަރާއިއެކު އުފެދުނު ސުވާލުތައް ގިނަވިއެވެ. ކޮންމެވެސް ވަރަކަށް ހާސްވެ ކަންބޮޑުވާގޮތް ވެސް ވިއެވެ.
ނާޖިދާއަށް އެހީވުމަކީ ރާއިދު ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.
ނާޖިދާ ނަގައި އަތްދަނޑިމައްޗަށް ލައިގެން ގެއަށް ވަންގޮތަށް ރާއިދު ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އެވަގުތަކީ ކަމާލިޔާ ވެސް އޭނާގެ ކޮޓަރިން ނުކުތް ވަގުތެވެ. ނަލަހެދި ޒީނަތްތެރިވެފައިވާވަރުން ކޮންމެވެސް މުހިންމު ތަނަކަށް ދަނީހެން ހީވެއެވެ. ބޭނުންވާ ފުރުސަތު ލިބެނީ އެވެ. ލިބުނު މިނިވަންކަމާއެކު އަވަސް އަވަހަށް ކުރިޔަށް ހިނގައިގަތް ރާއިދުގެ ހިނގުން ހުއްޓުނީ ކަމާލިޔާގެ އަޑަށެވެ.
“ރާއިދު ! އޭނާ ގޮވައިގެން ކޮންތާކަށް ތިދަނީ ؟ …. މިކޮޓަރިއަށް ވައްދާ.” ފުރަތަމަ ފަހަރަށް ކަމާލިޔާ ރާއިދަށް އަމުރުކުރި އެވެ. ރާއިދު ބަލާލީ ނާޖިދާއަށެވެ.
ނާޖިދާ ގޮވައިގެން ރާއިދު ގޮސް ކަމާލިޔާގެ ކޮޓަރިއަށް ވަތްއިރު ވެސް ހިތްހަމަނުޖެހުމާއިއެކު ރާއިދަށް ބަލަހައްޓައިގެން ކަމާލިޔާ އެހުރިގޮތަށް ހުއްޓެވެ. ކަމާލިޔާއާ ދެކޮޅަށް ކަމެއް ކުރަން އުޅެނިކޮށް އޭނާގެ ޢަމަލުތައް ފަޅާއަރައި މި އަރާމުކަމާއި ފަސޭހަކަން ގެއްލިދާނެތީ ރާއިދު ޖެހިލުންވިއެވެ.
ކަމާލިޔާގެ ކޮޓަރީ އެނދުގައި ނާޖިދާ ބޭއްވުމަށްފަހު ރާއިދު އަވަސް އަވަހަށް ބޭރަށް ނުކުތީ އެގޮތަށް ޢަމަލުކުރަން ކަމާލިޔާ އެންގުމުންނެވެ. ކަމާލިޔާގެ ޢަމަލުތަކާއި ބަސްމަގު ހުރިގޮތުން އޭނާއާމެދު ރާއިދުގެހިތުގައި ކޮންމެވެސް ވަރަކަށް ސުވާލު ވެސް އުފެދުނެވެ. ކަމާލިޔާއާ އަރައި ހަމަވުމުން އޭނާއަށް ބަލައިލެވުނެވެ. ކަމާލިޔާވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ.
“ކަމާލިޔާއަށް ކިހިނެތްވެފައި ހުރި ރެއެއްބާ ؟ … މިއީ އަނެއްކާ ކަމާލިޔާބާ ؟ ….. ހާދަ ތަފާތޭ.” ފެންނަމުންދިޔަ ކަންތަކާމެދު ވިސްނާނުލައި ހުންނަން ރާއިދަށް އުނދަގޫވިއެވެ.
“އަދިވެސް އަހަރެންނާ ދިމާއަށް ބަލަން ހުންނަނީތަ؟ ބަލަން ނުހުރެ ދެންވެސް އަވަހަށް ފިހާރައަށް ގޮސް ފިނިފެންފުޅިއެއް ހިފައިގެން އާދޭ.” ކޮޓަރިއަށް ވަންނަން ހިނގައިގަންނަމުން ކަމާލިޔާ ވާހަކަދެއްކިއެވެ.
ދުވެފައި ކަހަލަގޮތަކަށް ރާއިދު ފިހާރައަށް ގޮސް ފިނިފެންފުޅިއެއް ހިފައިގެން އައިސްފިއެވެ. އަވަސް އަވަހަށް ގޮސް ބަލާލިއިރު ނާޖިދާ އާއި ކަމާލިޔާ އެކޮޓަރިއަކު ނެތެވެ. ލިބުނު ހައިރާންކަމާއެކު ހާސްކަމާއި ކަންބޮޑުވުން ވެސް އިތުރުވިއެވެ. ނާޖިދާއަށް ގޮވާލަމުން އަވަސް އަވަހަށް ތަންތަން ހޯދަންފެށިއެވެ.
އެކި ތަންތަން ބަލަމުންދިޔަ ރާއިދަށް ނާޖިދާ ފެނުނީ ނާޖިދާގެ ކޮޓަރިންނެވެ. ރާއިދު ގޮސް ބަލާލިއިރު ނާޖިދާ އޭނާގެ އެނދުގައި އޮށޯވެލައިގެން އޮތެވެ.
“މިކޮޓަރިއަށް އައީ ކިހިނެތް ؟” ހައިރާންކަމާއެކު ރާއިދު އަހާލިއެވެ.
“ކީއްވެ ތިހެން ތިބުނީ ؟ …. ރާއިދެއް ނޫންތަ އަހަރެން މިތަނަށް ގެނައީ ؟ …. ކަމާލިޔާ ކޮބާ؟” ރާއިދުގެ ސުވާލުން ނާޖިދާގެ ހިތުގައި ވެސް އުފެދުނީ ސުވާލުތަކެކެވެ. ހޭއެރިއިރު އޭނާ އޮތީ އެތަނުގައެވެ. އޭނާ އެތަނަށް ގެނައީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ.
“ކީއްކުރަން އުޅެނިކޮށް ހޭ ނެތުނީ ؟” ނާޖިދާއާ ދިމާއަށް އަންނަމުން ރާއިދު ސުވާލުކުރިއެވެ.
“ކޮންމެރެއަކު އިރުއޮއްސޭގަޑީ ކަމާލިޔާ އެގަސްތަކުތެރޭ އުޅޭތީ އޭނާ ކުރާކަމެއް ބަލާލަން އުޅުނީ …. ފޯނުގެ ބައްތި ދިއްލައިގެން ވަދެ މުޅިތަން ބަލައިގެން ވެސް އެއްވެސް އެއްޗެއް ނުފެނުނު …. އެއީ ބޯގޯހެއްކަން ނޭނގެ.” ނާޖިދާ ބޭނުންވީ އެކަންތައް ހަނދާންނައްތާލާށެވެ. އޭނާއަށް ދިމާވިކަންތައް ކިޔައިދީފިނަމަ ރާއިދު ހާސްވެ ކަންބޮޑުވެދާނެއެވެ. އޭނާ ދޫކޮށް ފުރައިގެން ހިނގައި ވެސް ދާނެއެވެ. އޭރުން ކަމާލިޔާއާ ކުރިމަތިލާންޖެހޭނީ އޭނާ އެކަންޏެވެ.
“އަހަރެން ބޭރުން އައިއިރު ނާޖިދާ އޮތީ ގޯތިތެރެއަށް ވެއްޓިފަ ….. އަތްދަނޑިމައްޗަށް ލައިގެން ގެއަށްވަތްއިރު ކަމާލިޔާ ވަރަށް ގަދައަށް ނަލަހެދިލައިގެން ބޭރަށް ނުކުންނަނީ. އަހަރެން އުޅުނީ އަހަރެން ކޮޓަރިއަށް ނާޖިދާ ވައްދަން ….. ކަމާލިޔާ ބުނީ އޭނާގެ ކޮޓަރިއަށް ވައްދަން. އެތާ ބާއްވާފަ އަހަރެން ގޮސް ފިހާރައިން ފިނިފެންފުޅިއެއް ހިފައިގެން މިއައީ …. އެކޮޓަރީގަ ނޭތިމަ މިތަނަށް މިއައީ. ކަމާލިޔާ ނެތް ގެއަކު.” ރާއިދު ކިޔައިދިނީ އޭނާއަށް ފެނުނު މަންޒަރާއި ދިމާވިކަންތަކެވެ.
“އާން …. އެއީ އަހަރެމެނަށް އެހާ މުހިންމު މީހެއް ނޫނެއްނު.” އޭނާ ކޮޅަށް ނަގާށޭ ބުނާފަދައަކުން ރާއިދަށް އަތްދިއްކޮށްލަމުން ނާޖިދާ ވާހަކަދެއްކިއެވެ.
ނާޖިދާގެ ހަށިގަނޑުގައި ބީހިލަން ފުރުސަތެއް ނުލިބިފައިހުރި ރާއިދު އަވަސް އަވަހަށް ނާޖިދާ ކައިރިއަށް ޖެހިލަމުން އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ގަޔާއި ގާތަށް ދަމާލަމުން ނާޖިދާގެގައިގާ ރާއިދު ބައްދާލިއިރު ނާޖިދާގެ ކިބައިން ފެނިގެންދިޔައީ ހިތްހަމަޖެހުމެވެ. އޭނާ ވެސް އެކަމަށް އެދިއެދިހުރި ވަރެވެ.
“މަންމާ !” ކަމާލިޔާގެ އަޑާއިއެކު ނާޖިދާ އާއި ރާއިދު ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އެކަކު އަނެކަކާއި ދުރަށް ޖެހެލިއެވެ. ވަގުތާއި ހާލަތުގެ ގޮތުން ދެމީހުން ވެސް ހާސްވެ ކަންބޮޑުވިއެވެ. ކަމާލިޔާ ބުނެފާނެ އެއްޗަކާމެދު ވިސްނާލެވުނެވެ.
އަވަސް އަވަހަށް ނާޖިދާ ބޭރަށް ނުކުތްއިރު ކަމާލިޔާ އިނީ ފެންޑާތެރޭގައި ފިލާވަޅުގެ ކޮންމެވެސް މަސައްކަތެއްކުރާށެވެ. ކަމާލިޔާ ނަލަހެދި ޒީނަތްތެރިވެފައި ހުރިވަރު ފެނުމުން ނާޖިދާއަށް ލިބުނީ ހައިރާންކަމެވެ. ރާއިދު ބުނިފަދައިން އޭނާ އެއުޅެނީ ކޮންމެވެސްތަނަކަށް ދާށެވެ.
“ކާންދީފަ އަވަހަށް ފޮނުވާލަންވީ …. އޭރުން އަހަރެންނަށް ވެސް ފަސޭހަވާނީ ….. ބޮނޑިއެއް ލިބުނީމަ މައިތިރިވެދާނެ.” ކަމާލިޔާއާ ދިމާއަށް އަންނަމުން ހިތާހިތުން ނާޖިދާ ކިޔާލިއެވެ.
މަޑުމަޑުން ކަމާލިޔާއާ ދިމާއަށް އައި ނާޖިދާ ސިއްސައިގެންދިޔައީ އޭނާއާދިމާއަށް ކަމާލިޔާ ބަލާލިވަގުތު އޭނާގެ މޫނު ފެނުމުންނެވެ. ޒަހަމްވެ ކުނިވެފައިވާ އެމޫނުން މިހާރު ވެސް ލޭ އޮހޮރެމުންދަނީއެވެ. އަނގުރުއަލިފާން ފަދަ ގަދަ ރަތްކުލައެއް ދެލޮލުން ފާޅުވަމުން ދިޔައިރު މެއްސާއި އެހެން ވެސް ބައެއް ކަހަލަ ސޫފި އޭނާގެ މޫނު ކައިރީގައި އުދުހެމުން ޖައްސަމުންދިޔައެވެ.
ފެނުނު މަންޒަރުން ގަތްބިރާއެކު ނާޖިދާ ހަޅޭލަވައިގަންނަމުން ރޮއިގަތެވެ. ފިލާވަޅު ދަސްކުރަންއިން ކަމާލިޔާ ދިޔައީ ސިއްސައިގެން ނެވެ. ނާޖިދާގެ އަޑަށް ރާއިދު ވެސް ދުވެފައި ކަހަލަގޮތަކަށް ކޮޓަރިން ނުކުތެވެ.
ނާޖިދާ ކައިރިއަށް ރާއިދު އައިއިރު ވެސް ނާޖިދާހުރީ މޫނުގައި އަތްއަޅައިގެން ރޯށެވެ. ވާނުވާ ނޭނގި ހައރާންކަމާއެކު ނާޖިދާއަށް ބަލަހައްޓައި ކަމާލިޔާ އިނެވެ.
“ކިހިނެތްވީ ؟” ރާއިދު އައިސް ނާޖިދާ ކައިރިއަށް ހުއްޓެމުން އަހާލިއެވެ. ރާއިދުގެ އަޑަށް ނާޖިދާ އަޑުމަޑުކުރަމުން މޫނުމަތިން އަތްނެގި ނަމަވެސް ކަމާލިޔާއާ ދިމާއަށް ނުބަލާން މަސައްކަތްކުރިއެވެ.
ކަމާލިޔާ ތެދުވެގެން އައިސް ނާޖިދާ ކައިރިއަށް ހުއްޓުނެވެ. ބިރުން ތުރުތުރުއަޅާ ހާލުގައިހުރި ނާޖިދާ މަޑުމަޑުން ކަމާލިޔާއަށް ބަލާލިއެވެ. ކަމެއް ދިމާވެއްޖެނަމަ ރާއިދު އެހީތެރިވާނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ކަމާލިޔާގެ ކިބައިން ކުރިން ފެނުނު އެއްވެސްކަމެއް މިހާރު ފެންނާކަށް ނެތެވެ. ކަމާލިޔާއާ މެދު ނާޖިދާގެ ހިތުގައި ޝައްކު އުފެދުނެވެ. ދެވަނަ ފަހަރަށް ނާޖިދާ ބަލާލި ބަލާލުން ކަމާލިޔާއަށް ފާހަގަކުރެވުނެވެ.
“ކިހިނެތްވީ ފާޑަކަށް އަހަރެންނަށް ތިޔަބަލަނީ ؟ ….. މޫނުމަތީގަ އެއްޗެއް ލިޔެފައި އޮތީތަ ؟” ކަމާލިޔާގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުމެވެ.
“ކަމެއްނުވޭ …. ހިނގާ ދާން ކާން.” ހަމަޖެހޭގޮތް ދައްކާލަމުން ނާޖިދާ ބުންޏެވެ.
ނާޖިދާ އާއި ރާއިދު ކާގެއާ ދިމާއަށް ހިނގައިގަތުމުން އެދެމީހުންގެ ފަހަތުން ކަމާލިޔާ ވެސް ހިނގައިގަތެވެ.
ކެއުމަށް އިންސާފުކުރަމުން ދިޔައީ ތިން މީހުން އެކުގައި ނަމަވެސް އެކަކު އަނެކަކާއި އަނގައަކުން ނުބުނެއެވެ. އަލަށް ދިމާވި ތިން ބީރައްޓެހިން ފަދައެވެ.
ކައިނިމިގެން ކާގެއިން ނުކުންނަން ކަމާލިޔާ ހިނގައިގަތުމުން ނާޖިދާއާ ދިމާއަށް ބަލާލަމުން ރާއިދު ނިތް އަރުވާލިއެވެ. ނާޖިދާއަށް ކަމާލިޔާ ދައްކާލި ފަދައެވެ.
“ދަރިފުޅާ ! …. ހާދަ ރީތިވެލައިގެން ކޮންތާކަށް ތިދަނީ ؟” ކަމާލިޔާއަށް ގޮވާލަމުން ނާޖިދާ އަހާލިއެވެ.
“މިދަނީ ކުލާސްކުއްޖެއްގެ ގެއަށް. މާދަމާ ބަންދެއްނު …. ފަހަރެއްގަ ތަންކޮޅެއް ލަސްވެދާނެ.” ނާޖިދާއަށް ބަލާލުމެއް ވެސް ނެތި ކަމާލިޔާ ވާހަކަދެއްކިއެވެ.
ކަމާލިޔާ ނުކުމެގެން ދިއުމާއިއެކު ނާޖިދާ އާއި ރާއިދުގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވެގެންދިޔައެވެ. އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނީ ކަހަލައެވެ. ރާއިދު އޭނާގެ ކޮޓަރިއާދިމާއަށް ހިނގައިގަތީ ބަދިގޭގެ މަސައްކަތްތައް ނިންމުމަށްފަހު އަވަހަށް އަންނަން ބުނަމުންނެވެ. އާނއެކޭ ބުނަމުން ނާޖިދާ ހިނިތުންވެލިއެވެ.
ރޭގަނޑުގެ އެގާރަޖަހާކަން ހާއިރެވެ. ރަށުތެރޭގައި ރަސްކަންކުރަމުން ދަނީ އަނދިރިކަމާއި ފަޅުކަމެވެ. ވިއްސާރައިގެ ކުލަވަރު ދައްކަމުން ވައިގަދަވަމުންދިޔައިރު މަގެއްމަތިން މީހަކު ނުފެނެއެވެ. މޫސުން ދައްކާގޮތުން އިތުރަށް ވިޔަފާރިނުވާނެކަމަށް ނިންމައި ފިހާރަތަކާއި ހޮޓާތައް ވެސް ބަންދުކުރަން ފަށައިފިއެވެ.
ކަމާލިޔާ އައިސް ގެއަށް ވަތްއިރު ގޭތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަނޑުއަލިކަމެވެ. ނާޖިދާ އާއި ރާއިދު ނިދީކަން ނޭނގެއެވެ.
ވަށައިގެން ހޯދާލަމުން ނާޖިދާގެ ކޮޓަރިއާދިމާއަށް ކަމާލިޔާ ހިނގައިގަތީ ކޮންމެވެސް ކަމަކާއި ޝައްކުވެގެން ކަން ނޭނގެއެވެ. ގޭތެރެއަށް ވަދެގެންދިޔަ މަޑުމައިތިރި ހިނގުމުގައި ކަމާލިޔާ ގޮސް ނާޖިދާގެ ކޮޓަރީ ތަޅުގައި ހިފާލިއިރު އެތަން ހުރީ ތަޅުނުލައެވެ. ކޮޓަރިތެރެ އާއި ފާޚާނާބައި ބެލިއިރު އެތަނުގައި އެއްވެސް މީހަކު ނެތެވެ.
ދެއަތަކަށް ބޯހޫރާލަމުން ރާއިދުގެ ކޮޓަރިއާދިމާއަށް ކަމާލިޔާ ހިނގައިގަތްއިރު އޭނާގެމޫނުމަތިން ފާޅުވަމުންދަނީ ރުޅި އާއި ނަފްރަތު އަސަރުތަކެވެ. ރާއިދުގެ ކޮޓަރިތެރެއިން ދެމީހަކު ވާހަކަދައްކާއަޑު އިވުމާއިއެކު ކަމާލިޔާގެ ޝައްކު ޔަގީންނަށް ވިއެވެ.
ދޮރުފަތުގައި އަތްޖައްސާލަމުން ކަމާލިޔާ ދޮރުފަތް ކޮށްޕާލުމާއިއެކު ތަޅެއް އެއްޗެއްނެތް ހުސް ދޮރުފަތެއްހާ ފަސޭހައިން ހުޅުވިއްޖެއެވެ.
ކުއްލިއަކަށް ދޮރުހުޅުވުމުން ލިބުނު ސިހުމާއިއެކު ނާޖިދާ އާއި ރާއިދު އަވަސް އަވަހަށް ދުރަށްޖެހެލިއެވެ. ކޮޓަރި ތެރެއަށް ވަން ކަމާލިޔާ ފެނުމާއެކު ނާޖިދާ އަވަސް އަވަހަށް ގައިގާ ބެޑްޝީޓް އޮޅާލިއިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. ކަމާލިޔާގެ ދޮންމަންމައެއްގެ ގޮތުގައިހުރެ އޭނާގެ ބައްޕަގެ ގޭގައި ހިލޭ ފިރެހެނަކާއިއެކު އެއްކޮޓަރިއެއްގައި އޮއްވައި ކަމާލިޔާއަށް ފެނުނީއެވެ. ހުރިހާކަމެއް ފަޅާއަރައި ބޭޒާރުވީއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އަނެއްކާ ވެސް އޭނާގެ ކުރީގެ ނިކަމެތި ދިރިއުޅުމަށް އެނބުރިދާންޖެހޭ ވަގުތު އައިސް ޖެހުނީއެވެ.
ފެނުނު މަންޒަރުން ގަތް ލަދާއެކު ކަމާލިޔާ އިސްޖަހާލީ އެމަންޒަރުބަލަން ބޭނުން ނުވެގެންކަން ޔަގީނެވެ.
ރުޅިވެރިކަމާއެކު ނާޖިދާ އާއި ރާއިދަށް ބަލާލަމުން ކަމާލިޔާ ބޮލުން ކޮށްލި ހަރަކާތާއިއެކު ލޮލުންނުކުތް ގަދަރަތްކުލައިގެ އަލި ގޮސް ޖެހުނީ ކޮޓަރީގެ މެއިން ސުއިޗްގައެވެ. އެއާއެކު ކޮޓަރީގައި ކަރަންޓް ޝޯޓެއްއުފެދުނު ކަހަލައެވެ. ސުއިޗްތަކާއި ކަރަންޓްބޯޑުތަކުން އަލިފާންކަނި ބުރައިގެންގޮސް ކޮޓަރިން ކަރަންޓް ކެނޑުނެވެ. ތަނަށް ވެރިވެގެންދިޔަ އަނދިރިކަމުގެ ތެރެއިން ތަނެއްދޮރެއް އެނގޭވަރެއް ނުވެއެވެ.
ފެނުނު މަންޒަރާއިއެކު ދެމީހުންގެ ހިތުގައި ވެސް ކަމާލިޔާއާމެދު ސުވާލުއުފެދުނެވެ.
ބިރުން ތުރުތުރުއަޅާ ހާލުގައި އިން ނާޖިދާ މަޑުމަޑުން އިސްއުފުލާލަމުން ދޮރާއިދިމާއަށް ބަލާލީ ކަމާލިޔާ ކުރާކަމެއް ފެނޭތޯއެވެ. ގަދަ ވަޔާއިއެކު ވިދާގުގުރާ ވާރޭވެހެންފެށީ އެވަގުތުއެވެ. ފަސްތަނުން ބަނދެފައިވާ ގަބުރެއްފަދައިން ހުދުކުލައިން ހުރި ކަމާލިޔާ ފެނުމާއެކު ނާޖިދާއަށް ރޮއިގަނެވުނީ ގަތްބިރުން ހިތަށް ކެތްނުވެގެންނެވެ. އެހީއަކަށް އެދޭފަދައަކުން ރާއިދުގެ ގައިގާ އަތްޖައްސާލިއިރު އޭނާ ވެސް އިނީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ. ސަލާމަތްވާނެކަމުގެ އުންމީދެއް އެކަކަށް ވެސް ނެތެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި