ކޮޅުމަޑުލު ތިމަރަފުށި އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ދިހަވަނަ މެޗުގައި ކަނޑޫދޫގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިގެން ސެމީފައިނަލުގެ ފަހު ޖާގަ ވަންދޫ އިން ކަށަވަރުކޮށްފިއެވެ.
އިއްޔެ ހަވީރު ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ވަންދޫ ޓީމުން ކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ހަމައެކަނި ގޯލު ފަހު ހާފުގައި ފެނިގެންދިޔައިރު، ބޭއަދަބީ ބަހުން ރެފްރީ އާއި މުޢާމަލާތްކުރުމުން ކަނޑޫދޫ ޓީމުގެ މެނޭޖަރަށް 63 ވަނަ މިނެޓުގައި ވަނީ ސީދާ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ވަންދޫ ޓީމުގެ ގޯލު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސެއިން ޝަހީލް އެވެ. ޝަހީލް މިގޯލު ކާމިޔާބުކުރީ ކަނޑޫދޫ ކީޕަރު ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް އޮއްސާލައިގެންނެވެ.
މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވަންދޫ ޓީމުގެ އާދިލް އަހުމަދު އެވެ. މި މެޗުން މޮޅުވުމުން ކުޅުނު ހަތަރު މެޗުން ހޯދި ފަސް ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ޓީމުގެ ގޮތުގައި އެމްޕީ ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ވަންދޫ ވަނީ ދަތުރުކޮށްފައެވެ. ކުޅުނު ހަތަރު މެޗުން އެއް ޕޮއިންޓު ލިބިގެން ތާވަލުގެ އެންމެ ފުލަށް ގޮސް ކަނޑޫދޫ ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތް ކުރިއަށް ގެންދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ވެސް އެއް ޓީމު، އަނެއް ޓީމާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމެއް ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މިގޮތުން ސެމީފައިނަލް ގައި ވާދަކުރާ ޓީމުތައް މިހާރު ކަށަވަރުވެފައިވާއިރު، ސެމީފައިނަލުގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ އެއްވަނައިގައި އޮތް ތިމަރަފުއްޓާއި، ތިންވަނައިގައި އޮތް ވަންދޫ އެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ ދެވަނައިގައި އޮތް ހިރިލަންދޫ އާއި، ހަތަރުވަނައިގައި އޮތް ވޭމަންޑޫ އެވެ. ސެމީފައިނަލުގެ ފުރަތަމަ މެޗު 7 ޖެނުއަރީ 2020 ވަނަ ދުވަހުގެ 16:00 ގައި ކުޅޭއިރު، ސެމީފައިނަލުގެ ދެވަނަ މެޗު ކުޅޭނީ 8 ޖެނުއަރީ 2020 ވަނަ ދުވަހުގެ 16:00 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި