ފެހެންދޫ ސްކޫލް ކުދިން ޒަމާނުއްސުރެ ސްކޫލަށްދާ ދަތިހާލު ނޭނގޭނެ ބަޔަކު މި ދިވެހިރާއްޖޭގައި މިހާރު އުޅޭނޭ ހެނެއް ހިޔެއްނުވެއެވެ. ނަމަވެސް މިކަމަށް ހައްލެއް މިވަނީ އަދިވެސް ލިބޭނޭގޮތް ނުވެފައެވެ. ޑިންގީއެއްގައި ފަޅެއް ހުރަސްކޮށް ގޮއިދޫ ސްކޫލަށް މިކުދިން ގެންދިއުމުގެ ދަތުރު ޚަރަދު ހަމަޖައްސަނީ އެޑިއުކޭޝަނުންދޭ އެލަވަންސްގެ އެހީގައެވެ. ކުރިއެކޭ އެއްގޮތަށް މިހާރުވެސް ސަރުކާރުން ދޭ ޙާއްޞަ އެލަވަންސް ބަައެއް ކުދިންނަށް ލިބޭ އިރު އަނެއްބައި ކުދިންނަށް އަދިވެސް ނުލިބެއެެވެ.
ޕްރީސްކޫލް ކުދިންނަށް އެލަވަންސް ނުލިބެއެވެ. މި ފެށޭ ދިރާސީ އާ އަހަރު ފެހެންދޫގައި ޕްރީސްކޫލަށް ދާ 7 ކުދިން އެބަތިއްބެވެ. ނަމަވެސް މިކުދިން ކިޔަވަން ހަމަޖެހިފައިވަނީ ގޮއިދޫ ސްކޫލުން ފެހެންދޫގައި ހިންގާ ސެޓްލައިޓް ކްލާހުގައެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ގޮއިދޫ ސްކޫލުން ފޮނުވާ ވަގުތީ ޓީޗަރެއްގެ އެހީގައެވެ. އިޢުލާނު ކޮށްގެންވެސް ތަމްރީނުވެފައިވާ ޓީޗަރެއް ލިބިފައި ނުވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
މީގެ ކުރިން ޕްރީސްކޫލްގައި އެއް ކުއްޖަކު ނުވަތަ ދެކުދިންވެސް ކިޔަވާފައި އެބަހުއްޓެވެ. އެކަށީގެންވާ ވަސީލަތްތައް ނުލިބިއެވެ. ބެލެނިވެރިންވަނީ މިކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި، މިހެން އެކަނި ކްލާހެއްގައި ކިޔަވާ ކުއްޖަކާ ވަރަށް ބޮޑު ފަރަގެއް ހުންނަކަމަށް ބެލެނިވެރިން ބުނެއެވެ.
“ވަރަށް ބޮޑަށް ތަފާތު ފެނޭ.. ސްކޫލަށް ނުދާން ރޯނެ.. ބުނާނެ ކުދިން މާގިނައޭ.. މާ އަޑުގަދައޭ .. ކުޅިވަރުތަކުގަވެސް ބައިވެރި ކުރިއަސް ލަދުން ނުކެރިފަ އަބަދުވެސް ހުންނާނީ ..އެއްޗިހި ދަސްކުރުމަގަވެސް އެހެން ކުދިންނަށް ވުރެ ލަސްކަމަށް ފާހަގަ ކުރެވޭ” ބެލެނިވެރިއަކު ނަން ހާމަ ނުކުރުމަށް އެދި ބުންޏެވެ.
“ބެލެނިވެރިންގެ އެދުމުގެ މަތިން ކުދިން ގެނެސްދީފައިވާނީ އެލަވަންސް ނުލިބުނު ކަމުގައިވީ ނަމަވެސް.. މިފަހަރު 7 ކުދިން އެބަތިބި.. ޕްރީ ސްކޫލްގައި.. އެއިން ކޮންމެ ކުއްޖަކާއި އެކު 7 ބެލެނިވެރިންވެސް ތިބޭނެ.. އިތުރަށް ދަތުރެއް ނަގައިން ނޫނީ ނެތް ގެނެވޭކަށް.. އިތުރު ދަތުރެއް ކުރާނަމަ ކުރަންޖެހޭ ޚަރަދުވެސް އިތުރުވާނެ.. މި ކުދިންނަށްވެސް އެލަވަންސް ލިބެންޖެހޭނެކަމަށް ޤަބޫލު ކުރަން” ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.
މިކުދިންނަށް އެލަވަންސް ދެވެންނެތީ އެޑިއުކޭޝަނުން އެލަވަންްސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފުވާތީ ކަމަށް ތަކުރާރުކޮށް އެ މިނިސްޓްރީން ދަނީ ބުނަމުންނެވެ. އެތައް ފަހަރަކު ބެލެނިވެރިންނާއި ގޮއިދޫ ސްކޫލްގެ މެނޭޖްމަންޓުން ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް މި މައްސަލަ ވަނީ ހުށަހަޅާފައެވެ. ކޮންމެ ފަހަރަކު ވެސް އެއް ޖަވާބެއް ދޭން ޖެހުނުނަމަވެސް އުސޫލަށް ބަދަލުގެންނެވުމުގެ ވިސްނުމެއް އަދިވެސް އެ ބޭފުޅުން ގެންގުޅުއްވާ ކަމުގެ ސިގްނަލެއް ދެއްވާފައެއް ނުވެއެވެ.
ފެހެންދޫގައި ދިރިއުޅުނަސް ބައްޕަ ނުވަތަ މަންމަ އެހެން ރަށެއްގައި ރަޖިސްޓްރީ ވެފައި ވާނަމަ އެކުދިންނަކަށް ވެސް އެލަވަންސެއް ނުދެއެވެ. ތަޢުލީމަކީ ގާނޫނު އަސާސީން ހުރިހާ ކުދިންނަށް ހަމަހަމައަށް ލިބިދޭން ޖެހޭ ހައްޤަކަށް ވާއިރު މަންމަ ނުވަތަ ބައްޕަ އެހެން ރަށަކަށް ނިސްބަތް ވުމުން އެލަވަންސް ނުލިބޭ ކަމަށް ވަނީނަމަ އެޑިއުކޭޝަން ގެ މި އުސޫލުގެ ސައްޙަކަމާއި މެދު ސުވާލު އުފެދެއެވެ.
ފެހެންދޫ ސްކޫލް ކުދިން ގެ ދަތުރުތަކަށް ޚާއްޞަ ފެރީއެެއް އިންޑިއާ ސަރުކާރުގެ އެހީގައި ބަނުމަށް މިހާރުވަނީ ހަވާލުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޮކްޓޯބަރ 2023ޚަބަރުއަންހެން ޑިވިޝަންގެ ޗެމްޕިއަންސްކަން ޗަޑްސްއަށް
- 21 އޮކްޓޯބަރ 2023ޚަބަރުފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސްއަށް
- 19 އޮކްޓޯބަރ 2023ޚަބަރުފައިނަލްގައި ޗެލެންޖާސް އަދި ރޯޔަލް ފްރެންޑްސް
- 18 އޮކްޓޯބަރ 2023ޚަބަރުޑްރެގަންސް ބަލިކޮށް ޗަޑްސް އިން ފައިނަލަށް