ކޮޅުމަޑުލު ތިމަރަފުށި އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި 4-1 ގެ ނަތީޖާއަކުން ހިރިލަންދޫ ގެ މައްޗަށް ކުރިހޯދައިގެން ވޭމަންޑޫ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިއްޔެ ހަވީރު ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ވޭމަންޑޫ މޮޅަށް ކުޅެމުންދަނިކޮށް، ހިރިލަންދޫ ޓީމުން ވަނީ ވަރަށް ގާތްގާތުގައި ނުރައްކާތެރި ދެ ހަމަލާއެއް ވޭމަންޑޫ ގޯލަށް ފޮނުވައިލާފައެވެ. ހިރިލަންދޫ ޓީމުގެ މުހައްމަދު އާޒިމް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، އެޓީމުގެ މޫސާ ފަޔާޒު ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ވޭމަންޑޫ ޓީމުގެ ޝާފީ ޝާބިގް ވަނީ ގޯލުގެ ރޮނގުމަތިން ކަހަލަގޮތަކަށް ދިފާއުކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ހިރިލަންދޫ ޓީމުގެ އަހުމަދު މުފީދު ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށް ކަން ފާހަގަކޮށްލެވެއެވެ. ވޭމަންޑޫ ޓީމުގެ ފުރަތަަމަ ގޯލު 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްދޫން އަހުމަދު އެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ހިރިލަންދޫ ޓީމުގެ މޫސާ ފަޔާޒު ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަަމަ ހާފު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ވޭމަންޑޫ ޓީމު ފެނުނީ ވަރަށް ވަރުގަދަކޮށް ކަން ފާހަގަކޮށްލެވެއެވެ. 62 ވަނަ މިނެޓުގައި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވޭމަންޑޫ ޓީމުގެ ފޯވާޑު ނަދީމް އަހުމަދު ވަނީ ގޯލެއް ޖަހާ ވޭމަންޑޫ އަށް މެޗުގެ ލީޑު ނަގައިދީފައެވެ. އޭގެ ފަސް މިނެޓު ފަހުން އޭނާ ވަނީ އިތުރު ގޯލެއް ޖަހާ ވޭމަންޑޫ ގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ފަސްވަނަ ގޯލު ކަން ފާހަގަކޮށްލެވެއެވެ. ހަ ގޯލާއެކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ތިމަރަފުށީ ޓީމުގެ ފޯވާޑު އަހުމަދު ތޯހިރު އެވެ. ފައިނަލުގައި އަނެއްކޮޅުން ތިމަރަފުށި ކުޅޭއިރު، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ފުރުސަތު މި ދެ ކުޅުންތެރިންނަށް ވެސް އެބައޮތެވެ. ވޭމަންޑޫ ޓީމުގެ ފަހު ގޯލު 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަދުހަމް ޝަރީފު އެވެ.
މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވޭމަންޑޫ ޓީމުގެ އަދުހަމް ޝަރީފު އެވެ. މި މެޗުން މޮޅުވުމާއެކު، ވޭމަންޑޫ މިވަނީ އެމްޕީ ކަޕް 2019 ގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލުގައި އަނެއްކޮޅުން ވާދަކުރާނީ މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ، މޮޅުކުޅުމެއް ދައްކަމުން އަންނަ ތިމަރަފުއްޓެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު 16:00 ގައި ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައެވެ.
އެމްޕީ ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ބައިލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި