ފިލްމާއި ޑްރާމާފަދަ ވީޑިއޯ އުފެއްދުންތައް ކުޑަކުދިންނަށް ދެއްކުމުގައި ބެލެނިވެރިންގެ ސަމާލުވުން އިތުރުކުރުމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ހޭލުންތެރިކުރުވުމުގެ އިޝްތިހާރެއް (ކްލެސިފިކޭޝަން އެވެއަރނަސް ސްޕޮޓެއް) އާއްމުކޮށްފިއެވެ.

މި މަހުގެ 08ވަނަ ދުވަހު ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން (އެންބީސީ) އިން ފޭސްބްކްގައި އާއްމުކޮށްފައިވާ ކުރު އިޝްތިހާރުގައި ފެނިގެންދަނީ ރާޅުގަނޑު ސަރަހައްދުގައި ބަޔަކު ރާޅާއަޅާތަން ބަލަން ހުރެފައި ތުއްތު ކުއްޖެއް ރާޅާއެޅުމަށް މޫދަށް އެރެން ހިނގައިގަންނަތަނެވެ. އެވަގުތު ބޮޑު މީހަކު އައިސް އެކުއްޖާއަށް އެކަމުގެ ހުރި ގޮންޖެހުންތަކާއި ނުރައްކާތެރިކަން އޮޅުންފިލުވައިދޭތަން ފެނިގެން ދެއެވެ. އެއަށްފަހު އޯޑިއޯ ކެޕްޝަން އެއްގައި ބުނަނީ “ކުއްޖާ އެންމެ ރަނގަޅަށް އެނގޭނީ އެކުއްޖެއްގެ ބެލެނިވެރިޔާއަށް. އެކުދިން ކުރާ ކަންކަމާ، ބަލާ ތަކެއްޗާމެދު ސަމާލުވެލައްވާ!” މިހެންނެވެ.

އިޝްތިހާރުގެ މަޢުލޫމާތު މުނިއަވަސް އަށް ހިއްސާކުރައްވަމުން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މަހްދީ އަޙްމަދު މިއަދު ވިދާޅުވީ ދައްކާ ކޮންމެ ފިލްމެއް އެ ފިލްމާ އެކަށީގެންނުވާ އުމުރުފުރާގެ ކުދިން ބެލުމުން އެކަމުން ވަރަށް ނޭދެވޭ ގެއްލުމެއް ލިބިދާނެ ކަމަށެވެ.

“ސްޕޮޓްގެ މައިގަނޑު މެސެޖަކީ ކުޑަކުދިންނަށް ކޮންމެކަހަލަ ފިލްމެއް ނުދައްކާށޭ. ކުދިން ބަލަން އެކަށީގެންވާ އެއްޗެއްސަށް ބެލެނިވެރިން ގައިޑްކޮށްދެއްވާށޭ. ކުދިންނަކީ ވަރަށް ކިއުރިއަސްވވާ ބައެއް. ބޮޑެތިމީހުން ކުރާ ކަންތައްތައް ކުރާހިތްވާ ބައެއް.” މަހްދީ ވިދާޅުވިއެވެ.

އުމުރުފުރައާއި އެކަށީގެންނުވާ މަޢުލޫމާތަކުން ކުޑަކުދިންނަށް ދާއިމީ އަސަރެއްކޮށްފާނެ ކަން އަބަދުވެސް ބެލެނިވެރިން ހަނދާންކުރަން ޖެހެއެވެ.

‘ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ގަވާއިދު’ ގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް ގިންތި ކުރުމަށް ’ގިންތި ޢާއިލާ‘ ގެ ނަމުގައި ’ކާޓޫނު ކެރެކްޓަރ‘ ތަކެއް ހިމެނޭ އާއިލާ އެއް އެންބީސީން މީގެ ކުރިންވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން އެ ކެރެކްޓަރތައް ހިމެނޭ ޕޯސްޓަރުތަކަކާއި ކާޓޫނު ވީޑިއޯ ސްޕޮޓްތަކެއްވެސް ވަނީ އާއްމުކޮށްފައެވެ.

ފަންނުވެރި އުފެއްދުން ދިވެހިރާއްޖޭގައި ދަރަޖަކުރަން ވަަނީ 7 (ހަތެއް) އުމުރުފުރައަކަށް ބަހާލެވިފަ އެވެ. އެއިން ކޮންމެ އުމުރުފުރައަކަށް ވަކިކުލައެއް ދީފަައިވެއެވެ.

(ހ) ހުރިހާ އުމުރުފުރައަކަށް ހުއްދަނަމަ، G އަކުރާއެކު މަޑު ފެހިކުލަ.

(ށ) ބެލެނިވެރިންގެ އިރުށާދާއެކު ބޭނުންކުރުމަށް ކަމުދާ އުފެއްދުންތަކަށް – PG  އަކުރާއެކު ގަދަ ފެހިކުލަ

(ނ) ބާރަ އަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް – +12 އާއެކު މަޑުނޫކުލަ

(ރ) ފަނަރައަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް – +15 އާއެކު ރީނދޫކުލަ

(ބ) އަށާރަ އަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް – +18 އާއެކު މަޑު ރަތްކުލަ

(ޅ) އަށާރަ އަހަރުން މަތީގެ މީހުންނަށް އިންޒާރުގެ މެސެޖާއެކު ކަމުދާ އުފެއްދުންތަކަށް 18+R އާއެކު ގަދަ ރަތްކުލަ.

(ކ) ހަމައެކަނި ފަންނީ ބޭނުންތަކަށް ހުއްދަ އުފެއްދުންތަކަށް – PU އާއެކު ކަޅުކުލަ

ރާއްޖޭގައި ބޭނުންކުރާ ނުވަތަ ރާއްޖެ އެތެރެކުރާ ފަންނުވެރި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ފިލްމާއި، ޑޮކިއުމެންޓްރީ، ޑްރާމާ، ސްޓޭޖް ޝޯ، އިޝްތިހާރު، ފިލްމު، އަދަބިއްޔާތު، ރިކޯޑް ކޮށްފައި ހުންނަ ވީޑިއޯ އަދި އަޑުގެ އިތުރުން ކޮމްޕިއުޓާ ކޮންސޯލް ގޭމްސް އަކީ ވެސް ވަކި ގިންތިއެއް ކަނޑައަޅަން ޖެހޭ އުފެއްދުންތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.