މާހެފުން ތައްޔާރުކުރުމާއި މާހެފުން އޮޑި އެޅުން އަދި މާހެފުންދުވަސް ފާހަގަކުރުން

“ދުވަސްވަރަކީ 1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަގެއަކީ ފަސްބުރިއަށް ނަގާފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދާފައި ހުއްޓެވެ. އެދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.
މާހެފުންދުވަހާއި ދިމާކޮށް މިގޭ ކޮންމެވެސް ކުއްޖެއްގެ އުފަންދުވަސް އަންނަނީކަމަށް ހީކޮށް ހުއްޓާ އިވިގެން ދިޔައީ މާހެފުމަކަށް ތައްޔާރުކުރަން އުޅޭ ވާހަކައެވެ. ބަދިގެ ތެރޭގައި ކައްކަމުން ދިޔައީ ކުކުޅާއި ޕާސްތާފަދަ ޒަމާނީ ކެއުންތަކެވެ. ދެންހުރީ ހެދިކާއާއި ކަދުރެވެ. ކާން ހުރިއެއްޗެއްސާއި ކުރާން މިއުޅޭ ކަންތަކާއި އަޅާކިޔާލުމުން އަހަންނަށް ވިސްނުނު އެކައްޗެއްވެސް ނެތެވެ. މާހެފުން ދުވަހަށް މިހުރިހައި އެއްޗެއް ތައްޔާރުކުރާކަމެއް މީގެ ކުރިން ނުދެނެހުރީމެވެ.”

މަތީގައި ދަންނަވާލެވުލު ޙާދިސާގައި ބަޔާންކޮށްފައިއެވަނީ މާލޭ މީހުން މާހެފުން ދުވަސް ފާހަގަކުރާގޮތް އަޅުގަނޑަށް ފުރަތަމަ ތަޖްރިބާކުރެވުނު ދުވަހުގެ ކުޑަ ތަންކޮޅެކެވެ. މިހާރު ރަށްފުށުގައިވެސް މާހެފުން ދުވަސް ފާހަގަކޮށް އުޅެނީ މިދެންނެވިފަދަ ގޮތަށްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. ނަމަވެސް ނުވަދިހައިގެ އަހަރުތަކުގެ ކުރިން ރަށްފުށުގައި މާހެފުން ފާހަގަކޮށް އުޅުނީ މިގޮތަށް ބާވައެވެ؟ މި ސުވާލު އަޅުގަނޑު މިކޮށްލީ ޖަވާބުވެސް އެނގިހުރެއެވެ. އެހެނީ އޭރު، މާހެފުން ދުވަސް ފާހަގަކުރަނީ މިހާރު މިފެންނަ ގޮތަކަށް ނޫނެވެ. މިހާރު މިފެންނަގޮތަށްވުރެން މާމަޖާ، ދިވެހިވަންތަ، ދިވެހިންގެ ޘަޤާފަތާއި ދިވެހިންގެ މަސައްކަތްތެރިކަން ދައްކައިދޭ ގޮތަކަށެވެ. މިހާރަށްވުރެން އެކުވެރިކަން ބަދަހިކޮށްދޭ ގޮތަކަށެވެ. މިގޮތްތައް ހަމަގައިމުވެސް އަޅުގަނޑާއި އެއް ޢުމުރުގެ މީހުން ހަނދާން ހުންނާނެއެވެ.

މާހެފުން ހެދުން – ފުރަތަމަ ދުވަސް

މާހެފުންދުހަށް އޭރު ތައްޔާރުވާގޮތް ކިޔުންތެރިންނާއި ހަމައަށް ތިލަކޮށްލެވޭތޯ މިހިސާބުން ބަލާލާނަމެވެ. އޭރު މާހެފުން ދުވަހަށް ތައްޔާރުވާން ފަށަނީ މާހެފުން ދުވަހުގެ ހަފްތާތަކެއް ކުރިންނެވެ. ހަނޑޫ އަވީގައިލާ ހަނޑޫ މާއެރުވުން އޮންނާނެއެވެ. އޭރު ހުންނާނީ ދިޔާހަކުގެނެސް ފުޅިފުޅީގައި ރައްކާކުރެވިފައެވެ. ހަނޑޫ މާއެރުވުމަށްފަހު ދިޔާހަކުރު އޮލަކޮށް ކައްކައި މާއެރުވި ހަނޑޫ އެއަށް އަޅައި ހަކުރުލީބަތް ތައްޔާރުކޮށް ބޮނޑިބަތްގުޅަ ވަށާވަރަށް ނުވަތަ ހޮޓާތަކުގައި މިހުންނަ ބޮޑުގުޅަ ހުންނަވަރަށް ގުޅަވަށައި ޑަބިޔާތަކަށް އަޅައި ރައްކާކުރާނެއެވެ. ހަމަ އެހެންމެ ހިތްތަލަފުށުން ހަދާފައިހުންނަ ވައިފޮޅީގައިވެސް ހަކުރުލާފައި މިގޮތަށް ބަހައްޓާފައި ހުންނާނެއެވެ. މިއީ މާހެފުން ދުވަހަށް ތައްޔާރުކުރާ ހެދިކާ ނުވަތަ މާހެފުން ތަކުގެ ތެރެއިން ދުރާލާ ތައްޔާރުކުރާ ދެބާވަތެވެ. މިކަމަކީ އަންހެންވެރިން ބައި ހަދާލާފައި ވަރަށް ފޯރިއާއިއެކު ކުރަމުން އައި ކަމެކެވެ.

މަތީގައި ދަންނަވައިލެވުނު ކަންކަން އަންހެންވެރިން ކުރަމުން ދާއިރު ފިރިހެންވެރިންނާއި ފިރިހެންކުދީން އަތްއުރާލައިގެން ތިބެނީއަކީ ނޫން އިނގޭތޯއެވެ. މާހެފުންދުވަހަށް ތައްޔާރުކުރާ ޚާއްޞަ އޮޑިއެއް ކަމަށްވާ “މާހެފުން އޮޑި” ތައްޔާރުކުރުމުގައި މިވެރިން މަސައްކަތް ފަށައިގެން އޭރު އުޅޭނެއެވެ. އަވައްޓެރި ގޭގޭގެ އަންހެންވެރިން ބައިހަދާފައި ހެދިކާހެދުމުގައި ޢަމަލުކުރާ ބީދައިން ފިރިހެންވެރިންވެސް ކުދިވެރިންގޮވައިގެން ބައިހަދާފައި ކޮންމެވެސް އެއްގެއެއްގެ ގޯތިތެރޭގައި ނުވަތަ ގޯތީގެ ބިއްދޮށްފަރާތުގައި އޮންނަ ވަލުތެރެއާއި ގޯތީގެ އިންފާރު ވަކިވާހިސާބު (ފުޅަފުން ބޭރު ނުވަތަ ފޮނަދޫ މީހުން ކިޔާގޮތުންނަމަ ފޮޅަށްދަށުގައި) ގައި މާހެފުން އޮޑިއެއް އެޅުމާއިގެން އުޅޭނެއެވެ. މިތާގައި އޮޑިއެއް ބަންނަ ވާހަކަ ނުދައްކައި އޮޑިއެއް އަޅާ ވާހަކަ ދައްކަނީ ކީއްވެގެންކަން ތަންކޮޅެއް ފަހުން އެނގިގެން ދާނެއެވެ. މިދެންނެވިހެން ގޭގޭގައި އޮޑި އެޅުމުގެ އިތުރުން ނޫކަށިފުރައިގެ ޒުވާނުން ނުވަތަ ޓީންއޭޖް ކުދިން އޮޑިއެއް އެޅުމުގެ މަސައްކަތް ކުރަމުންގެންދާނީ މޫދުތެރޭގައެވެ. އަދި މިގޮތަށް އަޅާ އޮޑިއަކީ ރަށުގައި އަޅާ އެންމެ ބޮޑު އޮޑިޔައަށް ހެދުމަށް ވަރަށް މަސައްކަތް ކުރާނެއެވެ. މިކަމުގެ ބޭނުމަކީ އޮޑިބަލަން އަންނަމީހުނާއި އޮޑިއަށް އަރަން އަންނަ މީހުން އިތުރު ކުރުމަށެވެ. މިގޮތަށް ހެދުމުން އޮޑިންކުރެވޭ “ވިޔަފާރި” ރަނގަޅުވެސް ވާނެތީއެވެ. މިތާނގައި ވިޔަފާރިއެއްގެ ވާހަކަ އައި ސަބަބުވެސް މިލިޔުން ވިދާޅުވަމުން ދާވަރަކަށް ދޭހަވަމުން ދާނެއެވެ. ތިރީގައި މިބަޔާން ކޮށްލަނީ މާހެފުން އޮޑި އަޅާއުޅުނުގޮތުގެ ޚުލާޞާއެކެވެ.

މާހެފުން އޮޑި އެޅުން

މިއީ މޫދުގައި މާހެފުންއޮޑި އެޅުމަށް ނޫކަށިފުރައިގެ ޒުވާނުން މަސައްކަތްކުރާގޮތެވެ. އަޅުގަނޑުމެންވެސް މިގޮތަށް ތިން ހަތަރު އަހަރު މާހެފުން އޮޑި އެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ ތަޖްރިބާތަކެއް ލިބިފައި ވާނެއެވެ.

މާހެފުންއޮޑި އެޅުމަށްޓަކައި މާހެފުން ދުވަހުގެ ގާތްގަނޑަކަށް މަސްދުވަސްކުރިން އޮޑިއެޅުމަށްޓަކައި އެއްޗެހިކަނޑަން ވަލަށް ދާނެއެވެ. ވަލަށްގޮސް ވަރުގަދަ ގަސްގަހުން މުޑިއަށް ވާކަހަލަ ދަނޑި ކަނޑާންޖެހެއެވެ. މިކަމަށްޓަކައި އެންމެ ރަނގަޅީ އުނިގަހާއި ދިއްގާގަހުގެ ދަނޑި ނުވަތަ މުޑިއެވެ. މީގެ އިތުރުން އޮޑީގެ އޮނިގަނޑުގެ ވަށައިގެން ޖެހުމަށްޓަކައި ތަންކޮޅެއް ތަތް ލަކުޑި ހުންނަ ގަސްގަހުން ދަނޑިކަނޑަން ޖެހެއެވެ. މިކަމަށް ދިއްގާގަހުގެ ދަނޑިއަކީ ވަރަށް އެކަށޭނަ ދަނޑިއެކެވެ. މިގޮތަށް ދަނޑިކަނޑަނީކީ ދެތިން ހަތަރު ދަނޑިއެއް ނޫނެވެ. މިހާރު މިފެންނަ ރެޑްމެރެންޓީ ލަނކުޑި ބޮނޑީގެ ދެތިންބޮނޑިހައި މުޑި ނުވަތަ ދަނޑި ކަނޑާން ޖެހެއެވެ. މީގެން ދަނޑިއެއްގެ ދިގުމިނުގައި 15 ވަރަކަށް ފޫޓަށްވުރެން ދިގުމިން ހުންނާން ޖެހެއެވެ. އަދި ޑައިމީޓަރ ނުވަތަ ވަށަމިނުގައި ކޯލާ ދަޅެއްގެ ވަށަމިން ގާތްގަނޑަކަށް ހުންނާންޖެހެއެވެ.

މިދެންނެވި ދަނޑިތައް ނުވަތަ މުޑިތައް ކެނޑުމުގެ އިތުރުން އޮޑީގެ ދެކޮޅު ދެ މައްޔަލަށް ވަރަށް ވަރުގަދަ ދެމުޑި ކަނޑަން ޖެހެއެވެ. މިކަމަށްޓަކައި ފެންފޯއްރުކެއްގެ ފަލަމިން ހުންނަވަރުގެ އުނިގަހުގެ މުޑިއެއް ކަމުދާނެއެވެ. ނުވަތަ ކުދިކަށިކެޔޮ ގަހުގެ މައިގަސްގަނޑު ކަމުދާނެއެވެ. ކޮންމެއަކަސް މިހުރިހާއެއްޗެއް ކަނޑަމުން ދާއިރު ދިއްގާގަހުގެ ތަންކޮޅެއް ޅަކޮށްހުންނަވަރުގެ ދަނޑި، ވަކައިގެ ގޮތުގައި ކަނޑާނެއެވެ. މިވަކަ އަކީ އޮޑި އަޅާއިރު އޮޑީގެ ޕްލެޓްފޯމް (ތައްޓު) ހެދުމަށް ބޭނުންކުރާ އޮށިތައް، އޮޑީގެ އޮނިގަނޑުގެ މަތިކަނަށް އިންނަ ދަނޑިއާއިލައި ގެތުމަށް ބޭނުންކުރާ ވަކައެވެ. މިދެންނެވި ހުރިހައި އެއްޗެއް ކަނޑާ ނިމިގެން މިތަކެތި، އޮޑި އަޅަން ޚިޔާރުކޮށްފައިވާ އަތިރިމަގާއިހަމައަށް ގެންދަނީ މޫދުތެރެއިން ދަމާފައެވެ. މިއީ ދަރުބަނދެގެން ކުރީޒަމާނުގައި ދަރު ގެންދާގޮތަށް ނުވަތަ ލަކުޑި ގެންދާގޮތަށް ކުރާ ކަމެކެވެ. ކޮންމެއަކަސް ކަނޑާފައިހުރި ހުރިހާ މުޑިތަކާއި ދަނޑިތައް މީހުންއުޅޭ ހިސާބަށް ގެންގޮސް އަތިރިމަތީ ހިކިތަނަށް އަރުވާ ނިމޭއިރު އެދުވަހުގެ އަސުރުން ތިރިވެފައި ވުމުން، އެދުހަށް ކަނޑައެޅުނު މަސައްކަތް އެހިސާބުން ކޮށް ނިމުނީއެވެ.

ޖެހިގެން އަންނަދުވަހު ދިޔަވަރުހިކޭވަގުތެއް ބަލާފައި އަތިރިމަގަށް އެންމެން ޖަމާވެ، މަސައްކަތް ފައްޓާނެއެވެ. މިގޮތުން މިދުވަހުގެ މައިގަނޑު މަސައްކަތަކީ އޮޑީގެ ދެ މައްޔާ ބިމަށް ޖެހުމެވެ. ބިމަށް ޖެހުމޭ ދަންނަވާއިރު މިދަންނަވާ ބިމަކީ ބޮޑުދިޔައިގައި ދެތިން ފޫޓަށް ލޮނުގަނޑު އޮންނާނެ ހިސާބުން މޫދުގެ ހުއިގަނޑު މައްޗެވެ. މިގޮތަށް ޖަހާ ދެމުޑިއަކީ އޮޑީގެ ބިންގާ ކަމުގައިވެސް ދެންނެވިދާނެއެވެ. ދިޔަވަރު ހިކިފައި އޮންނަވަގުތު ހުއިގަނޑު މަތީގައި ފާންތިލައާއި އުދަލި ބޭނުންކޮށްގެން ދޮޅު ފޫޓާއި ދެފޫޓުގެ ފުންމިނުގައި ހުންނަ އަދި ވަށަމިނުގައި ދެ މައްޔަލަށް ކެނޑި މުޑިއަށްވުރެން ކުޑަތަންކޮޅެއް ފުޅާ ދެ ވަޅުކޮނެ ދެމުޑި ޖަހައި ނިމުމުން މައްޔާ ޖެހުނީ އެވެ. މިހިސާބުން މޫދުގައި އެދުވަހު ކުރަންހުރި މަސައްކަތް ނިމުނީއެވެ. ސަބަބަކީ މިގޮތަށް މިޖަހާ ދެމައްޔާ ރަނގަޅަށް މޫދު އަޑިން ބިމުގައި ހިފާނީ ދެތިންދުވަސް ވާންދެން ބަހައްޓާލުމުންނެވެ.

ދެތިންދުވަސް ފަހުން އޮޑީގެ އޮނިގަނޑު ހެދުމަށްޓަކައި ދޯނީގެ ބައްޓަން އިންނަގޮތަށް މުޑިތަކެއް ކައިރިކައިރީގައި ޖަހަން ޖެހެއެވެ. އަދި މި މުޑިތައް ޖަހާނިމިގެން މިޖެހި މުޑިތަކުގެ ބޭރުފަރާތުން މުޑިތަކުގެ ހުރަހަށްވާގޮތަށް ހެޔޮވަރުގެ ދިއްގާ ދަނޑި އައްސައި އޮނިގަނޑު ތައްޔާރުކުރާއިރު ހުންނާނީ ކޮށިގަނޑެއްހެންނެވެ. ނަމަވެސް ބައްޓަން ހުންނާނީ އިހު ދެންނެވިފަދައިން ދޯންޏެއްގެ މަތިން ބަލައިލާއިރު ފެންނާން ހުންނަ ގޮތަށެވެ. މިގޮތަށް ވަށައިގެން އަޅާ ދަނޑިތައް، އެއް ދަނޑި އަނެއްދަނޑިއާއި ދެމެދު ފޫޓެއް ނުވަތަ ދޮޅުފޫޓެއް ހުންނަވަރަށް ބެހެއްޓުމުން ރަނގަޅުވާނެއެވެ. މިހެން ދަނޑިތައް އައްސަނީ ފަލަ ރޯނުންނެވެ. އަދި ހުރިހައި އެއްސުންތަކެއް އައްސަނީވެސް ރޯނުންނެވެ. މިގޮތަށް ދަނޑިތައް އައްސަމުންގޮސް ހެޔޮވަރުމިނެއްގެ އުސްމިނެއްގައި (ދިޔަވަރު އެންމެ ބޮޑުވެފައި އޮންނައިރު ލޮނުގަނޑާއި އެއްމެ މައްތީގައި އައްސާ ދަނޑިއާއި ދެމެދު ފޫޓެއް ހުންނަވަރަށް) މަތިކަން ދަނޑި އައްސައެވެ. މި ދަނޑިއަކީ ކުރިން އެއްސި ދަނޑިތަކަށްވުރެން ވަރުގަދަ ދަނޑިއަކަށް ވާންޖެހެއެވެ. އެހެނީ މި ދަނޑީގެ މަތީގައި ރުކުގެ ހިކިފަނުގެ އޮށި އަތުރައި އެ އޮށިތައް ވަކަބޭނުންކޮށްގެން މަގުލަސް ޖަހައި އައްސަން ޖެހެއެވެ. މިގޮތަށް އަޅާ އޮށިތައް ބަހައްޓަނީ ޖެހިފިތިފައޭ މިބުނާހާވެސް ހިންމި ހެޔޮކޮށެވެ. ކުރެހުމުގައި އެވަނީ މިހާރު މިކިޔާދެވުނު ހިސާބަށް މާހެފުން އޮޑި އަޅާފައިވާތަނެވެ. އޮށިތައް އަތުރައި ގަތާއިރު އޮޑީގެ ކޮޅުންކޮޅަށް އަޅާފައި ހުންނަ ދަނޑިތަކުގައިވެސް މަގުލަސްޖަހައި އައްސަންޖެހެއެވެ. މިކަމަށް ބޭނުކުރަނީ ދިއްގާވަކައެވެ. ކުރެހުމުގައި މި ދެންނެވި ދަނޑިތައް ހިމަނާލެވިފައި ނުވެއެވެ. މުޅި އޮނިގަނޑުގެ މަތީގައި މިގޮތަށް އޮށިތައް ގަތާލުމުން އެއޮތީ އޮޑީގެ ބަހުރުވައިންނަމަ އޮޑީގައި ތައްޓުއެޅިފައެވެ. ނުވަތަ ފްލޯއެއް އެޅިފައެވެ.

މާހެފުން އޮޑި އެޅުމުގެ އެކި މަރުޙަލާާތަކުގެ ކުރެހުމެއް

މިހިސާބަށް މަސައްކަތްދާއިރު ހިޔާގަނޑު ހެދުމަށް ބޭނުންވާނޭ ތޮށަލިވިޔެ އަވިގައިލާ ކުޑަކޮށް ހިއްކާފައި ހުންނާނެއެވެ. ނަމަވެސް އެ ތޮށަލިތައް އެތުރުމަށް އަނެއްކާވެސް ފްރޭމެއް ނުވަތަ އޮނިގަނޑެއް ހަދަން އެބަޖެހެއެވެ. މި އޮނިގަނޑަކީ ފަނުން ގެއެއް އެޅުމަށް ހަދާއުޅޭކަހަލަ އޮނިގަނޑެކެވެ. މި އޮނިގަނޑު ހަދާނިމިގެން ފުރާޅުގެ ގެހެރި ގަނޑުމަތީގައި ތޮށަލިތައް އަތުރައި ވާރޭ ހިޔާވާހާވަރަށް ތޮށަލިތައް ހެޔޮވަރުކުރަމުން ވަކައިން އަސްކޮޅުޖަހައި (މަގުލަސް ޖަހައި) ގެގަނޑު ހިޔާކުރެއެވެ. އެއަށްފަހު އޮޑީގެ ވަށައިގެން ކޮށިގަނޑެއްހެން ހަދާފައިހުންނަ އޮނިގަނޑުގައިވެސް ތޮށަލި ޖަހާނީއެވެ. މިގޮތަށް ޖަހާ ތޮޔައްޔަށް ކިޔާއުޅެނީ ބަޑި ދޮށަށްޔެވެ. މި އޮޑީގައި ހުންނާނީ ދެ ވަތެވެ. އެއީ ދިރުނބާކޮޅާއި ކޮޅުފަސްކޮޅުގައި ހަދާފައިންހުންނަ ދެވަތެވެ. ދެވަތުގައިވެސް ހުންނާނީ ފެންހެޔޮ ކުރުނބައެވެ.

މާހެފުން ދުވަސް

މާހެފުންދުވަހަކީ މޫދަށް އެރި މަޖާކޮށް މާހެފުން ކެއުމާއި ކުރުނބާ ބުއިމުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްއުޅުނު ދުވަހެކެވެ. މިހާރު މިކަންކަން ފެންނަނީ ވަރަށް މަދުންނެވެ. އެއްގޮތަކަށްވެސް މިކަންކަން ނުފެނެޔޭ ދެންނެވުންވެސް މިހާރު ދޮގަކަށް ނުވާނެއެވެ. މާހެފުން ދުވަހު ހެނދުނަކީ އަސްލު މާހެފުން ހަދާދުވަހެވެ.

މާހެފުން ހެދުން – ދެވަނަ ދުވަސް

ކުރިން ދަންނަވައިލެވުނު މާހެފުނު ހެދިކާގެ އިތުރުން ދެން ހަދާ ހެދިކާއަކީ މާހެފުނުގެ އަސްލު ޙަޤީޤި ހެދިކާއެވެ. މި ދެ މާހެފުނަށް ކިޔަނީވެސް ޚާއްސަ ދެނަމެކެވެ. އެއީ އޮނަފޮޅިއާއި ރުއްބުޑެވެ. މި ދެބާވަތް ތައްޔާރުކުރާގޮތް ތިރީގައި އެވަނީއެވެ. މި ދެބާވަތް ތައްޔާރުކުރަނީ މާހެފުން ދުވަހުއެވެ. ހެނދުނު ނުވައެއް ދިހައެއް ޖަހާއިރު ގޭގޭގެ ބަދިގެތަކަށް ބޯދިއްކޮށްލުމުން އޮނަފޮޅިއާއި ރުއްބުޑެއް ކާލަން ނުލިބޭ ގެއެއް މަދުވާނެއެވެ.

އޮނަފޮޅި: މިނަމަށް ވިސްނާލާއިރު ލާމު އަތޮޅުގެ ބަހުރުވައިގައި އޮނަ އެއީ ފަޅޯގަހުގެ ފަތުގެ އޮނު ނުވަތަ އޮނުގަހުގެ އޮނެވެ. އޮނަފޮޅި ތައްޔާރުކުރުމަށްޓަކައި މާގިނަ ތަކެއްޗެއް ބޭނުމެއް ނުވެއެވެ. އަދި ބުރަ މަސައްކަތެއް ކުރާކަށްވެސް ނުޖެހެއެވެ. މިކަމަށް ބޭނުންވަނީ ހަނޑުލުފުށް ނުވަތަ އާދައިގެ ފުށެވެ. އަސްލު ރަހަ ނިކުންނާނީ ހަނޑުލުފުށުގައެވެ. ތައްޔާރުކުރުމަށްޓަކައި ހިމުންކޮށްފައިވާ ހަނޑުލުފުށުގެ ތެރެއަށް ކުޑަ ރީނދޫކޮޅެއްލައި ފެންފޮދެއް ޖަހައި މޮޑޭނީއެވެ. ރޮށި ފިހުމަށް މޮޑޭ ފުށްގަނޑު އޮންނަ ވަރަށް މޮޑެލައި ކުދި ކުދި ގުޅަތަކެއް ހަދައި ރޮށިދަމާހެން ދަމާނީއެވެ. އެއަށް ފަހު އޮނުކޮޅެއް ގެ ވަށައިގެން ދަމާފައޮތް ފުށްގަނޑު އޮޅާލައި ފުށްގަނޑުގެ ދެކޮޅު ތަތްކޮށްލާނީއެވެ. އެއަށް ފަހު މަޑުމަޑުން އޮނުގަނޑު ދަމައިގަތުމަށްފަހު ތެލުލާނީއެވެ. މި ތައްޔާރުކުރުމަށް ފުށްގަނޑުމޮޑޭއިރު ފުށްގަނޑަށް ލޮނާއި ތެޔޮ ނުވަތަ ބޯކިރުވިޔަސް އެއްކޮށްގެން ކަމަކުނުދާނެއެވެ.

ރުއްބުޑި: ރުއްބުޑު ނުވަތަ ރުއްބުޑިއަކީ ރުއްކަނޑާލީމާ ރުކުގެ ބުޑުގަނޑު ހުންނަ ވައްތަރަކަށް އޭގެ ބައްޓަން ނުވަތަ ސިފަ ހުންނަ އެއްޗެކެވެ. ރުއްބުޑި ތައްޔާރުކުރުމަށްވެސް ކުރިން ބުނެވުނުފަދައިން، ނަމަވެސް ފުއްގަނޑުން “ފާދަ” ލެވޭވަރަށް (ކޭކް އައިސިން ބޭގުގެ ނޮޒުލްއިން އައިސިން ނުކުންނަ ގޮތްވާވަރަށް) އޮލަކުރަން ޖެހެއެވެ. ފުށްގަނޑު މޮޑެނިމިގެން ލޯނާއްޓެއްގެ ތެރެއަށް ފުށްގުޅައެއްލުމަށްފަހު އިނގިލިން ފިއްތައިގެން ފާދަލާގޮތަށް އެއްދިމާއަކަށް ފުށްތައް އޮއްސާނީއެވެ. އޭރުން ހުންނާނީ މިސާލުގައި ދަންނަވާލި އައިސިން ބޭގުން އައިސިންތަކެއް އެއްދިމާއަކަށް ފުންޏަކަށް ވާގޮތަށް އެޅުމުން ހުންނާނޭގޮތަށެވެ. މިގޮތަށް ތައްޔާރުކުރެވުނު ފުށްގަނޑުތައް ތެލުލުމުން އެހެރީ ރުއްބުޑި ތައްޔާރުކުރެވިފައެވެ.

މާހެފުން އޮޑިން ކުރާ ވިޔަފާރި

މާހެފުން އޮޑީގެ ކުރުނބާވަތުގައި ހުންނަ ކުރުނބާތައް އެއީ ވިއްކަން ބަހައްޓާފައިހުންނަ ކުރުނބައެވެ. މި ކުރުނބާތައް ގަތުމަށް ބޭނުންކުރާ ފައިސާފޮއްޗެއް ނުހުރެއެވެ. މިކަމަށް ބޭނުންކުރަނީ ގޭގޭގައި ތައްޔާރުކުރި މާހެފުނެވެ. ދިވެހި ކާބަފައިންގެ ޒަމާނުގައި ކޮށްއުޅުނު ބާޓާ ވިޔަފާރި ތަޖްރިބާކޮށްލަންލިބޭ ރަނގަޅު ފުރުސަތަކަށް މިކަން ވެގެން ދެއެވެ. ކުރުނބާ ގަންނަން އަންނަމީހުން އޮޑިއާއި ހަމައަށް ގެންދިއުމަށް ކުޑަބޮއްކުރައެއް ނުވަތަ ކަނދުފައްޗެއް އޮންނާނެއެވެ. އެމީހުން އޮޑިއަށްގޮސް އޮޑިއަށް އަރާ އޮޑިބަލާލުމާއި ކުރުނބާ ބޮއެނިމެންދެން މަޑުކޮށްލުމުގެ ފުރުޞަތުލިބިގެންދެއެވެ. ކުރުނބާގެ އަގުތައް ކަނޑައަޅަނީ ހަކުރުލީ ބަތް ގުޅައަކަށް ކުރުނބައެއް ނުވަތަ އޮނަފޮޅިއަކާއި ރުއްބުޑަކަށް ކުރުނބައެއްފަދަ އަގުތަކެއްގައެވެ.

މާހެފުން ދުވަސް ގިނަފަހަރަށް ދިމާވަނީ ދިޔަވަރު ބޮޑުވާ މޫސުމުގެ އެންމެ ދިޔަވަރު ބޮޑު ދުވަހާއެވެ. އަދި ހަމަ އެހެންމެ މިދުވަހަކީ ރަށުގެ ކުދިބޮޑު އެންމެން މޫދަށްއެރި މަޖާކުރާ ދުވަހެކެވެ. މަޖާކުރުމުގެ ތެރޭގައި ފެންބޮވައިގަތުމުން މާހެފުން އޮޑިން ކުރުނބާ ބޮއެ ހަދައެވެ. މުޅި ދުވަހު ގިނަވަގުތެއް މިގޮތުގައި މޫދުގައި ހޭދަކޮށްލެވެއެވެ.

ދަންނަވައިލެވުނީ ތަންކޮޅެއްކުރިން ފޮނަދޫގައި މާހެފުން ދުވަސް ފާހަގަކުރާއިރު ކޮށްއުޅުނު ބައެއް ކަންކަމުގެ ޚުލާޞާއެކެވެ. މިއީ ހަމަގައިމުވެސް ފޮނަދޫގައި ދާދި އިހަކަށްދުވަހާއި ޖެހެންދެން ކޮށް އުޅު ކަންކަމެވެ. މިއީ ދިވެހިންގެ ރިވެތި އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ނޫނީ ނުވާނެކަން ކަށަވަރު ކަމެކެވެ. އެހަނަސް މިހާރު މިކަންވެސް އުވެމުން ނެތެމުން މިހިރަ ދަނީއެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.