ބިރުން ތުރުތުރުއަޅާ ހާލުގައި އިން ނާޖިދާ މަޑުމަޑުން އިސްއުފުލާލަމުން ދޮރާއި ދިމާއަށް ބަލާލީ ކަމާލިޔާ ކުރާކަމެއް ފެނޭތޯއެވެ. ގަދަވަޔާއިއެކު ވިދާގުގުރާ ވާރޭވެހެން ފެށީ އެވަގުތުއެވެ. ފަސްތަނުން ބަނދެފައިވާ ގަބުރެއްފަދައިން ހުދުކުލައިން ހުރި ކަމާލިޔާ ފެނުމާއެކު ނާޖިދާއަށް ރޮއިގަނެވުނީ ގަތްބިރުން ހިތަށް ކެތްނުވެގެންނެވެ. އެހީއަކަށް އެދޭ ފަދައަކުން ރާއިދުގެ ގައިގާ އަތްޖައްސާލިއިރު އޭނާ ވެސް އިނީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ. ސަލާމަތްވާނެކަމުގެ އުންމީދެއް އެކަކަށް ވެސް ނެތެވެ.
ތަޅުލާފައި ހުރި ކޮޓަރިއެއް ތަޅުދަނޑިއަކާ ނުލައި ކަމާލިޔާ އެހާ ފަސޭހައިން ހުޅުވީ ކިހިނެއްބާއެވެ. ހަމައެކަނި މޫނު ފެންނަން ހުރި ކަމާލިޔާ އައިސް އެނދުކައިރިއަށް ހުއްޓުނީ ވައިސޫރިއެއްހާ ހަލުވިކޮށެވެ.
“ހަމަމިހާރު ނުކުމޭ.” ނާޖިދާއާ ދިމާއަށް ކަޅިއަޅާލަމުން ކަމާލިޔާ ވާހަކަ ވާހަކަދެއްކި ނަމަވެސް އަނގަ ހަރަކާތެއް ނުކުރެއެވެ. ދެލޮލުން ވިދުމެއް ފާޅުވެ އަލިގަދަވާން ފެށިއެވެ. ކުރިމަތިން ފެންނަންހުރީ ކަމާލިޔާ ނޫންކަން ދެމީހުނަށް ވެސް ޔަގީނެވެ. ހަދާނެގޮތެއް ނާޖިދާއަކަށް ނުވިސްނުނެވެ.
“ނާޖިދާ! ކަލޭ ކައިރީއެއްނު މިބުނީ ހަމަމިހާރު މިކޮޓަރިން ނުކުންނާށޭ.” ކަމާލިޔާގެ ބާރުއަޑާއިއެކު ކޮޓަރިތެރެއަށް އިތުރު ބަޔަކު ވަން ކަހަލައެވެ. އަޑުއައީ ކަމާލިޔާގެ އަނގައިން ނަމަވެސް އެއީ އޭނާގެ އަޑެއް ނޫނެވެ. އެއް ފަހަރާ އެތައް ބަޔަކު ވާހަކަދައްކާހެން އަޑުތައް އެކޯވެގެން އައިއިރު އެއަޑުތަކަކީ ފިރިހެން އަޑުތަކެއްހެން ވެސް ހީވިއެވެ. ތަނަށް ވެރިވެގެންދިޔަ ފަރުހަކިވަހާއިއެކު ނޭވާލާން ވެސް އުނދަގޫވާން ފެށިއެވެ.
ދެމީހުނަށްޓަކައި މިވަގުތު އެހެންގޮތެއް ނެތްކަމަށް ނިންމައި ނާޖިދާ މަޑުމަޑުން އެނދުން ފޭބިއެވެ. އެވެސް މަރެވެ. މިވެސް މަރެވެ. ގައިގާ ބެޑްޝީޓް އޮޅާލައިގެން އަތުން ހެދުން ހިފައިގެން ހިނގައިގަތްއިރު ނާޖިދާގެ މުޅިހަށިގަނޑު ތުރުތުރުލައެވެ.
“ދާނީ އަހަރެންގެ ކޮޓަރިއަށް.” ކަމާލިޔާ އެންގިއެވެ.
ނާޖިދާގެ ފަހަތުން ކޮޓަރިން ނުކުންނަން ހިނގައިގަތް ކަމާލިޔާ ކޮށްލި ހަރަކާތާއިއެކު ދޮރުފަތް ވިއްސައިގެން ކަހަލަގޮތަކަށް އައިސް ޖެހިއްޖެއެވެ. ޖެހެނުލެއް ބާރުކަމުން ދޮރާއިއެކު ދޮރުފަތް ކުނޑިކުނޑިވެގެން ދިޔައެވެ.
ގޭތެރެއަށް ވެރިވެގެންދިޔަ ވިދުވަރެއްގެ އަލި ތިންމީހުނަށް ވެސް ފެނުނެވެ. އެވަގުތު އެހެންކަމެއް ހިނގައިދިޔަކަމެއް ނާޖިދާ އާއި ރާއިދަށް ނޭނގެއެވެ. ކަމަކަށް ސަމާލުކަންދޭ ވަރަށްވުރެ ބޮޑަށް ނާޖިދާ އާއި ރާއިދު ތިބީ ބިރުގަނެ ހާސްވެފައެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުންނެވެ.
ނިދާފައިއޮތް ކަމާލިޔާއަށް ހޭލެވުނީ ކޮޓަރީދޮރު ހުޅުވުނު އަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ބަލާލިއިރު ނާޖިދާ އައިސް ކޮޓަރިއަށް ވަންނަނީ އެވެ. ބެޑްޝީޓެއްގައިގާ އޮޅާލައިގެން ހެދުމެއް އަތުން ހިފައިގެންހުރި ނާޖިދާ ފެނުމާއިއެކު ފުންމައިގެން ކަހަލަގޮތަކަށް ކަމާލިޔާ އެނދުން ފޭބިއެވެ. ހައިރާންކަމާއި ނުތަނަވަސްކަމާއެކު ނާޖިދާއަށް ބަލަމުން އަވަސް އަވަހަށް އައިސް ނާޖިދާގެ އަތުގައި ހިފަމުން ކީއްތޯވީ ސުވާލު ކުރަން ފެށިއެވެ. މަޑުމަޑުން ގެނެސް އެނދުގައި ބޭންދިއެވެ.
ކޮޓަރިން ބޭރަށް ބޯދިއްކޮށް ބޭރުބަލާލިއިރު ގޭތެރެއިން ތަފާތު އެއްވެސްކަމެއް ނުފެނެއެވެ.
“މަންމާ! ….. މަންމާ! …. ކިހިނެތްވީ؟….. ކިހިނެތް ތިހުރީ؟” ނާޖިދާ ހުރިގޮތުން ކަމާލިޔާ ކަންބޮޑުވެ ހާސްވިއެވެ. ފެންފޮދެއް އަތަށް އަޅައިގެން އައިސް ނާޖިދާގެ މޫނާއި ބޮލުގައި އުނގުޅާލިއެވެ.
ސިއްސައިގެން ގޮސްފައި ނާޖިދާ ބަލާލީ ކަމާލިޔާގެ މޫނަށެވެ. އެއާއެކު ބިރުން ތެޅިގަންނަމުން ދުރަށްޖެހެލިއެވެ.
“މަންމާ! …. ކިހިނެއްވީ؟” ނާޖިދާގެ އެ ޢަމަލުން ކަމާލިޔާއަށް ލިބުނު ހައިރާންކަންވީ އިތުރެވެ. އުފެދުނު ސުވާލުތައްވީ ގިނައެވެ.
ނާޖިދާއަށް ކޮންމެވެސް ކަމެއް ވެއްޖެކަމާއި އެކަމުގެ ސަބަބުން އޭނާއަށް ވަރަށްބޮޑަށް އަސަރުކޮށްފައިވާކަން ކަމާލިޔާއަށް އެނގުނެވެ. އެކަމުގެ އަސްލު ހޯދައި ޔަގީން ކުރަން ބޭނުންވި ނަމަވެސް އެކަމަށްވުރެ މިވަގުތަށް މުހިންމީ ނާޖިދާ ހަމައަކަށްއެޅުވުން ކަމަށްވާތީ ކަމާލިޔާ އުޅުނީ އެކަމާއެވެ. ދިމާވި ކަމެއް މާދަމާ ވެސް ބަލާލެވިދާނެކަމުގައި ކަމާލިޔާ ނިންމިއެވެ.
ރޭގަނޑުގެ ކަނުއަނދިރިކަމުގެ މައްޗަށް ދުވާލުގެއަލިކަން ވެރިވާން ފެށުމާއިއެކު ރޭގަނޑުގެ ހަމަހިމޭންކަމާއި ފަޅުކަން ފިލައި ހަލަބޮލިކަން ވެރިވާންފެށިއެވެ. ގެތަކުތެރޭން ފެންނަމުންދިޔަ ފަނޑުއަލިތައް ގަދަވަމުން މަގުތަކުން މީހުން ފެނުން އިތުރުވަމުންދިޔައެވެ. ގޭގޭތެރޭން އިވެމުންދިޔަ އަޑުތައް ގަދަވަމުން ދުވަހުގެ ފެށުމާއިދިމާއަށް މިސްރާބުޖަހާފައިވާ މީހުން ގިނަވަމުންދިޔައެވެ.
ސިއްސައިގެންގޮސް ނާޖިދާއަށް ހޭލުވުނީ ފުރާޅުމައްޗަށް ވަރަށްބާރަށް އެއްޗެއް ޖެހުނުއަޑަށެވެ. ފުންމައިގެން ތެދުވަމުން ބަލާލިއިރު އޭނާއަށް އޮވެވުނީ އޭނާގެ ކޮޓަރީގައެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. ފެނުނީ ހުވަފެނެއްކަން ނާޖިދާއަށް އެނގުނީ އެތައް އިރަކު އެކަމާމެދު ވިސްނި ފަހުންނެވެ.
ނާޖިދާ އަވަސްވެގަތީ ރާއިދު ހޭލުމުގެކުރިން ސައި ތައްޔާރުކުރާށެވެ. ބޭރަށް ނުކުތްއިރު ރާއިދު ފެންނާކަށް ނެތެވެ. ކޮޓަރިހުރީ ތަޅުލާފައެވެ.
ކުރަންދިޔަ މަސައްކަތް ނުނިމޭކަމަށާއި އަދި ދެދުވަސްވަރު ވާނެކަމަށް ނާއިމް ފޯނުކޮށްފައި ބުނުމުން ނާޖިދާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން އިތުރުވިއެވެ. ކުރަމުންދިޔަ އިންތިޒާރުގައި ކުލަޖެއްސުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުންކުރަން ހިތްއެދުނެވެ. ކަމާލިޔާއަށް ފަޅާއަރާފާނެ ކަމަށް ބަލައިގެން އަބަދަކު ނުހުރެވޭނެއެވެ. އޭނާއަށް ތަނެއްދޮރެއް އަންގައިނުލާ ވެސް އެވަރުގެކަމެއް ކޮށްލެވިދާނެއެވެ.
އޮއްސުނުއިރާއިއެކު ކަމާލިޔާ ރީތިވެލައިގެން ބޭރަށް ދިޔައީ އޭނާގެ މަންމަމެންގެ ގެއަށް ކަމަށް ބުނެއެވެ. ކަމާލިޔާ ކޮންމެގޮތަކަށް އުޅުނު ނަމަވެސް ނާޖިދާ އެއްޗެކޭ ނުބުނެ ހުންނަނީ ކަމާލިޔާ ގެއިންބޭރުގައި ހޭދަކުރާ ވަގުތު ގިނަވާވަރަކަށް އޭނާ ބޭނުންވާ ފުރުސަތުލިބޭލެއް ގިނަވީމަ އެވެ. އޭނާ ބޭނުންވަނީ ވެސް އެގޮތްކަމަށް ވާތީ އެވެ.
ކަމާލިޔާއާ މެދު ވިސްނަންހަދައިގެން ރޭވެސް ބޭކާރުވީއެވެ. ކަމާލިޔާ ނިދީމާ ރާއިދުގެ ކޮޓަރިއަށްދާން ވިސްނައިގެންއޮއްވައި ނިދުނީ ނާޖިދާ އަށެވެ. ހޭލެވުނީ ހެނދުނުއެވެ.
ރޭގަނޑަށް ކައިގެން ބަދިގެތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ނާޖިދާ އާއި ރާއިދު ފެންޑާތެރޭގައި ވާހަކަދައްކާލާން ތިބީ ކަމާލިޔާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ކަމާލިޔާ އައިސް ނިދަން އޮށޯތުމުން މެނުވީ އެމީހުން ބޭނުންވެގެން އެއުޅޭ މިނިވަންކަމާއި ފުރިހަމަ ފުރުސަތު ލިބޭކަށް ނެތެވެ. ކޮންމެގޮތަކުން ނަމަވެސް ލިބިފައިމިވާ ފުރުސަތުގެ ބޭނުންހިފަން ދެމީހުން ވެސް ތިބީ އެދިއެދިއެވެ.
ބާރަޖަހަންވީރު ވެސް ކަމާލިޔާގެ ޚަބަރެއް ނުވުމުން ރާއިދު ބޭނުންވީ ނާޖިދާ ގޮވައިގެން ކޮޓަރިއަށް ދާށެވެ. ކަމާލިޔާއަށް ބަލަން ހަދައިގެން އެތައް ފުރުސަތެއް ގެއްލިއްޖެއެވެ. އެތައް ވަގުތެއް ބޭކާރު ވެއްޖެއެވެ. މާދަމާ ވެސް ނާއިމް އައިސްފިނަމަ ރިޒްގް ބަންދުވީއެވެ. ނާޖިދާގެ ފަރާތުން އޭނާއަކަށް އެއްވެސް އުފަލެއް އަރާމެއް ނުލިބޭނެއެވެ. ކޮންމެފަދަ ވަގުތެއްގައި ވެސް ނާއިމް ގެއަށް އައިސްދާނެކަމަށް ބަލަން ޖެހޭނެއެވެ. އަބަދުވެސް ޖެހޭނީ އެކަމަށް ބަލަބަލަ ތިބޭށެވެ.
އޭނާގެ ބެލެހެއްޓުމުގެ ދަށުގައިހުރި ކުޑަކުއްޖަކު މިހާ ފަސްވަންދެން ގެއަށް ނައިސް ބޭރުގައި ކުރަނީ ކީއްތޯ ބަލާލާނަމޭ ވެސް ނާޖިދާގެ ހިތަކަށް ނާރައެވެ. ކަމާލިޔާ ކޮންމެގޮތަކަށް އުޅުނަސް އޭނާއަށް ވަރިހަމައެވެ. އޭނާގެ ވިސްނުމުގައި ބޮޑު ރޭވުންތެރިކަމެއް ނެތްނަމަ އެންމެ ދުވަހަކު ވެސް އޭނާގެ ކައިރީ ކަމާލިޔާ ބެހެއްޓުމަކީ ނާޖިދާ ކުރާނެކަމެއް ނޫނެވެ.
ގޯތިތެރޭހުރި ގަސްތަކުތެރޭ އެލުވާފައިވާ އުނދޯލީގައި އޮށޯވެލައިގެންއޮތް ކަމާލިޔާ ގެއަށް ވަންނަން ހިނގައިގަތީ ނާޖިދާ އާއި ރާއިދު ގޮސް ރާއިދުގެ ކޮޓަރިއަށް ވަތްތާ ދިހަވަރަކަށް މިނިޓްފަހުންނެވެ. ހަމަޖެހިލެވޭވަރަށް ވަގުތުދީފައެވެ. ހީވާހީވުން ޔަގީންކުރަން އިތުރު ހެއްކެއް ބޭނުންނުވާވަރަށް ހެކިލިބޭނެކަން ޔަގީންވީމައެވެ.
ރުޅިވެރިކަމާއެކު ދޮރާއިދިމާއަށް ބަލަހައްޓައިގެން ހުރި ކަމާލިޔާ ފައިކުރުކޮށްފައި ޖެހުމާއިއެކު ދޮރުފަތް ވިއްސައިގެންދިޔައެވެ. ތަޅުއޮތީ އެއަށްވުރެ ދުރުގައެވެ.
ކޮޓަރިތެރޭން ފެނުނު މަންޒަރާއިއެކު ގަތްލަދުން ކަމާލިޔާ އިސްޖަހާލިއެވެ. ކަމާލިޔާ ފެނުމާއެކު ނާޖިދާ އަވަސް އަވަހަށް ރާއިދުއާ ދުރަށްޖެހިލަމުން ބެޑްޝީޓްނަގާ ގައިގާ އޮޅާލިއެވެ. ދެލޮލުން ކަރުނަ ފާއްދާލީ ލިބިފައިވާ ހުރިހާނިއުމަތެއް ބީވެދާނެކަމުގެ ބިރު ހީވުމުންނެވެ. ނާޖިދާ ކޮންމެ ވާހަކައެއް ދެއްކިއަސް މިވާހަކަތައް ކަމާލިޔާ ދައްކައިފިނަމަ ނާއިމް ގަބޫލުކުރާނެކަން ޔަގީނެވެ. ނާޖިދާއާ ބެހޭގޮތުން ކަމާލިޔާ މިހާތަނަށް އެއްވެސް ވާހަކައެއް ދައްކަން ކަމާލިޔާއަށް ފުރުސަތެއް ނުލިބޭނެހެން ކަންތައް ކުރަމުން ބިރުދައްކަމުން ދިޔަ ނަމަވެސް ކަމާލިޔާ މިހާރުވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ކޮންމެގޮތަކުން ނަމަވެސް އޭނާ ބޭނުންވާކަމެއް ކޮށްފާނެއެވެ. ބޭނުންވާ ވާހަކައެއް ދައްކަފާނެއެވެ.
ޖެހިގުގުރީގެ ބާރުއަޑާއެކު ކޮޓަރިން ކަރަންޓްދިޔަ އެވެ. ދިއްލާފައިހުރި ބޮކި ފުނޑުފުނޑުވެގެން ތަޅުންމައްޗަށް ފޭބި ކަހަލައެވެ. ކޮޓަރިތެރޭން ރޮއިގަތް ތުއްތުކުއްޖާގެ ބާރުއަޑު އިވުނީ ނާޖިދާމެނާއި ނުހަނު ކައިރިންނެވެ. ގަތްބިރުން ރޮއިގަންނަމުން ނާޖިދާއަށް ހިފުނީ ރާއިދުގެ އަތުގަ އެވެ. ހަރަކާތް ހުސްވެ ގަނޑުވެފައި ކަހަލަގޮތަކަށް ރާއިދު އިނުމުން ނާޖިދާގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވިއެވެ.
ޖަހާލާ ބާރުގުގުރީގެ އަޑާއެކު ވިދާލާވިދުވަރުން މުޅިބިން އަލިވެގެންދެއެވެ. ވިދާލާ ވިދުވަރުގެއަލިން ކޮޓަރިތެރެ އަލިވެގެންދާ ކޮންމެ ފަހަރަކު ނާޖިދާއަށް ބެލެނީ ކަމާލިޔާއާ ދިމާއަށެވެ. ރުޅިއައިސް ރަތްވެފައިހުރި ކަމާލިޔާގެ އިސްތަށިގަނޑު ހާވާލެވިފައިވާއިރު ވަޔާއި ވިހުރެމުން ދާހެން އެގޮތްމިގޮތަށް ވައިގެ ތެރޭގައި ހޫރެމުންދިޔައެވެ.
“އަހަރެން …. އަހަރެން …..” ނާޖިދާ މަސައްކަތްކުރީ ރާއިދުގާތު ކޮންމެވެސް އެއްޗެކޭ ބުނާށެވެ.
“ކޮން އަހަރެންނެއް ….. އަހަރެންނެއް. ހަމަމިހާރު އަހަރެން ކޮޓަރިއަށްދޭ.” ކަމާލިޔާގެއަޑު ހީވީ ބާރުގުގުރިއެއްޖެހި ހެންނެވެ. ދެމީހުންގެ ހަތަރެސްފައި ކޮޅަށްޖެހިގެންދިޔައެވެ. ވިދާލިވިދުވަރުގެ އަލި ކުރިޔަށްވުރެ ގަދަވިހެންވެސް ހީވިއެވެ.
ރާއިދުގެ ހަރަކާތްތަކުން އޭނާ ވެސް މިހާރު ބޭނުންވަނީ ނާޖިދާ އަވަހަށް އެތަނުންދާންކަން ނާޖިދާއަށް އެނގުނެވެ. އެތަނުގައި އެހުރީ ކަމާލިޔާކަމާމެދު ޝައްކުވި ނަމަވެސް މިވަގުތު އެހެންގޮތެއް ނެތްކަމަށް ނިންމައި ނާޖިދާ މަޑުމަޑުން އެނދުން ފައިބައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭރު ވެސް މުޅިމީހާ ބިރުން ތުރުތުރުއަޅައެވެ.
ނާޖިދާ މަޑުމަޑުން ގޮސް ކަމާލިޔާގެ ކޮޓަރީ ދޮރުކައިރިއަށް ހުއްޓެމުން ފަހަތް ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކަމާލިޔާ އަދިވެސްވީ ރާއިދުގެ ކޮޓަރީގައެވެ. އެއާއެކު ނާޖިދާގެ ބިރުގަތުމާއި ހާސްވުން އިތުރުވިއެވެ. އައިސްފައިހުރި ރުޅީގައި ރާއިދަށް ކަމާލިޔާ ގޮތެއް ނުހަދާނެ ބާއޭ ވެސް ހިތަށްއެރިއެވެ.
ކަމާލިޔާގެ ކޮޓަރިހުރީ ތަޅުނުލައެވެ. މަޑުމަޑުން އެތެރެއަށް ވަންނަމުން އެނދާއިދިމާއަށް ނަޒަރުހިންގާލި ވަގުތު ނާޖިދާއަށް ފެނުނީ އެނދުގައި ނިދާލާފައިއޮތް ކަމާލިޔާއެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ހަދާނެގޮތެއް ކުރާނެކަމެއް ނުވިސްނުނެވެ. ދޮރުލައްޕާލެވުނު ބާރުއަޑަށް ކަމާލިޔާގެ ހަތަރެސްފައި ކޮޅަށްޖެހިގެންދިޔަ ކަހަލައެވެ.
ހަތަރު އުދަރެސް ފެނުޖެހި ގޮތްހުސްވެފައިހުރި ނާޖިދާ ބާރުބާރަށް ރޯންފެށިއެވެ. ދެއަތުން މޫނު ނިވާކޮށްގެންހުރިގޮތުން ހީވަނީ އެއްވެސްތަނެއް ބަލަން ބޭނުންނުވާހެންނެވެ. ކުރަމުންދިޔަ ވިއްސާރައަށް ހުއްޓުމެއް ނާދެއެވެ. ޖަހާލާ ގުގުރީގެ ބާރުއަޑާއެކު ވިދާލާ ވިދުވަރުގެ އަލި ގަދައެވެ. ޖެހެމުންދާ ބާރުވައިގެ ސަބަބުން ގަސްތަކާއި ރުއްތައް ބިމުން ލުހިދާނެހެން ވެސް ހީވެއެވެ.
ބެޑްޝީޓަކުން ހަށިގަނޑު ނިވާކޮށްލައިގެންހުރި ނާޖިދާގެ ހަރަކާތްތަކުގެ ސަބަބުން ކަމާލިޔާއަށް ލިބުނީ ވަރަށްބޮޑު ހައިރާން ކަމެކެވެ. އުފެދުނު ސުވާލުތައް ގިނައެވެ. ކަންބޮޑުވުން ވަށާލިއެވެ. އަވަސް އަވަހަށް ނާޖިދާކައިރިއަށް އައެވެ.
“މަންމާ ! …. މަންމާ …. ކިހިނެތްވީ؟ ” ކަމާލިޔާގެ ކިބައިން ފެނުނީ ހާސްކަމާއި ނުތަނަވަސްކަމެވެ.
ނާޖިދާގެ ފަރާތުން ޖަވާބެއް ނުލިބުމުން ކަމާލިޔާ އުޅުނީ ބޭރުބަލާލުމަށްޓަކައި ދޮރުހުޅުވަން ނަމަވެސް ނާޖިދާ އެކަން މަނާކުރިއެވެ. މަޑުމަޑުން ކަމާލިޔާގެ އަތުގައި ހިފައިގެން އައިސް އެނދުގައި ބޭންދިއެވެ. ކަމާލިޔާގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި އަވަހަށް ނިދުމަށް ބުންޏެވެ. ހާސްކަމާއި ނުތަނަވަސް ބިރުގަތުމާއި ކަންބޮޑުވުން ސިއްރުކުރަން ނާޖިދާ މަސައްކަތްކުރި ނަމަވެސް އެކަމެއް ނުވިއެވެ.
ކަމާލިޔާ ގޮވައިގެން އެނދުގައި އޮށޯވެލިތާ މާގިނައިރެއް ނުވަނީސް ދެމީހުނަށް ވެސް ނިދިއްޖެއެވެ.
ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ބައެއް މީހުން ނުނިދިފައި ތިބި ނަމަވެސް، ކޮންމެހެން ނުކުންނަން ޖެހިގެން ގެއިން ނުކުތް ދެމީހަކު ފިޔަވާ އެހެން އެއްވެސް މީހަކު މަގެއްމަތިން ނުފެނެއެވެ. މިފަދަ ކޮންމެ ރެއެއްގެ އާދައިގެމަތިން ފަޅުއޮޑިފަހަރުގެ ހާލަތުބަލާލުމަށް މިރޭ ވެސް ދެމީހަކު ބަނދަރަށް ނުކުތެވެ. ކޮންމެގޮތަކުން ނަމަވެސް ތިމާމެންގެ މުދާ ރައްކާތެރިކުރަން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެކެވެ.
ކަނާތްފަރާތު ކޮނޑުން ތަންކޮޅަކަށް ކުއްލިއަކަށްވި ތޫނުތަދާއިއެކު ސިއްސައިގެން ގޮސް ނާޖިދާއަށް ހޭލެވިއްޖެއެވެ. އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު ކަމާލިޔާ އޮތީ ނިދާފައެވެ. ވަމުންދާ ތަދަކީ ކޮންމެވެސް އެއްޗެއް ކަށިޖެހުމުން ވާކަހަލަތަދެއްކަން ޔަގީންވެ އެނދުމަތި ބަލާލިއިރު އެކަހަލަ އެއްވެސް އެއްޗެއް ފެންނާކަށްނެތެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި