އަނެއްކާވެސް ދައްކަން މި ޖެހެނީ އައު ވާހާކައެއް ނޫނެވެ. ބައު ވާހަކައެކެވެ. ނަމަވެސް އަޑުއަހާނެ ކަންފަތެއް، ބަލާނެ ލޮލެއްވެސް ނެތެވެ. ރާއްޖޭގެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ބ. ފެހެންދޫ ސްކޫލް ކުދިންގެ ވާހަކައެވެ. ސަރުކާރާއި އެޑިޔުކޭޝަނަށް އަދިވެސް މި މައްސަލަ ހަައްލު ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ބެލެނިވެރިން ދަނީ ސުވާލު ކުރަމުންނެވެ.
ފެހެންދޫގައި އާބާދީ މަދުވުމަކީ އަދި ސްކޫލެއް ނެތުމަކީ މި ހަތަރު ކުދިންގެ ބެލެނިވެރިންގެ މައްސަލައެއްތޯއެވެ.؟ އާބާދީ މަދުވުމުގެ ސަބަބުން އަސާސީ އެތައް ހައްްުގުތަކަކުން މަހުރޫމުވާން ޖެހޭތީ ގިނަ ބަޔަކު މިހާރުވެސް ދިރިއުޅެމުން ގެންދަނީ އެ ޚިދުމަތް ލިބޭ ރަށްރަށުގައި ކުއްޔަށެވެ. ނަމަވެސް އެފަދަ ތަނަވަސްކަން ނެތް މީހުން އެހެނިހެން ކަންކަމާއި ގުޅިގެން ރަށުގައި ދިރިއުޅެން މަޖުބޫރެވެ.
2008ގައި ފެހެންދޫ ސްކޫލް ބަންދުކުރުމާއި ގުޅިގެން ފެހެންދޫ ސްކޫލް ކުދިން ދަނީ ގޮއިދޫ ސްކޫލަށެވެ. އެޑިޔުކޭޝަނުން މިކުދިންނަށް މަހަކު 1000 ރުފިޔާގެ އެލަވަންސެއް ދީގެންނެވެ. އޭރު ޕްރީ ސްކޫލަކީ ސަރުކާރުން ހިންގާ ސްކޫލަކަށް ނުވި ނަމަވެސް މިހާރު ޕްރީ ސްކޫލް ސަރުކާރުން ހިންގާތާވެސް އަހަރުތަކެއް ފާއިތުވެއްޖެއެވެ. ނަމަވެސް ފެހެންދޫ ޕްރީސްކޫލް ކުދިންނަކަށް އެލަވަންސެއް ނުދެއެވެ. އެކުދިންނަށް ކިޔަވައިދެނީ ފެހެންދޫގައި ހުންނަ އިމާރާތެއްގައެވެ. އެކުދިންނަކީ ގޮއިދޫ ސްކޫލް ޔުނީފޯމުގައި ގޮއިދޫ ސްކޫލްގެ ރެޖިސްޓްރީގައި ތިބި ކުދިންނެވެ. ނަމަވެސް ވަގުތީ ޓީޗަރެއްގެ އެހީއާއެކު މި ކުދިންނަށް ކިޔަވައިދޭއިރު ދެން އެ ސްކޫލްގެ އެހެންކުދިންނަށް ކިޔަވައިދެނީ ތަމްރީނު ލިބިފައިވާ ޓިޗަރުންނެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގައި މިކުދިންނަށް ބައިވެރި ކުރުވުމަށްވެސް ބެލެނިވެރިންގެ އަތުން އެތައް ޚަރަދެއް ކުރަން ޖެހެއެވެ. އެހެން ކުދިންނަށް އެއްވެސް ޚަރަދެއް ނުކޮށް ބައިވެރިވެވޭ އިރު މިކުދިންނަށްވެސް އެ ފުރުޞަތު އޮންނަންޖެހޭނެ ކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ.
“ޕްރީ ސްކޫލްވެސް ހިންގަނީ އެޑިޔުކޭޝަން ބެލުމުގެ ދަށުން… ގްރޭޑް އެކަކުން ދިހައެކަށް ވެސް ހިންގަނީ އެޑިޔުކޭޝަނުން. ސަރުކާރުން އެޑިޔުކޭޝަނަށް ބަޖެޓް ދީފައި ވާނީ މި ކުދިންވެސް ހިމަނައިގެން، ވީއިރު ޕްރީސްކޫލް ކުދިންނަށް އެލަވަންސް ނުލިބެންޖެހޭ ސަބަބެއް ނުވިސްނޭ… އެންމެ ހަަތަރު ކުދިން ކީއްތޯ ކުރާނީ ކްލާހުގަ… އެކުދިން ގްރޭޑް އެކަކަށް ދާނީ އެއްކަލަ ކުދިން ގިނަ ކްލާހަށް … ދާއިރު ފެންވަރުގެ ގޮތުން ވަރަށް ބޮޑު ފަރަގެއް ހުންނާނެ… ކުދިންނަށްދެވޭ އަނިޔާއެއް ނޫންތޯ މީ؟” ބެލެނިވެރިއަކު ކަންބޮޑުވުން ފާޅުކުރިއެވެ.
ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ މިހާރުވެސް ދުވާލެއްގެ މައްޗަށް ސްކޫލް ފެރީ، 16 ދަތުރު ކުރާކަމަށާއި އެލަވަންސް ނުލިބޭ ގްރޭޑް ތަކުގެ ކުދިންވެސް ހިލޭ ގެނެސްދޭ ކަމަށެވެ. ނަމަވެސް ޕްރީ ސްކޫލް ކުދިންނަށް ވަކިން ދަތުރެއް ނަގަންޖެހޭތީ އިތުރު ޚަރަދެއް ކުރުމަކީ ދަތިކަމެއް ކަމަށް ނިޒާމް ފާހަނގަ ކުރެއްވިއެވެ.
“ސްކޫލް ގަޑީގެ އިތުރުން އިތުރު ހަރަކާތްތަކާއި އެކްސްޓްރާ ކުލާސްތަކަށްވެސް ކުދިން އެބަޖެހޭ ގެންނަން.. ކުދިންނަށް ދޭ އެލަވަންސުން ޚަރަދު މިކުރަނީ … އިތުރު ދަތުރުތަކެއް ކުރަން އެބަޖެހޭ ޕްރީ ސްކޫލް ކުދިން ގެންނަންޏާ .. ނަމަވެސް އެޑިޔުކޭޝަނުން އެލަވަންސް ނުދޭ ނަމަ އަޅުގަނޑުމެންނަކަށް ވެސް ނެތް އެކުދިންނަށް ދަތުރު ހަމަޖެއްސޭކަށް.” އޭނާ ވިދާޅުވިއެވެ.
އެޑިއުކޭޝަނުން އެ ބުނާ އުސޫލެއްގެ ދަށުން ފެހެންދޫގައި ދިރިއުޅޭ، ނަމަވެސް ފެހެންދޫ ރަޖިސްޓްރީގައި ނެތް ކުދިންނާއި އަދި ފެހެންދޫގައި ދިރިއުޅުނު ނަމަވެސް މަންމަ ނުވަތަ ބައްޕަ އެހެން ރަށެއްގައި ރަޖިސްޓްރީ އޮތް ނަމަ އެކުދިންނަކަށްވެސް އެލަވަންސެއް ނުލިބެއެެވެ.
ބެލެނިވެރިން ބުނާގޮތުގައި މިއަހަރު، ކުދިން ފެހެންދޫގެ އިމާރާތަށް ނުގެންދާނެ ކަމަށެވެ. “އަޅުގަނޑުމެން މިހާރު ކުދިން ގޮއިދޫ ސްކޫލަށް ގެންދަނީ ގްރޭޑް ތަކުގެ ކުދިންގެ ދެ ދަތުރު ދެމެދުން ލިބޭ ހުސް ދަތުރެއްގައި….. ގޮއިދޫ ސްކޫލުން ވަނީ އެ ފުރުސަތު އަޅުގަނޑުމެންނަށް ދެއްވާފައި.. ނަމަވެސް އަމިއްލަ ޚަރަދުގަ އަނބުރާ ރަށަށް ދާން މިޖެހެނީ” ބެލެނިވެރިއަކު ބުންޏެވެ.
މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެބޭފުޅުން ފޯން ނުނަންގަވާތީ ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޮކްޓޯބަރ 2023ޚަބަރުއަންހެން ޑިވިޝަންގެ ޗެމްޕިއަންސްކަން ޗަޑްސްއަށް
- 21 އޮކްޓޯބަރ 2023ޚަބަރުފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސްއަށް
- 19 އޮކްޓޯބަރ 2023ޚަބަރުފައިނަލްގައި ޗެލެންޖާސް އަދި ރޯޔަލް ފްރެންޑްސް
- 18 އޮކްޓޯބަރ 2023ޚަބަރުޑްރެގަންސް ބަލިކޮށް ޗަޑްސް އިން ފައިނަލަށް