ރަނގަޅަށް ފޯނަށް ސިގްނަލް ނުލިބޭތީ އަލީނާ ވޯޑުން ބޭރަށް ނުކުމެއްޖެއެވެ. އަނެއްކާވެސް އޭނާގެ ކޮއްކޮ އާލިމް އަށް ގުޅޭތޯ މަސައްކަތްފެށިއެވެ. ފޯނު ނިވާލާފައި އޮތްކަމުގެ މެސެޖް ނެޓްވޯރކް އޮޕަރޭޓަރުން ކިޔަމުން ދިޔައެވެ. އަލީނާގެ ކަންބޮޑުވުން އިތުރުވާން ފެށިއެވެ. އޭނާގެ ކޮއްކޮ ގެއަށް ފޮނުވިތާ މިހާރު ގަޑިއެއްހާއިރުވަނީއެވެ. އަނެއްކޮޅުން ބައްޕަ އަންދުވާނެ މުންޑެއް ނެތިގެން މިހާރު އޮތީ ބެޑްޝީޓެއް އަންދުވާފައެވެ. އަލީނާ ހަދާނެގޮތް ހުސްވެގެން ރައްޓެއްސަކަށް ގުޅަން ހިތަށް އަރާފައި ފޯނުގެ ނަންބަރުތަކަށް ފިއްތަން ފެށިއެވެ. އެވަގުތު އަވަސް ފަރުވާދޭ ކޮޓަރިއާއި ދިމާއަށް އައްޓެއްގައި މީހަކު ގެންދާތަން ފެނިއްޖެއެވެ. އެ ހިސާބުގައިވަނީ މީހުންތައް ފުރި ބާރުވެފައެވެ. އެއްމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. ހިތާމައެވެ. ބިރުވެރިކަމެވެ. އަލީނާއަށްވެސް އެ ދިމާއަށް ދުއްވައިގަނެވިއްޖެވެ. ހީވީ ކޮންމެވެސް ކަހަލަ ދަމާ ބާރެއްގެ އަސަރު އޭނާއަށް ފޯރިހެންނެވެ.

“ކިހިނެތްވީ؟؟ ކާކު އެއީ؟” އަލީނާ އެތާ ހުރި އަންހެނެއްކައިރީ ސުވާލުކުރަން ފެށިއެވެ. އޭނާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވެފައިވާތީ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

“ނޭނގޭ ކާކުކަމެއް، ޒުވާންފުރާގެ ފިރިހެން ކުއްޖެކޯ. ކާރަކުން ޖެހުނީޔޯ. މުޅި ސިކުނޑިވެސް އޮތީ އެއްކޮށް ނިކުމެފަޔޯ.” އެ އަންހެން މީހާއަށް ލިބިފައިވާ މަޢުލޫމާތުތައް ފައްޗަކަށް އަމުނާލިއެވެ.

އަލީނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އޭނާގެ ހިތަށް ތަފާތު ވަހުމްތައް ވަންނަމުން ދިޔައެވެ. އަނެއްކޮޅުން އޭނާގެ ކޮއްކޮގެ ޚަބަރެއްނުވެވެސް އެހާ ގިނައިރުވެއްޖެއެވެ. އާލިމްގެ ފޯނަށްވެސް ގުޅޭގޮތެއް ނުވިއެވެ. އަލީނާ އަނެއްކާވެސް ޢާލިމްއަށް ގުޅޭތޯ ފޯނު ނެގިއެވެ. އެވަގުތު ނުދަންނަ ނަންބަރަކުން އޭނާއަށް ކޯލެއް އަންނަން ފެށިއެވެ.

“ހެލޯ!!” ހައިރާން ކަމާއެކު އަލީނާ އަށް ބުނެވުނެވެ.

“ތީ ކޮން ބޭފުޅެއްތޯ؟” އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ.

“ކާކު ހޯދަނީ؟ ހަމަ ތިހެން ގުޅާހާ މީހަކަށް އަޅުގަނޑު ޖަވާބުދީ ވާހަކަދައްކައެއް ނުހަދަން!!” ޙާސްވެފައިހުރިވަރުން އަލީނާއަށް ވާހަކަދެއްކުނީ ހަރުކަށި ރާގަކަށެވެ.

“އަޅުގަނޑަކީ ފުލުހެއް. އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެންމެ ގެނައި އެކްސިޑެންޓް ވިކްޓިމްއެއްގެ ފޯނެއްކަމަށް ބެލެވޭ ފޯނަކުން މި ނަންބަރަށް ޑައިލްކޮށްފަ އޮތީމަ މި ގުޅީ. ވިކްޓިމް ގެ ތިމާގެ ބޭފުޅެއްތޯ ތީ؟؟” އެކޮޅުން ވާހަކަދެއްކި މީހާ ވަރަށް ސީރިއަސް ރާގެެއްގައި ސުވާލުކުރިއެވެ.

“އަޅުގަނޑު މިހުރީ އައިޖީއެމްއެޗް ގަ މިވަގުތުވެސް. ދެން.. ދެންމެ… ދެންމެ އިމަޖެންސީ ރޫމަށް އެ ވެއްދީތޯ އަޅުގަނޑުގެ ކޮއްކޮ؟” އަލީނާއަށް ކޮޅަށް ހުންނަންވެސް އުނދަގޫވިއެވެ. ފުލުސްމީހާ ޖަވާބު ނުދެވިގެން އުޅެނިކޮށް އިމަރޖެންސީ ރޫމާއި ދިމާއަށް އަލީނާ ދުއްވައިގަތެވެ.

“އާދެ… އަޅުގަނޑު މިހުރީ އިމަޖެންސީ ރޫމްގަ!!” ފުލުސް މީހާ ޖަވާބުދިނެވެ. އޭރު އަލީނާ ގޮސް ރޫމްގެ ދޮރާއި އަރާ ހަމަވަނީއެވެ. އެތެރެއިން ފުލުހެއް ނުކުމެ އަލީނާ ވެއްދިއެވެ.

އިމަޖެންސީ ރޫމްގެ އެތެރެއަށް އަލީނާ ވަނުމާއިއެކު އެތާ ހުރި އަންހެން ފުލުހެއް އައިސް އަލީނާ ކައިރިއަށް ހުއްޓުނެވެ.

“ތީ ވިކްޓިމްގެ ކާކުތޯ؟” އެމީހާ ސުވާލުކުރިއެވެ.

“ދަ… ދައްތަ…އަޅުގަނޑަކީ އަލީނާ…. ކޮބައިތޯ އާލިމް؟؟ ….. ކިނެތްތޯ އާލިމްގެ ހާލު؟؟” އަލީނާ ނުރޯން ވަރަށް މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

“އަލީނާ އިހަށް ހަމަޖެހިލަބަލަ. ޑޮކްޓަރުން އަވަސް ފަރުވާ ދެއްވަމުން ގެންދަވަނީ. ވަކި އެއްޗެއް ބުނަން އެނގޭނީ ޑޮކްޓަރުންނަށް.” ފުލުސް މީހާ ވަރަށް މަޑުމައިތިކޮށް ވާހަކަދައްކަމުންދިޔައެވެ. ކުއްލިއަކަށް އެތަނަށް ޑޮކްޓަރު އައިސް ހުއްޓުނެވެ. ދިވެހި ޑޮކްޓަރެކެވެ.

“ޕޭޝަންޓް ސަލާމަތް ކުރެވޭގޮތެއް ނުވި. ވަރަށް ބޮޑަށް ސިކުނޑިއަށްވަނީ ގެއްލުން ލިބިފަ. ވީ އާރ ރިއަލީ ސޮރީ!!” އަލީނާގެ ކޮނޑުގައި ފިރުމާލަމުން ޑޮކްޓަރު މި ތިން ޖުމުލަ ބުނުމަށްފަހު އެތަނުން ނުކުމެއްޖެއެވެ.
******************
ޖަނާޒާގެ ކަންތައް ނިމުމުން އަލީނާ ހިތްވަރުކޮށްފައި ހޮސްޕިޓަލަށް ހިނގައްޖެއެވެ. ހޮސްޕިޓަލަށް ވަނުމުން މިފަހަރު ކުރިން ނުވާކަހަލަ އުނދަގޫތަކެއް އޭނާއަށް ވާންފެށިއެވެ. އިމަޖެންސީ ރޫމްތެރެ ލޯމައްޗަށް ފެންނަން ފެށިއެވެ. އޮޅާފައިވާ ބެންޑޭޖް މަތިން ލޭ ފާއްދާލާފައިވާ އޭނާގެ ކޮއްކޮ އާލިމްގެ މޫނު ފެންނަން ފެށިއެވެ. ޑޮކްޓަރުން ބުނިގޮތުން އާލިމްގެ ސިކުނޑި އޮތީ އެއްބައި ބޭރަށް ނުކުމެފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ހަށިގަނޑުގައި ކޮންމެވެސްވަރެއްގެ ދިރުމެއް ހުރިނަމަވެސް މެޑިކަލް ބަހުރުވައިން ބުނާނަމަ އޭނާ އޮތީ މަރުވެފައެވެ.

ޚިޔާލުތަކާއި ދުރަށްޖެހިލުމަށް ފޯނުގެ ޑާޓާ އޮންކޮށްލިއެވެ. ފޭސްބުކަށް ވަދެލުމުން ހިތްހަމަޖެހުމެއް ލިބިދާނެކަމަށް ހީކޮށެވެ. ފޭސްބުކް ޕޭޖްތައް ހާވާލުމުން ކަންތައްވީ ހީކުރިގޮތާއި ޚިލާފަށެވެ. އޭނާގެ ކޮއްކޮ އެކްސިޑެންޓްވި ސީންގައި އޮއްވާ ކޮންމެވެސް މީހަކު ނަގާފައި އަޕްލޯޑްކޮށްފައިވާ ފޮޓޯތަކެއް ދައުރުވާތަން ފެނުނެވެ. އެއްފަހަރު ނަމަވެސް ހިތްވަރުކޮށްފައި އެ ފޮޓޯތައް އަލީނާވެސް ބަލައިލިއެވެ. ސަހަރޯއެވެ. ޑޮކްޓަރުން ބުނިގޮތަށް އޭނާގެ ކޮއްކޮގެ ސިކުނޑީގެ އެއްބައި ކުދިކުދިވެ ބުރައިގެން ގޮސްފައިއޮތްތަންވެސް އެ ފޮޓޯތަކުން ފެންނަން ހުއްޓެވެ. ބޮލުގެ ނާށިގަނޑު އެއްކޮށް އޮތީ ކުދިކުދި ވެފައެވެ. މާގިނައިރަކު އެ ފޮޓޯތަކަށް ބަލާކަށް ނުކެރުނެވެ. ނޫސްތައް ބަލައިލުމަށް އަވަސްވެގަތެވެ. ހުރިހައި ނޫހެއްގެ ފަލަ ސުރުޚީގައިވެސް އެއްމެ ފުރަތަމަ އޮތީ އެ ނުރައްކާތެރި އެކްސިޑެންޓްގެ ވާހަކައެވެ. މީހުންގެ ތުންތުން މަތިން އެކްސިޑެންޓް ހިނގިގޮތާއި ބެހޭގޮތުން ބައެއް ވާހަކަތައް އަޑުއިވިފައި ވިޔަސް އަލީނާއަށް އެ ހުރިހައި ވާހަކަތައް ޤަބޫލުކުރަން ދަތިވިއެވެ. އޭނާގެ ކޮއްކޮއަކީ ކިހާވަރަކަށް މަގުމަތީގެ ރައްކާތެރިކަމަށް ވިސްނާ ކުއްޖެއްކަން އެއްމެ ބޮޑަށް އެނގޭނީ ހަމަ އަލީނާ އަށެވެ. އެހެންކަމުން ނޫސްތަކާއި ފުލުހުންގެ ވާހަކަތައް ހުރިގޮތް ބަލައިލަން އޭނާ ހުރީ ކެތްމަދުވެފައެވެ. ކިތަންމެ ކެތްތެރިކަން ގަދަކަން މިއަދު ދެއްކިޔަސް އޭނާގެ މުޅި ހަށިގަނޑު ރޮމުންދާކަހަލައެވެ.

“ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ” ރާއްޖެ ޑޮޓް އެމްވީގެ ފަލަ ސުރުޚީއަށް އޭނާ ކްލިކްކޮށްލަމުން ބައްޕަ ކައިރީގައި އިށީންދެއްޖެއެވެ.

“ރޭ ބާރަގަޑި ސާޅީސް އަށެއް ކަންހާއިރު މަޖީދީމަގު-ޗާންދަނީމަގު ލައިޓްކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓްގައި މަރުވެފައިވަނީ ހ. އަޓީސާ މުޙައްމަދު އާލިމް ކަމަށް ފުލުހުން ބުނެއެވެ.

މަންޒަރު ދުށް ބައެއް މީހުން ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެމުން ބުނީ އާލިމް މަގު ހުރަސްކުރަނިކޮށް އާދަޔާ ޚިލާފް ބާރުމިނެއްގައި ދުއްވާފައިދިޔަ ކާރެއް އޭނާގެ ގައިގައި ވަރަށް ބާރަށް ޖެހުނުކަމަށެވެ. ހަމައެއާއެކު އޭނާ ވިއްސައިގެން ގޮސް ޕޭވްމަންޓްމަތީގައި ޖެހުނުކަމަށް މަންޒަރުދުށް މީހާ ބުނެވެ.

“”ކާރުން އެހާ ބާރަށް މީހަކު ގައިގަ ޖެހުނީމަވެސް އެ ކާރު މަޑުވެސް ކޮށްނުލައި ކައިރީގައި އޮތް ގޯޅިއަކަށް އަޅައިގެން ދިޔައީ”” ރާއްޖެ އެމްވީއަށް މަޢުލޫމާތު ދިން މީހާ ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި ދުއްވި ކާރު މިހާރު ހޯދިފައިވާކަމަށާއި މި މައްސަލަ ވަރަށް ސީރިއަސްކަމާއިއެކު ބަލަމުންދާތީ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތްކަމަށެވެ.

އެކްސިޑެންޓްގައި ނިޔާވި ޒުވާނާގެ ޖަނާޒާ ………..”

އިތުރަށް ނޫސް ކިޔާނެ ހިތްވަރެއް އަލީނާއަކަށް ނުލިބުނެވެ. އޭނާ ހިތްވަރުކޮށްފައި ބައްޕައަށް ބަލައިލިއެވެ. އެ ބައްޕައަށް ވާނުވަ އެނގޭ ހާލެއްގައި އޮތްނަމަ މިހާރު ކިހާ ހިތާމައެއް ކުރާނެހެއްޔޭ އަލީނާގެ ހިތަށް އެރިއެވެ.

ކުއްލިއަކަށް އަލީނާގެ ފުރަގަހުން އައިސް މީހަކު އޭނާގެ ކޮނޑުގައި ފިރުމާލިއެވެ. އަލީނާ އިނީ އެނދު ކައިރީގައި ގޮނޑި ބަހައްޓައިގެން ބައްޕައާއި ދިމާއަށް ބަލާށެވެ. އަލީނާ ފަހަތަށް ބަލައިލިއެވެ. އެއީ އޭނާގެ ބައްޕަ އޮތް ވޯޑްގައި ތިބި ތ. ކިނބިދޫ ބައެއްގެ ތެރެއިން މީހެކެވެ. އަލީނާގެ މަންމަ ދުނިޔޭގައި ހުރިނަމަ އޭނާގެ މަންމައާއި އެއް ފުރާވަރެއްގެ މީހެކެވެ.

“އެކޮއެ ހިތްވަރުކުރާތި. ދައްތަގެ ދެކުދިންވެސް ޖަނާޒާއަށް ފޮނުވިން. އެކޮއެ ހާދަ އަވަހަކަށް ތިޔަ އައީ؟ އަރާމުކޮށްލަން މަޑުކޮށްލިނަމަ!!” އެ އަންހެންމީހާގެ އޯގާތެރިކަން ފެނިފައި އަލީނާގެ ލޮލުން ކަރުނަ ހިލުނެވެ.

“ދައްތާ. މިއަދު ދައްތަ މެން ތިބިކަމުންނެއްނު އަހަންނަށް ކޮއްކޮގެ ކަންތަކުގަ އުޅެވުނީވެސް. ދެން ދައްތައަކަށްވެސް އެހާ ފަސޭހައެއް ނުވާނެއެއްނު ދައްތަގެ ދަރިފުޅު ބަލަމުން ބައްޕަ ކައިރީ އިންނާކަށް. އެހެން ނޫނަސް ގޭގަ މަޑުކޮށްފިއްޔާ މާ ސަކަރާތްވާނެތީ އަވަހަށް މިއައީވެސް.” އަލީނާ ވަރަށް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.

ތ. ކިނބިދޫ ރަޝީދާގެ އޯގާތެރިކަން ލިބެމުން އަންނަތާ މިހާރު ހަފުތާއެއް ވީއެވެ. ރަޝީދާގެ އޯގާތެރިކަމުން ބައެއްފަހަރު އަލީނާއަށް އުފަލުން ރޮވޭވަރު ވެއެވެ. އަލީނާމެންގެ ތިމާގެ މީހަކު ނެތުމުން އެހައި ހާލުގައި ހޮސްޕިޓަލްގައި ތިބޭތާ މިހާރު މަސްދުވަސް ވަނީއެވެ. އޭނާގެ ބައްޕަ އޮތީ ކޯމާއެއްގައެވެ. ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައެވެ. އެހެންނަމަވެސް މަޔަކު ނުލައި އަލީނާއާއި އޭނާގެ ކޮއްކޮ ބަލައިބޮޑުކުރި އެ ބައްޕައާއި މެދު އޭނާގެ އުއްމީދެއް ނުކެނޑެއެވެ.

“ދެންމެ މިތަނުން ބަޔަކު ކިޔާތީ އެހިން އެ ކާރު ދުއްވަން އިނީ މިރަށު މަހުޖަނު ޖަވާދުގެ ދަރިއެކޭ. އަދި މީހުން އެހެން ކިޔަން ފެށީމާ އެ މަހުޖަނު ފުލުހަށްގޮސް އެއްބަސްވެއްޖެޔޯ އެކްސިޑެންޓްހިނގީ އޭނާގެ ކާރުންކަމަށް. އެކަމަކު ކާރު ދުއްވަން އިނީ އޭނާގެ ޑްރައިވަރެކޯވެސް އެ މަހުޖަނު ބުންޏޯ!!” ރަޝީދާ އޭނާއަށް އަޑުއިވުނު ވާހަކަތައް އަލީނާއާއި ހިއްސާނުކޮށް ނުހުރެވިގެން ކިޔައިދިނެވެ.

“މަހުޖަނު ޖަވާދުއޭ!!” އަލީނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.