މިރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރުމަށް އެއްމެ ފަހުގެ ތައްޔާރީތައް ވަމުންދާ ފިލްމް “ބޮސް” އިން ދިވެހި ފީޗަރ ފިލްމަށް އަލަށް ތަޢާރަފް ވެގެންދާ މުހައްމަދު ޔުނާން އާއި މެދު ފާޠުމަތު ނަހުލާ ހުރީ ހިތްހަމަ ޖެހިފައެވެ. ޔުނާން އަށް ނަހުލާ ކުރާ ތަޢުރީފުން އެކަން ސާބިތު ކޮށްދެއެވެ.

މުހައްމަދު ޔުނާން ފީޗާ ފިލްމަކަށް އަލަސް އެކްޓިންއަކަށް އަލެއް ނޫނެވެ. އޮފީސް ޓެލެޑްރާމާ މުބާރާތުގައި އޭނާ ވަނީ އެކްޓިން ހުނަރު ދައްކާލައިފަ އެވެ.

ފިލްމު އުފެއްދުމާއި އެކްޓިންގ ގައި ހުނިޖަހައި ފާހަގަ ކޮށްލެވޭ ރަވީ ފާރޫޤް އަދި ރިޝްމީ ގެ ޚިޔާލަށް ނަހުލާ ގެ ފިލްމަކުން ޔުނާން އަށް ފުރުޞަތު ލިބިގެންދާނީ ހަމަ ގައިމުވެސް ޔުނާން ގެ ކިބައިން ނަހުލާ ވެސް ބޭނުންވާ ސިފަތަކެއް ފެނިގެންނެވެ. ނަހުލާ ބުނަނީ ޔުނާންއަކީ މި ދާއިރާގައި މިހާރު ތިބި އެކްޓަރުންނަށް ގޮންޖަހައިލާ ވަރުގެ އެކްޓަރަކަށް ވާނެ ކަމަށާއި އޭނާގެ އެކްޓިން ފެނިފައި އަމިއްލަ އަށް ވެސް އަންތަރީސްވެފައިވާ ކަމަށެވެ.

ނަހުލާ ބުނީ “ބޮސް” ގެ ލީޑް ރޯލަށް ޔުނާން ލެވުމަކީ މި ފިލްމަށް ކުރެވުނު އެންމެ ރަނގަޅު އެއް ކަންތައް ކަމަށެވެ.

“ފިލްމްގެ މަސައްކަތް ފެށި އިރު ވެސް ސުވާލު ތަކެއްގެ ތެރޭގައި އަހަރެން ހުރީ. އަހަރެންގެ ފިލްމެއްގެ ލީޑް ރޯލެއް އާ މީހަކަށް ދީގެން އަނެއްކާ ކިހިނެއް ވާނެބާއޭ ހިތަށް އަރާފައި ޖެހިލުންވެފައި ފުރަތަމަ ހުރެވުނީ،” ނަހުލާ ބުންޏެވެ. އެހެން ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް ޔުނާން އެންމެން އަންތަރީސްކޮށްލި ކަމަށް ނަހުލާ ބުނެއެވެ.

“އާ މީހަކާ ބަލާފައި މިވަރުގެ އެކްޓިންއެއް ދެއްކިދާނެ ކަމާ ދޭތެރޭ އުފެދުނު ހުރިހާ ޝައްކުތަކެއް ޔުނާން ފިލުވައި ދީފި. އޭނަގެ ފަރާތުން ފެންނަނީ ކުރިން ހަމަ އެކްސްޕެކްޓް ނުކުރާ ވަރުގެ މޮޅު ހުނަރެއް. އަހަރެން ބުނާނީ އޭނާއަކީ ފިލްމީ ދާއިރާގައި މިހާރު ތިބި އެކްޓަރުންނަށް ގޮންޖަހާލާ ވަރުގެ އެކްޓަރަކަށޭ ވާނީ،” ފިލްމްގެ ލީޑް ރޯލް އާ އެކްޓަރަކަށް ދެވުމުން މިހާރު ހިތްހަމަޖެހިފައި ހުރި ނަހުލާ ބުންޏެވެ. “މީގައި ތިބި ސީނިއާ އެކްޓަރުންނަށް ހަމަ ދޫނުކުރާ ވަރުގެ މީހެއް ޔުނާނަކީ.”

ނަހުލކާ ބުނީ ޔުނާންއަކީ އެކްޓިން ރަނގަޅު ވަރަށް ހިތްވަރުލާ ޒުވާނެއް ކަމަށެވެ. އެގޮތުން އޭނަ އަމިއްލަ އަމިއްލަ އަށް ދަސްކުރުމުގެ އިތުރަށް އަހައިގެން ވެސް ވަރަށް ބޮޑަށް ދަސް ކުރަން މަސައްކަތް ކުރާ ކަމަށް ނަހުލާ ބުންޏެވެ.

“އަހަރެން ބުނާނީ ބޮސް ބަލާފައި އޯޑިއަންސް ނުކުންނާނީ ޔުނާން ދެކެ ލޯބިވެގެންނޭ،” ޔަގީންކަމާ އެކު ނަހުލާ ބުންޏެވެ.

އޭނާގެ އެ ވާހަކަތައް ދެން ބާރު ދެނީ ޑައިރެކްޓަރު ރިޝްމީ އެވެ. އޭނާ ބުނި ގޮތުގައި ނަހުލާ އަށް، ޔުނާން ރެކޮމެންޑް ކުރެވުނުކަމީ “ބޮސް” އަށް ލިބުނު އެންމެ ބޮޑު އެއް ފުރިހަމަ ކަމެވެ.

“މީގެ އެހެން ކާސްޓުން އޯވަޝެޑޯ ކުރާ ވަރަށް ޔުނާން އެބަހުރި ޕަފޯމަންސް ދައްކާފައި. އޭނާ މި ފިލްމަށް ގެނެވުނީތީ ވަރަށް ޕްރައުޑްވެފައި މި ހުންނަނީ،” ރިޝްމީ ބުންޏެވެ. “އަހަރެން ބުނާނީ އޭނާއަކީ ފިލްމީ ދާއިރާގެ ބޮންތި އަށް އަރައިގެން ދާނެ އެކްޓަރެކޭ. ހަމަ ހަގީގަތުގައި ވަރަށް މޮޅު އޭނަ.”

އައްޒަ އަދި ޔުނާން

ޔުނާންއާ އެކު “ބޮސް” ގެ ބަތަލާގެ ރޯލް ކުޅޭ މަރިޔަމް އައްޒަ ވެސް ބުނަން އޮތީ ހަމަ އެހެންނެވެ.

“އާ މީހެއްވީމަ އައްޒަ ވެސް ފުރަތަމަކޮޅު ވަރަށް ޖެހިލުންވެފައި ހުރީ. އެކަމަކު ޔުނާންގެ އެކްޓިން ހަމަ އަންއެކްސްޕެކްޓެޑް. އޭނަ މޮޅުވީމަ އަހަންނަށް ވެސް އެކުގައި ސީންތަކަށް ރިއެކްޓް ކުރަން ވަރަަށް ފަސޭހަ. މީގައި ބޮޑަށް ހުންނާނީ ވެސް ލޯބީގެ އަދި ހިތާމަވެރި މަންޒަރުތައް،” އައްޒަ ބުންޏެވެ. “އެކަމަކު ކޮންމެ ސީންއަކީ ޔުނާން އެހާ މޮޅަށް އެކްޓްކޮށްލާފައި ހުރި ސީންތަކެއް. އާ މީހެކޭ އިހުސާސް ނުވާ ވަރަށް އޭނަގެ މަސައްކަތް ޕާފެކްޓް.”

އައްޒަ ބުނީ ޔުނާންއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވެ ހިތްހަމަޖެހިފައިވާ ކަމަށެވެ.

ޑްރާމާތަކެއް ކުޅުނަސް ރާއްޖޭގެ މަޝްހޫރު ތަރިންނާ އެކު، ބޮޑު ސްކްރީނަށް އައުމަކީ އަދި ޔުނާން އަށް ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ.

މިރޭ ޕްރިމިއަރ ކުރާ “ބޮސް” އަކީ ނަހުލާ ލިޔެ، ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓްކުރާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ރިޝްމީ ޑައިރެކްޓް ކުރިޔަސް “ބޮސް” އަކީ ނަހޫ ސްޓައިލްގެ ފިލްމެއް ދިގު މުއްދަތަކަށް ފަހު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ފިލްމީ ދާއިރާގެ ކަންތައް ތަކަށް ބަލާއިރު، ނަހުލާ އާއި މެދު އެނގޭ އެއްމެ މުހިއްމު އެއް ކަމަކީ ނަހުލާ އަކީ ފިލްމު ޕްރޮމޯޝަން އަށް ހޮޅިވާހަކަ ދައްކާ މީހެއް ނޫން ކަމެވެ. ނަހުލާ ދައްކާ ވާހަކައިގެ ބުރަދަން ހުންނަ ވަރު އޭނާގެ ފިލްމު ތަކުން ބެލުންތެރިންނަށް އަންނަނީ ސާބިތު ކޮށްދެމުންނެވެ. އެހެން ކަމުން ޔުނާން އާއި މެދު ނަހުލާ ކުރަމުން އަންނަ ތަޢުރީފް ގެ ހުރިވަރެއްވެސް މިރޭ އެނގިދާނެތާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.