ނޯޓް: މިއީ ހަޤީޤީ ހާދިސާއަކަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަން ތަކެއް ނޫނެވެ.

ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ހިތުގެ ފިނިކަމެވެ. ދެލޮލުގެ ނޫރެވެ. އެކުދިންނަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ވަރަށް ބޭނުން ވާނެއެވެ. ޙިމާޔަތާއި ރައްކާތެރިކަން ނުހަނު ބޭނުން ވާނެއެވެ. އެކުދިންގެ ހައްޤުގައި އަޅުގަނޑުމެން އެންމެން ފަރުދީ ޒިންމާ އަދާކުރުމަށް އަތު ގުޅާލާށެވެ.

——————-

ހެނދުނުގެ ތެތްފިނިކަން މުޅި ކަނޑުހުޅުދޫއަށް ވަނީ ވެރިވެގެންފައެވެ. އަތިރިމަތީގައި ފެތުރިފައިވާ ދޮންވެލީގެ ދޫލަ ދޫކޮށް މަޑުމަޑުން ފިޔަަވަޅު ނަގަމުން ރަށުގެ ތެރެއަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގަމުން މުސްކުޅި ފުރާގެ މީހެއް އަރައިގެން ދިޔައެވެ. އިސްކޮޅުން ކުރު، ހަމުގެ ކުލަ ކަޅު މީހެކެވެ. ބޮލުގެ މެދުބައި ވަނީ ހުސްކޮށެވެ. ތަލަވެފައެވެ. އެހެނަސް ބޮލުގެ ދެފަރާތުގައި ކޮންމެ ވެސް ވަރަކަށް ނުރަ ފަޅާފައި ހުއްޓެވެ.

މުންޑު އަރުވައި ޖަހައިގެން ހިނގާފައި ދިޔަ އެމީހާގެ ގަޔަކު އިތުރު އެހެން ފޭރާމެއް ނެތެެވެ. މޭމަތީގައި ނުރަ އިސްތަށިތައް އެއްވެސް ތަރުތީބެއް ނެތި ވަނީ ފެތުރިފައެވެ. ހޮޔޮ ވަރެއްގެ ބަނޑެއް ލާފައި ހުރި އިރު އެމީހާ ހިނގާފައި ދިޔައީ ވަރަށް މަޑުމަޑުންނެވެ. ބަލާބެލުމަށް އޭނާ 80 އަހަރަށް ވުރެށް މަތި ވާނެހެން ހީވެއެވެ. އެއީ ކަނޑުހުޅުދޫ އިބްރާހިމް ދީދީ އެވެ.

“ކޮއްކޯ… ކިހިނެއް؟؟” މަގުމަތީގައި ކުޅެން ހުރި އުމުރުން 6 އަހަރުގެ ކުއްޖަކަށް އިބްރާހިމް ދީދީ ގޮވައިލިއެެވެ.

“ރަނގަޅު…” އެ ކުއްޖާގެ ތުންފަތަށް ހިނިތުން ވުމެއް ވެރިކޮށްލަމުން ބަލައިލީ އެވަގުތު އެތަނަށް އައި އެކުއްޖާގެ މަންމަގެ މޫނަށެވެ.

“ދަރިފުޅާ ވަދޭ އެތެރެއަށް….” މަގުމަތީގައި ކުޅެން ހުރި ކުއްޖާގެ މަންމަ ވަރަށް އަވަހަށް އެ ކުއްޖާ ގެއަށް ވެއްދިއެވެ.

“އަހަރެންގެ ދަރިއަށް ގޮވާނެ ކަމެއް ނެތް… މިގޭ ދޮށުން ރައްކާވޭ…!!” ހަރުކަށި ރާގެއްގައި އެކުއްޖާގެ މަންމަ ބުނެލިއެވެ. ނުލަފާ ފާޑަކަށް ތުންފަތުން ހިނިތުންވުމެއް ވެރިކޮށްލަމުން އިބްރާހިމް ދީދީ ކުރިއަށް ހިނގައިގަތެވެ.

އިބްރާހިމް ދީދީ މަގުމަތިން ހިނގާފައި ކުރިއަށް ދިޔައިރު މަގުމަތީގައި ތިބި ގިނަ ކުދިންތައް ދިޔައީ ފިލާ ރައްކާވަމުންނެވެ. ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. އިބްރާހިމް ދީދީ އެމަންޒަރު ތަކަށް ބަލަމުން ގެންދިޔައީ ހެމުންނެވެ. ބާކީވެފައިވާ ކަމުގެ އިޙްސާސެއް އޭނާގެ ހިތުގެ ތެރޭގައި ނުހިނގައެވެ. އިބްރާހިމް ދީދީ ދިޔަ ގޮތަށް ގޮސް ވަނީ އޭނާގެ ފިރިހެން ދަރި މުހައްމަދުފުޅު ގެއަށެވެ.

“މުހައްމަދުފުޅާ…” އިބްރާހިމް ދީދީ އަޑަށް ކޮޓަރިން ނިކުތީ މުހައްމަދުފުޅުގެ ދަރިއެއް ކަމަށްވާ ލިސާންއެވެ.

“ކޮބާ ބައްޕަ؟؟” އިބްރާހިމް ދީދީގެ މުސްކުޅި އަޑުން އޭނާ އަހައިލިއެވެ.

“ބައްޕަ ނޭނގެ… ބޭރުގަ ވީ…” ލިސާން ބަލައިލީ އޭނާގެ ކާފަގެ މޫނަށެވެ.

“ކޮބާ ކުޑަ މަންޖެ..؟ ނިދާފަތަ؟” އިބްރާހިމް ދީދީ ގޮސް ހުއްޓުނީ ކޮޓަރީގެ ދޮރު ކުރިމަތީގައެވެ.

“އާނ.. ނިދާފަ…” އެނދުމަތީގައި ނިދާފައި އޮތް ކުޑަކުޑަ އަލްޔާއަށް ލިސާން ބަލައިލިއެވެ. ލޯބިލޯބި ކުއްޖެކެވެ. ދޮންދޮން ބަށްޓެއް ކަހަލައެވެ. ކުޑަކޮށް ޗަބީކޮށް އޮތް އިރު ހީވަނީ ފުށް ކޮޅެއް ހެންނެވެ. މާޝާﷲ. އެހާ ވެސް ލޯތްބެވެ. އަޒަލިއްޔަ ޤާނޫނުން އަލްޔާ ވަނީ ކިތަންމެހާވެސް ފުރިހަމަކޮށް ހައްދަވާފައެވެ.

އިބްރާހިމް ދީދީ ހިނގައިގަތީ އަލްޔާ އޮތް ކޮޓަރިއަށް ވަންނާށެވެ. ލިސާނަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ.

ދުވަސްތައް މާޒީވަމުން ދިޔައެވެ. ތުއްތުތުއްތު އަލްޔާ ބަަލައި ބޮޑު ކުރަމުން ގެންދިޔައީ އޭނާގެ ބައްޕައެވެ. ބައްޕަގެ ގޭގައެވެ. އެގޭގައި އެއްވެސް އަންހެނެއް ނޫޅެއެވެ. ލިސާން އާއި އެކު އެގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ބައްޕަ އާއި ކާފައެވެ. އަލްޔާގެ ތުއްތު ދުވަސްތައް އޭނާ ގުނަން ޖެހުނީ އޭނާގެ މަންމަ އާއި ވަކިންނެވެ.

މަސްތުވާތަކެތީގެ އަވައިގައި ޖެހި އަލްޔާގެ މަންމަގެ ނަފުސު ހަލާކުވިތާ މިހާރު ކިތަންމެ ދުވަހެކެވެ. އަލްޔާގެ މަންމަ ރާޔާ ގެ ދިރުއުޅުމުގެ އުފަލަކަށް ހެދީ މަސްތީ އަރާމާއި ހިތްހަމަ ޖެހުމެެވެ. ރަން ދުނިޔެއެއްގައި އަމިއްލަ ޚިޔާލީ ކަންތައްތަކެއްގެ ތެރޭގައި ރާޔާގެ ސިކުނޑި ކައި ހުސްކުރަމުން ގެންދިޔައީ ބާރުގަދަ ޑުރަގްގެ ބާވަތްތަކެވެ. ރާޔާގެ ދިރިއުޅުމުގައި މަސްތަކީ އޭނާގެ ހިތުގެ އުފާކަމުގައި އޭނާ ދެކުނެވެ. އެ އުފާވެރިކަމުން އޭނާގެ ހިތަށް އެތަކެއް ސަޒާ ތަކާއި ވޭން ތަކެއް ލިބުނެވެ. އެތަކެއް ތުރާ ތަކެއް ލިބުނެވެ. އެ ވޭންތަކާއި ރިހުން ތަކަށް ރާޔާ އަކަށް ޝިފާއެއް ނުލިބުނެވެ. ޑްރަގު އެޑިކްޓްވެގެން މުޅި މީހާ ހަލާކުވީއެވެ. އެންމެ ފަހު ކަމަކަށް އެކަމުން ސަލާމަތް ވެވެން އޮތީ ރިހެބުން ކަމުގައި ދެކި އަމިއްލައަށް އިސްލާހު ވުމުގެ ނިޔަތުގައި ރިހެބިލިޓޭޝަނަށް ދިޔައެވެ. ތުއްތުތުއްތު އަލްޔާ ދޫކޮށްލާފައެވެ.

ރާޔާގެ އާއިލާއިން އަލްޔާ ބަަލަން ބޭނުންވިއެވެ. ނަމަވެސް ލިސާންގެ އެދުމަށް އަލްޔާ ގެނެވުނީ އޭނާގެ ބައްޕަގެ ގާތަށެވެ. އެދުވަހުން ފެށިގެން އަލްޔާ ބެލުމުގެ ޒިންމާ އާއި ހަވާލުވީ ލިސާނެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި ގެއިން އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. ކުޑަކުޑަ ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑެވެ. ރޮއެރޮއެ އަޑު ހިނދޭ ފަހަރު ވެސް އާދެއެވެ. ރޮމުން ގެންދިޔައީ މައުސޫމް ކުޑަކުޑަ ފުރާނައެކެވެ. އަލްޔާއެވެ. އަލްޔާގެ މުޅި ފަޔާއި ބަނޑުމަތީގައި ހުރި ލޭތައް ސާފުކުރަމުން އަލްޔާގެ ކާފަ އާއި މުނިކާފަ ހަރަކާތްތެރިވަމުން ދިޔައީ ނުހަނު އަވަހަށެވެ.

ގޭގެ ބޭރު އުނދޯލީގައި އިން ލިސާންގެ ކަންފަތަށް އެ އާދޭހުގެ ރުއިމުގެ އަޑު ޔަޤީނުން ވެސް އިވޭނެއެވެ.

އެހެނަސް އޭނާގެ ފޫކޮޅު ހިއްލާލައި ކޮޓަރިއަށް ވަދެ ވަނީ ކީއްތޯ ބަލާލަން ވެސް ބޭނުމެއް ނުވިއެވެ. އެ ގޮތުގައި އެ ކުށެއް ނެތް ކުއްޖާ ރޯލަން ދޫކޮށްލީއެވެ. ކީއްވެ ހެއްޔެވެ؟ ހިތޭ ކިޔާ އެއްޗެއް ހަށިގަނޑުގެ ތެރޭގައި ނެތީ ހެއްޔެެވެ؟؟ ބައްޕަގެ މަޤާމުގައި ހުރެ އަމިއްލަ ލެއިން އުފެދުނު ދަރިއެއްގެ ރުއިމުގެ ވޭނީ އާދޭހުން ހަމަ ކުޑަވެސް އިޙްސާސެއް ނުވީ ހެއްޔެވެ؟؟

މުޅިން އާދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. ލިސާން މަޑުމަޑުން ކޮޓަރިއަށް ވަދެ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ކުރިއަށް ދިޔައެވެ. ލިސާންގެ މިސްރާބު ހުރީ ސީދާ ތުއްތުތުއްތު އަލްޔާ ނިދާފައި އޮތް އެނދާއި ދިމާލަށެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެ ކުޑަކުޑަ ރަނެއް މަލެއް ފަދަ ލޯބިލޯބި އަލްޔާ ވަރަށް ރީތިކޮށް ނިދާފައި އޮތެވެ.

އަލްޔާ އޮތް އެނދާއި ދިމާލުގައި ހުއްޓެމުން ލިސާން ގެ ނަޒަރު ހިންގާލީ އަލްޔާ ޖަހައިގެން އޮތް ނެޕީއަށެވެ. ކުޑަކުޑަ އަލްޔާއަށް ޙިމާޔަތެއް ނެތެވެ. ރައްކާތެރިކަމެއް ނެތެވެ. އަންހެން ދަރިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދޭ އެންމެ ބޮޑު ފަރާތަކީ އެކުދިންގެ ބައްޕައެވެ. އެހެނަސް އަލްޔާގެ ނެޕީއަށް ލިސާން އެ ބަލަނީ ރަނގަޅު ނިޔަތަކު ނޫނެވެ. ނެޕީ ބަދަލު ކުރާކަށް ވެސް ނޫނެވެ. އަލްޔާ ފެންވަރުވައި ރީތި ކުރާކަށް ވެސް ނޫނެވެ. ލިސާން މަޑުމަޑުން ކުށެއްނެތް މަޑު ފުށްކޮޅެއްފަދަ، އަލިފާނާއި ފެނާއި ވަކިނުވާ ވަރުގެ އަލްޔާގެ ނެޕީ ނައްޓާލިއެވެ. އެއާއި އެކި ލިސާން މަޑުމަޑުން އޭނާ ލައިގެން ހުރި ފޭރާން އޭނާގެ ހަށިގަނޑާއި ވަކިކޮށްލިއެވެ.

ސަހަރޯއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ހިތުގައި ބިރުވެރިކަމުގެ ކަންފުޅެއް ވެސް ހަމަ ނެތީހެއްޔެވެ؟ މާތް ﷲގެ ކޯފާއަށް ބިރު ވެސް ނުގަންނަނީ ހެއްޔެވެ؟ އަތުން ފައިން ގަދައެއް ދެއްކޭކަށް އެ ކުޑަކުޑަ އަލްޔާއަކަށް ނެތެވެ. އެހެނަސް އަޑުގެ ނެތް ކޮޅަށް ރޮމުން ގިސްލަމުން ދެއަތާއި ދެފައި ތެޅުވޭތޯ އެ ކުޑަކުޑަ ފުރާނަ މަސައްކަތް ކުރިއެވެ. ހިތްފަޅައިގެން ދާވަރުވެއެވެ.

މެންދުރުގެ ހޫނުން މުޅި ރަށުތެރެ ހުޅުދާން ކުރަނީއެވެ. އަލްޔާގެ ބޮޑުދައިތަ އެގެއަށް ވަދެ އަލްޔާ އޮތް ކޮޓަރިއަށް ވަނެވެ. ލިސާންގެ އެއްވެސް ހިލަވަޅެއް ގޭތެރެއަކުން ފެންނާކަށް ނެތެވެ. އިބްރާހިމްދީދީ ގޭ ބޭރު ޖޯލީގައި އިނެވެ.

“އަލްޔާ ބޭބީ…. ހިނގާ ފެންވަރަން…..” އަލްޔާގެ ބޮޑުދައިތަ ކަމުގައިވާ ނާހިދާ އަލްޔާ އުރާލަމުން ވަނީ ފާޚާނާއަށެވެ. ކުޑަކުދިންގެ ލަވަތައް ކިޔަމުން ދިޔައިރު އަލްޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވަމުން ދިޔައެވެ. އެހެނަސް ދޭތެރެ ދޭތެރެއިން ތަނަކަށް ތަދު ވެގެން ކޫސަނި ގޮތަކަށް އަލްޔާ ގެންދިޔައީ ރޮމުންނެވެ.

އަލްޔާ ފެންވެރު ވުމަށް ނާހިދާ އެކުއްޖާގެ ޖަހާފައިވާ ނެޕީ ނައްޓާލިއެވެ. ނާހިދާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަ ހުޅުވުނު ގޮތަށް ނާހިދާއަށް ލައްޕަން ވެސް ނޭނގުނެވެ. ނެޕީގައި ކޮންމެ ވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ.

“ދަރިފުޅާ.. އަލްޔާ… މީ ކިހިނެއްވެފަ؟؟” ނާހިދާ ވަނީ ބިރުން ހަލާކު ވާން ގާތްވެފައެވެ. ހިތް ތެޅެނީއެވެ. ހިތުގެ ވިންދު އަވަސް ވަނީއެވެ.

“ބަބައްޕި…” އެ ޅަ އަޑުން ބޭރުވީ އެވަރަށެވެ. ނާހިދާއަށް ހީވީ އޭނާގެ ހަތަރު ފަރާތުގައި ހުރި ހަތަރު ފާރު އައިސް އޭނާ ފިއްތާލިހެންނެވެ. ލޮލުގެ ތެރެ ކަރުނައިން މުޅިން ތެތްމާލިއެވެ. ހޯސްލާފައި ކަރުނަތައް ނާހިދާގެ ކޯތާފަތް މައްޗަށް އޮއްސައިގަތެވެ.

އެވަގުތު ފެނާއި ކުޅެމުން ދިޔަ އަލްޔާ އުރައި ލަމުން ނާހިދާ ފާޚާނާއިން ނިކުތެވެ. އަދި އެ ކުޑަކުޑަ ހަށިގަނޑުގައި ތުވާލި އޮޅާލަމުން ނާހިދާ އެގެއިން ނިކުންނަން ދުއްވައިގަތެވެ. އެ މަންޒަރު އިބްރާހިމް ދީދީ އަށް ހަމަ ރަނގަޅަށް ވެސް ފެނުނެވެ. އިބްރާހިމް ދީދީ ގެ އަޑުގެ ނެތް ކޮޅަށް ނާހިދާއަށް ގޮވަމުން ގެންދިޔައެވެ. އެހެނަސް ނާހިދާ އެ އަޑަށް ދިނީ ބީރު ކަންފަތެކެވެ. ނާހިދާގެ މޭގެ ތެރެއަށް އަލްޔާ ބޮޑިކޮށްގެން ދުވެފައި ގޮސް ވަނީ ރަށުގެ ޞިއްޙީ މަރުކަޒަށެވެ.

އަލްޔާ ބެލުމާއި އެކު ޑޮކްޓަރުގެ ދެލޯ ފެންކަޅި ވިއެވެ. ހިތް ރޫޅޭވަރު ވެފައި ހުރެ ޑޮކްޓަރު ބަލައިލީ ނާހިދާގެ މޫނަށެވެ.

“ހެޔޮނުވާނެ މިހެން ހަދަން… އަލްޔާއަށް މިހެން ހެދީ އިންސާނެއް ނޫން…” ޑޮކްޓަރުގެ ޖުމުލައިން ނާހިދާއަށް ހީވީ އޭނާގެ ބޯ މައްޗަށް ފުރާޅު ވެއްޓުނު ހެންނެވެ.

“ނޫން… ނޫން….” ނާހިދާ އަޑުން އަޑުނަގައި ވަރަށް ބާރަށް ރޯން ފެށިއެވެެ. ނާހިދާގެ ގައިން ވަރު ދޫވެ ހޮސްޕިޓަލްގެ ތެރެއަށް ނާހިދާ ދެމުނެވެ.

އާނއެކެވެ. އެ ކުޑަކުޑަ ކުށެއްނެތް، މައުސޫމް، އެންމެ 2އަހަރު ވެސް ނުވާ އަލްޔާ ފަކީރު ރޭޕް ކޮށްލީއެވެ. އެންމެ 2އަހަރު ނުވަނީސް އެ ކުއްޖާ ފަކީރުގެ އިއްފަތްތެރިކަން ފޭރިގަތީއެވެ. އެ އަތަކުން ޙިމާޔަތް ލިބެން ޖެހޭ އަތްތަކުން ތުއްތުތުއްތު އަލްޔާއަށް ލިބުނީ އަނިޔާއެވެ. އެ އަތްތަކުގެ އިނގިލިން އަލްޔާގެ މުޅި ޙަޔާތުގައި އެޅުނީ ވަކިތަކެވެ.

އަލްޔާގެ މަންމަ ފަދައިން އޭނާގެ ބައްޕަ އަކީ ވެސް މަސްތުވާތަކެތީގެ ދަންތުރައިގައި ޖެހިފިވާ މީހެކެވެ. އަލްޔާގެ ކާފަ އާއި މުނިކާފަ ވެފައި ވަނީ މުޅި ރަށަށް ވެސް ކުޑަކުދިންނާއި ޖިންސީ އަނިޔާ ކުރުމުގައި އަރާ ހުރި ބަޔަކަށެވެ. ލަސްނުވެ ޞިއްޙީ މަރުކަޒުން އެކަން ފުލުހުންނަށް ރިޕޯޓު ކުރިއެވެ.

ފުލުހުން އައި އިރު ރަށް ދޫކޮށް ލިސާން ފިލައިފިއެވެ. އިބްރާހިމް ދީދީ އާއި މުހައްމަދުފުޅު ފުލުހުން ހައްޔަރުކޮށް ގދ. އަތޮޅުގެ އެކި ރަށްތަކަށް ގެންދިޔައެވެ. އެހެނަސް ކޮންމެ ރަށަކުން ވެސް ރައްޔިތުން ދެއްކީ ރީތި މިސާލެކެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ދެކޮޅަށް އަޑު އުފުލިއެވެ. އެ އަނިޔާވެރި ދެ މީހުން އެރަށްތަކުން ބޭރުކުރުވިއެވެ.

ލިސާން ފިލަން ހުޅުމާލެ ގޮސް، އޭނާ އޮތް ގޭ ކައިރިއަށް އެތައް ދިވެހިންނެއް އެއްވިއެވެ. އިންސާފަށް ގޮވަމުން ރޮއެ އާދޭސް ކުރިއެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކަށް ވީ އެންމެ ބޮޑު އަދަބެއް ދިނުމަށް އެތައް ދިވެހިންނެއް ގޮވިއެވެ. އަލްޔާގެ ހައްޤުގައި މުޅި ޤައުމު އެކައްޗަކަށް ވިއެވެ. މި ހިތްދަތިކަން ދިވެހިންގެ ހިތްތަކުން ފިލައިގެން ނުދާނެއެވެ. މިފަދަ އަނިޔާ ލިބޭ ކިތައް ކުދިން މި މުޖުތަމަޢުގައި އުޅޭނެ ހެއްޔެވެ؟ އިބްރާހިމްދީދީ އާއި މުހައްމަދުފުޅަށް ވެސް ދޭންވީ މަރުގެ އަދަބެވެ. ލިސާން ވެސް ރަޖަމް ކުރަންވީއެެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަކީ އިންސާނުންނެއް ނޫނެވެ. އެއީ ޖަނަވާރުންނެވެ. އެބައި މީހުންނަށް ޤާއިމް ކުރަންވީ އިސްލާމީ ޝަރީއަތެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.