މެންގްރޫވްސް އަކީ ޗަސް ބިމުގައި ހެދޭ ވަކި ބާވަތެއްގެ ގަސްތަކަކަށް އިނގިރޭސި ބަހުން ކިޔާނަމެކެވެ. އެއީ ކަނޑޫ، ރަނޑޫ، ބޮނޑަވަކި ކުއްޅަވައް އަދި ތެލަ ފަދަ ގަސްގަހެވެ. މި އާއިލާއަށް ނިސްބަތްވާ ގަސްތައް ރާއްޖޭގެ ދެކުނާއި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގައި ވެސް ހެދެއެވެ. ނަމަވެސް މީގެ ފައިދާއާއި މި ފަދަ ގަސްތައް އާލާކޮށް ދެމެހެއްޓުމުގެ މުހިންމުކަން މި މުޖުތަމަޢުގެ ގިނަ ބަޔަކަށް އެނގޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ދައްޗެވެ.

މެންގްރޫވްސް އޭ މިކިޔާ ބާވަތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަންނަނީ ކަނޑުލާއި، ރަނޑުލާއި، ބޮނޑަވަކި، ކުއްޅަވަށް އަދި ތެލައެވެ. ކަނޑުލާއި ރަނޑުލުގެ މާބޮޑު ތަފާތެއް ނުހުރެއެވެ. ރަނޑުލަކީ ކަނޑޫ ގަސް ހެން ގަސް ހުންނަ އެއަށްވުރެ ބޮޑެތި ތޮޅި ނުވަތަ ވަކި އަޅާ ގަހެކެވެ. ކަނޑޫ ފަދައިން ރަނޑޫ ގަހަކީ ވެސް ޗަސް ބިމުގައި ހެދޭ އެއްޗެކެވެ. ރަނޑޫ ގަހާއި ގަހުގައި އަޅާ އެއްޗެއްސާއި، ލަކުޑި އަށް ވެސް ކިޔަނީ ރަނޑުލެވެ.

ކަނޑޫގަހުގައި އަޅާ ތޮޅިއަށް އަދި ލަކުޑިއަށް ވެސް ކަނޑޫ ކިޔައެވެ. ކަނޑޫ ލަކުޑިއަކީ ވަރަށް މޮޅު ލަކުޑިއެއްގެ ގޮތުގައި ވަޑިންގެ މެދުގައި މަޝްހޫރު ވެފައިވާ އެއްޗެކެވެ. ޚާއްސަކޮށް އޮޑިދޯނިފަހަރުގެ ފަށަން ލުމަށް މާމޮޅު ލަކުޑިއެއް ކަމަށް ވެއެވެ.

ބޮޑެތިކޮށް ބޮނޑަވަކި އަދި ކުދިކޮށް ކަނޑޫ – ފޮޓޯ: އިބްރާހިމް ޚަލީލް (މުނިއަވަސް)

ދުނިޔެއިން މެންގްރޫވްސް އާއިލާއަށް ނިސްބަތްވާ ފަންސާހަށްވުރެ ގިނަ ބާވަތުގެ ގަސް ފެނިފައިވާއިރު އޭގެ ތެރެއިން މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ ތޭރަ ވައްތަރެއްގެ ގަހެވެ. އޭގެތެރެއިން އައްޑޫސިޓީ ހިތަދޫ އީދިގަލިކިޅި ސަރަހައްދުންވަނީ ތިން ބާވަތެއް ފެނިފައެވެ. އިތުރު ބާވަތެއް އައްޑޫސިޓީ ހުޅުމީދޫގައި ވެސް ހުރެއެވެ.          

ބޮނޑަވަކިގަސް – ފޮޓޯ: އިބްރާހިމް ޚަލީލް (މުނިއަވަސް)

ހަނިމާދޫއަކީ ވެސް ޗަސްބިންތަކާއި ކަނޑޫފާތަކާއި ތެލަވަލާއި އަދި ބޮނޑަވަކި ގަސް ވެސް ހުރި ރަށެކެވެ. ބަލައިލަން ހިތްގައިމު ކަނޑޫފާތަކަށް ވަދެލުމުން ހިތަށް ފިނިކަން ގެނުވާއިރު ގިނަ އަދަދެއްގެ ގަސްތައް އެކި ބޭނުންތަކަށް ކަނޑާފައިވާކަން ވެސް ހިތާމައާއިއެކު ފާހަގަ ކުރަންޖެހެއެވެ.

ކަނޑާލެވިފައިވާ ކަނޑޫ ގަހެއްގެ ބުޑެއް – ފޮޓޯ: އިބްރާހިމް ޚަލީލް (މުނިއަވަސް)

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާ އާއި އެއްގޮތްވާގޮތުގެ މަތިންނާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިދެންނެވުނު ގަސްތަކަކީ ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިމާޔަތް ކޮށްފައިވާ ގަސްތަކެކެވެ.

މިފަދަ ގަސްތައް ހެދޭ ޗަސްބިންތަކާއި ފާތަކާއި ކުޅިތަކަކީ ފަރުތަކޭ އެއްފައިދައިން މަސްމަހާމެހީގެ ވެސް ގޮވަތި ތަކެވެ. އެތަކެތީގެ ހާލިތަކެވެ. މި ހާލިތަކުގެ ސަބަބުން ކުދި މަސްތަކަށް ބޮޑެތި މަސްމަހުގެ ކާނާއަށް ނުވެ ސަލާމަތްތެރި ކަމާއިއެކު ބޮޑުވެ މަހުގެ އާބާދީ އިތުރުވުމުގެ ފުރުސަތު ލިބެއެވެ. މަހުގެ އިތުރަށް ކަކުންޏާއި، ބޮއްޔާއި، ދޫންޏާއި އަދި ވެސް އެފަދަ އެހެން ދިރޭތަކެތި އާލާވެ އިތުރުވުމަށް މި ތަންތަނަކީ މުހިންމު ތަންތަނެވެ.         

ކަނޑޫފާ ކަކުނީގެ ހަރު – ފޮޓޯ: އިބްރާހިމް ޚަލީލް (މުނިއަވަސް)

މި އާއިލާގެ ގަސްތަކުން ލިބޭ ފައިދާތަކުގެ ތެރޭގައި ރަށުގެ ފެންފަށަލަ ފިލްޓަރކޮށްދިނުމުގެ އިތުރުން އިންސާނުން ބޭރުކުރާ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވިޔަނުދީ ހިފެހެއްޓުން ހިމެނެއެވެ. މިފަދަ ގަސްތަކަށް ދެވޭ ގެއްލުންތަކުގެ ސަބަބުން  ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވެ ދުނިޔެ ހޫނުވެ އިންސާނުންނަށް ވެސް އެކިކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.

ކަނޑޫގަސް – ފޮޓޯ: އިބްރާހިމް ޚަލީލް (މުނިއަވަސް)

މިކަމުގައި ވިސްނާލަންޖެހޭ ކަންކަން  އެބަހުއްޓެވެ. ބަޔާންކުރެވިދިޔަ ގަސްތަކަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ހިމާޔަތް ކުރެވި ކެނޑުން މަނާކުރެވިފައިވާ ގަސްގަހަށް ވީއިރުގައި އެގަސްތައް ކެނޑުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްހަމަ ޖައްސާލުމަށް ހެދޭ ކޮޓަރިތަކާއި އަދި ފަތުރުވެރިން ހިތްހަމަ ޖައްސައިލުމަށް ބޭނުންކުރާ އަތިރިމަތި ތަކުގައި ފާޑުފާޑުގެ އުނދޯއްޔާއި އައްޓާއި ޖޯލިފަތިފަދަ ތަންތަން ހެދުމަށްވެސް މިފަދަ ގަސްގަސް ކަނޑައި އެ ގަސްގަހުގެ ދަނޑި ބޭނުންކުރެވެމުން ދިއުމަކީ ހިތާމަހުރި ކަންކަމެވެ.

ކަނޑޫދަނޑި ބޭނުންކޮށްގެން ހެދިފައިވާ އައްޓެއް – ފޮޓޯ: އިބްރާހިމް ޚަލީލް (މުނިއަވަސް)

ވިސްނުން ބަދަލު ކުރަންޖެހެއެވެ. މިފަދަ ކަނޑޫފާތަކާއި ޗަސްބިންތަކަކީ ނޭޗަރ ޕާކް ފަދަ ތަންތަން ގޮތުގައި ތަރައްޤީ ކުރެވި އެތަނުން ނަފާ ހޯދިދާނެ ތަންތަނެވެ. މިފަދަތަންތަން ބަލައިލުމަށް ރާއްޖެ އަންނަ ފަތުރުވެރިން ވެސް މަދެއްނޫނެވެ. ފައިދާ ނެގެން އޮއްވައި ރާއްޖޭގެ ޗަސް ބިމާއި ފާތަކާއި، ކުޅި އަކީ ހަލާކުވާން ދޫކޮށްލަންވީ ތަންތަނެއް ނޫނެވެ. ޙިމާޔަތްދީ އެއިން މަންފާ ލިބިގަންނަންވީ ތަންތަނެވެ.

ކުރެދި ގަސް – ފޮޓޯ: އިބްރާހިމް ޚަލީލް (މުނިއަވަސް)

މީގެ އިތުރުން ކުރެދި އަދި ހަލަވެލި ޒާތުގެ ގޮނޑުދޮށުގައި ހެދޭ އަދި އެ ހޭޅިތައް ފަޅުފިލުވައި ޗާލުކޮށްދޭ ގަސްގަހަކީ ވެސް ކުރިން ބަޔާންކުރެވުނު ފަދަ މުހިންމު ގަސްތަކެކެވެ. ނަމަވެސް އަތިރިމަތި ބޮޑުކުރުމުގެ ގޮތުން ކުރެދި، ހަލަވެލި ފަދަ ގޮނޑުދޮށުގައި ހެދިފައިވާ ގަސްތައް ކެނޑޭތަން އެބަ އާދެ އެވެ. ނޭނގި ތިބެ ނަމަވެސް މި ރީތިކަން ނަގައިލެވޭތަން އެބަ އާދެއެވެ. ރާއްޖޭގެ ރަށްރަށުގައިވާ މިރީތިކަން ބަލައިލަން އަންނަ ފަތުރުވެރިންނާއި އަދި ބީރައްޓެހިންނަށް މި ރީތިކަން ގެއްލިގެން ދިއުމަކީ ހިތާމަހުރި ކަންކަމެވެ. އަޅުގަނޑު މެންނަށް އެނގިގެން ނަމަވެސް ނޭނގި ނަމަވެސް މި ހަލާކު ކޮށްލެވެނީ ތިމާ އަމިއްލަ ވިޔާފާރިއެއް ނޫންތޯއެވެ​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.