ކޮންމެ މުސްލިމަކު ދެނެގަންނަންޖެހޭ ސޫރަތުލް ކަހަފުގައި ހިމެނޭ ސިއްރުތަކެއް ވެއެވެ.
ހުކުރު ދުވަހު ސޫރަތުލް ކަހަފު ކިޔެވުމަށް رسول الله صلي الله عليه وسلم އިރުޝާދު ދެއްވާ ބާރުއެޅުއްވީ ކީއްވެގެންކަން އެނގިވަޑައިގަންނަވާތޯއެވެ.
މައިގަނޑުގޮތެއްގައި މި ސޫރަތުގައި ޢިބުރަތްތެރި 4 ވާހަކައެއް އެކުލެވިގެންވެއެވެ. އެއީ ކަހަފު ބާގައިގެ މީހުންގެ ވާހަކައާއި ދެ ބަގީޗާގެ ވެރިޔާގެ ވާހަކައާއި މޫސާގެފާނާއި އަދި ޙިޟްރުގެފާނު ވާހަކައިގެ އިތުރުން ޛުލްޤަރްނައިނިގެ ވާހަކައެވެ.
1. ކަހަފު ބާގައިގެ މީހުންގެ ވާހަކަ
މިއީ، ﷲ އަށް އީމާންނުވާ ޤައުމެއްގައި ދިރިއުޅެމުން ދިޔަ اللهއަށް އީމާންވެގެން ތިބި ޒުވާނުންތަކެއްގެ ވާހަކައެވެ. އެ ޒުވާނުން އެ ރަށުގައި ﷲ އަށް އަޅުކަންކޮށް އުޅުމަށް ދަތިވުމާއި ގުޅިގެން އެ ރަށުން ނުކުމެ އެހެން ރަށަކަށް ހިނޖުރަކުރަން ނިންމިއެވެ. އެހެންކަމުން ﷲ އެބައިމީހުންނަށް ހޮހަޅައެއް ދައްކަވާ އިރުގެ ގަދަ ހޫނުން ސަލާމަތް ކުރައްވައި ރަހުމަތް ލެއްވިއެވެ. އެއަށްފަހު އެބައި މީހުންގެ މައްޗަށް ގަދަ ނިންޖެއް ފޮނުއްވައި ތިންސަތޭކަ އަހަރަށްވުރެ ދިގު މުއްދަތެއްގައި އެއުރެން އެ ނިދީގައި ބޭތިއްބެވިއެވެ. އެ މީހުން ހޮހަޅައިގައި ނިދަން ތިބުމަށްފަހު ހޭލެވުނު އިރު މުޅި ރަށް ވަނީ އިސްލާމުވެފައެވެ.
ޢިބުރަތް: އީމާންތެރިކަމުގެ ސަބަބުން ކުރިމަތިވާ ފިތުނަތައް
2. ދެ ބަގީޗާގެ ވެރިޔާގެ ވާހަކަ
މިއީ، ﷲ އެމީހަކަށް ރީތި ދެ ބަގީޗާ ދެއްވި މީހެއްގެ ވާހަކައެވެ. ނަމަވެސް އެނާއަށް މި ނިޢުމަތް ދެއްވި ފަރާތައް ޝުކުރުވެރިވުމަށް ޣާފިލުވެ އެކަމުގެ މައްޗަށް ބޮޑާވެގަތެވެ. ޤިޔާމަތް ދުވަހާއިމެދު ޝައްކުކުރިއެވެ. އެކަމުގެ ސަބަބުން الله ތަޢާލާ އޭނާގެ ރީތި ބަގީޗާތައް ހަލާކު ކުރެއްވިއެވެ. އޭނާ އެކަމާއި ހިތާމަކުރަތެވެ. ނަމަވެސ ވަގުތު ފާއިތުވުމުން އެ ހިތާމަ ކުރުމަކުން ފައިދާއެއް އޭނާއަކަށް ނުކުރިއެވެ.
ޢިބުރަތް: މުދަލުގެ ސަބަބުން ކުރިމަތިވާ ފިތުނަތައް
3. މޫސާ ޢަލައިހިއްސަލާމް އަދި ޙިޟްރު ޢަލައިހިއްސަލާމްގެ ވާހަކަ
މޫސާ ޢަލައިހިއްސަލާމަށް ދުނިޔޭގައި ހުރި އެންމެ ޢިލްމުވެރި މީހަކީ ކޮބައިތޯ ސުވާލުކުރެވުނެވެ. އެ މީހަކީ ތިމަންކަލޭގެފާނު ކަމަށް މޫސާ ޢަލައިހިއްސަލާމް ޖަވާބު ދެއްވިއެވެ. އެހެންނަމަވެސް އެ ކަލޭގެފާނަށްވުރެ ޢިލްމުވެރި ބޭކަލަކު ވާކަން ﷲ ތަޢާލާ މޫސާ ޢަލައިހިއްސަލާމަށް އެންގެވިއެވެ. އެހެންކަމުން މޫސާ ޢަލައިހިއްސަލާމް އެބޭކަލެއްގެ ގާތަށް ގޮސް ޢިލްމު އުނގެނުނެވެ. އަދި އަހަރަމެންނަށް ހިތާމަހުރި ކަންކަން ކަމަށް ބެލެވޭ ބައެއް ކަންކަމުގައި އިލާހީ ޙިކުމަތްތެރި ކަންތައްތަކެއް ފޮރުވިގެންވާކަން އެނގިގެންދެއެވެ.
ޢިބްރަތް: ޢިލްމުގެ ސަބަބުން ކުރިމަތިވާ ފިތުނަތައް
4. ޛުލްޤަރްނައިނިގެ ވާހަކަ
މިއީ ﷲ އެމީހަކަށް ޢިލްމާއި ބާރުވެރިކަން ދެއްވި އަދި މުޅި ދުނިޔޭގައި ދަތުރު ކުރަމުންދިޔަ މަތިވެރި ރަސްކަލެއްގެ ވާހަކައެވެ. އަދި މި ރަސްގެފާނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ހެޔޮކަންކަން މުޅި ދުނިޔޭގައި ފެތުރިއެވެ. މި ދަތުރުތަކުގެ ތެރެއިން ރަސްގެފާނުގެ ބަހުރުވަ އެންމެ ފުރިހަމަގޮތުގައި ނުވެސް ވިސްނޭ ޤައުމެއްގެ ބަޔަކާއި ބައްދަލުވިއެވެ. އެބައިމީހުންނަށް ނުހަނު ބޮޑު އުނދަގުލަކަށް ވެފައިއޮތް ޔަޢުޖޫޖް އަދި މަޢުޖޫޖް ގެ އުނދަގުލުން ރައްކާތެރި ކޮށްދެއްވުމަށް ރަސްގެފާނުގެ އަރިހުން އެދުނެވެ. ރަސްގެފާނު އެ މީހުންގެ އެހީތެރިކަމާއެކު ބޮޑު މާސިންގާ ބިޔަ ފާރެއް ބިނާކުރައްވައި އެބައިމީހުން އެ އުނދަގުލުން ސަލާމަތްކޮށްދެއްވިއެވެ.
ޢިބުރަތް: ބާރުވެރިކަމުގެ ފިތުނަ
މި ފިތުނަ ތަކުގެ މޭސްތިރިއަކީ އިބިލީސްކަމަށް ﷲ ވަނީ އަންގަވާފައެވެ:
وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِنْ دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلا (سورة الكهف 50 )
“ތިމަން އިލާހުގެ ملائكةންނަށް وحى ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدم ގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެ ބޭކަލުން سجدة ކުރެއްވިއެވެ. އެ إبليس ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރި ރައްބުގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ إبليس އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަން އިލާހު ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނަކީ، ތިޔަބައިމީހުންނަށްހުރި عدوّންނެވެ. އަނިޔާވެރިންނަށް ހުރި ބަދަލެއްގެ ނުބައިކަމާއެވެ!”
ކަހަފް ސޫރަތާއި، ދައްޖާލާއި ހުރި ގުޅުމަށް ބަލައިލަމާ ހިނގާށެވެ.
ޤިޔާމަތްވުމުގެ ކުރިން މަތީގައިވާ 4 ފިތުނައާއިގެން ދައްޖާލު ފާޅުވާނެތެވެ. އެހެނީ އޭނާއަށް 4 ކަމެއް ދެއްވާނެތެވެ.
އެނާއަށް އަޅުކަންކުރަން މީސްތަކުންނަށް އޭނާ ގޮވާލާނެތެވެ.
ޢިބުރަތް: އީމާންތެރިކަމުގެ ފިތުނަ
އުޑުން ވާރޭ ވެއްސުމާއި ހުއްޓުވުގެ ބާރާއި އެނާގެ މުދަލަށް މީސްތަކުން ހައްލާލުމުގެ ބާރު އެނާއަށް ލިބޭނެވެއެވެ.
ޢިބުރަތް: މުދަލުގެ ފިތުނަ
އޭނާއަށް ލިބިފައިވާ ޢިލްމާއި އެނާ ފަތުރާ ވާހަކަތަކުން މީސްތަކުން ފިތުނަވެރިކުރުވުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ.
ޢިބުރަތް: ޢިލްމުގެ ފިތުނަ
ދުނިޔޭގެ ބޮޑެތި ސަރަޙައްދުތައް އޭނާގެ ބާރުގެދަށަން ގެންނާނެއެވެ.
ޢިބުރަތް: ބާރުވެރިކަމުގެ ފިތުނަ
މި ފިތުނަތަކުން ސަލާމަތްވާނޭ ގޮތްތައް ކަހަފު ސޫރަތުގައި ބަޔާންކުރައްވާފައި ވެއެވެ.
ފުރަތަމަ ގޮތް: ސޯލިޙު އެކުވެރިން ނުވަތަ ވާގިވެރިން އިޚްތިޔާރުކުރުން
وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا (سورة الكهف 28 )
މާނަ: އަދި އެއުރެންގެ ވެރި ރަސްކަލާނގެ ވަޖުހުފުޅު އެދިގެން، އެ ކަލާނގެއަށް ހެނދުނާއި، ހަވީރު ދުޢާކޮށް އަޅުކަންކޮށް އުޅޭ މީހުންނާއި އެކު، ކަލޭގެފާނުގެ ނަފްސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަ އަޅައި ދިޔަ ނުދެއްވާށެވެ! އަދި ތިމަން ރަސްކަލާނގެ ހަނދުމަ ކުރުމުން، އެ މީހެއްގެ ހިތް ޣާފިލުކުރައްވައި، އަދި އެ މީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެ މީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދު ފަހަނައަޅާފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައި ނުގަންނަވާށެވެ!
ދެވަނަ ގޮތް: މި ދުނިޔޭގެ ހަޤީޤަތް ދަސްކުރުން
وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا (سورة الكهف 45 )
މަނަ: ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ޖައްސަވައި ދެއްވާށެވެ! ތިމަން ރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ މިސާލެވެ. ދެން ބިމުގެ ގަސްތައް ފެނާއި އެކުވެ (ތަޒާކަން ލިބި ހެދިގަތުމަށްފަހު) ވަޔާއި ބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
ތިންވަނަގޮތް: މަޑުމައިތިރިކަން
قَالَ سَتَجِدُنِي إِن شَاءَ اللَّهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا (سورة الكهف 69 )
މާނަ: އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިއަކު ކަމުގައި ކަލޭގެފާނު ދެކެވަޑައި ގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ.
ހަތަރުވަނަ ގޮތް: އިޙްލާސްތެރިކަން
قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا (سورة الكهف 110)
މާނަ: ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިއަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަހީ އިއްވަވަނީ، ތިޔަބައި މީހުންގެ އިލާހަކީ، އެއް އިލާހެއްކަމުގައެވެ. ފަހެ، އެ މީހެއްގެ ވެރިރަސްކަލާނގެއަށް ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިހު ޢަމަލުން ޢަމަލުކުރާހުށިކަމެވެ! އަދި އެ މީހާގެ ވެރި ރަސްކަލާނގެއަށް އަޅުކަން ކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާހުށިކަމެވެ!
ފަސްވަނަ ގޮތް: ﷲ ގެ މަގަށް ގޮވައިލުން
وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا (سورة الكهف 27)
މާނަ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް ވަހީކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އެ ކަލާނގެ ކަލިމަފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށް އެދި، އެނބުރިވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
ހަވަނަ ގޮތް: މަރުވުމަށްފަހު ދިރުއްވުމުގެ މަތިން ހަނދުމަކުރުން
وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا، وَعُرِضُوا عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا، وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا (سورة الكهف 47 48 49)
މާނަ: އަދި ތިމަން ރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެ ދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން މަހުޝަރަށް ފޮނުއްވާހުށީމެވެ. ފަހެ، އޭގެތެރެއިން ހަމަ އެކަކުވެސް ދޫނުކުރައްވާ ހުށީމެވެ.
އަދި ކަލޭގެފާނު ވެރިރަސްކަލާނގެ ހަޟްރަތަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދިﷲ ވަޙީކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެ ފުރަތަމަ ފަހަރު ތިޔަބައި މީހުން ހެއްދެވި ފަދައިން، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ހަޟްރަތަށް ތިޔަބައި މީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައި މީހުން ހީކުޅައީ (މަހުޝަރަށް ފޮނުއްވުމަށް) ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭ ކަމަށެވެ.
އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެ މީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާއިމެދު، ކުށްވެރިން ބިރުގެންފައި ވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މި ފަތަށް ވެފައި މި ވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއް ވެސް، އަދި ބޮޑު ކަމެއް ވެސް، އެ ފަތުގައި ނުހިމަނާ ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެން ކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިއެއް ނުގަންނަވަތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި