އެކްޓްކުރުމުގެ ރޮނގުން ކުރިއަށްދިއުމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އެކަމަށް މަގު ހުޅުވިގެންދިޔަ މަޤްބޫލު އެޕް ‘ޓިކްޓޮކް’ގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް) “ހުވާ 02” އިން ފިލްމީ ދާއިރާއަށް ތަޢާރަފްވެގެން ދާނެކަމަށް ސީރީޒްގެ ޕްރޮޑިއުސަރ އަދި ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) ބުނެފިއެވެ.

ފިލްމީ ދާއިރާގައި މީގެ ކުރިން އެކްޓްކޮށްފައި ނުވާ ފަރާތެއް “ހުވާ 02” ފަދަ މަޤްބޫލު ސީރީޒް އަކަށް ލާނީ ހަމަ ގައިމުވެސް އެ މީހެއްގެ ކިބައިގައި ހުނަރުހުރިކަން ވަރަށް ބޮޑަށް ޔަޤީންކުރުމަށް ފަހުގައެވެ. އެގޮތުން ޝާއިފް އަށް “ހުވާ 02” އިން މުހިންމު ރޯލެއް ދޭން ނިންމި ސަބަބު މުނިއަވަސް އަށް ނަހޫ ވަނީ ކިޔައިދީފައެވެ.

“އަޅުގަނޑަށް ޝާއިފް ފެނުނީ ރައްޓެހި ކުއްޖަކު ލާފަ އިން ޓިކް ޓޮކް އަކުން. އޭރު އެ އޭޖްގެ ރަނގަޅު އާ ކުއްޖެއް ހޯދަން ޖެހިފަ އޮތީ ‘ހުވާ’ އަށް. ފުރަތަމަ ފެންނައިރަށް ވެސް އެނގިއްޖެ މީ އެ ރޯލަށް ހަމަ އެންމެ ރަނގަޅު ކުއްޖާކަން.” ޝާއިފްގެ ބައެއް ވީޑިއޯތައް މުނިއަވަސް އާ ހިއްސާކުރަމުން ނަހޫ ބުންޏެވެ. ވީޑިއޯތައް ބަލައިލުމުން ނަހޫ އެ ފާހަގަކުރީ ރަނގަޅު ވާހަކައެއްކަން އަޅުގަނޑަށް ވެސް ފާހަގަކުރެވުނެވެ.

“ފުރަތަމަ ޝޮޓުން ވެސް އެނގިއްޖެ މީ އެ ރޯލަށް ބޭނުންވާ ކުއްޖާކަން.” ތަކުރާރުކޮށް ނަހޫ ފާހަގަކުރިއެވެ.

“ޑިސިޕްލިން ހިފެހެއްޓިއްޖެއްޔާ ދާއިރާގަ ވަރަށް ކުރިއަށް ދާނެ ކުއްޖަކަށް ވާނެ. އުންމީދީ ތަރިއެއް މީ.” ޝާއިފް އެކްޓިން ވަރަށް މޮޅުކަން ފާހަގަކުރަމުން ނަހޫ ބުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން “ހުވާ 02” ގައި ޝާއިފް ޝޫޓްކޮށްފައިވަނީ އަދި ވަރަށް ކުޑަކުޑަ ތަންކޮޅެކެވެ. ނަމަވެސް މި ސީރީޒުން ޝާއިފަށް މުހިންމު، ބޮޑު ރޯލެއް ލިބިގެންދިއުން އެއީ ހަމަ ގައިމުވެސް އެކްޓްކުރަން ބޭނުންވާ ޒުވާނަކަށް ލިބުނު ކުޑަކުޑަ ފުރުޞަތެއް ނޫނެވެ.

“ވަރަށް ސަޕްރައިޒްވި، އަސްލު ބުނަންޏާ އެކަހަލަ ފުރުޞަތެއް ލިބޭނެކަމަށް އެއްވެސް ވަރަކަށް އުއްމީދުގައެއް ނޫން އަޅުގަނޑު ހުރީ.” ނަހޫ ފަދަ މި ދާއިރާގައި އެންމެ ފުންނާބު އުސް ފަރާތަކުން ގުޅުމުން ހިތަށްއެރީ ކީކޭތޯ ޝާއިފް ކައިރީ އަހައިލުމުން ބުންޏެވެ.

އައްޑޫ ސިޓީ ހިތަދޫއަށް އުފަން، އުމުރުން 20 އަހަރުގެ ޝާއިފް އަށް މި ފުރުޞަތު ދިނީ ޓިކް ޓޮކްގެ އެންމެ ވީޑިއޯ ކްލިޕެއް ބެލުމަށްފަހު ކަމަށް ނަހޫ ބުނެފައި ވާއިރު، ޝާއިފް އަށް މި ފުރުޞަތު ލިބުނުގޮތް އޮޅުންފިލުވައިލުމަށް ޝާއިފް އާ ސުވާލުކޮށްލީމެވެ.

“މި ޗާންސް ލިބުނީ އަސްލު ޓިކް ޓޮކް ދޯ، ދެން އަނެއްހެން އެމީހުންނަށް ފާހަގަކޮށްލެވުނީ ޓިކް ޓޮކެއްގަ އެކްޓިންއާ ހުރިހާ އެއްޗަކަށް ބަލާފަ، އެމީހުން ޗޫސްކުރީ…… ސީދާ އަޅުގަނޑަކަށްވެސް ނޭނގޭ އަސްލު ސަބަބެއް.” ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް އަތުކުރި އޮޅާލައިގެން ހުރި ޝާއިފް ބުންޏެވެ.

އެކްޓްކުރުމަށް ޝައުޤުވެރިކަން ހުންނަ ޝާއިފް ވެސް “ހުވާ” ގެ ފުރަތަމަ ސީޒަންގެ ބައެއް އެޕިސޯޑްތައް ބެލިކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެހާ ގިނަ އެޕިސޯޑް ނުބަލާކަމަށް ވެސް އޭނާ ބުންޏެވެ.

“އުއްމީދު ކުރަނީ މި ދާއިރާގަ ހަމަ ވަރަށް ބޮޑަށް ކުރިއަށް ދެވޭނެ ކަމަށް. އެއީ ‘ހުވާ’ގަ އުޅެނީ އަސްލު ސީނިއަރ އެކްޓަރސް ދޯ. ސީނިއަރ އެކްޓަރސް އުޅޭއިރު ދެން އަޅުގަނޑަށް މި ފުރުޞަތު ލިބުނީ ވަރަށް އުފާވޭ އަސްލު އެކަމާ. ދެން ބޭނުންވަނީ ހުނަރު ދައްކާލަން ރަނގަޅު ގޮތަގަ.” ދާއިރާގައި ކުރިއަށް ދިއުމަށް އުއްމީދުކުރާ މިންވަރުވެސް ޝާއިފް ހިއްސާކުރިއެވެ.

ޝާއިފް އަކީ ސްކްރީނަށް މުޅިން އައު މޫނެއް ނޫނަސް، މިއީ ފާހަގަކޮށްލެވޭ ގޮތެއްގައި އޭނާ ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެބް ސީރީޒް “އެހެނަސް”ގައި އެ ސިރީޒްގެ ބަޠަލު ނިޔާ އާއި ގަނާކުރާ ދެތިން މަންޒަރަކުން ޝާއިފް ވަނީ ފެނިފައެވެ.

ޝާއިފްގެ ހުނަރުވެރިކަން ސްކްރީނުން ފެނުން އޮތީ ކުރިއަށެވެ. އައި ފިލްމްސްގެ ދެވަނަ ފިލްމު “ނީނާ”ގައި ވެސް މުހިންމު ރޯލަކުން ޝާއިފް ފެނިގެންދާނެއެވެ. އަންނަ މަހު ލާމަށް ގޮސް ޝޫޓިން ފެށުމަށްވެސް ޝާއިފް ހުރީ ކެތްމަދުވެފައެވެ.

“ހުވާ 02” ވަރުގަދަ ކުރުމަށް ޕްރޮޑިސަރާއި ޑައިރެކްޓަރުން އަދި އެކްޓަރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަހު 30 ގައި ހަމައެކަނި ބައިސްކޯފުން “ހުވާ 02” ދައްކަން ފަށާއިރު، މިފަހަރު ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20މިނެޓްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.