ކަނާތްފަރާތު ކޮނޑުން ތަންކޮޅަކަށް ކުއްލިއަކަށްވި ތޫނުތަދާއިއެކު ސިއްސައިގެން ގޮސް ނާޖިދާއަށް ހޭލެވިއްޖެއެވެ. އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު ކަމާލިޔާ އޮތީ ނިދާފައެވެ. ވަމުންދާ ތަދަކީ ކޮންމެވެސް އެއްޗެއް ކަށިޖެހުމުން ވާކަހަލަ ތަދެއްކަން ޔަގީންވެ އެނދުމަތި ބަލާލިއިރު އެކަހަލަ އެއްވެސް އެއްޗެއް ފެންނާކަށްނެތެވެ.
މަޑުމަޑުން ގޮސް ލޯގަނޑުކައިރިއަށް ހުއްޓެމުން ތަދުވާތަން ބަލާލިއިރު ކޮނޑުން ތަންކޮޅެއް ހަލާކުވެ ލޭ އައިސްފައި ހުއްޓެވެ. އަތްޖައްސާ ބަލާލުމުން ލެއަކީ ވަރަށް ފަހުން އައިސްފައިވާ ލޭކަން އެނގުނެވެ. އެކަމާމެދު ވިސްނާލަން އިރުކޮޅަކު މަޑުކުރުމަށްފަހު ނާޖިދާ ގޮސް އަނެއްކާ ވެސް އޮށޯވެލިއެވެ.
ނިދިޖެހެމުން ދިޔަ ނާޖިދާގެ ހަނދާނަށް މިރޭ ހިނގާދިޔަ ހާދިސާ އައުމާއެކު ފުންމައިގެން ކަހަލަގޮތަކަށް ތެދުވަމުން ކަމާލިޔާ ކޮބައިތޯ ބަލާލިއެވެ. ކަމާލިޔާއެއް ނެތެވެ. އެތަނުގައިއޮތީ މަރުވެ ކުނިވެފައިވާ އިންސާނެއްގެ މަސްގަނޑެވެ. ހަށިގަނޑުގެ އެތަން މިތަނުން ޒަހަމްތައް ފެންނަންހުރިއިރު ލޭގެއަސަރު ވެސް ފެންނަންހުއްޓެވެ. ދެލޮލުން އަނގުރު އަލިފާން ފަދަ ރަތްކަމެއް ފާޅުވާން ހުއްޓެވެ.
ސިއްސައިގެންގޮސް ކަމާލިޔާއަށް ހޭލެވުނީ ނާޖިދާ ރޮއިގަތް ބާރުއަޑަށެވެ. އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީންނަމުން ބަލާލިއިރު ނާޖިދާ ހުރީ އެނދުކައިރީގައި ކޮޅަށެވެ. މޫނުގައި ދެއަތް އަޅައިގެން ހުރެ އަޑުގެކޮޅަށް ރޮމުންދިޔައިރު ބޮޑު ބިރެއް ފެނިގެން އުޅޭ ކަހަލައެވެ.
ލިބުނު ހައިރާންކަމާއެކު ކަމާލިޔާ އަވަސް އަވަހަށް އެނދުން ފޭބިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ނާޖިދާގެ ބުރަކަށީގައި ފިރުމާލަމުން ވީކީއްތޯ ސުވާލުކުރިއެވެ. އަޑާއި ހަރަކާތުން ފާޅުވީ ހައިރާންކަމާއި ނުތަނަވަސްކަމެވެ. ދެތިން ފަހަރަކު ކަމާލިޔާ ސުވާލުކުރި ނަމަވެސް ނާޖިދާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ރޯލަރޯލާ ހުރީއެވެ.
ނާޖިދާގެ ފަރާތުން މިރޭ ފެންނަމުންދާ ކަންތައްތަކުގެ ސަބަބުން ކަމާލިޔާ ކޮންމެވެސް ވަރަކަށް ހައިރާންވެ ކަންބޮޑުވާގޮތް ވިއެވެ. ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ނުދިނުމުން ރުޅިއަންނަގޮތް ވެސް ވިއެވެ.
“ކީއްތަވީ އަޑުގެކޮޅަށް ތިޔަރޮނީ ؟” ކޮނޑުގައި ހިފާ ތަޅުވާލަމުން ހަރުއަޑުން ކަމާލިޔާ ސުވާލުކުރިއިރު އަޑާއި ހަރަކާތުން ފާޅުވީ ހިތްހަމަނުޖެހުމެވެ.
ހަށިގަނޑުގައި އުފެދުނު މަޑުމަޑު ތުރުތުރުއެޅުމާއެކު ނާޖިދާ ހޭނެތިގެން ވެއްޓިއްޖެއެވެ.
ރާއިދަށް ހޭލެވުނީ ފޯނުގެ އެލާމް އަޑަށެވެ. އެލާމް ނިވާލަމުން ތެދުވެ އެނދުގައި އިށީންނި ވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ ދޮރަށެވެ. ކޮންމެވެސް ވަރަކަށް ދޮރު ހުޅުވިފައި ހުރިއިރު ހުޅުން ބައެއް އިރައިގެން ގޮސްފައިވެއެވެ. ތަޅުވެސް އޮތީ ހަލާކުވެ ދޮރުފަތުން ނެއްޓި އެލިފަ އެވެ. ލިބުނު ހައިރާންކަމާއެކު ރާއިދު އަވަސް އަވަހަށް އެދިމާއަށް ހިނގައިގަތެވެ.
ކުދިކުދި މަސައްކަތްތައް ކޮށްލަން ބޭނުންވާ ތަކެތި ގޭގައިހުރުމަކީ ނަސީބެކޭ ރާއިދުގެ ހިތަށްއެރިއެވެ. އަވަސް އަވަހަށް ގުދަނާއި ދިމާއަށް ހިނގައިގަތީ ނާޖިދާ ހޭލުމުގެކުރިން ދޮރުފަތް ރަނގަޅުކޮށްލާށެވެ. މަސައްކަތާއިގެން އުޅެމުންދިޔައިރު ވެސް ރާއިދު ވިސްނަމުންދިޔައީ ދޮރުފަތަށް ވީގޮތެއް ނޭނގޭތީ އެކަމާއެވެ.
ނާޖިދާ ހޭލައިގެން ބަދިގެފަރާތަށް ދިޔައިރު ރާއިދު ފެންނާކަށް ނެތެވެ. ސައި ތައްޔާރުކުރުމާއިގެން ނާޖިދާ އުޅެމުންދިޔައިރު ރޭގައި ކަމެއް ހިނގާދިޔަކަމުގެ ހަނދާން ވެސް އޭނާ ނެތެވެ.
މެންދުރުފަހުގެ ވަގުތެވެ. ކޭބެލްޓީވީން ދައްކަމުންދިޔަ އެންމެފަހުގެ އިނގިރޭސި ފިލްމެއް ބެލުމާއިގެން ރާއިދު މަސްޢޫލުވެ އިންއިރު ނާޖިދާ ވެސް ފެންޑާތެރޭ ގޮނޑިސެޓްގައި އިށީންދެލައިގެންއިނެވެ.
ދަބަސްހިފައިގެން އައިސް ގެއަށް ވަން ނާއިމް ފެނުމާއިއެކު ނާޖިދާ އާއި ރާއިދު ދިޔައީ ސިއްސައިގެންނެވެ. އަންގައިވެސް ނުލައި ކުއްލިއަކަށް ނާއިމް އައުމުން ދެމީހުނަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ލިބުނު މާޔޫސްކަން ސިއްރުކުރެވޭތޯ ދެމީހުން ވެސް މަސައްކަތްކުރި އެވެ. ފަޅާއަރާފާނެތީ ކަންބޮޑުވިއެވެ.
“ކަމާލިޔާ ކޮބާ ؟” ގޭތެރެއަށް ނަޒަރު ހިންގާލަމުން ނާއިމް އަހާލިއެވެ.
“މަދަރުސާއިން އައިސް ދަބަސް ބަހައްޓާފަ ބޭރަށް ދިޔަގޮތަށް އަދި ނާދޭ ….. މެންދުރަށް ނުވެސް ކައި.” ނާއިމަށް ޖަވާބުދިނީ ނާޖިދާއެވެ.
“އަބަދު ބޭރުގައިތަ އުޅެނީ ؟” ނާއިމްގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުމެވެ.
“މިދުވަސްކޮޅު ވަރަށްގިނައިން ގެއިން ބޭރަށްދޭ ….. ބުނާބަހެއް ނާހާ …… ކާން ދާންވީނު.” ވާހަކަ ދައްކަމުން ދައްކަމުން ނާޖިދާ އައިސް ނާއިމް ކައިރިއަށް ހުއްޓުނެވެ. ނާއިމް އައުމުން އޭނާ އުފާވެ ހިތްހަމަޖެހުނުވަރު ދައްކާލިއެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ނާޖިދާއަށް ވިސްނެމުންދިޔައީ އޭނާގެ ކޮނޑުން ހަލާކުވެފައިވާ ތަންކޮޅާއިމެދުގައެވެ. ސިއްހީމަރުކަޒަށް ގޮސް ޑޮކްޓަރަށް ދައްކައި ބޭސްއަޅަމުންދިޔަ ނަމަވެސް ރަނގަޅެއް ނުވެއެވެ. ބައެއް ފަހަރު އެތަން ކުޑަކޮށް ބޮޑުވާހެން ވެސް ހީވެއެވެ. ބައެއް ފަހަރުވާ ތޫނުތަދުން ކެތްކޮށްލަން އުނދަގޫވެއެވެ. ޑޮކްޓަރުން ބުނަނީ މައްސަލައެއްނެތް ކަމަށެވެ. ހިތުގައިވާ ނުތަނަވަސްކަން ފިލައި ނުދެއެވެ.
ނާޖިދާގެ ފަރާތުން ފެންނަމުންދިޔަ ގާތްކަން އިތުރުވަމުންދާވަރަކަށް ނާއިމަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ. ފިހާރައިގެ ކަންތައްތަކުގައި އުޅެމުން ނާޖިދާއާއެކު ހޭދަކުރަމުންދާ ވަގުތުތަކުގެ ސަބަބުން ކަމާލިޔާއަށް ދޭންވާ ސަމާލުކަން ނާއިމަށް ދެވޭ ވަރެއް ނުވެއެވެ.
ބޭނުންވިގޮތަށް ނާއިމްގެ ލޮލުގައި ރަނގަޅަށް އަނދުން އަޅުވާލުމަށްފަހު ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ރާއިދު އާއި ނާޖިދާ ނަގަމުންދިޔަ ނަމަވެސް ނާއިމްއަކަށް ތަނެއްދޮރެއް ނޭނގެއެވެ. ނާޖިދާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ އިތުރުން ޚާއްސަ ގާތްކަމުގެ ސަބަބުން ނާއިމްހުރީ ހިތްހަމަޖެހި ފުދިފައެވެ.
ވިޔަފާރީގެ މުހިންމު ކަމެއްގައި ކުއްލިއަކަށް މާލެދާން ޖެހިއްޖެކަމަށް ނާއިމް ބުނުމުން ނާޖިދާ ވަރަށް މާޔޫސްވިއެވެ. ދެރަވުމުގެ އިތުރުން ކޮންމެވެސް ވަރަކަށް ހިތްހަމަވެސް ނުޖެހުނެވެ.
“ދެން … ވަރަށް ފޫހި …. އަވަހަށް އަންނާތި.” ނާއިމްގެ އަތުގައި ހިފަމުން ނާޖިދާ ވާހަކަދެއްކިއެވެ.
“ދެ ދުވަހެއް ވަރު ވާނެ.” ނާއިމް ވާހަކަދެއްކީ ނާޖިދާގެ ކޮނޑުގައި ފިރުމާލަމުންނެވެ.
“އޭރުން ޖެހޭނެ މިރޭ ….” ނާޖިދާ ބޭނުންވިފަދައިން ނާއިމް، ނާޖިދާ ގެނެސް މެޔާލާ ތަތްކޮށްލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ހަށިގަނޑުގައި ފިރުމާލިއެވެ.
ވަގުތަކަށް، ފުރުސަތަކަށް އިންތިޒާރުކުރަމުންދިޔަ ނާޖިދާ އާއި ރާއިދަށް ނާއިމް މާލެދިއުމާއިއެކު ޢީދު ލައިގަތް ކަހަލައެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް އަވަސްވިއެވެ. އުފަލާއި ހިތްހަމަޖެހުން އިންތިހާއެވެ.
ދުވާލުގެ އަލިކަމުގެ މައްޗަށް ވެރިވަމުންދިޔަ އަނދިރިކަމާއެކު އިރުއޮއްސުމުގެ ކުލަވަރު އުދަރެހަށް ގަދަވަމުންދިޔައެވެ. ވަގުތާއި ހާލަތާ އެއްގޮތަށް މަގުތަކާއި އާންމު މައިދާންތަކުން މީހުން މަދުވަމުން ރަށުތެރެއަށް ފަޅުކަމާއި ހަމަހިމޭންކަން ވެރިވަމުންދިޔައެވެ.
އޮއްސުނުއިރާއިއެކު ކަމާލިޔާ ގެއަށް އައިސް ގަސްތަކުތެރޭ ޖޯލީގައި އޮށޯވެލައިގެން އޮތް ނަމަވެސް ނާޖިދާ އާއި ރާއިދަކަށް އެކަމެއް ނޭނގެއެވެ. ކަމާލިޔާ ކޮބައިތޯ ބަލާލުމުގެ ޝަޢުޤުވެރިކަމެއް ވެސް އެމީހުންގެ ނެތެވެ.
ބޭރަށް ދިޔަތާ ގަޑިއެއްގެހާއިރު ފަހުން ރާއިދު ގެއަށް އައިއިރު ވެސް ކަމާލިޔާ އެތަނުގައި އޮތްގޮތަށް އޮތެވެ. އެތަން އަނދިރިކަމުން މީހަކަށް ތަނެއްދޮރެއް އެނގޭވަރެއް ނުވެއެވެ.
ގޭތެރެއަށް ވަދެގެންދިޔަ ރާއިދުގެ ފަހަތުން ކަމާލިޔާ ގޭތެރެއަށް ވަދެގެންދިޔަ ނަމަވެސް ރާއިދަކަށް އެކަމެއް ނޭނގެއެވެ. ކާމޭޒު ކައިރީގައި ކޮންމެވެސް ކަމެއް ކުރަން ނާޖިދާ ހުއްޓެވެ. ކާގެއަށް ވަދެގެންދިޔަ ރާއިދު ނާޖިދާގެ ފުރަގަހަށް ހުއްޓެމުން ބައްދާލުމާއިއެކު ނާޖިދާގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެގެންދިޔައެވެ. ރާއިދަށް ބަލާލަމުން ހިނިތުންވެލިއެވެ.
ކުއްލިއަކަށް ފަންކާގެ އެނބުރުން އާދަޔާހިލާފަށް ބާރުވިއެވެ. ގަދަފަދަ ތޫފާނެއް ލައިގަތް ކަހަލައެވެ. ގޮނޑިތަކާއި މޭޒަށް ލޮޅުންއެރި އެވެ. ބިންހެލުމެއްގެ އަލާމާތްތަކެވެ. މޭޒުމަތީހުރި ތަށިތައް ބުރައިގެން ދިޔައީ ގަދަވަޔާއެކު ފަތްތަކެއް ބުރައިގެންދާހާ ފަސޭހައިންނެވެ. އެތައް ބައިވަރު ތަށްޓެއް އެއްފަހަރާ ތަޅައިގެންދިޔައެވެ. ތަޅައިގެންދިޔަ ތަށިތަކުގެ ބިއްލޫރިން ތަޅުންގަނޑު ޖަރީކޮށްލިއެވެ. ހާސްކަމާއި ކަންބޮޑުވުމާއެކު ރާއިދުގެ އަތުގައި ހިފަހައްޓާލައިގެން ނާޖިދާ ހުރީ ހަދާނެގޮތެއް ނޭނގިފައެވެ.
ކާގެއާދިމާއަށް ހިނގަމުންއައި ކަމާލިޔާ ފެނުމާއިއެކު ނާޖިދާ އާއި ރާއިދު އަވަސް އަވަހަށް ދުރަށްޖެހެލިއެވެ.
“ކީއްވެ ތަށިތައް ތަޅާލީ؟” ކާގޭތެރެއަށް ނަޒަރު ހިންގާލަމުން ކަމާލިޔާ ސުވާލުކުރިއިރު އެތަނުން އާދަޔާޚިލާފް އެއްވެސް ކަމެއް ނުފެނެއެވެ.
“މަންމަ …. މަންމަ އަތުން ތެޅުނީ ….” ހާސްކަމާއި ކަންބޮޑުވުމާއެކު ނާޖިދާ މަޑުމަޑުން ބުންޏެވެ.
ނާޖިދާ އާއި ރާއިދަށް ވަކިވަކިން ކަމާލިޔާ ބަލާލިއެވެ. ރުޅިއާއި ނަފުރަތުން ފުރިގެންވީ ބެލުމެކެވެ. ހިތްހަމަ ނުޖެހުން އިންތިހާއެވެ. ވަގަކަށް ހާސް ދުވަސް ނަމަވެސް ވެރިއަކަށް އެއްދުވަހެވެ. ކާގޭ ތެރޭގައި އެދެމީހުން އުޅުނުގޮތް ކަމާލިޔާއަށް ފެނުނުކަހަލައެވެ. ބުނާނެ އެއްޗެއް، ކުރާނެ ހަރަކާތެއް ނޭނގިފައި ދެމީހުނަށް ވެސް ތިބެވުނީއެވެ. ކުށް ގަބޫލުކުރުންނޫން އެހެން ގޮތެއް މިއަދަކު ނެތެވެ.
“ކަލޭމެން ދެމީހުންގެ ކަންތައް މިހާރު ތިދަނީ މާމައްޗަށް ….. މައިތިރިވެ ހަމައިގަތިބޭ.” ކަމާލިޔާ ހިނގައިގަތީ ބޭރަށް ނުކުންނާށެވެ.
ނާޖިދާ އާއި ރާއިދުގެ މެދުގައިވާ ލޯބީގެގުޅުން ފަޅާއަރައި ނާއިމްއާ ހަމައަށް މައްސަލަ ގޮސްފިނަމަ ކަންތައް ވަރަށް ގޯސްވާނެކަން ދެމީހުނަށް ވެސް އެނގެއެވެ. އެކަމާމެދު ވިސްނާ ފިކުރުކުރެވުނެވެ. ލިބިފައިވާ ހުރިހާ ފުރުސަތަކާއި ލުއިފަސޭހަ ތަނަވަސް ދިރިއުޅުން ވެސް ގެއްލޭނެ އެވެ. އެތައް ނިއުމަތަކުން މަހްރޫމުވާނެއެވެ. ނާޖިދާގެ ކަންބޮޑުވުމާއި ހާސްކަން އިތުރުވިއެވެ. ލޯ ކުރިމަތީގައި މާޒީ ކުރަހާލި ކަހަލައެވެ.
ކޮޓަރިއާދިމާއަށް ހިނގަމުންދިޔަ ކަމާލިޔާ ގޮސް އޭނާގެ ކޮޓަރީގެ ދޮރާއި ހަމަވުމުގެ ކުރިން އެކޮޓަރީގެ ދޮރުހުޅުވުނުތަން ނާޖިދާއަށް ފެނުނެވެ.
“ތިވާނީ ނާޖިދާއަށް ހީވިގޮތަކަށް.” ނާޖިދާގެ ވާހަކައާ ގުޅުވައިގެން ރާއިދު ބުންޏެވެ. ރާއިދަށް އެ މަންޒަރު ނުފެންނާތީ އެ ވާހަކަ ގަބޫލުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ.
ކާގޭތެރެ ސާފުކޮށް ކެއުން ތައްޔާރުކުރި ނަމަވެސް، ކަމާލިޔާގާތު ކާން އަންނަން ބުނަން ދިއުމަށް ނާޖިދާ ޖެހިލުންވިއެވެ. ކަމާލިޔާ އެތަނުން ދަމުން ދިން އިންޒާރެއްފަދަ މެސެޖް އޭނާގެ ހަނދާނުން ފިލައިނުދެއެވެ. ތަކުރާރުކޮށް އެވާހަކަ ދެއްކިއެވެ.
“ދޭބަލަ. ގޮސް ގޮވާލާފަ ބުނޭ ކާންއަންނާށޭ …. ތިއީ އޭނާގެ ދޮންމަންމައެއްނު.” ނާޖިދާއަށް ވިސްނައިދެމުން ރާއިދު ހަނދާންކޮށް ދިނެވެ.
“ދޮންމަންމައޭ … މިހާރު ވެސް އަހަރެންނަށްވުރެ ހަށިގަނޑު ބޮޑުވެފަ ފުރިހަމަ …. މިއުޅޭ ޒުވާން ފިރިހެންކުދިންތައް ހީވަނީ މޮޔަވެގެން އުޅޭހެން …. ފެންނައިރަށް ކަޅިހުއްޓި ދެލޯ މުދުނަށް އަރާފަ ….. ބޮޑުކަމެއް. ރާއިދު ގޮސް ބުނެބަލަ. ” ހިތްހަމަނުޖެހުމާއެކު ނާޖިދާ ވާހަކަދެއްކިއެވެ. ކަމާލިޔާގެ ރީތިކަމާއި ފުރިހަމަކަމަށް ނާޖިދާ ހިތުގައިވާ ހަސަދައިން ބައެއް ދުއްވާލިއެވެ.
ކަމާލިޔާގެ ކޮޓަރިން ނުކުމެގެންދިޔަ ގަދަކަޅުކުލައިގެ ބުޅާ ނާޖިދާ އާއި ރާއިދަށް ބަލާލި ރުޅިވެރި ބަލާލުން ދެމީހުނަށް ވެސް ފާހަގަ ކުރެވުނެވެ. ގަތްބިރެއްގެ ސަބަބުން ނާޖިދާ އަވަސް އަވަހަށް ރާއިދުއާ ގާތްވެލަމުން އޭނާގެ އަތުގައި ހިފިއެވެ.
ނާޖިދާ ދުރަށްޖައްސާލަމުން ރާއިދު ގޮސް ބުޅަލުގެ ފަހަތުން ގެއިންބޭރަށް ނުކުތެވެ. ބުޅާ ނުކުތީ ކަމާލިޔާގެ ކޮޓަރިން ނަމަވެސް އެކޮޓަރިހުރީ ދޮރުލައްޕާފައެވެ. ބުޅާގޮސް ގަސްތަކުތެރެއަށް ވަނީ ރާއިދު ބަލަހައްޓައިގެން ހުއްޓައެވެ. ބުޅަލުގެ ވަށައިގެން ދައުރުވެލި އަލިފާންކޮޅާއިއެކު ބުޅާ ދުންކޮޅަކަށް ވެގެން ވަޔަށް އަރައިގެން ގޮސް ގެއްލުނީ ރާއިދު ބަލަހައްޓައިގެން ހުއްޓައެވެ. ފެނުނު މަންޒަރުގެ ސަބަބުން ރާއިދު ހާސްވެ ކަންބޮޑުވިއެވެ.
ނާޖިދާ ގޮވާލިއަޑަށް ރާއިދު ބަލާލި ނަމަވެސް އޭނާއަށް ފެނުނީ ނާޖިދާއެއް ނޫނެވެ. ކަފުންކޮށް ބިންމަތީގައި ބާއްވާފައިއޮތް ކުޑަ ކުއްޖާ ފެނުމާއެކު ރާއިދު ބިރުގަނެ ޖެހިލުންވިއެވެ. ގޯހެއް އުޅޭކަން ޔަގީންވެ އަވަސް އަވަހަށް ގޮސް ގެއަށް ވަނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި