ސިއްރު މަރެއްގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ސަސްޕެންސް ތްރިލާ “ދެވަންސޫރަ”ގެ ފުރަތަމަ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލިތާ ވިއްސަކަށް ގަޑިއިރު ނުވަންދެން 10000 އަށް ވުރެން ގިނަ މީހުން ބަލައިފި އެވެ. އެ އަދަދު ސައުވީސްގަޑިއިރު ތެރޭގައި ވަރަށް ބޮޑަށް މައްޗަށް އަރައިގެން ދާނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް ގޮސްފައިވާ މީހުންމެރުމުގެ ކުށުގެ މައްޗަށް އަހްމަދު ޝާހް އަދި އަލީ ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ލޯންޗް ކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެރޭ އެކަމަށްޓަކައި ދަ މެލްރޯޒްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ފިލްމީ ދާއިރާއަށް ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްދެއްވާފައިވާ ރޯނު ހަސަން މަނިކު އެވެ.

ޔޫއްޕެ ބުނީ މިއަހަރުގެ ޑިސެމްބަރު މަހު މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވީނަމަވެސް އޮލިމްޕަސް ލިބުމުގައި ހުންނަ ދަތިތަކުގެ ސަބުން އަންނަ އަހަރު ފެށޭހިސާބުގައި ފިލްމު ރިލީޒް ކުރަން ނިންމާފައި ވާކަމަށެވެ. މުނިއަވަސް އަށް މަޢުލޫމާތު ދެމުން ޔޫއްޕެ ބުނީ ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށެވެ. “އަންނަ ހޮނިހިރަށް ފިލްމުގެ ޝޫޓިންގ އެއްކޮށް ނިންމާލެވޭނެ ކަމަށް މި ބަލަނީ.”

މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމް ސްޓޫޑިއޯތަކާއި ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. އެގޮތުން މިފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޔޫސުފް ޝަފީއު(ޔޫއްޕެ) އެވެ.

ފިލްމު ދެވަންސޫރައި ގެ ލީޑް ރޯލުން ފެނިގެން ދާނީ ފިލްމީ ދާއިރާއިން މުޅިން އަލަށް ފެނިގެންދާ މަރިޔަމް ޝިފާ އާއި މުހައްމަދު ފައިސަލްގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ) އެވެ. އިތުރު ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަޒްލީމް، ފާތިމަތު އާޒިފާ، ޔޫއްޕެ، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ އިސްމާއީލް (ޖާދު)، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. ޖުމްލަ 21 ތަރިން މި ފިލްމުން ފެނިގެންދާނެ އެވެ.

މިދާއިރާއިން އާ ފަންނާނުންނަށް ވިހާވެސް ބޮޑަކަށް ފުރުޞަތު ދިނުމުގެ ވިސްނުމުގައި މިވަގުތު މަސައްކަތުގެ އަމާޒު ހިފާފައިވާ ޔޫއްޕެ ބުނީ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ފަންނާނުންގެ ވަރަށް ތަފާތު އެކްޓިން ތަކެއް ފެނިގެންދާނެ ކަމުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.