ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް މިހާތަނަށް ޗައިނާއިން 2،700 އަށް ވުރެ ގިނަ މީހުނަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 80 މީހުންނަށް މަރުވެފައިވާކަމަށް މިއަދު ސީއެންއެން އިން ރިޕޯޓްކޮށްފައިވެއެވެ.

ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ. ދިވެހިރާއްޖެ އަށް މި ބަލި އައުމުގެ ފުރުޞަތު ބޮޑުކަމަށް ކަމާބެހޭ ވުޒާރާތަކުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުން އަންނަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ކޮރޯނާ ވައިރަހާ މެދު މީހުން އާއްމުކޮށް އަހައި އުޅޭ ސުވާލާއި ޖަވާބު ހިމެނޭ މަޢުލޫމާތުތަކެއް މީޑިއާއަށް ހިއްސާކޮށްފައެވެ. އެހެންކަމުން އެ މަޢުލޫމާތުތައް ގެނެސްދޭނަމެވެ.

1. ކޮރޯނާ ވައިރަހައަކީ ކޮބާ؟
• ކޮރޯނާވައިރަހަކީ އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ބަލިޖައްސާ ވައިރަހެކެވެ. އާދައިގެ އަރިދަފުސް ރޯގާ، މާރސް، އަދި ސާސް ފަދަބަލިތައް މިވައިރަހުން ޖެހެއެވެ.

2. ނޮވެލް ކޮރޯނާ ވައިރަސްއަކީ ކޮބާ؟
• މިއީ އަލަށް ފެނުނު ކޮރޯނާ ވައިރަސްގެ ބާވަތެއް. މިބަލި އާންމުގޮތެއްގައި ފެތުރެނީ ޖަނަވާރުންގެ ކިނބައިން އިންސާނުންނަށް، އެކަމަކު މިހާރު މިބަލި ކޮންމެވެސް ވަރަކަށް އިނަސާނުންގެ ކިބައިން އެހެން އިންސާނުނަށް ޖެހެއެވެ.
• 24 ޖެނުއަރީ އާ ހަމައަށް މުޅި ދުނިޔެއިން 845 ކޭސް ރިޕޯރޓްކުރެވިފައިވޭ. ޗައިނާއިން ރިޕޯޓްކުރި ޖުމްލަ އަދަދަކީ 830، މީގެ ތެރެއިން ބަލިޖެހިގެން ބޮޑުވަރުވީ 177 މީހުން އަދި މަރުވެފައިވަނީ 25 މީހުން.
• ޗައިނާގެ ބޭރުން މިހާތަނަށް ހޮންގް ކޮންގް، މަކާއޯ އަދި ސައުތު ކޮރިޔާ އިން 2 ކޭސް، ޓައިވާން، ޖަޕާން، ނޭޕާލް، ސިންގަޕޯ އަދި ޔޫ އެސް އޭ މިއިން ކޮންމެ ޤައުމަކުން 1 ކޭސް އަދި ތައިލެންޑްއިން 4 ކޭސް ފެނިފައިވޭ. (މި މަޢުލޫމާތު ހިއްސާކުރިފަހުން އިންޑިއާ އިންވެސް ފެނިފައިވޭ)

3. ނޮވެލް ކޮރޯނާ ވައިރަސް ފެތުރެނީ ކޮން މިންވަރަކަށް؟
ދުވަހުން ދުވަހަށް ކޭސް ފެންނަމުން ދާވަރު ދަނީ އިތުރުވަމުން. އަދި ފެންނަ ޤައުމުތައްވެސް ދަނީ އިތުރުވަމުން.

4. މިބަލި ޖެހިއްޖެ ނަމަ އަލާމާތް ފެންނަން ކިހާ ދުވަހެއް ނަގާ؟
މިމަޢުލޫމާތު އަދި އެހާ ސާފެއް ނޫން. ނަމަވެސް މިހާތަނަށް އެނގިފައިވާ ގޮތުގައި މިބަލީގެ އަލާމާތް ފެންނަނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 2 ދުވަހާ 14 ދުވަހާ ދޭތެރޭގެ މުއްދަތެއްގާ

5. ނޮވެލް ކޮރޯނާ ވައިރަސްގެ އަލާމާތްތަކަކީ ކޮބާ؟
• ހުންއައުން (38 ޑިގްރީ ސެލްޖިއަސް އަށްވުރެ މަތީގައި ހުންހުރުން)
• ކެއްސުން
• ނޭވާކުރުވެ ނޭވާލާން އުދަނގޫވުން ހިމެނޭ.
ބަލީގެ ބޮޑުވަރުވާ މީހުން ނިއުމޯނިއާ ޖެހުން، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ޖެހުން، ކިޑްނީ ފެއިލްވުން އަދި ބައެއް ފަހަރު މަރުވުން ހިމެނޭ.

6. ކޮރޯނާ ވައިރަސް ގައިން ގަޔަށް އަރާތަ؟
މިބަލި އާންމުގޮތެއްގައި ފެތުރެނީ ޖަނަވާރުންގެ ކިނބައިން އިންސާނުންނަށް، އެކަމަކު މިހާރު މިބަލި ކޮންމެވެސް ވަރަކަށް އިންސާނުންގެ ކިބައިން އެހެން އިންސާނުނަށް ޖެހެއެވެ. ބަލި އެރުން އެންމެ ގާތީ ހުންއައިސް ކެއްސާ މީހުންނާ، ގައިގޯޅިވުމުން ނުވަތަ އެފަދަ ބަލިމީހަކާ ކައިރީގައި އުޅޭމީހުންނަށެވެ. މިސާލަކަށް ގޭ ތެރެއިން، އޮފީހުން އަދި ސިއްހީ ޚިދުމަތްދޭ ތަންތަނުން.

7. ކޮރޯނާ ވައިރަސްއަށް ވެކްސިންއެއް ހުރޭތޯ؟
މިއީ އަލަށް ފެނުނު ބައްޔެއްކަމުން އަދި މިބައްޔަކަށް ވެކްސިންއެއް ހޯދިފައެއް ނެތް.

8. ނޮވެލް ކޮރޯނާ ވައިރަސްއަށް ފަރުވާއެއް ވޭތަ؟
ނޮވެލް ކޮރޯނާ ވައިރަސްއަށް ވަކި ޙާއްސަ ފަރުވާއެއް ނެތް. ފަރުވާ ދެވެނީ ބަލިން ފެންނަ ތަފާތު އަލާމާތްތަކަށް.

9. މިބަލިން ރައްކާތެރިވާނީ ކިހިނެއް؟
• ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުން! ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިބާގެ މުލައްދަނޑިން އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރުން.
• ސައިބޯނިލައިގެން ރަގަޅަށް އަތް ދޮވުން! އަދި އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން!

• ހުންއައިސް ކެއްސާ މީހުން:
– އަނގަމަތީގައި ސާޖިކަލް މާސްކު އެޅުން (ގޭގައި އުޅޭވަގުތުގައިވެސް)
– ގެއިން ބޭރަށް ނުދިއުން
– ބޭނުންކުރާ ސާމާނު (މިސާލަކަށް ތަށި، ސަމްސާ، އަންނައުނު، ތުވާލި ފަދަ ތަކެތި އެހެންމީހުން ބޭނުން ނުކުރުން
– އެހެން މީހުންނާއި ގައިގޯޅިވެ ނޫޅުން |
• ގޭގައި ހުންއައިސް ކެއްސާ މީހަކު އުޅޭނަމަ އޭނާ ހުރުން ރަނގަޅީ ވަކި ކޮޓަރިއެއްގައި. އަދި މިކޮޓަރިއަށް އެހެން މީހުން ވަދެނޫޅުން. ކޮންމެހެން ވަންނަން ޖެހިއްޖެ ހިނދެއްގައި ބަލިމީހާއާއި 3 ފޫޓު ދުރު މިނުގައި ހުރުން.

10. ބަލިން ރައްކާތެރިވުމަށް ފޭސް މާސްކް އަޅަން ޖެހޭތަ؟
ރާއްޖެއިން ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ހިދެއްގައި ހުން އައިސް ކެއްސާނަމަ އެހެން މީހުންގެ ރައްކާތެރިކަމަށް މާސްކް އެޅިދާނެ. ޢާންމުކޮށް އެއްވެސް ކަހަލަ އަލާމާތެއް ނުހުންނަ މީހުން މާސްކް އަޅާކަށް ނުޖެހޭ

11. ސިއްހީ ޚިދުމަތްދޭ މީހުން ރައްކާތެރިވުމަށް ވަކި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭތަ؟
ސިއްހީ ޚިދުމަތްދޭ މީހުން ތިބެންޖެހޭނީ ސާޖިކަލް މާސްކް، ގޮގްލްސް (ނުވަތަ ފޭސްމާސްކް) އަދި އަންގި ލައްވައިގެން. ނަމަވެސް މިފަދަ ބައްޔަކަށް ޝައްކުކުރެވޭ މީހުން ވަކިން ބަލާނެ ތަނެއް ކަނޑައަޅާފައިވާނަމަ، މިފަދަ ފިޔަވަޅުތައް އަޅައިގެން ތިބޭނީ އެތަންތާގައި ތިބޭ ސިއްހީ ޚިދުމަތްދޭ މީހުން އެކަނި.

12. ޗައިނާއަށް ދަތުރު ކުރުމަށްފަހު، ހުން އައިސް، ކެއްސާ، އަދި ނޭވާ ކުރުވެ، މިފަދަ އަލާމާތްތައް ފެންނަނަމަ ހަދާނީ ކިހިނެއް؟
• ވޭތުވެ ދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރު ކުރުމަށްފަހު މިފަދަ އަލާމާތެއް ފެންނަނަމަ އަވަހަށް ސިއްހީ ޚިދުމަތްތެރިއެއްގެ އެހީ ހޯދުން. އަދި ޗައިނާއަށް ދަތުރު ކުރި ކަމުގެ މަޢުލޫމާތު ހިއްސާކުރުން.
• ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުން. ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިބާގެ މުލައްދަނޑި އަނގަޔާ ނޭފަތަށް ވާގޮތަށް ހުރަސް ކުރަން! އަދި ސައިބޯނިލައިގެން ރަގަޅަށް އަތް ދޮވުން.

ބަލީގެ މަޢުލޫމާތު: ހެލްތު ޕްރޮޓެކްޝަން އެޖެންސީން 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.