ހޮޅުއައްޓަކީ މީހުން އިށީއިނުމަށްޓަކައި ކަށިކެޔޮ ހޮޅުން ނުވަތަ ރުއް ފަޅައިގެން ބޭރުގައި އަޅާފައި ހުންނަ އައްޓަށް ކިޔާނަމެކެވެ. މިއީ ދިވެހިންގެ ދިރިއުޅުމާއި ދާދި މިދާކަށް ދުވަހާއި ޖެހެންދެން ވެސް ގުޅިލާމެހިފައިވާ މުހިންމު ތަނެކެވެ. ހާއްސަކޮށް ރާއްޖެތެރޭގެ ދިރިއުޅުމުގެ ބައިވެރިއެކެވެ. ވުމާއިއެކު ހޮޅުއަށީގެ މަޢުލޫމާތު ކިޔުންތެރިންނަށް ހިއްސާކުރުމުގައި އަޅުގަނޑުގެ މައިގަނޑު ދެ މަޤުޞަދެއް ވެއެވެ. ފުރަތަމަ މަޤުޞަދަކީ ހޮޅުއައްޓަކީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއަކަށް ވީ ހިނދުގައި އެ ތަނާއި ގުޅުންހުރި ތަފްސީލީ މަޢުލޫމާތުތަކެއް ކިޔުންތެރިންނަށް ފޯރުކޮށްދިނުމެވެ. ދެވަނަ މަޤުޞަދަކީ 27 ނޮވެންބަރު 2019 ގައި އަޅުގަނޑު ލިޔެ މި ނޫހުގައި ޝާޢިއުކޮށްފައިވާ “ކުޑައިރު ކުޅުނު ކުޅިވަރުތައް ހަނދާން އެބަހުރިތަ؟” މި ލިޔުމުގައި އަޅުގަނޑުމެން ކުޑައިރު ހޮޅުއަށީގައި ކުޅެ އުޅުނު ކުޅިވަރުތައް ހިމަނާފައި ވުމުން އެ ކުޅިވަރުތައް ކުޅޭ ގޮތުގެ މަޢުލޫމާތު ކިޔުންތެރިންނަށް ހިއްސާކުރުމަށް ބޭނުންވުމެވެ. މި ކުޅިވަރުތައް ކުޅެއުޅުނު ގޮތް އެހެން ބަޔަކަށް ހިއްސާކުރާނަމަ އެ ބަޔަކަށް ހޮޅުއަށި ހުންނަ ގޮތާއި އަދި އެތަނާއި ގުޅުންހުރި މަޢުލޫމާތު އެނގުމަކީ މުހިންމުކަމެކެވެ. ނޫންނަމަ ހޮޅުއަށީގައި ކުޅެއުޅުނު ކުޅިވަރުތައް ކުޅުނުގޮތް ފަހުމުވުމުގައި ދަތިތަކާއި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ލިޔުމުގައި ހޮޅުއަށީގެ އެކިއެކި ބައިބައިގެ މަޢުލޫމާތު ތަފުސީލުކޮށް ގެނެވިފައި ވާނެއެވެ. ލިޔުމުގައި ބަޔާންކުރެވިފައިވާ ބައިތަކުގެ ނަންތައް ރާއްޖޭގެ އެކިއެކި ހިސާބުގައި ތަފާތުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ހޮޅު ނުވަތަ ހޮޅުތައް

ހޮޅުއަށީގެ ނަން އެ އެއްޗަކަށް ނިސްބަތްވާ އެއްޗަކީ މާ ކަށިކެޔޮގަހުގެ ގަސްގަނޑު ކަމުގައިވާ ހޮޅެވެ. ބަސްފޮތުގައި ހޮޅުގެ މާނައިގެ ގޮތުގައި ވަނީ ކަނޑައިލައި ކުރި ބުރިކޮށްލައިފައި އޮންނަ ކަށިކެޔޮ ގަސްގަނޑު ކަމުގައެވެ. ހޮޅުއަށީގައި ބޭނުންކުރުމަށް ބޭނުންވާ ހޮޅު ކަނޑާފައި ހުންނާނީ ބޮޑަށް ތެދު ހޮޅު ބަލައިގެންނެވެ. ސަބަބަކީ ހޮޅުއަށީގައި އިށީންދެ، އޮށޯއޮވެ ހެދުމުގައި ފަސޭހަކުރުމެވެ. ހޮޅުއަށީގައި ބޭނުންކުރެވޭ ހޮޅުތައް އަބަދުވެސް ހުންނާނީ ވަަށް ރީތިކޮށް ތޮށިޖަހައި ސާފުކުރެވިފައެވެ. 

ބިތްގަނޑު

ބިތްގަނޑުގެ މާނައެއް ގޮތުގައި ދިވެހި ބަސްފޮތުގައިވަނީ ވަގުތީގޮތުން ނިވައިކޮށްލުމަށް ހަދާފައި ހުންނަ ބިތްބިތް ކަމުގައެވެ. ނަމަވެސް ހޮޅުއަށީގެ ބިތްގަނޑުތަކަކީ ވަގުތީ ބިތެއް ނޫނެވެ. އެންމެ ކުރީގެ ހޮޅުއަށިތަކުގެ ބިތްގަނޑުތައް ހަދާފައި ހުންނަނީ ދަނޑިއާއި ފަން ބޭނުންކޮށްގެންް، ދަނޑިން ގަތައި އޭގެ ބޭރުގައި ފަން ޖަހައިގެންނެވެ.

ހޮޅުއަށީގައި ހަރުކުރެވިފައި ހުންނަ ބިތްގަނޑު ދެ ބަޔަކަށް ބެހެއެވެ. އެއީ ބޮޑު ބިތްގަނޑާއި ކުޑަ ބިތްގަނޑެވެ. ހޮޅުއަށީގައި ހަރުކޮށްފައި ހުންނަ ބޮޑު ބިތްގަނޑު  ހުންނާނީ ހޮޅުއަށީގެ ހުޅަނގު ފަރާތުގައެވެ. ބައެއް ހޮޅުއަށިތަކުގައި ދެބަޔަށް ވާ ގޮތަށް ބޮޑުބިތްގަނޑު ބައި ކޮށްފައި ހުންނަތަން ވެސް ފެނެއެވެ. ބޮޑު އެއް ބިތްގަނޑު ގޮތުގައި ވެސް ހުރެއެވެ. ހުރިހައި ބިތްގަނޑެއްގެ ވެސް މަޤުޞަދަކީ ހޮޅުއަށީގެ އެތެރެ ވިއްސާރައިން ނިވާކުރުމެވެ. ނުވަތަ ގަދަ ވައިން  ރައްކާތެރިކުރުމެވެ. ހުރިހައި ބިތްގަނޑެއް ވެސް ހެދިފައި ހުންނާނީ ބޭނުންވީމާ ހިއްލައިލެވޭގޮތަށެވެ. އަދި ބޭނުން ވެއްޖެ ނަމަ ތިިރިކޮށްލައި ހޮޅުއަށި އެ ފަރާތުން ބަންދުކޮށްލެވޭ ގޮތަށެވެ.

ބޮޑު ބިތްގަނޑެކޭ އެއްފަދައިން ކުދި ބިތްގަނޑުތައް ވެސް އަދާ ކުރަނީ ހަމަ އެއް ވަޒީފާއެކެވެ. އެއީ ވިއްސާރައިން ނުވަތަ ގަދަ ވައިން ހޮޅުއަށީގެ އެތެރެ ނިވާ ކުރުމެވެ. ކުދި ބިތްގަނޑުތައް އާނމުގޮތެއްގައި ހަރުކުރެވިފައި ހުންނަނީ ހޮޅުއަށީގެ ދެކުނު އަދި އުތުރު ބިތުގައެވެ. މި ބިތްގަނޑުތައް، ފަރާތެއްގައި ތިން ހަތަރު ބަޔަށް ވާގޮތަށް އުފުލައި ތިރިކުރެވޭގޮތަށް ވެސް ހަދާފައި ހުރެއެވެ.

ބިތްގަނޑުގައި ވިއްދާ ކަނަ

ބިތްގަނޑު އުފުލާފައި ބެހެއްޓުމަށްޓަކައި ބިތްގަނޑުގެ މެދަށް ވާގޮތަށް އޭގެ ތިރީކައިރީގައި ވިއްދާފައި ހުންނަ ދަނޑިއަށް ބިތްގަނޑުގައި ވިއްދާ ކަަނަ ކިޔައި އުޅެއެވެ. މި ދަނޑީގެ ސިފައަށް ބަލައިލާއިރު މި ދަނޑީގެ ބިތްގަނޑުގައި ވިއްދާކޮޅުގައި ކަނައެއް ހުރެއެވެ. އެ ދަނޑީގެ ދިގުމިނުގައި އާންމު ގޮތެއްގައި ހަތަރު ފޫޓު ނުވަތަ ފަސް ފޫޓުގެ ދިގުމިނެއް ހުރެއެވެ.

ބޯއަޅާ ހޮޅުގަނޑު

ކޮންމެ ހޮޅުއައްޓެއްގައި ވެސް އެތަނުގައި މީހުން އޮށޯންނައިރު ބޯ އެޅުމަށްޓަކައި ހޮޅުއަށީގެ ހުރަހަށް ވާގޮތަށް ބާއްވާފައި ހޮޅުފަޅިއެއް އޮންނާނެއެވެ. މި ހޮޅުފަޅިއަށް ބޯ އަޅާ ހޮޅުގަނޑު ކިޔައެވެ. މި ހޮޅުފަޅި ހޮޅުއަށީގެ ދެ ކޮޅުގައި ވެސް އޮވެއެވެ. 

އަނގުނު

އަނގުނަކީ ހޮޅުއަށީގެ ހޮޅުތައް އައްޓަކަށް ވާ ގޮތަށް އެތުރުމަށްޓަކައި ހޮޅުތަކުގެ ދެކޮޅުގައި، ހޮޅުތަކުގެ ހުރަހަށް ވާ ގޮތަށް ދަށުގައި ބޭއްވިފައި އޮންނަ ގަސްގަނޑަށް ކިޔައިއުޅޭ ނަމެކެވެ. އުނދޯލީގެ ދެކޮޅުގައި އަޅާފައި އޮންނަ ދެ ވާލަށާއި އަދި ފިލައާއި ވަކަރުފަދަ ތަކެތި ބަހައްޓަން އޭގެދަށުގައި ހުރަހަށް ބަހައްޓާ އެއްޗެއްސައްވެސް އަނގުނު ކިޔައިއުޅެއެވެ.

ކުރީގެ ހޮޅުއަށިތަކުގައި އަނގުނުގެ ގޮތުގައި ބޭނުންކޮށްފައި އާންމުގޮތެއްގައި ހުންނަނީ ކަނޑޫފަދަ ވަރުގަދަ ހަރު ލަކުޑި އެކުލެވޭ ގަސްގަހުގެ ބައިތަކެވެ. 

މުޑި

މުޑީގެ މާނައިގައި ބަސްފޮތުގައި ޖުމުލަ ހަތަރުމާނައެއް އެކުލެވޭއިރުގައި މުޑީގެ އާންމު މާނައަކީ މަތީގައި އޮންނަ ފުރާޅެއް ނުވަތަ އެ ނޫންވެސް އެއްޗެއް ހިފެހެއްޓުމަށް ދަށުން ވިއްދާ ނުވަތަ ބިމަށް ހަރުކޮށްފައި ހުންނަ ދަނޑި ނުވަތަ ހޮޅުފަދަ އެއްޗެއްސެވެ.

ހޮޅުއަށީގެ މުޑި ދެބަޔަކަށް ބަހާލެވިދާނެއެވެ. ފުރަތަމަ ބަޔަކީ އަނގުނު ހަރުކުރުމަށްޓަކައި ބިމަށް ޖަހައި ހަރުކޮށްފައި ހުންނަ މުޑިއެވެ.   މި މުޑިތައް ހުންނާނީ ބިމަށް އެއްކޮޅު ވަޅުލައި ބިމަށް ހަރުކޮށްފައެވެ. އާންމުގޮތެއްގައި މި މުޑިތައް ބިމުން މައްޗަށް ހުންނަބައިގައި ހުންނާނީ ދެ ފޫޓުގެ މިންވަރެވެ. 

ހޮޅުއަށި ހިޔާކުރުމަށްޓަކައި ހަދާފައި އޮންނަ ފުރާޅު ހިފެހެއްޓުމަށްޓަކައި، އެ ފުރާޅުގެ ވަށައިގެން ދުރުދުރުގައި ޖަހާފައި ހުންނަ ފަލަ ލަކުޑިބުރިތަކަށް ވެސް މުޑިކިޔައި އުޅެއެވެ. މި މުޑިތަކުގެ ވެސް އެއްކޮޅު ހުންނާނީ ފުރާޅަށް ހަރުކޮށް އަނެއްކޮޅު ބިމަށް ވަޅުލައި ހަރުކޮށްފައެވެ. މި މުޑިތަކަށް އާންމުގޮތެއްގައި ބޭނުންކޮށްފައި ހުންނާނީ ކާނި ފަދަ ގިނަ ޒަމާންތަކަކަށް ހަލާކުނުވެ ހުންނަ ލަކުޑިއެވެ.

ރާއްޖެތެރޭގެ ގިނަރަށްތަކުގައި އަދިވެސް ހޮޅުއަށިތައް ހުރިނަމަވެސް އެންމެ ކުރީގެ މުސްކުޅި ހޮޅުއައްޓެއް މިހާރު ރާއްޖެއިން ވެސް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ދިވެހިންގެ ގެދޮރު ބިނާކުރުމަށް އައި ބަދަލުތަކާއި ގުޅިގެން އެކަމުގެ ނުފޫޒު މިހާރުވަނީ ހޮޅުއަށިތަކަށް ވެސް ފޯރާފައެވެ. 

ހޮޅުއަށީގެ ރަންޒަމާނުގެ ހޮޅުއަށިތަކުގައި މާކަށިކެޔޮ ހޮޅު ބޭނުންކޮށްފައި ހުރި ނަމަވެސް މިދުވަސްވަރު މި ވަނީ ‘ހޮޅުއަށި ހޮޅިއަށްޓަށްވެފައެވެ.’ ފަނުން ހަދަމުން އައިސްފައިވާ ފުރާޅު މި ވަނީ ޓިނަށް ބަދަލުވެފައެވެ. ގަސްގަހުގެ ލަކުޑިން ހަދަމުންއައި މުޑިތައް ކޮންކުރީޓަށްވެ ދަނޑިން ހަދަމުންއައި ފުރާޅުގެ ގިއުގަނޑު ލަކުޑި ފައްޗަށް ބަދަލުވެފައެވެ. ވުމާއިއެކު މިގަރުނުގެ ކުދިންނަށް އެކުދިންގެ ކާބަފައިންގެ ޒަމާނުގައި މިފަދަ ތަންތަން ހުރިގޮތް ފެނިފައި ނެތުމަކީ ވަރަށް ގާތްކަމެކެވެ. އަޅުގަނޑުދެކޭ ގޮތުގައި މި ލިޔުމުގެ ސބަބުން ރާއްޖޭގައި އެންމެ ކުރިން ބިނާކުރެވިފައި ހުރި ހޮޅުއަށިތަކުގެ ސިފަތަކުގެ މަޢުލޫމާތު ލިބިގެންދާނެއެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.