ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އައު ލަވަ، “ޔާރު ދިވާނާ”ގެ ކާސްޓަށް ބަދަލެއް ގެނެސް ޝޫޓްކޮށް ނިންމާލައިފިއެވެ. ލަވައިގެ ޓްރެއިލަރ އެއް މިއަދުގެ ވަގުތެއް ނެރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިއްފަތުގެ އަޑުން ކިޔާފައިވާ ލަވައެއް ނީވޭތާ ދުވަސްކޮޅެއް ފަހުން، އޭނާ ގެނެސްދޭ “ޔާރު ދިވާނާ” ލަވައިގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓިން އެއް ދައްކަމުން އަންނަ އިބްރާހިމް ޖިހާދު (ޖިމީ) އާއި ފިލްމު “ދެވަންސޫރަ” އާއި “ފޯޓީ ޕްލަސް” ގައި މޮޅު އެކްޓިންއެއް ދައްކާފައިވާ މަރިޔަމް ޝިފާ އެވެ. މީގެ އިތުރުން ލަވައިގައި ސައިއްޓޭ ވެސް ފެނިގެންދާނެއެވެ.

މި ލަވައިގެ ވީޑިއޯގައި ފިރިހެން ތަރިއެއްގެ ގޮތުން ހަރަކާތްތެރިވުމަށް ފުރަތަމަ ހަމަޖެއްސީ މިވަގުތު އެންމެ ވިދުންގަދަ އެކްޓަރ ޢަލީ އާޒިމް (ދޮން އައްޔަ) އެވެ. ނަމަވެސް ދޮން އައްޔަ އެހެން ޝޫޓިންއަކަށް ވަގުތުދޭން ޖެހުމުން ޖިމީއަށް އެ ފުރުޞަތު ދިނީކަމަށް ރިއްފަތު ބުނެއެވެ.

ރިއްފަތުގެ އަޑުން ކިޔާފައިވާ މި ލަވައިގެ މިއުޒިކް އަދި މިކްސިން ހެދީ ކޮއްކޮ އެވެ. ލަވައިގެ ޅެން ހެދީ އަޙްމަދު އިސްމާޢީލް (އަންމަޑޭ) އެވެ.

”ޔާރު ދިވާނާ“ ލަވައިގެ ވީޑިއޯ މަސައްކަތަށް ބަލާލާއިރު، ކެމެރާ، ޑައިރެކްޝަން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ ’މަނިކް އާޓްސް‘ އިންނެވެ. މޭކަޕް ހެދީ ޝިޒް އެވެ.

ކިޝޯރް ކުމާރް ކިޔާފައިވާ ’ޕިޔާރް ދިވާނީ ހޯތާހޭ’ގެ ރާގަށް ރިއްފަތު ކިޔާފައިވާ މި ލަވަ ޕްރޮޑިއުސްކޮށް ބެލުންތެރިންނަށް ގެނެސްދެނީ ރިއްފަތުއެވެ.

ބެލުންތެރިންނާއި ހަމައަށް މި ލަވަ ވަރަށް އަވަހަށް އަންނާނެ ކަމަށް މުނިއަވަސްއަށް ރިއްފަތު ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.