ފިލްމު “ކޮސް ގިނަ މިސްޓޭކް” ގެ މަސައްކަތް މި އަހަރު މާރިޗް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށް ފިލްމުގެ ޕްރޮޑިއުސަރ ބުނެފިއެވެ.

ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދަންފެށި “ކޮސް ގިނަ މިސްޓޭކް” ގަނެފައިވާ ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް މުނިއަވަސް އަށް މިއަދު ބުނީ މާޗްމަހުގެ ކުރީކޮޅު ފިލްމުގެ ނުނިމި ހުރި ބައިތައް އެއްކޮށް ޝޫޓްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ޝަފީޤް ބުނީ ފިލްމުގައި ހަރަކާތްތެރިވާ ތަރިން އެކިއެކި ޕްރޮޖެކްޓްތަކުގައި ވަދިކޮށް (ބިޒީކޮށް) އުޅޭތީ އެ ތަރިންނަށް ވަގުތު ދެވެން އޮތީ މާޗްމަހުގެ ފެށޭ ހިސާބުގައި ކަމަށެވެ.

ފިލްމު “ބައިވެރިޔާ”، “ނޯޓީ ފޯޓީ” އަދި “ފޯޓީ ޕްލަސް” ފަދަ ވަރުގަދަ އަދި އެހާމެ ކާމިޔާ ކޮމެޑީ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ޝަފީޤް އިތުރަށް ބުނީ މިއަހަރުގެ ރޯދައިގެ ފަހުން ފިލްމު ރިލީޒްކުރާނެ ތާރީޚެއް ނިންމައި އެކަން ހާމަކުރާނެ ކަމަށެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން މިދިޔަ އަހަރު އޯގަސްޓް މަހު 28ގައި ޝޫޓްކުރަން ފެށި ”ކޮސް ގިނަ މިސްޓޭކް“ އަޅުވަން ޝެޑިއުލް ކުރީ މިދިޔަ ނޮވެމްބަރު މަހަށެވެ. ނަމަވެސް ފިލްމު އެޅުވުން އަންނަ އަހަރަށް ފަސްކޮށްލީ އަހަރުގެ ފަހުކޮޅުގައި ފިލްމު އެޅުވުން އެއީ އެހާ ރަނގަޅު ކަމެއް ކަަމަށް ނުފެންނާތީ ކަމަށް ޝަފީޤް ވަނީ ބުނެފައެވެ.

ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރާ މި ފިލްމަކީ ލޯބީގެ ކޮމެޑީ ފިލްމެކެވެ. ފިލްމުގައި ފާހަގަކޮށްލެވޭ 13 އަށްވުރެން ގިނަ ކާސްޓުން ހިމެނެއެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ހިމެނެއެވެ.

ކޮސް ގިނަ މިސްޓޭކް“ ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.