ރާއްޖޭގެ ފުރަތަމަ ޓެކްސީ މޯބައިލް އެޕްލިކޭޝަން “ފަހި ކެބް”ގެ ޚިދުމަތް ލ. އަތޮޅުގެ ގުޅާލާފައިވާ ރަށްތައް ހިމެނޭ ސަރަޙައްދަށް ތަޢާރަފްކޮށް، ޓެކްސީ ހޯދުމުގެ ޚިދުމަތް ފަހިކޮށްފިއެވެ.

“ފަހި ކެބް”ގެ ޚިދުމަތް ލާމަށް ތަޢާރަފް ކުރުމަށްފަހު މިހާރުވަނީ “ކެބް އެމްވީ” ސެންޓަރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޓެކްސީތަކަށް ހުޅުވައިފައި ކަމަށް އެ ސެންޓަރުގެ ފައުންޑަރ އަޙްމަދު ޙަބީބް މުނިއަވަސް އަށް ބުންޏެވެ.

“ފަހި ކެބްގެ ޚިދުމަތް ކާމިޔާބުކަމާއެކު މާލެ، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގަވެސް މިހާރު ފަށައިގެން ކުރިއަށް މިދަނީ. ދެން އެގޮތުން ވަރަށް ގިނަ ރިކްއެސްޓްތައް އެބަ އާދޭ ލ. އަތޮޅުގަ މި ޚިދުމަތް ނުފަށައިގެން. އެހެންވީމަ އެ ޚިދުމަތް މިހާރު އަޅުގަނޑުމެން މި ހުޅުވައިލީ ލ. އަތޮޅަށް، ޚާއްޞަކޮށް ލާމުގަ ގުޅިފަވާ ހުރިހާ ރަށްތަކަކަށް ބޭނުންކުރެވޭ ގޮތަށް މިހާރު މި ޚިދުމަތް ދޫކޮށްލާފަ މީނީ.” ފައުންޑަރ ޙަބީބް ހާމަކުރިއެވެ.

ކެބްއެމްވީ ދެމުން ގެންދާ “ފަހި ކެބް” ޚިދުމަތް ލ. އަތޮޅުގެ ގުޅާލާފައިވާ ރަށްތައް ހިމެނޭ ސަރަޙައްދަށް ފެށުމުން އެކަމުގެ ފަސޭހަކަން ޓެކްސީތަކަށާއި ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

“މިހާރު ޑްރައިވަރުން ރެޖިސްޓްރީ ކުރުން ކުރިއަށް ގެންދަންވީ ހަމަ. މިހާރުވެސް ޑްރައިވަރުން އަންނަނީ ރެޖިސްޓްރީ ވަމުން. މިހާރު ކަސްޓަމަރުންނަށް ވެސް ޚިދުމަތް ބޭނުންކުރެވޭ.”

މި ޚިދުމަތުގައި ރެޖިސްޓްރީ ވުމަށް ބޭނުންވާ ޓެކްސީތަކުން ކެބް އެމްވީއާއި ގުޅައިގެން ރެޖިސްޓްރީ ވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލާފައެވެ.

“ދެން މިހާރު މި ބަލަނީ ކުރިއަށް އޮތް ތަނުގަ އެޕްލިކޭޝަނުން، ކޭޝްކޮށް މިހާރު ފައިސާ ދައްކާލެވެން އިންކަމުގަ ވިޔަސް އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުސްތަގުބަލެއްގަ ކޭޝްލެސްކޮށް، މާނައަކީ ކާޑުން ނޫނިއްޔާމުން ކޮންމެވެސް ޕޭމަންޓް އެޕްލިކޭޝަނެއް ބޭނުންކޮށްގެން ޕޭކޮށްލެވޭ ކަހަލަ ގޮތަކަށް ހެދުމަށް ވާހަކަދެކެވެމުން މިހާރު ދަނީ.” ފަހި ކެބްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައްވެސް ހަބީބް ހިއްސާކުރިއެވެ.

ފަހި ކެބްގެ ޚިދުމަތް މިހާރު ލާމަށްވެސް

ފަހި ކެބް މިހާރު ބޭނުންކުރާ ނިސްބަތަށް ބަލާލާއިރު އައްޑުއާ ކުޅުދުއްފުށިން މިހާރު ވަރަށް ގިނަ ފަރާތްތަކުން އަންނަނީ މި އެޕްލިކޭޝަން ބޭނުންކުރަމުންނެވެ. މިއީ ކުރިއަތް އޮތްތަނުގައި ވަރަށް ބޭނުންތެރި ވަރަށް ރަނގަޅު އެޕްލިކޭޝަނަކަށް ހެދުމަށް ފަހި ކެބުން ތިބީ ކަމަރު ބަނދެލައިގެންނެވެ.

“މިއީ ލ. އަތޮޅުންވެސް ޓެކްސީކުރާ އަދި ޕްރައިވެޓް ހަޔާ ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ. އަނެއްކާ ރައްޔިތުން ނޫނިއްޔާ ކަސްޓަމަރުންނަށްވެސް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެއްތަނުން އަނެއްތަނަށް ދަތުރުކޮށްލަން ހަމަ ގޭގަ އިނދެފަ ރިކުއެސްޓްކޮށްލީމަ އެ ކާރު އަންނަ ތަނާ ހުރިހާ އެއްޗެއްވެސް ބަލައިލެވެން ހުންނާނެ. ސެކިއުރިޓީ ގޮތުންވެސް ވަރަށް ރަނގަޅު އެޕްލިކޭޝަނަކަށް މި އެޕްލިކޭޝަން ވާނެ.”

“ފަހި ކެބް”ގެ ޚިދުމަތް މާލެ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް ތަޢާރަފްކޮށް އެސަރަޙައްދުތަކުގައި ކާމިޔާބު ކަމާއެކު އަންނަނީ ބޭނުންކުރަމުންނެވެ.

މި އެޕްލިކޭޝަން ނުވަތަ އޮންލައި ޓެކްސީ ސެންޓަރުގައި ޕްރައިވެޓު ކާރާއި، ސައިކަލް ވެސް ރަޖިސްޓްރީ ކޮށްގެން ޚިދުމަމަތްދެވޭނެއެވެ.

މި އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރ އަދި އެޕަލް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނަށް އަދި ކަސްޓަމަރުންނަށް ޚާއްޞަކޮށްފައިވާ ދެ އެޕް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިއީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ހުއްދަ ނަގައިގެން އެ ހުއްދައާއެކު ފޯރުކޮށްދެމުން ގެންދާ ފަސޭހަ ޚިދުމަތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.