14:30 – އަދާހަމަ 213 މީހުން މަރުވެއްޖެ! 9800 މީހުންނަށް ބަލިޖެހިފައިވާކަން ވަނީ ޔަޤީން ކުރެވިފައި!

ކޮރޯނާ ވައިރަސް ހަލުވި މިނެއްގައި ފެތުރެމުންދާތީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ފަރާތުން ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. މިދަނޑިވަޅުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން މެދުވެރިވި ސަބަބަކީ އެކި ކަން ކޮޅުތަކަށް މިނުރައްކާތެރި ބަލި ހަލުވިމިނެއްގައި ފެތުރެމުންދާތީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި މިވަނީ، ޑަބްލިއުއެޗްއޯގެ އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަން އިމަޖެންސީ ކޮމިޓީގެ ދެވަނަ ކުއްލި ބައްދަލުވުން ޖެނީވާގައި ބޭއްވުމަށް ފަހުގައެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓާރ ޖެނެރަލް ޓެޑްރޯސް އަދަނޮން ވިދާޅުވީ “ގްލޯބަލް އެމެޖެންސީއެއް ނެރެން މެދުވެރިވި ސަބަބަކީ، ޗައިނާގެ އިތުރުން އެހެން ގައުމުތަކަށްވެސް މިވައިރަސް ހަލުވި މިނެއްގައި ފެތުރެމުން ދާތީ” ކަމަށެވެ.

ޗައިނާގެ ފަރާތުން ޑަބްލިއުއެޗްއޯގައި ހުންނަވާ ޗައިނާގެ ރެޕްރެސެންޓިވް ޗައިނާގެ މިހާރުގެ ހާލަތު ވަނީ ރިޕޯޓުކޮށްފައެވެ. 9800 ކޭސް ކަށަވަރުވެފައިވާއިރު، ޝައްކުވާ 1216 ކޭސް ރިޕޯޓުކޮށްފައި ވާކަމަށްވަ ނީިި ވިދާޅުވެފައެވެ. މީގެ އިތުރުން 213 އަށް ވުރެން ގިނަ މީހުން ވަނީ މިހާތަނަށް މިވައިރަސްގައި މަރުވެފައެވެ. ހަމައެހެންމެ 124 މީހުން މިބަލިން ރަނގަޅު ވެފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

ޗައިނާ ފިޔަވާ އެހެން 18 ގައުމަކުން 83 ކޭސް ފެނިފައިވާކަމަށް ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ވަނީ ހާމަކޮށްފައެވެ. ޗައިނާ ފިޔަވާ އެހެން ގައުމަކުން ކޮރޯނާ ވައިރަސް ޖެހިގެން މީހެއް މަރުވެފައި ނުވިނަމަވެސް މިނުރައްކާތެރި ވައިރަސްއަށް މިވަނީ ދުނިޔެވީ ހައްލެއް ހޯދަން މަޖުބޫރުވެފައެވެ. މީގެ އިތުރުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމުތައް ބަލިކަށި ގައުމުތަކަށް މިވައިރަސް ފެތުރެން ފަށައިފިނަމަ ފޫނުބެއްދޭވަރު ގެއްލުން ލިބުމަކީވެސް އެކަށީގެންވާކަމެއް ކަމަށްވަނީ ވިދާޅުވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިމްޝާ ނަޞީރު
އިމްޝާ ނަޞީރަކީ ނޫސްވެރިކަމަށް ހުންނަ ޝާއުޤާއިއެކު، ނޫސްވެރިކަމަށް ކުރިމަތިލާފައިވާ ޒުވާން ލިޔުންތެރިއެކެވެ.