ސްޕެނިޝް ލީގުގައި ރޭ، ލެވަންޓޭ އަތުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ހަނި ގޮތަކަށް މޮޅުވިއިރު، އެޓީމުގެ ޒުވާން ހުނަރުވެރި ފޯވާޑު އަންސޫ ފާތީ ރެކޯޑެއް ހަދައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ދެ ގޯލު ވެސް ފުރަތަަމަ ހާފުގައި ފެނިގެންދިޔައިރު، މެސީ ތަނަވަސްކޮށްދިން ދެ ފުރުސަތެއްގެ ބޭނުން ހިފައި، ދެ ގޯލުވެސް ޖެހީ އަންސޫ ފާތީ އެވެ. ފުރަތަަމަ ހާފުގެ 30 ވަނަ މިނެޓާއި، 32 ވަނަ މިނެޓުގައި  އުމުރުން 17 އަހަރުގެ ފާތީ ދެ ގޯލު ޖެހިއިރު، އޭނާ ވެފައިވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ފާތީ މިރެކޯޑު ހެދިއިރު، އޭނާގެ އުމުރަކީ 17 އަހަރާއި 94 ދުވަހެވެ. މިރެކޯޑު ކުރިން އޮތީ މަލާގާ އަށް ކުޅުނު ޖުއާންމީ އަތުގައެވެ. ޖުއާންމީ 2010 ވަނަ އަހަރު މި ރެކޯޑު ހެދީ އޭނާގެ އުމުރުން 17 އަހަރާއި 115 ދުވަހުންނެވެ.

ގޯލުޖެހުމަށްފަހު އަންސޫ ފާތީ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ލެވަންޓޭ އިން ޖެހި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރުބެން ރޮޗިނާ އެވެ.

މިހާތަނަށް ކުޅުނު 22 މެޗުން 46 ޕޮއިންޓު ހޯދައިގެން ސްޕެނިޝް ލީގުގެ ތާވަލުގެ ދެވަނައިގައި ބާސާ އޮތްއިރު، 49 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑް އެވެ. ތިންވަނައިގައި 39 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން އޮތީ ގެޓަފޭ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.