​ފާއިތުވީ ފަނަރަވަރަކަށް އަހަރު ތެރޭ ލައްކަ ހިންދީ ޑްރާމާތައް ބެލިއްޖެއެވެ. ތަފާތު ވައްތަރުގެ ތަފާތު ހާދިސާތަކުގެ މައްޗައް ގެނެސްދީފައިވާ އެކިއެކި ހިންދީ ޑްރާމާތައް ދިވެހިންގެ ސިޓިންގް ރޫމުގެ ގޮނޑިތަކަށް ނުހޮރުއްޕާންކޮށް، ދަރިންގެ ފިލާވަޅު ނުހެދި، ފިރިންނަށް ނުކެވި އޮފީސް ކޮމްޕިއުޓަރުގެ ޑެސްކްޓޮޕް ބެކްގްރައުންޑަށް ވެސް އަރައި ފައިބައިގެންވެސް ގޮސްފިއެވެ. ކޮންމެއަކަސް، ހިތަށް ނުގެނެވޭ ގަބޫލުކުރަން ދަތި އެތައް ހާދިސާތަކަކާއި، އެތައް ފަހަރު ދިރުމާއި މިފަދަ ކިތަންމެ ކަމެއް މިޑްރާމާތަކުގައި ހިނގަމުން ދިޔަނަމަވެސް ފޫހިކަމެއް ނެތި ދިވެހިން ދަނީ އަދިވެސް ބަލަމުންނެވެ. މި ރިޕޯޓްގައި ބަލައިލާނީ ހިންދީ ޑްރާމާތަކުން ފެނިފައިވާ ސުޕަރ ނެޗުރަލްސް ތަކަށެވެ. އާދެ! ހިތަށްވެސް ނުގެނެވޭ ފަދަ ސުޕަ ނެޗުރަލްސް އުޅޭ ޑްރާމާތަކަށެވެ.

1. ނާގިން

ނާގިން އޭ ބުނުމުން ނޭނގޭ ދިވެހި އަންހެނެއް ހަމަ ނުހުންނާނެއެވެ. ނާގިން ނުވަތަ ހަރުފައަކަށް ބަދަލުވާ އަންހެނެއްގެ ބަދަލު ހިފުމުގެ ހާދިސާތަކަކަށް ބިނާކޮށް ކަލާރސް ޓީވީން ގެނެސްދޭ މި ސީރީޒްގެ 4 ވަނަ ސީޒަން މިހާރު ދައްކަމުންދާއިރު، ނާގިންގެ އިތުރުންވެސް މި ޑްރާމާގައި ތަފާތު އެކި އެކި “ސުޕަރ ނެޗުރަލްސް” އުޅެއެވެ. 

މިގޮތުން ކުޅަނދުރަކަށް ބަދަލުވާ މީހަކާއި، ބާޒަކަށް ބަދަލުވާ މީހެއްގެ އިތުރުން ގެރިއަކަށް ބަދަލުވާ މީހެއްވެސް ކުރީގެ ސީޒަންތަކުން ވަނީ ފެނިގެން ގޮސްފައެވެ.

2. ނަޒަރު

ސްޓާ ޕްލަސްއިން ދައްކަމުން ގެންދާ ޑްރާމާ ނަޒަރަކީވެސް ޒާތް ޒާތުގެ ސުޕަރ ނެޗުރަލްސް އުޅޭ ޑްރާމާއެކެވެ. ޑާޔަންގެ ނަމުގައި އުޅޭ އިސްތަށިގަނޑު ދިގުވާ އަންހެނެއް އުޅޭ މިޑްރާމާގައި އޭނާގެ އިސްތަށިގަނޑުން މީހުންނަށް ހަމަލާދެއެވެ. އަދި ފާރު ފާރަށް އެރުން ފަދަ ކަންކަން ކުރެއެވެ. އަދި އޭނާގެ “ދާވަންސް” (ޑާޔަންގެ ފިރިހެން ވައްތަރު) ދަރިފުޅާ ނުބައި ކަންކަން ތަކުން ސަލާމަތްކުރާ ދޭވިކް އަކާއި ރިވާވަންޝީން (ނުބައި ޝައިތާނުންގެ ކިބައިން މީހުން ސަލާމަތް ކުރާ ބައެއްކަމަށް ހިންދޫން ގަބޫލު ކުރާ ބަޔަކަށް ކިޔާނަން) ވެސް މިޑްރާމާއިން ފެނިގެން ދެއެވެ. 

3. ޔޭ ޖާދޫ ހޭ ޖިން ކާ

ސްޓާ ޕްލަސްއިން ގެނެސްދޭ މި ޑްރާމާގައި ލީޑް ރޯލް އަދާކުރާ އަމަންއަށް ވަނީ ޖިންނިއެއް އަވަލާފައެވެ. އެހެންނަމަވެސް އެ ޖިންނިއާ ދެކޮޅަށް އޭނާ ގަދަވަނީ އޭނާ އިނދެގެން އުޅޭ ރޯޝަނީގެ ސަބަބުންނެވެ. އޭނާއަކީ އަޔާނާގެ ނަން ދެވިފައިވާ ސުޕަރ ނެޗުރަލްއެކެވެ. 

4. ދިވްޔާ ދްރަސްތީ

މުސްތަގުބަލުގައި ހިނގާނޭކަން ކަމާއި އެކަންކަމުން ސަލާމަތް ވެވޭނެ ގޮތް އެނގޭ ދެބެއިންގެ ދިރި އުޅުމުގައި ދިމާވާ ކަންތައްތަކެއްގެ މައްޗައް ބިނާކޮށްފައިވާ މިޑްރާމާގައި ދެން އުޅެނީ ނުބައި ވިޗެކެވެ. 

މީގެ އިތުރުންވެސް ގަބޫލު ނުކުރެވޭ ތަފާތު އެކި ސުޕަރ ނެޗުރަލްސް އެކި އެކި ޑްރާމާ ތަކުން ފެނިގެންދާއިރު އަޅުގަނޑުމެން ހަމަ ހެވިފައި ބަލަން ތިބެމުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.