މެންޗެސްޓަރ ޔުނައިޓެޑް ގެ ލެޖެންޑް ޕޯލް ސްކޯލްސް އާއި، ޗެލްސީ ގެ ލެޖެންޑް އަދި އެޓީމުގެ މިހާރުގެ ކޯޗު ފްރޭންކް ލަމްޕާޑަށް ވުރެ، ލިވަޕޫލް ގެ ލެޖެންޑް ސްޓީވަން ޖެރާޑް މޮޅުކަމަށް މައިކަލް އޮވެން ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި، ލިވަޕޫލް އަށް ވެސް ކުޅެފައިވާ ހުނަރުވެރި ފޯވާޑު އޮވެން މިހެން ބުނެފައިވަނީ “ދަ ގްރޭޓެސްޓް ގޭމް ވިތް ޖޭމީ ކެރޭގާ ޕޮޑްކާސްޓް” ޝޯ ގައި ވާހަކަ ދައްކަމުންނެވެ. ސްކޯލްސް އާއި، ލަމްޕާޑާއި އަދި ޖެރާޑާއި އެކު އިނގެރޭސި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ އޮވެން އިތުރަށް ބުނެފައިވާ ގޮތުގައި އަނެއް ދެ ކުޅުންތެރިންނާއި އަޅައި ބަލާއިރު، ޖެރާޑާ ކުޅެފައިވަނީ ތަންކޮޅެއް މަތީ ލެވެލްއެއްގައި ކަމަށެވެ.

“ޓްރެއިނިންގ ތަކުގައި ސްކޯލްސް ކުޅޭތަން ބަލައިފިނަމަ، ދޫ ވެއްޓޭނެ. އޭނާ ބަލަން ހުންނަ ދިމާއަކުން ހީވެދާނެ އޭނަ ދާނީ އެ މިސްރާބަށް ކަމަށް. ނަމަވެސް އޭނަ ނައްޓާލާފައި ދާނީ އޭގެ އަނެއް ފަރާތަށް. އޭނާ ބޯޅައެއް މަތިން އެއްލައިފާނެ އެއްވެސް ކަމަކަށް ނުހަދާ. އޭނާ އަކީ ހަމަ ޖީނިއަސް އެއް.” އޮވެން ބުންޏެވެ.

އޮވެން އިތުރަށް ބުނިގޮތުގައި ލަމްޕާޑުގެ އުކުޅުތަކާއި، ގޯލު ޖެހުމުގެ ހުނަރަށް އެއްވެސް ވަރަކަށް ސުވާލު ނުއުފެއްދޭނެއެވެ. ނަމަވެސް ދަނޑުމަތީގައި ދައްކާ ކުޅުމާއި، ކުޅުމުގެ ވައްޓަފާޅިއަށް ގެންނަ ތަފާތުކަމާއި މިފަދަ ހުރިހާ ކަމަކަށް ބަލާފައި ޖެރާޑް މާ މޮޅުކަމަށް އޮވެން ބުންޏެވެ.

ސްކޯލްސް އާއި، ލަމްޕާޑާއި، އަދި ޖެރާޑަކީ އިނގެރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި މިހާތަނަށް ކުޅުނު އެންމެ މޮޅު ތިން މިޑްފިލްޑަރުން ކަމުގައި ފުޓްބޯޅައިގެ ދުނިޔޭގެ އެންމެން އިއްތިފާގުވާ ތިން ކުޅުންތެރިންނެވެ. ނަމަވެސް މި ތިން ކުޅުންތެރިންގެ ތެރެއިިން އެންމެ މޮޅީ ކާކުތޯ މިއީ ފުޓްބޯޅައިގައި ދުނިޔޭގައި އުފެދިފައިވާ ވަރަށް ބޮޑު ބަހުސެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.