މިހާރު ލ. އަތޮޅުގައި ޝޫޓްކުރަމުން އަންނަ ‘އައި ފިލްމްސް’ގެ ދެވަނަ ފިލްމު “ނީނާ“ގެ މަންޒަރެއް ފުރަތަމަ ފަހަރަށް އާއްމުކޮށްފިއެވެ.
ފިލްމު ”ނީނާ”ގެ މަންޒަރެއް ފުރަތަމަ ފަހަރަށް އާއްމުކޮށްފައިވަނީ މި ފިލްމުގެ އޮންޑިމާންޑް ސްޓްރީމިން ރައިޓްސް ގަނެފައިވާ ދިރާގުން ކުރި ޓްވީޓެއްގައެވެ.

ލ. ގަމު ފަތްކެޔޮ ދަނޑެއްގެ ތެރޭގައި ނަގާފައިވާ މި މަންޒަރުން ފެންނަނީ ފިލްމުގެ ލީޑް ނުޒުޙަތު ޝުޢައިބް (ނުޒޫ) އާއި ޝަރަފް ޢަބްދުﷲ (ޝަރަފް)އެވެ. ފިލްމު “ނީނާ“ގެ ލީޑްގައި ނުޒޫ އާއި ޝަރަފްގެ އިތުރުން މަޝްހޫރު އެކްޓަރ ޖުމައްޔިލް ނިމާލް (ޖުމަލް) ފެނިގެންދާނެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ނީނާ“ގައި އިތުރަށް ހަރަކާތްތެރިވާނީ ޑާކްރެއިންގެ ފިލްމުތަކުން ފެންނަ އާދަމް ރިޒްވީ (ރެކްސް) އަދި ހަމްދޫން ފާރޫޤްގެ އިތުރުން ޢަލީ ޔޫޝަޢު އާއި އަލަށް ތަޢާރަފްވާ ނަތާޝާ ޖަލީލް، ޢަލީ އިނާޒް، އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި މަރިޔަމް ޝަކީލާ އާދަމްގެ އިތުރުން އައިޝާ އަލީ ހިމެނެއެވެ.

ފިލްމު “ނީނާ“ގެ ޝޫޓިންނަށް ބަލާލާއިރު، އިއްޔެ ޝޫޓްކުރީ ބީޗްގައި ނަގަންޖެހޭ މަންޒަރުތަކެވެ. މިއަދު ޝޫޓިން ކުރަމުންދަނީ ގޭތެރޭގެ މަންޒަރުތައް ކަމަށް މުނިއަވަސް އަށް އިއްލެ ބުންޏެވެ.

ނީނާ” ލިޔެ ޑައިރެކްޓްކުރަނީ އިއްލެ އެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ”ބަވަތި“ގެ އެކްޓަރ އިފްނާޒް އެވެ. ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރާނީ އޯކޭޒް އިންނެވެ.

މިފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.

ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

މުނިއަވަސް އިން ވަނީ އައި ފިލްމްސްގެ ފުރަތަމަ ފިލްމު ”ބަވަތި“ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވެސް ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.