“ހުވާ 02” ގެ ދެވަނަ އެޕިސޯޑް ބެލި އެންމެންގެ ހިތް ރޮއްވައިފިއެވެ. ކަރުނައާ ވޭނާ އުދާހުން، ހިތް މޮޅިވެފައި ހުރި ބަފައެއްގެ ހިތުގައި އޭނާގެ ދަރިފުޅުގެ އަސްލު ޤާތިލާމެދު ފޮރުވިފައިވާ އުދާސްތައް ބޭރުކޮށްލި މަންޒަރުން އެކަނިވެސް، ހިތެއް އޮތް މީހެއް ވެއްޖެއްޔާ ނުރޮވި ނުދާނެއެވެ.
މަޝްހޫރު ވާހަކަލިޔުންތެރިޔާ، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފާތުމަތު ނަހުލާ (ނަހޫ)ގެ ފިލްމުތަކުގައި ބޭނުންކޮށްފައި ހުންނަ ޑައިލޮގުތަކުގެ މޮޅު ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެ ޑައިލޮގު ތަކުގެ އަސަރުން ހިތްތައް ކަތިލާ ވާހަކައަކީވެސް އައު ވާހަކައެއް ނޫނެވެ.
“….. ވެދާނެ ތީ އެންމެ ހަ އަހަރުގެ ތުއްތު ދަރިއެއްގެ ވޭނީ ޝަކުވާގެ އަސަރުކަމަށް!
ވެދާނެ ތީ ފިރިއަކަށްޓަކައި އަންބަކު ކުރި ފަރިޔާދުގެ އަގުކަމަށް!
ވެދާނެ ތީ ދަރިއަކަށްޓަކައި ބަފަޔަކު އޮހޮރި ކަރުނައިގެ ބަދަލުކަމަށް!
ވެދާނެ ތީ މަޔަކު ކުރި ބަދު ދުޢާގެ ނަތީޖާކަމަށް!
ކަލޭ އަހަރެންގެ ދަރިފުޅު މަރައިލީ އޭނާގެ ކޮން ކުށެއް އޮވެގެން؟ އޭނ؟
އެއީ އަހަންނަށް ދަރިއަކު ނުލިބިގެން ﷲގެ ޙަޟްރަތުގައި ދަންނަވާތާ 14 އަހަރުފަހުން ލިބުނު ދަރިފުޅު.
އަހަރެން އެއްވެސް މީހެއް ކައިރީ ނުބުނިޔަސް، އަހަރެން އެންމެ ލޯބިވާވެސް ދަރިފުޅު!……” މިއީ “ހުވާ 02″ގެ ދެވަނަ އެޕިސޯޑުގެ އެންމެ އަސަރުގަދަ މަންޒަރުގައި ރޯނު ހަސަން މަނިކް (ސީރީޒްގައިވެސް ހަސަން) ދީފައިވާ އަސަރުގަދަ ޑައިލޮގުން ތަންކޮޅެކެވެ.
އެ މަންޒަރުގައި ހަސަން ދަނީ ސީރީޒްގައި (ފައިސަލް) ގެ ޙަޤީޤީ ބައްޕަ ފުއާދު (އާޒިމްބެ ޢާޒިމް) އާއި ބައްދަލުކުރާށެވެ. ފުއާދު އޮންނަނީ ސްޓްރޯކެއް ޖެހި ވާގިނެތިފައެވެ. ހަސަންގެ ދަރިފުޅު ހާނިމް (ޔޫއްޕެ)ގެ އަސްލު ގާތިލާއި ކުރަން ބޭނުންވާ ސުވާލުތައް ކޮށް، ހިތުގައި ފޮރުވިފައިވާ ހުރިހައި އުދާހެއް ބޭރުކޮށްލި މަންޒަރުގެ ވާހަކަ، މިހެން ލިޔެގެން ބަޔާންކޮށްލަން ދައްޗެވެ.
ރޯނު ހަސަން އަކީ ދިވެހި އެކްޓަރުންގެ ތެރޭގައި ހުރި އެންމެ ހުނަރުވެރި އެއް އެކްޓަރޭ ބުނުން ހަމަ ގައިމުވެސް ކުށަކަށް ނުވާނެއެވެ. ހަސަންގެ ޑައިލޮގު ޑެލިވަރީގައި އެ ހުންނަ އަސްލާއި އެއްގޮތްކަމާއި، މޫނު މައްޗަށް އެ ގެންނަ ކުދިކުދި ފޭޝަލް އެކްސްޕްރެޝަންތަކަކީ ކޮންމެ ކޮންމެ އެކްޓަރަކަށް ދައްކައިލެވޭނެ ހުނަރެއް ނޫންކަން، މި އެޕިސޯޑުން އެކަނިވެސް ޔަގީންވެއެވެ.
“އެއީ މަށަށް ރާއްޖެއިން ފެނުނު އެންމެ މޮޅު އެކްޓަރ.” ހަސަންގެ އެކްޓިންއާމެދު ނަހޫ ދެކޭގޮތް ހާމަކުރަމުން ބުންޏެވެ.
“އެހެންވެ އެކަހަލަ ޑައިލޮގު ދެވެނީވެސް. އެ އަސަރުގަ ކުޅެލާތީ. އެޑިޓްކުރާ އިރުވެސް މަ ރިޕީޓްކޮށް ބަލާލަން ބައްޕި (ހަސަން)ގެ އެކްޓިންނާ އެކްސްޕްރެޝަންސް އެންޑް އޯލް. ހަމަ ހީބިހި ނަގާ ފެންވަރަށް ކުޅެލާނެ. ކުދިކުދި ފޭޝަލް އެކްސްޕްރެޝަންސް ހަމަ އައުޓްސްޓޭންޑިންގ. ރާއްޖޭގެ ދެން ތިބި ހުރިހާ އެކްޓަރުންވެސް ބައްޕިގެ ކައިރިން މި ކުދިކުދި އެއްޗެހި ދަސްކުރަންވީ.” ހަސަންގެ އެކްޓިންއާމެދު ނަހޫ ދެކޭގޮތް އިތުރަށް ހާމަކުރަމުން ބުންޏެވެ.
ތެދެކެވެ. ޕާފޯމިން އާޓްސްގެ ދާއިރާ އިން އާންމު ޚިދުމަތުގެ އިނާމް ހާސިލުކޮށްފައިވާ އަދި ލައިފްޓައިމް އެޗީވްމެންޓް އެވޯޑްވެސް ހޯދާފައިވާ ހަސަން އަކީ މި ދާއިރާގެ ފަންނާނުން، އެކްޓިން ދަސްކުރުމަށް ނަމޫނާއަކަށް ބަލަންޖެހޭ ހުނަރުވެރި ބަޠަލެކެވެ. ހަސަން އަކީ ދިވެހި އެކްޓަރުން އެކްޓިން ދަސްކުރުމަށް ލިބިފައިވާ އިންސާނީ އެކްޓިން ސްކޫލެކޭވެސް ބުނެވިދާނެއެވެ.
“އެކި އުމުރުގެ ގިނަ ތަރިންނާއެކީ ވޭތުވެދިޔަ 20 އަހަރު ތެރޭ މަސައްކަތް ކުރެވިއްޖެ. ބައްޕި އާއި ގާތްކުރާ ފެންވަރަށް އެކްޓްކުރާ މީހަކާވެސް އަދި ދިމާނުވޭ. ހަމަ މޮޅީ. އެކްސްޕްރެޝަންސް ތައް ހަމަ އޮބިނޯވޭ.” މި ޒަމާނުގެ ކުދިންގެ ބަހުރުވައިން ހަސަންގެ ހުނަރުވެރިކަމުގެ ވާހަކަ ބުނެދެމުން ނަހޫ ފާހަގަކުރިއެވެ.
ހަސަންގެ ހުނަރުވެރިކަން ރަމަޟާންމަހު ދައްކާ ދިވެހިންގެ އެންމެ މަޤްބޫލު އެއް ޕްރޮގްރާމު، “މުޙައްމަދުއް ރަސޫލުﷲ” އިންވެސް އިވިގެންދެއެވެ. އެ ސީރީޒްގެ އެންމެ މަޝްހޫރު ދެ ކެރެކްޓާކަމުގައި އާޒަރު އާއި ޔަމްލީހާ އަށް ޑަބްކޮށްފައިވާ ހުނަރުވެރިއަކީ ވެސް ހަސަން އެވެ.
“ހުވާ 02” ގެ އައު އެޕިސޯޑެއް ކޮންމެ ހުކުރު ވިލޭރެއަކު ހަމައެކަނި ބައިސްކޯފުން ދައްކާނެއެވެ. މިފަހަރު އެޕިސޯޑެއްގެ ދިގުމިނަކީ20 މިނެޓެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
Huvaa isthihaar kurashey nahulaa buneetha