ރަމަޟާން މަހަކީ އަޅުކަމާއި ތަޤުވާގެ މައްސަރެވެ. ދިވެހިންނަކީ ޒަމާނުއްސުރެން އަޅުކަންކުރުމުގައި ވެސް ނަމޫނާ ދައްކަމުން އަންނަ ބަޔެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ. ފަރުޟު ފަސްނަމާދާއި ސުންނަތް ނަމާދުތަކާއި ސުންނަތްކަން ގަދަވެގެންވާ ތަރާވީޙް ނަމާދު ކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ހިމެނެއެވެ.

މި ދެންނެވި އަޅުކަމުގެ އިތުރުން ރޯދަމަހަށް ޚާއްޞަ ކުޅިވަރުތައް ރާއްޖޭގެ ހުރިހައި ކަންކޮޅެއްގައިވެސް ކުޅެމުން އާދެއެވެ. މިދެންނެވިފަދަ ގިނަ ކުޅިވަރުތަކަކީ އަޅުގަނޑަށް އެނގިހުރި މަޢުލޫމާތު ކުށް ނޫންނަމަ ދީނީ ގޮތުންވެސް ފުށު އެރުންތަކެއް ހުރި ކުޅިވަރުތަކެއް ނޫނެވެ. މިދެންނެވި ކުޅިވަރުތަކުގެ ތެރޭގައި އޮށްވަޅު ކުޅުން، ފަސްއޮށް ކުޅުން، ތިންމުގޯލި ކުޅުން، ރާޒުވާ، ތިންހަމަ އާއި ވަގުފުލުސް ފަދަ ކުޅިވަރުތައް ހިމެނެއެވެ.

އަޅުގަނޑުގެ މި މަޒުމޫނުގައި އަލިއަޅުވައިލެވޭތޯ މަސައްކަތް ކޮށްލާނީ ރަމަޟާން މަހުގެ ތިން ދިހަ، ހައްދުންމަތީ ފޮނަދޫގައި ސަގާފީގޮތުން ފާހަގަ ކުރަމުން އައިސްފައިވާ ގޮތުގެ މައްޗަށެވެ. އެ ގޮތުން މި މަޒުމޫނުގައި އަމާޒު ކުރެވޭ ކަންތައްތައް އަތޮޅުގެ އެހެން ރަށްރަށުގައި ކޮށްއުޅޭތޯ ބަލައިލުމަށް ކުރެވުނު މަސައްކަތުން އެނގިގެން ދިޔައީ މިފަދަ ކަންކަން އަތޮޅުގެ އެހެން އެއްވެސް ރަށެއްގައި ވަކި ރަމަޟާން މަހުގެ ދިހަތަކަށް ޚާއްޞަކޮށްގެން ކޮށްފައި ނުވާކަމެވެ. ފޮނަދޫގެވެސް ތިން އަވަށް އޮންނައިރު ރޯދަ މަހަށް ޚާއްޞަކޮށްގެން މިކަން ތިން އަވަށުގައިވެސް ކޮށް އުޅުނެވެ.

ރަމަޟާންމަހުގެ ތިން ދިހަ ބަހައިލެވިފައި އޮންނަނީ ވައިބަޑި ދިހަ އާއި ބުރަފަތި ދިހަ އާއި އަޑަސަރަކަ ދިހައިގެ މައްޗަށެވެ. މި ގޮތުގެ މަތީން ރަމަޟާން މަހުގެ ތިން ދިހައަށް ނަން ދީފައި މިވަނީ ހުނަރުވެރި، އުފެއްދުންތެރި 3 ކުޅިވަރެއްގެ މައްޗަށް ބިނާކޮށެވެ. އާދެ! ވައިބަޑި، ބުރަފަތި އަދި އަޑަސަރަކައިގެ މައްޗަށެވެ.

ފުރަތަމަ ދިހަ : ވައިބަޑި ދިހަ

ރޯދަމަހުގެ ފުރަތަމަ ދިހައަކީ ވައިބަޑި ދިހައެވެ. ވައިބަޑި ދިހައިގައި ކޮންމެ މީހަކުވެސް ވައިބަޑިއެއް ހެދޭތޯ މަސައްކަތް ކުރާނެއެވެ. އަދި ވައިބަޑި ހެދުމަށްފަހު ބަޑިއަށް އެންމެ އެކަށޭނަ އުންޑަ ނުވަތަ ވަޒަން ހޯދައިގެން ބާރަށް ގޮއްވޭތޯ ވެސް މަސައްކަތް ކުރާނެއެވެ.ވައިބަޑި ތައްޔާރުކުރުމަށް އެންމެން ގޮސް އުޅެނީ ރަށުގެ ހޭޅިމަތިން ގޮސް ރަށުގެ ގޮނޑުދޮށުގައި މިހާރުވެސް ފެންނާން އޮންނަ ދަށޭ މިސްކިތުގެ ޤަބުރުސްތާނާއި އަވަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދެމެދު އޮންނަ ‘ގާކޮޅު’ ކިޔާ ސަރަޙައްދަކަށެވެ. މި ހިސާބަށް ގާކޮޅު ކިޔައިއުޅެނީ ކުރީ ޒަމާނުގައި ބަދިގޭގައި އުނދުން ޖެހުމަށް ގޮނޑުދޮށުން ކަނޑައިގެން ނަގާ މަށީގެ އާނު ގައު (އޮޅު ގައު) ކަނޑައި އުޅޭ ސަރަޙައްދަކީ އެ ހިސާބުގަނޑު ކަމަށްވާތީ ކަމަށް ބެލެވެއެވެ.

ގާކޮޅޭ ކިޔައި އުޅޭ ސަރަޙައްދުގެ ހޭޅިތެރެ އޮންނަނީ ރީތިކޮށް ނޮޅައި ސާފުކޮށްފައެވެ. އެހިސާބު މެދުގައި ހިކިފަނުން ބޮޑު ފަންފުންޏެއް ޖަހައިފައި ހުންނާނެއެވެ. ގައުކޮޅަށް ގޮސް ވައިބަޑި ތައްޔާރު ކުރުމަށް ބޭނުންވާ މައިގަނޑު ސާމާނު އެހިސާބުން ފަސޭހަކަމާއެކު ލިބެން ހުރެއެވެ. ބަޑީގެ ހޮޅިއަށް ބޭނުންކުރަނީ ހިކިފައި ހުންނަ މަގޫ ގަހުން ކަނޑައިލާ މަގޫ ދަނޑީގެ މަދު ނަގައިގެންނެވެ. ނުވަތަ ހެޔޮވަރުގެ އޮނުބަދައެކެވެ. ބަޑީގެ ފޮލިސާއަކަށް ނުވަތަ ޕިސްޓަނަކަށް ބޭނުންކުރަނީ ދަކަނދާ ގަހުގެ ލަކުޑި އެވެ. ކޮންމެއަކަސް، ރަނގަޅު ފޮލިސާއަކާއި ރަނގަޅު އޮނުކޮޅެއް ހޯދުމަށްފަހު އޭގެއިން ވައިބަޑި އެއް ތައްޔާރުކޮށް އެއަށް ވަޒަން ހޯދަނީ ކުރިން ބުނިހެން ގޮބޮޅި އާއި މިރީގެ ކިހާއް ގަނޑުން ނުވަތަ ވަނދު ބަނބުކެޔޮ، ފަޅޯ ފަދަ ތަކެތިންނެވެ.

ޒަމާނަށް އަންނަމުންދާ ބަދަލާއި އެކު ވައިބަޑިއަށް ވެސް ތަރައްޤީގެ ކުލަވަރު ޖެހި، ބަޑި ހަދާން ބޭނުންކުރާ ތަކެތި ތަފާތުވާންފެށިއެވެ. ވައިބަޑި ހެދުމަށް ބޭނުންކުރުމަށް އެކަށޭނަ ހޮޅިއެއްގެ ގޮތުގައި ދިވެހިންނަށް އޭރު މަޝްހޫރުވި ‘ރެޑްލީފް’ ގަލަމުގެ މައިގަނޑު ބޭނުން ކުރަން ފެށުނެވެ. މިދެންނެވި ހޮޅިން ގަލަމުގެ ބައިން ހަދާ ބަޑިއަށް އެންމެ އެކަށޭނަ ވަޒަނެއްގެ ގޮތުގައި ބޯށި ގަހުގެ މޭވާ ކަމަށްވާ ބޯށި އޮށް ބޭނުންކޮށް އުޅުނެވެ. ހަމަ އެހެންމެ ޅަ ފަޅޯ ވެސް މިވައްތަރު ވައިބަޑިއަށް ވަރަށް އެކަށީގެންވާ އެއްޗަކަށް ވެގެން ދިޔައެވެ.

ވައިބަޑީގެ ވަޒަން ގޮބޮޅިން ނުވަތަ ވަނދު ބަނބުކޭލުން ހަދައި އުޅުނީ ދޯރިއެއް (ކޯންއެއް) ގެ ސިފައިގައެވެ. ވަޒަން ހެދުމަށްފަހު ބަޑީގެ ހޮޅިގަނޑަށް ވަޒަން ޖެހުމަށްފަހު ފޮލިސާ ބޭނުންކޮށްގެން ގަދަބާރުން އެ ވަޒަން، ބަޑީގެ ފޮލިސާއާއި ވީކޮޅުން ކޮއްޕާލުމަސްފަހު ހޮޅިގަނޑުގެ ކޮޅުން ކުޑަތަންކޮޅެއް ނެރެލައެވެ. އެއަށްފަހު އަނެއްކާ ވެސް އެހެން ވަޒަނެއް ބަޑީގެ ތެރެއަށް އިހު ބުނިފަދައިން ލައްވައެވެ. މިފަހަރު ވަޒަން ލައްވަނީ ބަޑީގެ ހޮޅިގަނޑުގެ ތެރެއަށް އަނގައިން ފުމެ، ވައިކޮޅެއް ފޮނުވައިލުމަށް ފަހުގައެވެ. މި ވަޒަން ލެއްވުމަށްފަހު ފޮލިސާއިން ބާރަށް ކޮއްޕައިލުމުން ‘ޕޮއް’ ކިޔައިފައި އަޑެއް އިވުމާއެކު ބަޑީގެ ކޮޅުން ފުރަތަމަ ލެއްވި ވަޒަން ނިކުމެގެން ދެއެވެ. (ކުރިއަށް އޮތީ ……. ދެވަނަ ދިހަ : ބުރަފަތި ދިހަ)

————-
(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.