ނާޖިދާ ގޮވާލިއަޑަށް ރާއިދު ބަލާލި ނަމަވެސް އޭނާއަށް ފެނުނީ ނާޖިދާއެއް ނޫނެވެ. ކަފުންކޮށް ބިންމަތީގައި ބާއްވާފައިއޮތް ކުޑަ ކުއްޖާ ފެނުމާއެކު ރާއިދު ބިރުގަނެ ޖެހިލުންވިއެވެ. ގޯހެއްއުޅޭކަން ޔަގީންވެ އަވަސް އަވަހަށް ގޮސް ގެއަށް ވަނެވެ.

ގެއަށްވަދެ ދޮރުލައްޕައި ތަޅުލިވަގުތު ކަމާލިޔާ ކޮޓަރިން ނުކުތްނަމަވެސް އެކަމެއް ރާއިދަކަށް ނޭނގެއެވެ.

“ކީއްކުރަން ދޮރުލައްޕާ ތަޅުލީ …. އަދިކިރިޔާ އަށެއްޖެހީ …. މާފޮނިވެގެން ނޫޅެ ދޮރުހުޅުވާ.” ކަމާލިޔާގެ އިންޒާރާއިއެކު ރާއިދު ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދޮރުހުޅުވާލި ނަމަވެސް ބޭރެއް ނުބަލައެވެ. އެއްޗެކޭ ނުބުނެއެވެ.

ކައިގެންނުކުމެ ކަމާލިޔާ އިނީ ފެންޑާތެރޭގައި ފިލާވަޅުތައް ކިޔާށެވެ.
ކަމާލިޔާއާމެދު އުފެދެމުންދިޔަ ޝައްކުތަކުގެ ސަބަބުން ކަމާލިޔާއަށް ފާރަލައި އޭނާގެ ޙަޤީޤަތް ހޯދުމަށް ރާއިދު ތައްޔާރުވަމުންދިޔަ ނަމަވެސް ކަމާލިޔާއަކަށް އެކަމެއް ނޭނގެއެވެ. މަރުވާނީ އެއްފަހަރު އެވެ. ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް ނިންމައި ރާއިދު ސިއްރުސިއްރުން ބޭރަށް ނުކުތެވެ. އެއްވެސް ކަހަލަ ނުރައްކަލެއް ނުވަތަ ނުރައްކަލެއްގެ ޢަލާމާތެއް ވެސް ފެންނާކަށް ނެތެވެ. ގޯތިތެރޭގައި ފިލާހުރެގެން އިންތިޒާރުކުރަމުން ވަގުތު ގުނަމުންދިޔަ ރާއިދު މަޑުކުރަންޖެހުނީ ނުވަގަޑި ތިރީސްކަންހާއިރު ވާންދެނެވެ.

ގެއިން ނުކުމެގެން ބޭރަށްދާން ހިނގައިގަތް ކަމާލިޔާ ގަސްތަކާއި ހަމަވި ހިސާބުން ރާއިދަށް ގެއްލުނެވެ. ވަންތަނެއް ނޭނގުނެވެ. މައްޗަށްއެރީ ކަމެއް ބިންގަނޑު ފަޅާލާފައި އަޑިޔަށްދިޔައީ ކަމެއް ޔަގީނެއް ނުވިއެވެ. ވަށައިގެން ހޯދާހޯދާ އެއްވެސް އެއްޗެއް ނުފެނުނެވެ. ކަމާލިޔާ ބޭރަށް ނުކުތްކަން އޭނާއަށް ޔަގީނެވެ.

ގޭތެރެއަށް ވަންނަން ހިނގައިގަތް ރާއިދަށް ނާޖިދާ ފެނުމާއެކު ހަމަޖެހޭގޮތް ދައްކާލަމުން ހިނިތުންވެލިއެވެ. ނާޖިދާއާއެކު ގޭތެރެއަށް ވަދެގެން ދިޔަ ނަމަވެސް ހިނގައިދިޔަ އެއްވެސްކަމެއް ނާޖިދާއަކަށް ކިޔައެއް ނުދެއެވެ. އެ ވާހަކަ ދައްކައިފިނަމަ ނާޖިދާގެ ހާލަތު މާބޮޑަށް ގޯސްވެދާނެތީ ރާއިދު ކަންބޮޑުވިއެވެ. ވާހަކައެއް ދައްކަންވާނީ ވެސް އެކަމެއް ޔަގީންވުމުންނެވެ.

ލިބުނު ފުރުސަތުގެ ބޭނުންހިފުމަށް ދެމީހުން އަވަސްވެގަތެވެ. ޓީޝާޓަކާއި ޓައިޓެއްލައި ނިދަން ތައްޔާރުވެގެންހުރި ނާޖިދާ ފެނުމާއެކު ރާއިދުގެ ހިތުގެ ހިނގުން އަވަސްވި ކަހަލައެވެ. ހިއްސުތައް ހޭލައްވާލިއެވެ. މަޑުމަޑުން ނާޖިދާ ގެނެސް ގަޔާލާ ބޮނޑިކޮށްލީ ނާޖިދާ ބުނާ އެއްޗެއް ބަލާލުމުގެ ބޭނުމުގައެވެ. ނާޖިދާގެ ކިބައިން ފެނުނު ހިނިތުންވެލުމުގެ މާނަ ރާއިދަށް ވިސްނުނެވެ. ރާއިދުގެ ކޮޓަރިއަށް ނާޖިދާ ދިޔައީ ރާއިދުގެގައިގާ ތައްވެގެން ކަހަލަ ގޮތަކަށެވެ.

އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްލާކަށް ރާއިދު ބޭނުމެއް ނުވިއެވެ.
ކުއްލިއަކަށް ވިދާގުގުރާ ގަޔަވަޔާއެކު ވާރޭވެހިގަތްއިރު ނާޖިދާ އާއި ރާއިދު ތިބީ އިޝްގީ މަސްތުގައި ވާސިލްވެވޭނެ އެންމެ ފުންމިނަށް ވާސިލް ވެވިފައެވެ. ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައިގެ އަސަރެއް، ޖަހާލާ ބާރުގުގުރީގެ އަޑެއް ދެމީހުންކުރެ މީހަކަށް ނީވޭ ކަހަލައެވެ. ކަންފަތް ކައިރީ މިއުޒިކެއް ފަދައިން ދައުރުވަމުންދިޔައީ ނާޖިދާގެ އަނގައިން ބޭރުވަމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ އާހްގެ އަޑެވެ.

ކުރަމުންދިޔަ ވިއްސާރައަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ކޮޓަރީދޮރުގައި ޓަކިޖަހަން ފެށުމުން އެކަމަށް ސަމާލުކަންނުދީ ތިބޭކަށް އެކަކަށް ވެސް ނުކުރުނެވެ. ޓީޝާޓާއި ޓައިޓް ހިފައިން ނާޖިދާ އަވަސް އަވަހަށް ގޮސް ފާޚާނާއަށް ވަނުމުން ހަށިގަނޑު ނިވާކޮށްލަމުން ރާއިދު ގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ދޮރުކައިރީ މީހަކު ފެންނަން ނެތުމުން ގޭތެރެއަށް ނަޒަރު ހިންގާލިއިރު ގޭތެރެއިން ވެސް މީހަކު ފެންނާކަށް ނެތެވެ. ގޭތެރެއިން މީހަކު ފެންނަން ނެތުމުން ލިބުނު ހައިރާންކަން ބޮޑު ނަމަވެސް ކޮންމެވެސް މީހަކު އެކޮޓަރީ ދޮރުގައި ޓަކިޖެހިކަން ރާއިދަށް ޔަގީނެވެ. އެއީ އޭނާއަށް ހީވިގޮތެއް ނޫނެވެ.

ތަޅުންގަނޑު މުށިތައް މަތީ ހޭކެމުން ކަހަލަގޮތަކަށް ވަޔާއިއެކުވެގެން އައިސް ކޮޓަރީތެރެއަށްވަތް ދުންކޮޅު ރާއިދަށް ފެނުނު ހެނެއް ހިޔެއްނުވެއެވެ. އެހެންވެ އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ އަވަސް އަވަހަށް ދޮރުލައްޕަމުން ނާޖިދާއަށް ގޮވާލިއެވެ.

ވަގުތު ބޭކާރުކޮށްލެވެން ނެތްކަމަށް އޭނާގެހިތް ބުނަމުންދިޔައެވެ. ކަރުވަމުންދާ ހީއިން ސަލާމަތްވުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުންހިފަންޖެހެއެވެ. މިކަހަލަ ރަނުގެ ފުރުސަތުތައް ލިބޭވަރު އަންނަނީ މަދުވަމުންނެވެ.

ފާޚާނާއިން ނުކުމެގެން ރާއިދުއާ ދިމާއަށް އައި ނާޖިދާގެ ފިޔަވަޅުތަކަށް ހުއްޓުންއައީ ކުއްލިއަކަށް ފާޚާނާތެރެއިން އިވުނު އަޑުގެ ސަބަބުންނެވެ. އެއީ ކުޑަކުއްޖެއްގެ ރުއިމުގެއަޑުކަން ދެމީހުނަށް ވެސް ޔަގީނެވެ. ހައިރާންކަމާއެކު ރާއިދަށް ބަލާލަމުން ނާޖިދާ ގޮސް ފާޚާނާޔަށް ބޯދިއްކޮށްލި ވަގުތު ފެނުނު މަންޒަރުން ލިބުނު ހައިރާންކަމާއެކު ހާސްވެ ބިރުވެސްގަތެވެ. ފެންމާގަނޑުން ލޭފެން ފައިބަމުންދިޔައިރު ފެންތިކި ބުރައިގެންދާ ގޮތުން މާގަނޑުދަށުހުރެގެން މީހަކު ފެންވަރާހެން ހީވި ނަމަވެސް އެއްވެސް މީހަކު ފެންނާކަށްނެތެވެ. ރުއިމުގެ އަޑުއިވެމުންދިޔަ ނަމަވެސް ކުޑަކުއްޖެއް ފެންނާކަށް ނެތެވެ. ނާޖިދާ އަވަސް އަވަހަށް ބޭރަށް ދެމިގަންނަމުން ދޮރުލެއްޕިއެވެ.

ނާޖިދާއަށް ފެނުނުމަންޒަރު ރާއިދަށް ވެސް ފެނުނެވެ. އެހެންފަހަރުތައް ފަދައިން ބިރުގަނެ ފަސްޖެހޭކަށް މިފަހަރު ރާއިދު ބޭނުމެއް ނުވިއެވެ. ފެންމާގަނޑު ބަންދުކޮށްލަމުން ފާޚާނާބައި ދޮރުލައްޕައި ތަންޑުއެޅުވިއެވެ.

ކުރިމަތިވަމުން ދިޔަ ކަންތައްތަކަށް ސަމާލުކަންދެވޭ ވަރަށްވުރެ ބޮޑަށް ރާއިދު ހުރީ ނާޖިދާއަށް ބޭނުންވެފައެވެ. އެންމެ މުހިންމު ވަގުތު ދުރުވާން ޖެހުނީތީ އަވަހަށް ފަށައި ތަކުރާރުކުރަން ބޭނުންވެފައެވެ. ހިނގަމުންދިޔަ ކަންތައްތަކުގެ ސަބަބުން ބިރުގަނެ ހާސްވެފައިހުރި ނާޖިދާއަކަށް ރާއިދުގެ ހުށަހެޅުމަށް އިޖާބަދޭކަށް ނުކެރުނެވެ. ފަސްޖެހެވެނީއެވެ. އިވެމުންދިޔަ ކުޑަކުއްޖާގެ ރުއިމުގެ އަޑާމެދު ވިސްނެނީއެވެ.
ނާޖިދާއަށް ކެތްކޮށްލެވުނީ ކުޑައިރުކޮޅަކު އެވެ. ރާއިދުގެ ޢަމަލުތަކުގެ ސަބަބުން ހިއްސުތަކަށް ވަމުންދިޔަގޮތުން ކެތްކުރަން އުނދަގޫވި އެވެ. މަޑުމަޑުން ރާއިދުއާ ކައިރިއަށް ޖެހިލަމުން އޭނާ ބޭނުންވިފަދައިން މަގުފަހިކޮށްދިނީ ހިތުގެ އެދުމަށް ފުރުގަސް ނުދެވުމުންނެވެ. ހިތްހަމަޖެހުން ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ.

ފުރުސަތު ލިބުމުން ރާއިދު ހިނިތުންވެލިއެވެ. އިތުރަށް ކައިރިއަށް ޖެހެލިއެވެ.
މައްޗަށް ބަލަހައްޓައިގެން އޮތް ނާޖިދާ ކުއްލިއަކަށް ރާއިދު ކޮށްޕާލަމުން ފުންމައިގެން ކަހަލަގޮތަކަށް ތެދުވީ ސީލިންގް ކައިރީ ވައިގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ ދުންކޮޅު ފެނުމުންނެވެ. އޭރު އޭނާ ބިރުން ތުރުއަޅައެވެ. ރާއިދަށް ދުންކޮޅު ދައްކާލިއެވެ.

ފަންކާގެ ވަޔާއެކު ވިއްސައިގެންދިޔަ ދުންކޮޅު ގޮސް ޖެހުނީ ކަރަންޓްބޯޑުގައެވެ. އެއާއެކު ކަރަންޓްޝޯޓެއް ހިނގި ކަހަލައެވެ. މުޅިކޮޓަރިން ކަރަންޓްދިޔައީ ކަރަންޓާއިގުޅުންހުރި ހުރިހާ އެއްޗެއްގައި އަލިފާން ރޯވެގެންނެވެ. ވިދާލާ ވިދުވަރުން ކުޑަދޮރުގެ ފެންލައިޓުން ކޮޓަރިއަށް ފޯރާ އައްޔެއްފިޔަވައި އެހެން އެއްވެސް އަލިކަމެއް ނެތެވެ. ޖެހިގެންއިން މީހާ ވެސް ނުފެންނަހާ އަނދިރިއެވެ.

ކުއްލިއަކަށް ކަންފަތްކައިރިން އިވުނު ރުއިމުގެ އަޑާއެކު ގަތްބިރުން ނާޖިދާއަށް ރޮއިގަނެވިއްޖެއެވެ. އެހީއަކަށް އެދެމުން ރާއިދަށް ގޮވާލި ނަމަވެސް ރާއިދުގެ ހިލަމެއްނުވިއެވެ. އިވެމުންދިޔަ އަޑަކީ ކަމާލިޔާގެ އަޑުކަން ނާޖިދާއަށް ޔަގީނެވެ.

“މަންމާ …… މަންމާ …. އަހަރެން ސަލާމަތްކުރޭ ….. އަހަރެން ގެނބެނީ …. ނޭވާ ހާސްވަނީ …..” ވަރަށް ކައިރިން ކަމާލިޔާ ގޮވާލިއަޑު ނާޖިދާއަށް އިވުނެވެ. ބިރުން ސިހިސިހި އިން ނާޖިދާގެ ހާލަތު އިތުރަށް ގޯސްވިއެވެ. އެތައް މަސައްކަތަކުން ރާއިދު ހޯދާ އަތުގައި ހިފިއެވެ.

“ތީ ކާކު؟” ރާއިދު ދިޔައީ ސިއްސައިގެންނެވެ. އޭރު އޭނާ ވެސް އިނީ ބިރުންނެވެ. ހިތްވަރުގަދަކަމާއި ކެރޭކަން ދައްކަން އުޅުނުމީހާ މުޅިން ފިނިވެއްޖެއެވެ.

ފާޚާނާބައިގެ ދޮރުހުޅުވުނު އަޑަށް ދެމީހުނަށް ވެސް އެދިމާއަށް ބަލާލެވުނެވެ. ތަނަށް ވެރިވެފައިވަނީ އަނދިރިކަން ނަމަވެސް ފާޚާނާ ބައިގެތެރެއިން ނުކުތް ކުޑަކުޑަ ގަބުރު ދެމީހުނަށް ވެސް ފެނުނެވެ. އެދިމާއަށް ނުބަލަން ނާޖިދާ އުޅުނު ނަމަވެސް ރާއިދު އިނީ ގަބުރުގެ ހަރަކާތްތަކަށް ސަމާލުކަންދީގެންނެވެ. ބިރުގަނެ ޖެހިލުންވި ނަމަވެސް ސަލާމަތްވޭތޯ މަސައްކަތްކުރަން ޖެހެއެވެ. އެނޫން ގޮތެއް ނެތްކަން އެނގެނީ ރާއިދަށެވެ. ކަމަކާމެދު ވިސްނޭވަރަށްވުރެ ނާޖިދާގެ ހާލަތުގޯހެވެ.

ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށްވަނީ ކަމާލިޔާއެވެ. މީގެ ދޮޅުއަހަރެއްހާ ދުވަސްކުރިން ފަޅުރަށު ގޮނޑުދޮށަށް ލައްވެފައި އޮއްވައި ފެނުނުއިރު ލައިގެންހުރި ހެދުމާއިއެކު ވެއްޔާއި ތަތްތެޅިފައެވެ. ލޯމެރިފައިހުރިއިރު އަތެއްފަޔެއް ހަރަކާތެއް ނުކުރެއެވެ. ފެންޑާތެރޭ ހުރި ބޮކީގެއަލިން ކޮޓަރިތެރެއަށް ކޮންމެ ވެސް ވަރަކަށް އަލިވިއެވެ. ކަމާލިޔާގެ ހުނުމުގެއަޑުން މުޅިކޮޓަރި ގުގުމާލިއިރު އަނގަ ހަރަކާތެއް ނުކުރެއެވެ.

ކުރިމަތިން ފެންނަންހުރީ ކަމާލިޔާ ނޫންކަމުގައި ހިތް ބުންޏެވެ. ދެމީހުނަށް ވެސް އެކަން ގަބޫލުކުރެވުނެވެ.

“މަންމާ! …. އުނހު ދޮންމަންމަ ….. ދޮންނިޔަނދުރެއް ފަދަ ދޮންމަންމަ.” ނާޖިދާއަށް ކަޅިއަޅާލަމުން ކުރިޔަށްވުރެ ބާރަށް ކަމާލިޔާ ހީނގަތެވެ. ކޮޓަރިތެރެއަށް ވެރިވެގެންދިޔަ ބާރު ހުނުމާއެކު އެތައްބަޔަކު އެއްފަހަރާ ހީގަތްހެންވެސް ހީވިއެވެ. ކެތްކުރަން ދަތިވެގެން ނާޖިދާ ކަންފަތުގައި އަތްއެޅިއެވެ.

“ނާޖިދާ ! ހަމަ މިހާރު އަހަރެންގެ ކޮޓަރިއަށްދޭ.” ކަންފަތްބުޑު ބަޑިއެއްޖެހިފަދައެވެ. ނާޖިދާ ދިޔައީ ހަތަރެސްފައި ކޮޅަށްޖެހިގެން ނެވެ. ކޮޓަރިތެރޭގައި ދައުރުވެލި ވިދުވަރު ދެމީހުނަށް ވެސް ފެނުނެވެ.

“އަވަހަށް ދޭ.” ހަމައެކަނި ނާޖިދާއަށް އަޑުއިވޭވަރަށް މަޑުމަޑުން ރާއިދު ބުނެލިއެވެ. އޭރު އޭނާގެ އަޑު ތުރުތުރުލައެވެ.

ކޮންމެގޮތަކަށް ކަންތައް ދިމާވިޔަސް މިވަގުތަށް އެންމެ ރަނގަޅުވާނީ ކަމާލިޔާ ބުނާފަދައިން ކަންތައް ކުރުން ކަމުގައި ނާޖިދާއަށް ވެސް ގަބޫލުކުރެވުނެވެ. ބިރުން ރޮއިރޮއި ހުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ހައްލެއް ކާމިޔާބެއް ނެތެވެ.

އެނދުން ފޭބިއިރު ވެސް ނާޖިދާގެ ހަތަރެސްފައި ތުރުތުރުއަޅައެވެ. ދެލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ނުރޯން ހިތްވަރުކުރަމުން ދިޔަ ނަމަވެސް ރޮވެމުންދިޔައެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތީ އެހެންގޮތެއް ނެތިގެންނެވެ.

ކަމާލިޔާގެ ކޮޓަރިއަށްވަތް ވަގުތު ފެނުނު މަންޒަރާއެކު ނާޖިދާގެ ރުއިމުއަޑު ފަޅައިގެންދިޔައެވެ. މޫނުމަތީގައި އަތްއަޅަމުން ސަލާމަތް ކޮށްދޭށޭ ވެސް ގޮވާލިއެވެ. އަނގަ އާއި ނޭފަތުން ލޭއައިސް ތެމިފޯވެ ވެލިން ތަތްތެޅިފައިއޮތް ކަމާލިޔާ އޮތީ އެނދުމަތީގައެވެ. އެއްވެސް ހަރަކާތެއް ނެތި ހުއްޓުންއަރާފައި އޮތްއިރު ނޭވާލާހެން ވެސް ހިއެއް ނުވެއެވެ.

ރުޅިވެރިކަމާއެކު ރާއިދަށް ބަލާލަމުން ކަމާލިޔާ މަޑުމަޑުން އެނދާއި ގާތްވާންފެށިއެވެ. ވަގުތުއައިސް ޖެހުނީކަން ރާއިދަށް ޔަގީންވި އެވެ. ނޭވާލާން ވެސް ހަނދާންނެތިފައި ކަހަލަ ގޮތަކަށް ކަމާލިޔާއަށް ބަލަހައްޓައިގެން އިންއިރު ރާއިދުގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނެއެވެ. މުޅިމީހާ ގަނޑުވެފައިވާ ކަހަލައެވެ.

ފާޚާނާ ތެރޭގައިހުރި ކަމާލިޔާ ސިއްސައިގެންދިޔައީ ނާޖިދާގެ ބާރުއަޑަށެވެ. އަވަސް އަވަހަށް ނުކުތްއިރު ނާޖިދާ ހުރީ ކޮޓަރީދޮރު ކައިރީގައެވެ. ދެއަތުން މޫނުނިވާކޮށްގެންހުރެ އަޑުގެކޮޅަށް ރޮނީއެވެ.

ކަމާލިޔާ ފެނުމާއެކު ދުވެފައިކަހަލަގޮތަކަށް ނާޖިދާ ގޮސް ކަމާލިޔާގެގައިގާ ބައްދާލިއެވެ. މޫނާއި އަތްފައިގަ އަތްލަމުން ނާޖިދާ އުޅުނުގޮތުން ހީވަނީ އޭނާ ކައިރީ ހުރީ ކަމާލިޔާތޯ ޔަގީންކުރަން އުޅުނު ހެންނެވެ. ދެތިން ފަހަރަކު އެނދާއި ދިމާއަށް ވެސް ބަލާލިއެވެ. ސިއްސައިގެން ގޮސްފައި ގުދުވަމުން ފަޔަށް ބަލާލިއެވެ.

“އެނދުގައި އެއޮތީ ކާކު ؟” ހާސްކަމާއި ނުތަނަވަސްކަމާއެކު ކަމާލިޔާގެ މޫނަށް ބަލާލަމުން ނާޖިދާ އެހިއެވެ.

ކަމާލިޔާ އަކަށް އެނދުމަތިން މީހަކު ނުފެނެއެވެ. އެކޮޓަރީގައި އެދެމީހުން ފިޔަވާ އެހެންމީހަކު ނެތެވެ.

“ކޮބާތަ؟” ކަމާލިޔާ އަހާލީ ހައިރާންކަމާއެކުއެވެ.

“ދަރިފުޅު އެނދުގެ ބިއްދޮށު އެއޮތީ.” ކަމާލިޔާގެ އެނދާދިމާއަށް އިނގިލި ދިއްކޮށްލަމުން ނާޖިދާ ބުންޏެވެ. ތަކުރާރުކޮށް ބަލައިގެން ވެސް ކަމާލިޔާ އަކަށް އެބުނާ މީހަކު ނުފެނުނެވެ.

“އަހަރެންނަކަށް ނުފެނޭ …. ތިވާނީ މަންމައަށް ބިރުވެރި ހުވަފެނެއް ފެނުނީކަމަށް …. ހިނގާދާން މޫނުދޮވެލަން.” ވާހަކަ ދައްކަމުން ދައްކަމުން ނާޖިދާގެ އަތުގައި ހިފައިގެން ކަމާލިޔާ ވަނީ ފާޚާނާ ބަޔަށެވެ.

މޫނުދޮވެލާށޭ ބުނަމުން ކަމާލިޔާ އިސްކުރުދޫކޮށްލިއެވެ.

“ލޭ …. ތިޔަ އިސްކުރުން އެއަންނަނީ ފެނެއްނޫން.” އިސްކުރުން ފައިބައިގަތް ފެން ނާޖިދާއަށް ފެނުނީ ލޭގެ ގޮތުގައެވެ. އެތަން ނުބަލަންވެގެން ލޯމަރާލިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.