“ލޭ …. ތިޔަ އިސްކުރުން އެއަންނަނީ ފެނެއްނޫން.” އިސްކުރުން ފައިބައިގަތްފެން ނާޖިދާއަށް ފެނުނީ ލޭގެގޮތުގައެވެ. އެތަން ނުބަލަންވެގެން ލޯމަރާލިއެވެ.
ނާޖިދާގެފަރާތުން ފެނުނު ކަންތައްތަކުގެ ސަބަބުން ކަމާލިޔާގެ ނިދިފިލައި ދިޔައެވެ. ހިތްހަމަނުޖެހުން އުފެދި ކޮންމެވެސް ވަރަކަށް ރުޅިއަންނަގޮތް ވިއެވެ. ނާޖިދާ އެއުޅެނީ ބިރުވެރި ހުވަފެނެއް ފެނި އެކަމުން ސަލާމަތް ނުވެވިގެން ކަމުގައި ކަމާލިޔާގެހިތް ބުންޏެވެ. ގަދަކަމުން ނަމަވެސް މޫނުގައި ފެން އުނގުޅާލެވިއްޖެ ނަމަ ހަމައަކަށް އެޅިދާނެކަމުގައި ވެސް ވިސްނުނެވެ.
ނާޖިދާގެ މޫނުގައި ފެން އުނގުޅާލިތާ މާގިނައިރެއް ނުވަނީސް ނާޖިދާގެ ހަށިގަނޑުން ވަރުދޫވާން ފެށިއެވެ. ޚަބަރު ހުސްވެގެން ނާޖިދާ ދެމުނީ ކަމާލިޔާގެ އަތުތެރެއަށެވެ. ކަމާލިޔާ މަޑުމަޑުން ނާޖިދާ ގެންގޮސް އެނދުގައި ބާއްވާލިއެވެ.
ރަށުތެރެއަށް ފެތުރިގެންދިޔަ ފަތިސްނަމާދު ވަގުތުގެ ބަންގީގެ އަޑާއިއެކު މަގުތަކުން މީހުން ފެންނަން ފެށިއެވެ. މަގުތަކުން ފެންނަމުން ދިޔަ ގިނަބައެއްގެ މިސްރާބަކަށް ވެފައިވަނީ މިސްކިތެވެ. ބައެއްމީހުން ކުދި ޅަދަރިން ގޮވައިގެން ފަތިސްނަމާދަށް ވެސް ދާކަމީ އުފާކުރަންޖެހޭ ކަމެވެ.
އިރުގެއަލިކަން ރަށުތެރެއަށް ފެތުރެމުންދާވަރަކަށް ރަށުތެރެއިން އިވެމުންދިޔަ އަޑުތައް ގިނަވަމުން މަގުތަކާއި އާންމުމައިދާންތަކުން މީހުން ފެނުން ގިނަވަމުންދިޔައެވެ.
ނާޖިދާއަށް ހޭލެވުނީ ހެނދުނު ހައެއް ޖަހާކަން ހާއިރުއެވެ. ލޯހުޅުވާލަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއިރު އޭނާއަށް އޮވެވުނީ ކަމާލިޔާގެ ކޮޓަރީގައެވެ. ހައިރާންކަމާއެކު އަވަސް އަވަހަށް އެނދުން ފައިބަމުން ބަލާލިއިރު ނުހަނު އަރާމުގައި ނިދާލާފައި ކަމާލިޔާ އޮތެވެ. ވިސްނާ ވިސްނާ ވެސް ރޭގައި ހިނގާދިޔަ އެއްވެސް ކަމެއް ނާޖިދާގެ ހަނދާނަކަށް ނައެވެ.
ކޮޓަރިއަށް ގޮސް ތާހިރުވެލައިގެން ނާޖިދާ ދިޔައީ ހެނދުނުގެ ސައި ތައްޔާރުކުރާށެވެ. ކަމާލިޔާ އާއި ރާއިދު ހޭލުމުގެކުރިން ސައި ތައްޔާރުކޮށް ނިންމާލުމަކީ ނާޖިދާ ބޭނުންވާގޮތެވެ.
އަށެއްޖަހާކަން ހާއިރު ކަމާލިޔާ އައިސް ސައިބޮއިގެން އެކްސްޓްރާ ގަޑިއަށް ސްކޫލަށްދިޔައިރު ވެސް، ރާއިދުގެ ހަބަރެއް ނުވެއެވެ.
ރާއިދު ކޮބައިތޯ ބަލާލުމަން ނާޖިދާ ދިޔައީ ގޭތެރެ އަމާންވީކަން ޔަގީންވުމުންނެވެ.
ރާއިދުގެ ކޮޓަރީދޮރުގައި ތަޅަމުން އެތައް އިރަކު ގޮވިއިރު ވެސް ރާއިދުގެ ޚަބަރެއް ނުވުމުން ނާޖިދާ ކަންބޮޑުވެ ހާސްވިއެވެ. އަވަސް އަވަހަށް ގޮސް އެކޮޓަރީގެ ތަޅުދަނޑި ހިފައިގެން އައިސް ކޮޓަރި ހުޅުވިއެވެ.
އެނދު ހުރަހަށް އޮށޯވެލައިގެންއޮތް ރާއިދުގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނެއެވެ. ހީވާގޮތުން އޭނާ އޮތީ އެނދުމައްޗަށް ހުރަހަށް ވާގޮތަށް ވެއްޓިފައެވެ. ފެނުނު މަންޒަރުގެ ސަބަބުން ނާޖިދާގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވިއެވެ.
ރާއިދަށް ހޭވެރިކަންވީ ނާޖިދާ އޭނާގެ މޫނުގައި ފެންއުނގުޅަނިކޮށެވެ. އަވަސް އަވަހަށް ތެދުވަމުން ހައިރާންކަމާއެކު ނާޖިދާއަށް ބަލާލިއެވެ. އެހެން ހެދީ ކީއްވެތޯ ސުވާލުކުރިއެވެ. ތެދުވަން މަސައްކަތްކުރި ނަމަވެސް ތެދުވެވޭގޮތެއް ނުވިއެވެ. އެނބުރުން އަރައިގެން ވެއްޓުނީއެވެ.
ދެވަނަފަހަރަށް ވެސް ރާއިދަށް ހޭވެރިކަންވީ ނާޖިދާގެ އެތައް މަސައްކަތުންނެވެ. އުފެދެމުންދިޔަ ސުވާލުތައް ގިނައެވެ.
ނާޖިދާގެ ސުވާލުތަކަށް ޖަވާބުދެމުން ރާއިދު ބުނީ ވީގޮތެއް އޭނާއަށް ވެސް ނޭނގޭކަމަށެވެ. ބޮލަށް ބަރުވެ އެނބުރުން އަރާގޮތްވަނީ ކަމަށެވެ. ކޮޓަރިތެރެއިން އެއްވެސްތަފާތެއް ނުފެނެއެވެ. ރޭގެ ހާދިސާ އެއްވެސް ވަރަކަށް ހަނދާނެއްނެތެވެ. ސައިބޯން ނުދެވޭނެ ކަމަށާއި ލުނބޯހުތުފަނި ކަހަލަ ކޮންމެވެސް ފިނިއެއްޗެއް ގެނެސްދިނުމަށް ރާއިދު އެދުނެވެ.
ރާއިދު ރަނގަޅަށް އެނދުގައި ބާއްވާލުމަށްފަހު ނާޖިދާ ދިޔައީ ބަދިގެފަރާތަށެވެ.
ނާޖިދާއަށް އަންނަމުންދިޔަ ބަދަލުތައް ނާއިމަށް ފާހަގަކުރެވުނުތާ މާގިނަދުވަހެއް ނުވަނީސް އޭނާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ނާޖިދާއިނީ ބަލިވެއެވެ. އޭނާގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތަކުގެ އަސްލަކީ އެއީއެވެ. ކަންތައް ދިމާވިގޮތުން ނާއިމްގެ ކިބައިން މާބޮޑު އުފަލެއް ނުފެނުނު ނަމަވެސް ނާޖިދާ ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ދަރިއަކު ލިބުމަކީ ކިހާވަރެއްގެބޮޑު އުފަލެއްކަން އެނގޭނީ އެކަމަށް އެދިއެދި ހުރި މީހަކަށެވެ. ނާޖިދާގެ ކިބައިން ފެންނަމުންދިޔައީ އެކަމެވެ.
އަލަތު ދަރިފުޅަށް ބަލިވެއިން ނާޖިދާއަށް ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުންދޭން އޭނާގެ މަންމަ އެގެއަށް ފޮނުވީ ނާޖިދާގެ ތިމާގެކުއްޖެއް ކަމުގައިވާ ނޭހާ އެވެ. އުމުރުގެ ޒުވާންދުވަސްތައް ގުނަމުންދާ ނޭހާއަކީ ފިރިހެނަކު އަންހެނަކަށް ބޭނުންވާނެ ހުރިހާ ޝަރުތެއް އެހަށިގަނޑެއްގައި ހިމެނޭ ފުރިހަމަ ހަށިގަނޑެއްގެވެރި އެކެވެ. އޭނާއާމެދު ޝަޢުޤުވެރިވި ކޮންމެ މީހެއްގެ ފުރަތަމަ އަމާޒަކަށް އެހަށިގަނޑު ވުން އެއީ އަޖައިބެއް ނޫނެވެ.
ދުވަސްތައް މާޒީއާއެކުވަމުންދިޔައިރު ނޭހާ އަތުއަޅުވާލެވޭތޯ ރާއިދު މަސައްކަތްކުރަމުން ދިޔަ ނަމަވެސް ނާޖިދާއަކަށް އެކަމެއް ނޭނގެއެވެ. ނޭހާ ވެސް ނާޖިދާ ގާތު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ.
ރޭގަނޑުގެ އެގާރަޖަހާކަން ހާއިރެވެ. ފިހާރައިގެ މަސައްކަތްތައް ނިންމާލުމަށްފަހު ނާއިމް ގެއަށް އައިއިރު އޭނާގެ އިންތިޒާރުގައި ނާޖިދާ އޮތެވެ. ނާއިމް އަރައި އެނދުގައި އޮށޯވެލުމާއެކު ބެޑްޝީޓް ނަގަމުން ނާޖިދާ ގާތްވެލިއެވެ. ނާއިމްގެ މޭގައި ތަތްކޮށްލި ކަހަލައެވެ.
“ނާއިމް! ހާދަފާޑަށް ތިއޮތީ؟ …. ކިހިނެތްވީ؟ … އަހަރެމެންނަށް ދަރިއަކު ލިބޭތީ ނާއިމް އުފަލެއް ނުވޭތަ؟” އަދިވެސް ބޮޑަށް ނާއިމްއާ ގާތްވެވޭތޯ މަސައްކަތްކުރަމުން ނާޖިދާ ވާހަކަދެއްކިއެވެ. ނާޖިދާއޮތީ ވަރަށް އުފަލުންނެވެ.
” އަހަރެން އުފަލެއްނުވެއޭ ބުނެފިނަމަ ކީކޭ ބުނާނީ ؟ ” ނާޖިދާއަށް އެއްވެސް ސަމާލުކަމެއްނުދީ ނާއިމް އަހާލިއެވެ. ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ސުވާލެކެވެ.
“ތިއުޅެނީ އަހަރެން ދެރަކުރަން …. ނުބުންޏަސް އަހަރެންނަށް އެނގޭ އަހަރެންނެކޭ އެއްގޮތަށް ނާއިމް ވެސް އުފާވާނެކަން. އަހަރުމެންގެ ދަރިފުޅަށް ކިޔާނީ ކޮންނަމެއް؟” އަލަތުދަރިފުޅު ދުނިޔެއަށް އަންނާނެ ވަގުތަކަށް އިންތިޒާރުކުރަމުން ދާ ނާޖިދާއަށް އެކަމުގެ ސަބަބުން ލިބިފައި ވަނީ ބަޔާންކުރެވޭ ވަރަށްވުރެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ. އޭނާގެ ކޮންމެ ޢަމަލަކުން އެކަން އެނގެއެވެ.
“ކޮން އަހަރެމެނެއްތަ؟” ނާޖިދާ ދުރަށްޖައްސާލަމުން ނާއިމް އެނދުން ފޭބީ ހިތްހަމަނުޖެހުމާއިއެކުގައެވެ. ނާއިމްގެ އެސުވާލުން ނާޖިދާ ނުތަނަވަސްވިއެވެ. އެހެނަސް އެކަން ފިލުވާލެވޭތޯ މަސައްކަތްކުރަމުން ހަމަޖެހޭގޮތް ދައްކާލާ ހިނިތުންވެލިއެވެ.
“ކޮން އަހަރެމެނެއްހޭ؟ …. ނޭންގިގެންތަ ތިއެހީ؟ …. އަހަރެން މިދައްކަނީ އަހަރެމެން ދެމީހުންގެ ވާހަކަ ….. ކޮންތާކަށް ތިދަނީ؟ އައިސްބަލަ.” ނާޖިދާ ވާހަކަދެއްކީ އާދޭހާއިއެކުގައެވެ. ނާއިމްގެ އެ ޢަމަލުން އޭނާ ވަރަށް ދެރަވިއެވެ. ދެލޮލުން ކަރުނަ ފާއްދާލިއެވެ.
“ނާޖިދާގެ ތިޔަޑްރާމާ ބަލަން ވަރަށް ކެތްކޮށްފިން …. އިތުރަށް ދައްކާނެ ވާހަކައެއްނެތް …. ތަފްސީލް ބޭނުންނަމަ މިލިޔުންތައް ބަލާލާ.” ލެޕްޓޮޕް ދަބަހުންނެގި ބޮޑު ސިޓީއުރަ ނާޖިދާއަށް ދިއްކޮށްލަމުން ނާއިމް ބުންޏެވެ. އަޑާއި ހަރަކާތުން ފާޅުވީ ހިތްހަމަނުޖެހުމެވެ.
“މީ ކޮން ސިޓީއުރައެއް؟” ސިޓީއުރާގައި ހިފަމުން ހައިރާންކަމާއެކު ނާޖިދާ އަހާލިއެވެ. ނާޖިދާގެ ސުވާލަށް ޖަވާބުދިނުމެއްނެތި ނާއިމް ކޮޓަރިން ނުކުމެގެން ދިޔަ ގޮތަށް ދިޔައީއެވެ.
ނާއިމްގެ ކިބައިން ފެނުނު ކަންތައްތަކުގެ ސަބަބުން ލިބުނު ހައިރާންކަމާއެކު އުފެދުނު ސުވާލުތައް ގިނައެވެ. ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އަނެއްކާ ވެސް އިތުރު ސުވާލުތަކެއް އުފެދޭގޮތް ވިއެވެ. ޖަވާބުދޭން ބޭނުންނުވާތީ ނާއިމް ނުކުތީއެވެ.
ސިޓީއުރާގައިވާ ލިޔުންތައް އެނދުމަތީގައި ބަހައްޓަމުން ފަހަރަކު ލިޔުމެއް ވަކިވަކިން ނާޖިދާ ބަލަމުންދިޔައެވެ. ފުރަތަމަ ފެނުނު ލިޔުމާއިއެކު ވެސް އެ ލިޔުންތަކަކީ ސިއްހީދާއިރާގެ މުހިންމު ލިޔުންތަކެއް ކަން އެނގުނެވެ. ލިޔުންތައް ބަލަމުންދިޔަ ވަރަކަށް ނާޖިދާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހާސްކަމާއި ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ލޮލުން ކަރުނަ ފާއްދާލިއިރު މަޑުމަޑުން ރޮވެންފެށިއެވެ.
އެއްބަސްވާން ބޭނުންނުވި ނަމަވެސް އެކަމާދެކޮޅަށް ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް ނާޖިދާގެ ބަނޑުގައިވަނީ ނާއިމްގެ ދަރިއެއް ނޫންކަން އެލިޔުންތަކުން ޔަގީނާ ގާތަށް އެނގެއެވެ. މީގެ އެތައް އަހަރެއްކުރިން ނާއިމްވަނީ ވަރަށް ޚާއްސަ އޮޕްރޭޝަނެއް ކޮށްފައެވެ. އެ އޮޕަރޭޝަނަށްފަހު ނާއިމަށް ދަރިއަކު ނުލިބޭނެކަމަށް ޑޮކްޓަރުން ބުނެފައިވާއިރު ފަހުން ވެސް އެތައް ޓެސްޓެއް ހަދާފައިވެއެވެ. ކޮންމެ ޓެސްޓެއްގެ ވެސް ނަތީޖާއަކީ ނާއިމްއަށް ދެން ދަރިއަކު ނުލިބޭނެކަމެވެ.
އުންމީދުތައް ވިއްސިވިހާލިވެ ހަތަރު އުދަރެސް ފެނުޖެހުނީ އެވެ. ފިރިމީހާއަށް ދޮގާއި މަކަރުހަދައި ބޭވަފާތެރިވެ އެހެން ފިރިހެނެއްގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ހޯދިކަން ފަޅާއެރީއެވެ. މުޅިރަށަށް ބޭޒާރުވެ ފަލީހަތްވާނެއެވެ. އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ރައްދުވާނެއެވެ. އުފަލާއި އަރާމުގައި އުޅުމަށް ލިބުނު ތަނަވަސް ދިރިއުޅުން ބީވާނެއެވެ. އަހަރުތަކެއް ކުރިން ބައެއްމީހުން ބުނި ފަދައިން ނާއިމްގެ ފަރާތުން ނުލިބުނު އުފާ ހޯދަން އެހެން މަގެއް އިހްތިޔާރުކުރިކަން ސާބިތުވީއެވެ. ހެދޭނެ ގޮތެއް ދެއްކޭނެ ވާހަކައެއް ނެތެވެ. ހުރިހާ ކަމެއް ވަރަށް ސާފެވެ.
ދެއަތަކަށް ބޯހޫރާލަމުން ނޫނެކޭކިޔާ ހަޅޭލަވައިގަތްތާ މާގިނައިރެއް ނުވަނީސް ޚަބަރުހުސްވެގެން އެނދުމަށްޗަށް ދެމިއްޖެއެވެ.
ރަށުތެރެއަށް ވެރިވެފައިވަނީ މެންދަމުގެ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން މީހަކު ނުފެންނަތާންގައި ގެއެއްގެ ތެރެއިން ގަދައައްޔެއް ނުވަތަ ބާރުއަޑެއް ވެސް އިވިނުލައެވެ. އެއްވެސް މީހަކު ހޭލާ ނޫޅޭކަހަލައެވެ.
ފަތިސްނަމާދުން ފައިބައިގެން ނާއިމް އަތިރިމައްޗަށް ނުކުމެލީ ލިބިފައިވާ ނުތަނަވަސްކަން ފިލުވާލާ ހިތައް ހަމަޖެހުމެއް ލިބޭތޯއެވެ. ބައެއްކަންކަމަކީ މީހުންނާއި ހިއްސާކޮށްލުމުން ވެސް ހިތަށާއި ސިކުނޑިއަށް ލުޔެއް ލިބޭފަދަ ކަންކަމެވެ. މިހާރުން މިހާރަށް ވެސް ކޮންމެވެސް ހައްލެއް ނާއިމް ބޭނުންވެއެވެ. ނޫނީ އޭނާގެ ސިކުނޑި ސުމަކަށް ހިނގައިދާނެއެވެ.
ފަތިސްނަމާދު ކޮށްގެން ބަނދަރުގެ ބޭރު ތޮށިގަނޑަށް އެރި ގިނަމީހުންގެ މަސައްކަތަކީ ދޮށިއުކުމެވެ. ފަތިހާއި ހަވީރު އެތަނުން ދޮށި އުކައިގެން އެތައް ބަޔަކު މަސްބާނައެވެ. ގެއަށް ބޭނުންވާވަރަށް މަސް ހޯދައެވެ.
ހޮޅުއަށީގައި އިށީންދެލައިގެން ޚިޔާލެއްގެތެރެއަށް ގެއްލިފައިއިން ނާއިމް ސިއްސައިގެން ދިޔައީ ފަހަތުންއައި މީހަކު ގޮވާލުމުންނެވެ. އެނބުރިލަމުން ފަހަތްބަލާލިއިރު ޒަކީ އައިސް އެތަނަށް ހުއްޓެނީ އެވެ.
“ނާއިމް! … ހާދަބޮޑު ފިކުރެއްގައި އިންހެން ހީވެޔޭ. އަނެއްކާ ކިހިނެތްވީ؟” އައިގޮތަށް އައިސް ނާއިމް ކައިރީ އިށީންނަމުން ޒަކީ ވާހަކަދެއްކިއެވެ. އުމުރުގެ ގޮތުން ނާއިމަށްވުރެ މާ ދުވަސްވެފައި ހުރި ޒަކީ އަކީ އަބަދުވެސް ނާއިމްއާ ގާތްގުޅުމެއް ބާއްވާ މީހެކެވެ.
“އަނެއްހެން މާބޮޑުކަމެއް ދިމައެއްނުވޭ …. ދެތިން ދުވަހަކަށް ރާއިދު ބަހައްޓާލާނެ ގެއެއް ލިބޭތޯ މިވިސްނަނީ. އެންމެ އަވަހަށް މާލެދާ އެއްޗަކުން އޭނަ ދާނެ.” ޒަކީއަށް ބަލާލަމުން ނާއިމް ކިޔައިދިނީ އޭނާ ވިސްނަމުންދިޔަ ކަންތަކެވެ. އެކަމުގެ އަޑީގައި ސިއްރެއްވާކަމާއި ރާއިދު ބަދަލުކުރަނީ އެހެންވެގެން ކަމެއް ނާއިމް ނުބުނެއެވެ.
“ތިދެން އެވަރުގެ ކަމެއް ނޫނެއްނު. ހިނގާ އަހަރުމެންގެއަށް ބަދަލުކޮށްލަން.” ޒަކީގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ނާއިމަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. މިހާރުން މިހާރަށް ހައްލުކުރަން އެންމެ ބޭނުންވި ކަންތައް ހައްލުވީއެވެ. ދެންހުރި ކަންތަކާއި އުޅޭނީ ވެސް ވިސްނުންތެރިކަމާއެކު ފަހަރަކު ކަމަކުން ކަމަކުން ހައްލުކުރާށެވެ.
ނާޖިދާއަށް ހޭވެރިކަންވީ ހަތެއްޖަހާކަން ހާއިރުއެވެ. ނާއިމް ކޮޓަރިއަކު ނެތެވެ. ތެދުވެ އެނދުގައި އިށީންނަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލި ވަގުތު ލޮލުގައި އަޅައިގަތީ ތަޅުންގަނޑުމަތީގަ އާއި އެނދުމަތީގައިހުރި ލިޔުންތަކެވެ. އަވަސް އަވަހަށް ލިޔުންތައް ނަގައި ކިޔާލުމާއިއެކު ނާޖިދާއަށް ރޮވިއްޖެއެވެ. ހުރިހާކަމެއް ފަޅާއެރީއެވެ.
އެކަނިމާއެކަނި ކޮޓަރިތެރޭގައި ރޯލަރޯލާއިން ނާޖިދާ ފުންމައިގެން ކަހަލަގޮތަކަށް ތެދުވީ ކަމެއް ހަނދާންވެގެން ތެދުވާހެންނެވެ. އަވަސްއަވަހަށް ކޮޓަރިން ނުކުމެ ނާއިމަށް ގޮވަމުން ގޭގެ އެތަންމިތަން ބަލަންފެށިއެވެ. ނާއިމްގެ ފަރާތުން ޖަވާބެއް ނުލިބުނުތާންގައި ފެންނާކަށް ވެސް ނެތެވެ. ހާސްކަމާއި ކަންބޮޑުވުން އިތުރުވަމުން ރޮވޭވަރު އިތުރުވަމުންދިޔައެވެ.
ފިހާރައިގެ މަސައްކަތްތަކާއިގެން ހޭބޯނާރާ އުޅެމުންދިޔަ ނާއިމް ސިއްސައިގެން ދިޔައީ ނާޖިދާ އައިސް ފިހާރައަށް ވަންނަމުން ގޮވާލި އަޑަށެވެ. އޭރު ފިހާރަތެރޭގައި އެހެން ދެމީހަކުވެސް ތިއްބެވެ.
“ކިހިނެތްވީ؟ …. ގެއަށް އެއްޗެއް ބޭނުންވީތަ؟ …. ރާއިދު ބަދަލުކޮށްފިން ޒަކީބެމެން ގެއަށް.” ނާޖިދާއަށް ގޮވާލަމުން ނާއިމް ވާހަކަދެއްކިއެވެ. ކަމެއް ވެގެންއުޅޭހެން ވެސް ހިއެއްނުވެއެވެ.
ނާއިމްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ނާޖިދާ ގޮސް މަޑުކޮށްލީ ތަރުކާރީތައް ބަހައްޓާފައިހުރި ތަނުގައެވެ. ހެނދުގެ ސަޔަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލަން ތަރުކާރީކޮޅެއް ބޭނުންވެގެން އައީ ކަންނޭނގެއެވެ. ނާއިމް އުޅުނީ ކުރިން އައިސްތިބި ދެމީހުންގެ ކަންތައް ނިންމައިދެވޭތޯ އެވެ.
ފިހާރައިން މީހުން ހުސްވުމުން ނާޖިދާ އައިސް ކައުންޓަރކައިރިއަށް ހުއްޓުނުއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ.
“ރާއިދުވީ ތަނެއް ބަލާކަށް އަހަރެން ބޭނުމެއްނޫން …. އަހަރެން ބޭނުމީ ނާއިމް … ވެދިޔަ ކަންތަކަށް އަހަރެން މަޢާފަށް އެދެން. އަހަރެން ތަޢުބާވާނަން …. ދުވަހަކު ވެސް އެހެނެއް ދެނެއް ނޫޅޭނަން …. ވަފާތެރިކަމުގައި މިސާލުދައްކާނަން …. އާދޭސްކޮށްފައި ބުނަން އަހަރެން ވަރިނުކުރާތި. އަހަރެންނަށް މަޢާފްކުރޭ …. އަހަރެން ހިތްދަތިވެގެން މަރުވެސް ….” ރޮމުން ރޮމުން ވެސް ނާޖިދާ މަސައްކަތްކުރީ ވާހަކަދައްކާށެވެ. އެހެނަސް އިތުރަށް ވާހަކަދެއްކޭގޮތެއް ނުވިއެވެ. ޚަބަރުހުސްވެގެން ވެއްޓިއްޖެއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި
ވާހް …. ސަޅި އިނގޭ