ބަވަނަ ވަމުން އަންނަ މި ދުނިޔޭގައި ކޮންމެ މީހަކުވެސް އަވަދިނެތި، އުޅެމުންދަނީ އެމީހެއްގެ މަސައްކަތާއިގެންނެވެ. މަސްވެރިޔާ ފަތިހު މަހަށް ނިކުންނަ ގޮތަށް، އިރު އޮއްސޭ ފަހުންވެސް އޭނާގެ މަސައްކަތާއިގެން ކުރިއަށްދެއެވެ. މުދައްރިސް އަހަރީ މުގައްރަރު ކިޔަވާދީ ނިންމަން މަސައްކަތްކުރާ އިރު، ދަރިވަރުން އުޅެނީ އެ ފިލާވަޅުތައް ދުވަހުން ދުވަހަށް މުޠާލިޢާ ކުރުމައިގެންނެވެ. ހަމަގައިމުވެސް ދުނިޔެ ހިނގާލެއް އަވަސް ވެއްޖެއޭ ބުނާބުނުން ދޮގަކަށް ނުވާނެއެވެ.
މަސަތްކަތުގެ މާހައުލުގައި ނުހަނު ބުރަކޮށް އުޅުމަށްފަހު، “ސްޓްރެސް” ވުމަކީ ގައުމުގެ އިސްވެރިޔާއިން ފެށިގެން ކިޔަވާ ކުއްޖާވެސް ކުރިމަތިލާނެ ކަމެކެވެ.
މިލިޔުމުގައި އަޅުގަނޑު މި އަލި އަޅުވާލަނީ “ސްޓްރެސް” ކޮންޓްރޯލް ކުރާނެ ފަސޭހަ ފަސް ގޮތަކަށެވެ.
1. ކަސްރަތުކުރުން
ގަވާއިދުން ކަސްރަތުކުރުމަކީ “ސްރްޓެސް” އާއި ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރަން އެހީތެރިވެދޭ ކަމެކެވެ. ފެންނަ ފެނުމަށް ކަސްރަތުގެ ސަބަބުން ޖިސްމަށް އިތުރު ބުރައަކަށް ވީނަމަވެސް، އެއީ ސިކުނޑި އަށް ވަރަށް ލުއިކޮށްދޭ ކަމެކެވެ. ކަސްރަތުން ހަށިގަނޑުގައި އުފެދޭ “ސްޓްރެސް ހޯމޯންސް” ނައްތާލާއިރު، “އެންޑޯފިންސް” (އުފާވެރިކަމުގެ އިހުސާސް ގެނެސްދޭ، ތަދުކެނޑުވުމަށް އެހީތެރި ވެދޭ މާއްދާ އެއް) އުފައްދާވަރު އިތުރުވެއެވެ. ކަސްރަތުގެ ސަބަބުން ރޭގަނޑަށް ހަށިގަނޑު ވަރުބަލިވެ، ނިދަން ފަސޭހަވެގެން ދިޔުމަކީ އެކަމުން ލިބޭ އެންމެ ބޮޑު އެއްފައިދާއެވެ. “ސްޓްރެސް” ގެ ސަބަބުން ރޭގަނޑު ނިދަން އުނދަގޫވެ، ހެނދުނުގެ މަސައްކަތްތަކަށް ބުރޫ އަރައެވެ.
2. ކަންކަން ފަހަށްބެހެއްޓުމާއި ދުރުހެލިވުން
ތިމާ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންކަން ފަސްކުރުމަކީ “ސްޓްރެސް” އިތުރުވާން މެދުވެރިވާ ސަބަބެކެވެ. އެފަދަ މުހިންމު ކަންކަން ފަހުން ކުރަން ބެހެއްޓި ނަމަވެސް، ތިމާގެ ސިކުނޑި އަކުން އެކަންކަމެއް ނުފިލާނެއެވެ. އޭގެ ނަތީޖާ އަކަށްވާނީ ތިމާ ވަގުތުން ވަގުތަށް ކުރަން ހުރި ކަން ކަމަކަށްވެސް ދޭންވާ ވަރަށް ސަމާލުކަން ނުދެވި އެކަމެއް ނުކުރެވުމެވެ. މީގެ އިތުރުން އެފަދަ ކަންކަން ފަސްކުރުމުން، ކުރަންޖެހޭ ގިނަ ކަންކަން އޮންނާނީ އެއްފަހަރާ ލައިގެންފައެވެ. ހަތަރު އުދަރެސް ފެނު ޖެހުމުން ކަންކަން ނިންމުންވާނީ ދަތި ކަމަކަށެވެ. ފަހުވަގުތު ކަންކަން ކުރަން ތެޅިގަންނަން ހަދައިގެން ތިމާގެ ނިންޖަށް ބުރޫއަރާ، “ސްޓްރެސް” އިތުރުވާން މަގުފަހިވެއެވެ. ކަން މިހެން އޮތްއިރު، ތިމާ ކުރަންޖެހޭ ކަންކަން ވަގުތު ބަހައިގެން ގަޑިން ގަޑިއަށް ނިންމުމަކީ “ސްޓްރެސް” އާއި ދުރުވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.
3. ފުންކޮށް ނޭވާލުން
ދުވަހުގެ ގިނަ ވަގުތު ބުރަ މަސައްކަތާއިގެން އަވަދިނެތި އުޅުނު ނަމަވެސް، ފުން ނޭވައެއް ލާން ސިކުންތުކޮޅެއް ހުސްކޮށްލާށެވެ. “ސްޓްރެސް” ވުމުގެ ސަބަބުން ހިތް އަވަސްވެ، އަވަސް އަވަހަށް ކުރު ނޭވާލެވި، ލޭނާރުތަކުގައި ލޭއިތުރުވެ، އެ ނާރުތަކަށް ބާރުވެއެވެ. އެއީ “ސްޓްރެސް” ވާ ވަގުތު ސިކުޑިން ނާރުތަކުގެ ސިސްޓަމަށް އަންގާ އެންގުމަކާއި ގުޅިގެންނެވެ. ފުން ނޭވައެކޭ ކިޔަނީ ލަސްލަހުން ފުންކޮށް ލާ ދިގު ނޭވާއަށެވެ. ފުން ނޭވައެއް ލެވިއްޖެނަމަ ފުއްޕާމޭ ފުރި، ބަނޑު ކޮންމެސް ވަރަކަށް ހިއްލޭނެއެވެ. އޭގެ ސަބަބުން ހިތް ތެޅޭވަރު ހަމައަކަށް އެޅި، ސިކުނޑިއަށް ލުއި ކޮށްދެއެވެ.
4. ސައިފަތް ބޭނުންކުރުން
ސައިފަތަކީ ޒަމާނުއްސުރެން އެކި ގައުމުތަކުން ބޭސްފަރުވާ އަށް ބޭނުން ކުރަމުންދާ ފަތެކެވެ. ސައިފަތުގެ ގިނަ ބާވަތްތަކެއް ހުންނައިރު، “ސްޓެރްސް” އަށް އެންމެ ރަނގަޅީ “ހާބަލް” ސައިފަތެވެ. މިގޮތުން ސައިފަތް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ސައިގެ ވައްތަރުތަކުން “ސްޓްރެސް” ފިލުމުގައި ފާހަގަކޮށްލެވެނީ، “ލެމަން ޓީ”، “ލަވެންޑާ ޓީ” އަދި “ގްރީން ޓީ” އެވެ. ސައިފަތުގައި އެކުލެވޭ “އެލް-ތިއެނައިން” ނަމަކަށް ކިޔާ މާއްދާ އެއްގެ ސަބަބުން ސިކުނޑިއަށް ލުއިވެ، ބޭނުން ނެތް މާއްދާތައް ހަށިގަނޑުން ބޭރުކޮށް، “ސްޓްރެސް ހޯމޯންްސް” އުފައްދާވަރު މަދު ކުރަން އެހީވެދެއެވެ. މަދުވެގެން ދުވާލަކު ތިން އިރަށް ހޫނު ސައިތައްޓެއް ބުއިމަކީ “ސްޓްރެސް” ފިލުވަން ބޭނުންވާ ފަރާތަކަށް ކުރެވިދާނެކަމެކެވެ.
5. “ޗުވިން ގަމް” ހެފުން
“ޗުވިން ގަމް” ބޭނުންކޮށްގެން ސްޓްރެސް ފިލާ ވާހަކަ ބުނުމުން ގަބޫލުކުރަން ދަތިވެދާނެ އެވެ. އެހެންނަމަވެސް، މިއީ ނުހަނު އަވަހަށް ސްޓްރެސް ފިލުވައިދޭ އެއްޗެކެވެ. ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި “ސްޓްރެސް” ވެފައިވާ މީހެއް ޗުވިން ގަމް ހަފާ ވަގުތު ސިކުނޑިން އުފައްދާ “ވޭވް” (ސިކުނޑި އާއި ނާރުތަކުގެ ސިސްޓަމާއި ދޭތެރޭ ކުރެވޭ މުޢާމަލާތް)، “ސްޓްރެސް” ނެތް މީހެއްގެ ސިކުނޑިން އުފައްދާ “ވޭވް” އާއި ދާދި އެއްފަދައެވެ. މީގެ އިތުރުން “ޗުވިން ގަމް” ހެފުމުގެ ސަބަބުން ސިކުނޑީގެ ލޭ ދައުރުވުން އިތުރުވެއެވެ. “ޗުވިން ގަމް” ގަދަ އަށް ހެފިވަރަކަށް ސްޓްރެސް ފިލުން އަވަސްވާކަން އެންމެ ފަހުގެ ދިރާސާއިން ދައްކައެވެ.
ސްޓްރެސްވުމަކީ ވަކި މީހަކަށް ވާގޮތެއްނޫނެވެ. މަސަތްކަތުގެ މާޙައުލުގައްޔާއި، ދިރިއުޅުމުގެ ތެރޭގައި އަހަރަމެން އެންމެންވެސް “ސްޓްރެސް” ތަޙައްމަލު ކުރާއިރު، އެންމެ މުހިންމު ކަމަކީ “ސްޓްރެސް” ފިލުވަން ކުރެވޭ މަސައްކަތްތަކެވެ. “ސްޓްރެސް” ފިލުވުމަށްޓަކައި މިގޮތަށް ހުރި ކުދިކުދި ކަންކަން ކުރަން އާދަކޮށްފިނަމަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް އަންނާނެކަމީ ޝައްކެތްނެތް ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ޒިޔާން އަކީ ޤައުމީ ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އިޖުތިމާޢީ ދާއިރާ ޚާއްޞަވާއިރު، ހުރިހައި ދާއިރާއެއްގައި ލިޔެ ނޫސްވެރިކަމުގައި ފައިތިލަ ސާބިތުކުރުމަށް ކަމަރު ބަނދެލާފައިވާ ޒުވާނެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2020ރިޕޯޓްޓެކްނޮލޮޖީގެ ދުނިޔެއަށް އިންގިލާބެއް ގެނެސްދިން މޭސްތިރި، ސްޓީވް ޖޮބްސް
- 24 ފެބްރުއަރީ 2020ޚަބަރުފްރެންޑްސް ގެ އާ އެޕިސޯޑެއް ފަނަރަ އަހަރަށްފަހުން!
- 13 ފެބްރުއަރީ 2020ޚަބަރުހަކީމް ޒިޔެޗް ޗެލްސީ އަށް
- 13 ފެބްރުއަރީ 2020މަޢުލޫމާތުސްޓްރެސް ފިލުވުމަށް ކުރެވިދާނެ ފަސޭހަ ފަސް ކަމެއް!