މޮރޮކޯ އަށް ނިސްބަތްވާ އަޔެކްސްގެ ހުނަރުވެރި ޒުވާން ތަރި، ހަކީމް ޒިޔެޗް ޗެލްސީ އާއި ގުޅެން އެއްބަސް ވެއްޖެއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި “މެޓްރޯ ޔޫކޭ” އިން ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުން ޒިޔެޗް ޗެލްސީ އަށް ވިއްކާލަން އަޔެކްސް އިން އެއްބަސްވީ 37 މިލިއަން ޕައުންޑަށެވެ. އަޔެކްސްގެ ޓްވިޓާއިންނާއި، ޗެލްސީގެ ރަސްމީ ވެބްސައިޓުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އުމުރުން 26 އަހަރުގެ ޒުވާން މިޑްފިލްޑަރު ޒިޔެޗް އަކީ ޗެމްޕިއަންސް ލީގުގެ 2019/2018 ވަނަ ސީޒަނުގައި އަޔެކްސް ގަދަ ހަތަރަކަށް ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއެކެވެ. ޒިޔެޗް ގެ ކޮށްޓުމާއި، ޕާސް ދިނުމުގެ ހުނަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައި ވާއިރު، އޭނާ އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ކުޅުންތެރިޔާއެވެ. ނެދަލޭންޑްސް އަށް އުފަން ޒިޔެޗް މި ސީޒަނުގައި މިހާތަނަށް ކުޅުނު 29 މެޗުން 9 ގޯލު ޖަހައި، 12 އެސިސްޓް ވަނީ ހަދާފައެވެ. ޗެމްޕިއަންސް ލީގުގެ 2020/2019 ވަނަ ސީޒަނުގެ ގުރޫޕު ސްޓޭޖުގައި ޗެލްސީ އަދި އަޔެކްސް ބައްދަލު ކުރި މެޗުތަކުގައި ޒިޔެޗް މޮޅު ކުޅުމެއް ދައްކާ، ގޯލެއް ވެސް ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއީ ފްރޭންކް ލަމްޕާޑް ޗެލްސީގެ ކޯޗުކަމާއި ހަވާލުވިފަހުން އެޓީމަށް ގަތް އެންމެ ފުރަތަމަ ކުޅުންތެރިޔާއެވެ. 37 މިލިއަން ޕައުންޑުގެ އަގެއްގައި ޒިޔެޗް ފަދަ ހުނަރުވެރި ކުޅުންތެރިޔަކު ލިބުމަކީ ޓްރާންސްފަރ ބާޒާރުގެ އަގުތަކަށް ބަލާއިރު ޗެލްސީ އަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ.

ފާއިތުވެ ދިޔަ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ޗެލްސީ އަށް އެއްވެސް ކުޅުންތެރިޔަކު ގެނެސްފައި ނުވާއިރު،  ޒިޔެޗް ޗެލްސީ އާއި ގުޅުނު ޚަބަރަކީ ހަމަގައިމުވެސް ސަޕޯޓަރުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ. މި ސީޒަނުގެ ބާކީ ހުރި މެޗުތައް އަޔެކްސް އަށް ކުޅުމަށްފަހު ޒިޔެޗް ރަސްމީކޮށް ޗެލްސީ ޖާޒީގައި ފެންނާނީ 2020/2021 ވަނަ ސީޒަނުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޒިޔާން އަމްޖަދު
ޒިޔާން އަކީ ޤައުމީ ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އިޖުތިމާޢީ ދާއިރާ ޚާއްޞަވާއިރު، ހުރިހައި ދާއިރާއެއްގައި ލިޔެ ނޫސްވެރިކަމުގައި ފައިތިލަ ސާބިތުކުރުމަށް ކަމަރު ބަނދެލާފައިވާ ޒުވާނެކެވެ.