ސެކްސަފޯން އާޓިސްޓުން ނުވަތަ ސެކްސަފޯނިސްޓުންނަކީ ދިވެހި މިއުޒީޝަނުންގެ ތެރޭގައި އަތުގެ އިނގިލިތަކުން ގުނައިލެވޭހާ މަދު ބައެކެވެ. ވަކިން ޚާއްސަކޮށް ސެކްސަފޯން ކުޅޭ އާޓިސްޓުންނަކީ އެހުންތެރިންގެ މެދުގައި އެހައި ދަންނަ ބަޔަކަށްވެސް ނުވެދާނެއެވެ. އެހެންނަމަވެސް ފަންނުވެރި ދިވެހިރާއްޖޭގައި ވެސް ވަރަށް ކުޅަދާނަ ސެކްސަފޯނިސްޓުން އެބަތިއްބެވެ.

އަކްޘަމް މަޢުމޫންއަކީ ރާއްޖޭގެ ހުނަރުވެެރި ސެކްސަފޯނިސްޓެކެވެ. އޭނާ އަކީ ސެކްސަފޯން ކުޅެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އާޓިސްޓެކެވެ. ރާއްޖެއިން އަކްޘަމްގެ ހުނަރުވެރިކަން ފެންނަން ނެތަސް އޭނާއަކީ މެލޭޝިޔާގެ ކުލަބުތަކުގައި ސެކްސަފޯން ކުޅުމަށް މަޝްހޫރު އާޓިސްޓެކެވެ. އޭގެ އިތުރުން އަކްޘަމްގެ ސެކްސަފޯން ޖާދޫގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ޖެހިފައިވަނީ ރިޒޯޓްތަކުގައި އޭނާ ހުށައަޅާ ހުށައެޅުންތަކުންނެވެ.

އަކްޘަމް މަޢުމޫން އަކީ ހުނަރުވެރި ސެކްސަފޯނިސްޓެއް – ފޮޓޯ: އަކްޘަމް ފޭސްބްކް

އަކްޘަމް މަޢުމޫންއަކީ ސެކްސަފޯނިސްޓަކަސް ގާނޫނީ ރޮނގުން ޑިގްރީ ޙާޞިލްކޮށްފައިވާ ޒުވާނެކެވެ. އޭގެ އިތުރުން އޭނާއަކީ ފޮތް ޝާއިޢުކުރާ ލިޔުންތެރިއެއްވެސް މެއެވެ. އަކްޘަމް އާއި އޭނާގެ އަންހެނުން ހިންގަމުން އަންނަ ފޭސްބްކް ޕޭޖް “އޭޒް ވީ ލިވް އިޓް“ގައި ހިމަނާފައިވާ ކުުރުވާހަކަ ތަކަކީ ކިޔާހިތުން ކިޔައިލެވޭނެ ޝައުޤުވެރި ވާހަކަތަކެކެވެ. އިނގިރޭސިބަހަށް އަހުލުވެރިވުމަށް މަސައްކަތްކުރާ ފަރާތްތަކުން ކިޔައިލަން ރަނގަޅު ގިނަގުނަ ވާހަކަތަކެއް، 32000 (ބައްތިރީސް ހާސް) މީހުން ފޮލޯކުރަމުން އަންނަ އެ ޕޭޖްގައި އެބަހުއްޓެވެ.

މުނިއަވަސް އިން އަކްޘަމްއާ ހައެއްކަ ސުވާލުކޮށްލައި އަކްޘަމްގެ ހުނަރުތަކުގެ ތެރެއިން ސެކްސަފޯން ކުޅުމާބެހޭ ބައެއް މަޢުލޫމާތު ހޯދައިލީމެވެ. އޭގެ ސަބަބެއްވެސް އެބައޮތެވެ. 14 ފެބްރުއަރީ 2020ވާ ހުކުރު ދުވަހަކީ އަކްޘަމްގެ އިންސްޓްރޫމެންޓަލް ކަވަރ އެއް ‘ލަވަފޮށި’ އެޕުން ރިލީޒްކުރާނެ ދުވަހެވެ. ކަވަރގެ ޓްރެއިލަރ އެއްވެސް މިހާރު މިވަނީ އާއްމުކޮށްފައެވެ.

އަކްޘަމް ސެކްސަފޯން ކުޅެން ފެށީ ކޮން އިރަކު؟
އަހަރެން ސެކްސަފޯން ކުޅެން ފެއްޓީ 2008 ގަ، އެކަމަކު ޕްރޮފެޝަނަލްކޮށް ކުޅެން ފެށީ މެލޭޝިޔާގަ 2014 ވަނަ އަހަރު އެތާނގެ އެތަކެއް ބޭންޑްތަކާއެކު އަދި ނައިޓް ކްލަބުތަކާ ޕޫލް ޕާޓީތަކުގަވެސް ކުޅުނިން.

މެލޭޝިޔާގައި އަކްޘަމް ސެކްސަފޯން ކުޅެނީ – ފޮޓޯ އަކްޘަމް ފޭސްބްކް

ސެކްސަފޯން ކުޅުމުން މިހައިތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟
މައިކަލް ޖެކްސަންގެ ޕަރކިއުޝަނިސްޓް، ސްޓީވް ތޯންޓަން އާއެކު ސެކްސަފޯން ކުޅުން. އަދި މެލޭޝިޔާގައި ފާހަގަކޮށްލެވޭ ޑްރަމަރ ލުއިސް ޕްރަގަސަމް އާއެކު ކުޅެވުމާ މީގެ އިތުރުން މެލޭޝިޔާގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުމުގެ އިތުރުންވެސް ރޮކް ފެސްޓިވަލް ޝޯއެއްގައި ސްކޯޕިއަންސް ވެސް ކުޅުނުއިރު، އެހެން ބޭންޑެއްގައި އަހަރެންވެސް ކުޅުނިން.

އަކްޘަމް އާއި އޭނާގެ އަންހެނުން – ފޮޓޯ އަކްޘަމް

ކީއްވެ އިންސްޓްރޫމެންޓަލް ކަވަރއެއް ހަދަން ޚިޔާލުއައީ؟ ވަކިން ޚާއްޞަކޮށް ކީއްވެ މެޒޯ މޯޑްގެ “އުޑުން ތަރިތައް” ޚިޔާރުކުރީ؟
އެއީ ރާއްޖޭގެ ލަވަތަކުން އަހަރެންގެ އެންމެ ފޭވަރިޓް އެއްލަވައަށް ވެފައި އޭގެ ތެރެއިން އެއް ލަވައަށް އަހަރެން ކަވަރ އެއް ހަދަން ބޭނުންވީ.

އަކްޘަމް ސެކްސަފޯން ކުޅެނީ – ފޮޓޯ އަކްޘަމް ފޭސްބްކް

އިއްޔަ ރެކޯޑްސް އިން ނެރުނު ‘މާޒީ’ ލަވައިގަވެސް އަކްޘަމް ވަނީ ސެކްސަފޯން ކުޅެފަ. އެ ލަވައިގައި މަސައްކަތްކޮށްލެވުމުން ކޮބާ ކުރެވުނު އިހްސާސަކީ؟
އެ ލަވައިގައި މަސައްކަތްކުރިއިރު ވަރަށް އެންޖޯއި ކުރިން. މިނިވަން އަމިއްލަ ލޭބަލްއެއްގަ މަސައްކަތްކޮށްލުމަކީވެސް ވަރަށް ގަޔާވެވުނު ކަމެއް.

މިފަހަރު ކީއްވެ ޑީބީ ރެކޯޑްސް ޚިޔާރުކުރީ؟
މުސްތާޤް އަކީ އަހަރެންގެ ބޮޑުބޭބެއަކަށް ވެފައި އިއްޔަ ރެކޯޑްސްގައި ވެސް މަސައްކަތްކުރީ އޭނައާއެކު. ޑީބީ ރެކޯޑްސްގެ ގިނަ އުފެއްދުންތަކެއްގައި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުން އުއްމީދަކީ.

ޑީބީ ރެކޯޑްސްގެ ބާނީ މުސްތާޤް މޫސާ

އިތުރަށް ފާހަގަކޮށްލަން ބޭނުންވަނީ ކޮންކަމެއް؟
އަހަރެން ބުނެލަން ބޭނުންވަނީ ކުރާހިތުން ކަމެއް ކުރަންޏާ އެކަމުން ބޮޑެތި ކާމިޔާބީތައް ކޮންމެ މީހަކަށްވެސް ލިބޭނޭ، ހަމަ އެހެންމެ ކުރާހިތުން ކުރާ ކަމެއް ކުރުމަށް އަބަދުވެސް ވަގުތު ލިބޭނެޔޭ.

އަކްޘަމް އެ ފާހަގަކޮށްލީ ވަރަށް މުހިންމު ނުކުތާއެކެވެ. ކުރާހިތުން ކުރާ ކޮންމެ ކަމެއްވެސް ކާމިޔާބުވުމަށް ހުރަހެއް ނޯންނާނެއެވެ. އަދި އެފަދަކެއް ކުރުމަށް ވަގުތު ނުވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. ޤާނޫނީ ރޮނގުން ޑިގްރީ ހާސިލްކޮށްގެން ހުރިޔަސް، ހޮބީއެއްގެ ގޮތުން ނުވަތަ ދެވަނަ ޕްރޮފެޝަން އެއްގެ ގޮތުން އަކްޘަމް ކުރަމުން އެ ގެންދަނީ ވަރަށް ފަންނުވެރި ދެ މަސައްކަތެވެ. މުނިއަވަސް އިން އަކްޘަމް އަށް ކާމިޔާބަށް އެދެމެވެ.

ޑީބީ ރެކޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.