ރަނޑު އަދި ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައިވާ ފިރިހެން ކުއްޖެއްގެ ހަޔާތް ދައްކުވައިދޭ ވެބް ސީރީޒް ”އެހެނަސް“ގެ ސީޒަން 2ގެ ޓީޒާ ޓްރެއިލަރ އާއި ރަސްމީ ޕޯސްޓަރު މިއަދު ދައްކާލައިފިއެވެ.

ޕޯސްޓަރުގައި ފެނިގެންދަނީ ސީރީޒްގެ ލީޑް ނިޔާ ހުސްގަޔާ އިށީންދެގެން އިންނަ މަންޒަރެވެ. ޓީޒާއިން ފެނިގެންދަނީ ނިޔާ އެކަންޏެވެ. ނިޔާގެ ބައެއް މަންޒަރުތައް ފެންނައިރު، ނިޔާއަށް ލިބެމުންދާ އަނިޔާތަކާމެދު އޭނާ ކުރިމަތިލާނެކަމަށް ބުނާ ޖުމްލަތަކެއް އިވިގެންދެއެވެ. މީގެ އިތުރުން ނިޔާއަށް އޭނާގެ އަންހެނުން ޝާއިރާގެ ފަރާތުން ‘ވާރބަލް އެބިއުސް’ ކުރިމަތިވާކަން ދައްކައިދޭ މަންޒަރެއް ފެނެއެވެ. އެ މަންޒަރުން ފެނިގެންދަނީ ނިޔާ ހުސްގަޔާ އިށީންދެ އިންނަތަނެވެ. މަންޒަރު ފެންނަ އިރު އިވިގެންދަނީ ޝާއިރާ (ރިޝްމީ ރަމީޒް)ގެ އަޑެވެ. ރިޝްމީގެ އަޑުން ބުނާއަޑު އިވެނީ “އޭއް، މަގޭ ކުރިމަތީގަ ފުއްޕަން ނަހަދައްޗޭ.” މިހެންނެވެ.

މި ސީރީޒް އަކީ ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިޔު) ލިޔެ، ހުނަރުވެރި ޑައިރެކްޓަރު ރަވީ ފާރޫޤް ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒެކެވެ. މުނިއަވަސް އަށް އިގްބާލް ބުނީ މިހާރު ޝޫޓް ނުކުރެވި ހުރީ ވަރަށް ކުޑަ މަންޒަރުކޮޅެއް ކަމަށެވެ.

ދެވަނަ ސީޒަންގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މި ސީޒަން ދައްކަން ފަށާނެ ތާރީޚެއް ވަރަށް އަވަހަށް ހާމަކުރާނެކަމަށް މުނިއަވަސް އަށް މީގެ ކުރިން އައިކިޔު ބުންޏެވެ. ނަމަވެސް މިއަދު އައިކިޔު ބުނީ ދައްކަން ފަށާނެ ތާރީކެއް އަދި ފައިނަލް ނުވާކަމަށެވެ.

”އެހެނަސް“ ގެ ފުރަތަމަ ސީޒަންއިން ފެނިގެންދިޔަ ތަރިންގެ އިތުރުން އައު މޫނުތަކެއް ފެނިގެންދާނެ ކަމަށް ވެސް އައިކިޔު މަޢުލޫމާތު ދެއެވެ.

”އެހެނަސް“ގެ ފުރަތަމަ ސީޒަންގެ ދިހަ އެޕިސޯޑަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިރު، އެ ސީޒަން ނިމިގެން ދިޔައީ ލީޑް ރޯލް ނިޔާ (މުޙައްމަދު ވިޝާލް) ގެެ ހަޔާތަށް ބައިވެރިއެއް ގެނެސްފައިވާކަން އަންގަމުންނެވެ. ނިޔާގެ އަންހެނުން ޝާއިރާ (ޢާއިޝަތު ރިޝްމީ) އެންމެންނަށް ތަޢާރަފުވެގެން ދިއުންވީ އެތައް ހާސް ސުވާލުތަކެއް އުފެދުނު ކަމަކަށެވެ. އުފެދުނު ހުރިހައި ސުވާލެއްގެ ޖަވާބު ކުރިޔަށް ހުރި އެޕިސޯޑްތަކުން ލިބިގެންދާނެއެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ވީޑިއޯ ސްޓްރީމިން އެޕް ބައިސްކޯފުން ކާމިޔާބުކަމާއެކު ”އެހެނަސް“ގެ ފުރަތަމަ ސީޒަން ދައްކާފައި ވާއިރު މިއީ އާދަޔާޚިލާފު ބޮޑު ތަރުހީބެއް ލިބިފައިވާ ސީރީޒްއެކެވެ.

ވެބް ސީރީޒް “އެހެނަސް” ސީޒަން 2ގެ ރަސްމީ ޕޯސްޓަރު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.