މިއީ ކާކުގެ “ފަތްމިންޏެކޭ” ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެެެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ ވަހީދުގެ “ފަތްމިންޏެކޭ” ވެސް ބުނެވިދާނެއެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ ނުވަތަ ހުނަރުވެރި އަދި އެހާމެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން، ކުޑަ އިއްބެގެ “ފަތްމިންޏެކޭ” ވެސް ބުނެވިދާނެެެއެވެ.

“ފަތްމިންޏެކޭ” ގެ ނަމުގައި ‘ޓޮނިކް ލައިވް ސްޓޫޑިއޯ’ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ހިތްގައިމު މި ލަވައިގެ ޓީޒާއެއް މިއަދު މިވަނީ ޢާއްމުކޮށްފައެވެ.

“ފަތްމިންޏެކޭ”ގެ މައުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން އެ ސްޓޫޑިއޯން މިއަދު ބުނީ ލަވަ ނެެރުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ފޯމެޓްގައި ކަމަށެވެ.

ލޯބީގެ ހިތްގައިމު “ފަތްމިންޏެކޭ”ގެ ޅެން ހެއްދެވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ ވަހީދު އެވެ. ލަވައިގެ ހިތްގައިމު ރާގު ހެދީ އިބްރާހިމް ޒައިދު (ކުޑަ އިއްބެ) އެވެ. ލަވަ ކިޔާފައިވަނީ ހިތްގައިމު އަޑުގެވެރިޔާ ޝަލަބީ އިބްރާހިމެވެ. ކޮމްޕޯސްކުރީ ކުޑަ އިއްބެއާއި ޝަލަބީއެވެ.

“ފަތްމިންޏެކޭ”ގެ މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މިރޭ މުނިއަވަސް އާ ހިއްސާކުރަމުން ކުޑަ އިއްބެ ބުނީ ލަވައިގެ ތަރިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ލަވަ ޝޫޓްކުރާ ލޮކޭޝަން މިހާރު ފައިނަލްވެފައިވާކަމަށް ވެސް އިއްބެ ބުންޏެވެ.

މިނިސްޓަރ ޢަލީ ވަހީދަކީ ސިޔާސީގޮތުން އަރައިހުންނެވި ބޭފުޅެއް ނަމަވެސް، ޤައުމީ ލަވައާއި ލޯބީގެ ލަވަ ހެއްދެވުމުގައިވެސް އެންމެ ތަންފުކެއް ދޫނުކުރައްވާ ބޭފުޅެއްކަން މީގެ ކުރިންވެސް ވަނީ ސާބިތުކޮށްދެއްވާފައެވެ. އެގޮތުން “ހީލާ ގޮތުން، ބަލާލާ ގޮތުން މި ހިތް ހާދަ އެދެޔޭ ކަލާ ދެކިލުމަށް” ގެ ނަމުގައި ޢަލީ ވަހީދު ހެއްދެވި ލަވައަކީ އެ ލަވައަށް ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ލަވައެކެވެ. އެ ލަވަ ކިޔީ މަޝްހޫރު ލަވަ ކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.