މިހާރު ލ. އަތޮޅުގައި ވަރަށް ބާރު ސްޕީޑްގައި ޝޫޓްކުރަމުން އަންނަ ‘އައި ފިލްމްސް’ގެެެ ދެވަނަ ފީޗާ ފިލްމް “ނީނާ” ގެ ޝޫޓިންގެ ދެތިން މަންޒަރެއް ފިޔަވައި ހުރިހައި މަންޒަރެއް ޝޫޓްކޮށް ނިމިފައިވާކަމަށް ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެފިއެވެ. ޝޫޓިންގެ އިތުރުން، ފިލްމުގެ އެޑިޓިންގެވެސް 95 ޕަސެންޓް ނިމިފައިވާކަމަށްވެސް އިއްލެ ބުނެއެވެ.
ޓީވީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށްފަހު ފިލްމު ޕްރޮޑަކްޝަނަށް ނުކުމެ އުފެއްދި ފުރަތަމަ ފިލްމު “ބަވަތި” އިން ދިވެހި ފިލްމީ ދާއިރާއަށް ވަރުގަދަ ތަފާތު ރަހައެއް ގެނެސްދިނުމަށްފަހު މިފަހަރު އިއްލެ ގެނެސްދޭ “ނީނާ” އަކީ ވެސް ތަފާތު ފިލްމެކޭ ބުނެވޭވަރުގެ ފިލްމަކަށް ވާނެކަން ޝޫޓިންތަކަށް ބަލައިލުމުން އެނގެއެވެ.
ލ. ގަމުގައި ފިލްމުގެ ބޮޑުބައެއް ޝޫޓްކުރަމުން އަންނައިރު، ފިލްމުން ވަރުގަދަ ގިނަ ސީންތަކެއް ފެނިގެންދާނެއެވެ. މީގެ އިތުރުން ފިލްމުގެ ލީޑް ނުޒުހަތު ޝުޢައިބްގެ ގިނަ ‘ލުކްސް’ތަކެއް ވެސް ފެނިގެންދާނެއެވެ. ނުޒޫގެ ލުކްސްތައް މީޑިއާއާއި މިވަގުތު ހިއްސާކުރަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބޭނުން ނުވަނީ ފިލްމުގެ ސަސްޕެންސް ހިފެހެއްޓުމަށެވެ. މީގެ އިތުރުން، މި ފިލްމަށް ތައްޔާރުވުމަށްޓަކައި ނުޒޫ ވަނީ މާޝަލް އާޓްސް ޓްރެއިނިންތަކެއް ހަދާފައިކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މި ފިލްމުގެ ތަރިންނަށް މާޝަލް އާޓްސް ޓްރެއިނިން ހަދައިދެނީ ’ޝިން އެޓަމީ މޯލްޑިވްސް‘ އިންނެވެ. ބޮޑީ ޓްރާންސްފޮމޭޝަން ޖައްސައިދެނީ ’ބަރ ކޮންސެޕްޓް‘ އިންނެވެ.
ފިލްމުގެ ‘ރަފް އެޑިޓިން’ގެ މަސައްކަތްތައް މުނިއަވަސް އަށް ދައްކާލާފައި ވާއިރު، “ނީނާ” އަކީ ދިވެހިރާއްޖޭގައި މީގެ ކުރިން އުފައްދާފައި ނުވާފަދަ ތަފާތު، ފެންވަރު ރަނގަޅު ފިލްމެކޭ މިހާރުވެސް ބުނަން ކެރޭނެއެވެ.
ފިލްމް “ނީނާ” ގައި ވެސް ފެނިގެންދާނީ “ބަވަތި” ގައި މޮޅު ރޯލެއް ކުޅެދިން ކުޅަދާނަ ޒުވާން ފިލްމީ ތަރި ނުޒުހަތު ޝުޢައިބެވެ. ނުޒޫ އާއި އެކު އިތުރަށް ފެނިގެންދާނީ ޖުމައްޔިލް ނިމާލް، ޝަރަފް ޢަބްދުﷲ (ޝަރަފް) އެވެ. މީގެ އިތުރުން ދިވެހި ފިލްމީ ސިނަމާގެ ވެޓަރަން އެކްޓްރެސް އައްޑޫ މަރަދޫ މަރިޔަމް ރަޝީދާ ވެސް ފިލްމުގެ މުހިންމު ރޯލަކުން، މޮޅު އެކްޓިންއެއް ދައްކާނެއެވެ.
ބޮޑު ކާސްޓެއް ހިމެނޭ “ނީނާ“ގައި އިތުރަށް ހަރަކާތްތެރިވާނީ ޑާކްރެއިންގެ ފިލްމުތަކުން ފެންނަ އާދަމް ރިޒްވީ (ރެކްސް) އަދި ހަމްދޫން ފާރޫޤް (އައްކި)ގެ އިތުރުން ޢަލީ ޔޫޝަޢު އާއި އަލަށް ތަޢާރަފްވާ ނަތާޝާ ޖަލީލް، ޢަލީ އިނާޒް، އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި މަރިޔަމް ޝަކީލާ އާދަމްގެ އިތުރުން އައިޝާ އަލީ ހިމެނެއެވެ.
ފިލްމުގެ މިއުޒިކް ހަދަނީ ހުސައިން ތައުފީގް އެވެ. މޭކަޕް ހަދައިދެނީ ”ބަވަތި“ގައި ފެނިގެންދިޔަ ފުރިހަމަ މޭކަޕްތައް ހެދި އާޓިސްޓް ރުޠުބާ އަޙްމަދު އެވެ.
މި ފިލްމުވެސް ކެމެރާ ކުރަނީ ”ބަވަތި“ ކެމެރާކުރި ހުނަރުވެރި ކެމެރާމަން ވިޝާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ”ބަވަތި“ ގައި ވެސް އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކޮށްފައިވާ ’އޯކޭޒް އިންކް‘ އިނެވެ. ވިޝުއަލް ހަދަނީ އޯކޭޒް އިންކް ގެ ސާމީ އެވެ.
“ނީނާ” ލިޔެ ޑައިރެކްޓްކުރަނީ ވެސް އިއްލެ އެވެ. ފިލްމު ”ނީނާ”ގެ ވެސް ޕްރޮޑިއުސަރުންނަކީ ”ބަވަތި“ ޕްރޮޑިއުސްކުރި އާސިމް އަލީ އާއި އަހުމަދު ވަހީދެވެ.
ފިލްމުގެ ޝޫޓިން ނިންމައިލުމަށްފަހު މިމަހުގެ 19 ނުވަތަ 20 ހިސާބުގައި ކްރޫއާއި ތަރިން މާލެ އަންނާނެއެވެ.
ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!